`
ޚަބަރާއި އެޑިޓޯރިއަލާ ދެމެދުގައި ހުރި
ތަފާތު، އަދި ސަރުކާރުގެ ސިޔާސަތަށް ފާޑު ކިޔުމުގައި އެޑިޓޯރިއަލް ގެ ދައުރު
ހަރުދަނާ ޑިމޮކްރެސީ އެއްގައި
ނޫސްވެރިކަމަކީ ޚަބަރު ފެތުރުމާއި ގައުމުގެ ތަފާތު މައްސަލަތައް ޢާއްމު ބަހުސަށް
ހުޅުވާލުމުގެ މުހިއްމު ވަސީލަތެކެވެ. މި ފުޅާ މެންޑޭޓުގައި ދެ ބާވަތެއްގެ
ނޫސްވެރިކަން ހިމެނެއެވެ. އެއް ބާވަތަކީ ގައުމު ގައްޔާއި ބައިނަލްއަޤުވާމީ ދާއިރާގައި
ހިގާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމެވެ. އަނެއް
ބާވަތަކީ އެޑިޓޯރިއަލް ލިޔުމެވެ. މި ދެކަމަކީ ގުޅުންހުރި ދެކަން ކަމުގައި
ވީނަމަވެސް، ތަފާތު ދެ މަގުޞަދެއްގައި ކުރާ ދެކަމެވެ. އެ މަގުޞަދުތައް ރަގަޅަށް
ފަހުމު ވުމުން، އެޑިޓޯރިއަލް ތަކުން ސަރުކާރަށް ފާޑު ކިޔުމަކީ ކުރަންޖެހޭ
ކަމެއްކަމާއި. އަދި އެކަމަކީ ބައެއް ފަހަރަށް އިންތިޒާރު ކުރެވޭ ކަމެއް ކަންވެސް
ވަރަށް ރަގަޅަށް ސާފު ވެއެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ރަސްމީ
ދާއިރާގައި ނުތަނަވަސްކަން އުފެދިގެން ދިޔަ ނަމަވެސް، އެއީ ފައިދާހުރި
ކަމެއްކަންވެސް އެގި ދެއެވެ.
ޚަބަރު ފެތުރުން: ޙަގީގަތާ އެއްގޮތް
މައުލޫމާތު ޢާއްމު ކުރުން
ޚަބަރު ފެތުރުމަކީ ނޫސްވެރިޔާގެ
އަމިއްލަ ވިސްނުމެއް ނުހިމަނާ، ކަމެއްގެ ހަގީގަތް ޢާއްމު ކުރުމެވެ. އޭގެ މައިގަޑު
އުޞޫލު ތަކަކީ، ޝައްކާއި ވަސްވާހަށް ތަންނުދިނުމާއި، އިންސާފުވެރި ވުމާއި، ވަގުތު
ފާއިތުވެދިޔަ ނުދިނުމެވެ. ޚަބަރަކުން ޢާއްމުކޮށް މީހުން ކޮށްއުޅޭ، ކާކު، ކޯއްޗެއް،
ކޮން އިރަކު، ކޮންތާކު، ކީއްވެ، އަދި ކިނިނެއް، މި ސުވާލު ތަކަށް ޖަވާބު
ލިބެންވާނެއެވެ. އެ ޚަބަރުގައި ކަމާއި ގުޅުންހުރި ފަރާތްތަކަށް ހަވާލާ
ދެވެންވާނެއެވެ. އެ ފަރާތްތަކުން ބުނިއެއްޗެއް،
އެފަރާތްތަކުން ބުނި ގޮތަށް، ލަފުޒުން ލަފުޒަށް، އަކުރުން އަކުރަށް
ގެނެސްދޭން ވާނެއެވެ. ނުވަތަ ގެނެސްދޭންވާނީ އޮޅުން ނާރާނެ ގޮތަށް އެބުނި
އެއްޗެއްގެ މާނަ ސާފުކޮށް އެގޭނެފަދަ ގޮތަކަށެވެ. އަދި ވަކި ފަރާތެއްގެ ޚިޔާލެއް
ނުވަތަ އޮޕީނިއަނެއް ލިޔާނަމަ، އެ ޚިޔާލެއްގެ ވެރިޔަކީ ކާކުކަން ރަގަޅަށް
އެގެންވާނެއެވެ.
ޚަބަރެއް ޢިބާރާތް ކުރުމުގައި ވަކި
ފަރާތަކަށް ޖެހިފައި އޮވެގެން ނުވާނެއެވެ. ނަން އިތުރު ތަކާއި ކަން އިތުރުތައް
ބޭނުން ކުރަންވާނީ މައްސަލަ ބޮޑަށް ސާފު ކޮށްދިނުމަށެވެ. ކިޔުންތެރިންގެ ވިސްނުން
ވަކި އަތަކަށް ލެންބުމުގެ މަގުޞަދަކު ނޫނެވެ. ޚަބަރެއްގައި ތަފާތު ނަޒަރިއްޔާތުތައް
ހިމެނޭނަމަ، އެ ތަރުތީބު ކުރަންވާނީ އެކަމަކާ މެދު ކިޔުންތެރިންގެ އަމިއްލަ
ޚިޔާލެއް އުފެއްދުމަށް ފަސޭހަވާ ގޮތަށެވެ. ނޫސް ވެރިޔާ އިސްކަންދޭ ތަރުތީބަކުން
ނޫނެވެ.
ޚަބަރު ލިޔުމުގައި ވަކި މިންގަޑުތަކެއް
ގެންގުޅެން ޖެހުމަކީ އެ ޚަބަރެއްގެ ފެންވަރު ދަށްކުރުމެއް ނޫނެވެ. ކޮން ޚަބަރެއްތޯ
ލިޔާނީ، ކޮން މަސްދަރުތަކަކަށްތޯ އިސްކަންދޭނީ، ކިހާ ވަރަކަށްތޯ ވަކި ޚަބަރަކަށް
އަހައްމިއްޔަތުކަން ދޭނީ، މިކަންކަމަކީ ނޫސްވެރިޔާގެ އިޚުތިޔާރު ގައިވާ
ކަންކަމެވެ. އެހެންނަމަވެސް، ތެދު ޚަބަރު ގެނެސްދިނުމާއި އެޑިޓޯރިއަލް ލިޔުމާ ވަކި
ކުރުމަކީ ނޫސްވެރިކަމުގެ އަޚުލާގު ތެރެއިން ވާ ކަންކަމެވެ. ޒިންމާދާރު ހިންގާ
ނިއުސްރޫމްތަކުން މި ވަކި ކުރުން ކަށަވަރު ކުރަނީ ތެދުތޯ ޔަގީން ކުރުމުގެ ނުވަތަ
ފެކްޓް ޗެކިންގ އިޖުރާތު ތަކުންނާއި، އެޑިޓޯރިއަލް ލިޔުމުގެ ފަންނީ މިންގަޑު
ތަކުންނެވެ.
އެޑިޓޯރިއަލް: ޚިޔާލުގެ އަޑު
ޚަބަރު ލިޔުމާ ޚިލާފަށް އެޑިޓޯރިއަލަކީ
ވަކި ކަމަކާއި ބެހޭގޮތުން ވަކި ނޫހަކާ ނުވަތަ ނޫސްވެރިއަކާ ޒާތީ ގޮތުން
ގުޅިފައިވާ، އެ ނޫހެއްގެ ނުވަތަ ނޫސްވެރިއެއްގެ ޚިޔާލާއި ވިސްނުން ހާމަ ކޮށްދޭ
ލިޔުމެކެވެ. މަގުޞަދަކީ އެ ކަމަކާ ގުޅޭ ގޮތުން ހޯދުންތައް ހޯދައި، އެ ނޫހަކުން
ނުވަތަ ނޫސްވެރިޔެއްގެ އަމިއްލަ ޚިޔާލާއި ވިސްނުން ހާމަކޮށް. އެހެން މީހުންވެސް އެ
ޚިޔާލާއި ވިސްނުމަށް ބައިއަތު ހިފުމަށް ބާރު އެޅުމެވެ. ބައެއް ފަހަރު
އެޑިޓޯރިއަލަކީ ޚަބަރު ތަކުގައި ހުންނަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔާ
ލިޔުމެކެވެ. ތަފާތަކީ އެ މައުލޫމާތު ތަކުން ފުޅާ ދާއިރާ އެއްގެ ބަހުސަކަށް
މަގުހުޅުވުމާއި، މަތީ އަޚުލާގު ނުވަތަ މޯރަލް ނަޒަރަކުން އެކަމެއް ވާންވީ ނުވަތަ
އޮންނަންވީ ގޮތް ބަޔާން ކުރުމެވެ. އެޑިޓޯރިއަލަކީ ޚިޔާލު ނުވަތަ ފިކުރު
ކަމަށްވާތީ، ޚަބަރެއްގައި ހުންނަންޖެހޭ ފަންނީ މިންގަޑުތައް އޭގައި ހުންނާކަށް
ނުޖެހެއެވެ.
މީޑިއާ ތަސައްވަރުގައި އެޑިޓޯރިއަލް
ޞަފްހާއަކީ ޚާއްޞަ ޞަފްހާއެކެވެ. އެ ޞަފްހާއަކީ ގައުމުގެ މަސްއޫލް ވެރިން
ޖަވާބުދާރީ ކުރުވުމަށާއި މައްސަލަތައް ޢާއްމު ބަހުސަށް ހުޅުވާލުމަށް، ނޫހުގެ
އެޑިޓޯރިއަލް ބޯޑާއި ފަންނީ މާހިރުންގެ ތަފާތު ވިސްނުންތަކާއި ފިކުރު ހުށަހަޅަމުން
ގެންދާ ޕްލެޓްފޯމެކެވެ. ކިޔުންތެރިން އިންތިޒާރު ކުރާނީ މި ޞަފްހާގައި ސިޔާސީ
ފިކުރު ކުރިއެރުވުމަށެވެ. ޒުވާބުތައް އުފައްދައި ޖަދަލު ކުރުމަށެވެ.
އެޑިޓޯރިއަލް ތަކުން ސަރުކާރުގެ
ސިޔާސަތަށް ފާޑު ކިޔެންވީ ކީއްވެ
1.
ގާނޫނު
އަސާސީން ލިބިދޭ ރައްކާތެރިކަން: ގިނަ ޑިމޮކްރެޓިކް ސޮސައިޓީ ތަކުގައި ވެރިންނަށް
ފާޑު ކިޔުމުގެ ޙައްގު ހިމެނޭ ގޮތަށް ޚިޔާލު ފާޅު ކުރުމުގެ ފުރިހަމަ މިނިވަންކަން
ނޫސްވެރިންނަށް ލިބިދެއެވެ. އެ ރައްކާތެރިކަމަކީ ހަމައެކަނި ހަގީގަތް ހާމަކުރުމަށް
ލިބިދޭ ރައްކާތެރިކަމެއް ނޫނެވެ. އަމިއްލަ ޚިޔާލު ފާޅު ކުރުމާއި ކަންކަމާއި
ޖަދަލުކޮށް ދެކޮޅު ހެދުމަށްވެސް އެ ރައްކާތެރިކަން ފޯރައެވެ. ސިޔާސަތަށް ފާޑު
ކިޔުމުގެ ބާރާއި ގާބިލުކަން ނެތި ނޫސެވެރިކަން ވެގެންދާނީ ތާޅަފިއްޔަކަށެވެ.
2.
ޖަވާބުދާރީ
ކުރުވުން: ސަރުކާރުގެ ޢަމަލުތަކަކީ އޭގެ އަސަރު ކޮންމެ ރައްޔިތަކަށްވެސް ކުރާ
ކަންކަމެވެ. އެޑިޓޯރިއަލުން ކޮށްދޭ ކަމަކީ ސަރުކާރުގެ ސިޔާސަތުތައް އުފައްދަން
ޖެހޭ ސަބަބުގެ ޞައްޙަ ކަމާއި، ގާނޫނީ ޞައްޙަ ކަމާއި، ނަތީޖާ އާއިމެދު ސުވާލު
އުފެއްދުމުގެ ފުރުޞަތު ނޫސްތަކަށް ހޯދައި ލިބިގަތުމެވެ. ސިޔާސަތު ތަކަށް ފާޑު
ކިޔައިގެން މައްސޫލުވެރިން ރައްޔިތުންނަށް ޖަވާބުދާރީ ކުރުވުމުގެ ފުރުޞަތު
ނޫސްތަކުން ހޯދުމެވެ.
3.
ޢާއްމު
ބަހުސް: ސިޔާސީ ނިންމުންތަކަށް އެންމެން އިއްތިފާގެއް ނުވާނެއެވެ. އެހެންކަމުން
އެޑިޓޯރިއަލް ތަކުން ކުރާ ކަމަކީ ސިޔާސަތު ބިނާ ކުރުމުގައި ރަސްމީ ދާއިރާއިން
އަޅާނުލެވި ހުންނަ ޚިޔާލާއި، ވިސްނުމާއި، ފިކުރު ހާމަކޮށް، މައްސަލަ ޢާއްމު
ބަހުސަށް ހުށަހެޅުމެވެ. އޭގެ ސަބަބުން ގާނޫނު ހަދާ މީހުންނާއި ޢާއްމުންގެ ވިސްނުން
ބައްޓަންކޮށް، ބައެއް ފަހަރު ސިޔާސަތުތައް އިޞްލާޙު ކުރުމުގެ ފުރުޞަތުތައް
ލިބިދެއެވެ.
4.
ހަތަރު ވަނަ
ބާރު: ނޫސްވެރިކަން ނުވަތަ މީޑިއާ އަކީ ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި
ބެލެވޭ ބެލުން ބިނާވެފައި އޮންނަނީ އެ ދާއިރާއިން އަދާ ކުރަންޖެހޭ ފާރަވެރިކަމުގެ
ދައުރުގެ މައްޗަށެވެ. ތާރީޚީ ނަޒަރަކުން ބަލާއިރު، ސަރުކާރުގެ ސިޔާސަތަށް
ބިނާކުރަނިވި ފާޑު ކިޔުމަކީ، އެ ވާޖިބު އަދާ ކުރުމުގެ މުހިއްމު ބަޔެކެވެ.
ސަރުކާރުގެ ސިޔާސަތާ އެޑިޓޯރިއަލާ
ފުށުއެރުމަކީ ރަގަޅު ކަމެއްތަ
އެޑިޓޯރިއަލަކުން ސަރުކާރުގެ
ސިޔާސަތަކަށް ގޮންޖަހައި ޖަދަލު ކުރުމުގެ ސަބަބުން ނުކުންނަ ނުތަނަވަސް ކަމަކީ
ހަމައެކަނި ބަލައިގަނެވޭ ކަމަކަށް ވުމުގެ އިތުރަށް ބޭނުންތެރިވެސް ކަމެކެވެ.
އެންމެ ފުރަތަމަ އެކަމުން ދައްކައިދެނީ
ތަފާތު ވިސްނުމަށް ތަންދޭ ދުޅަހެޔޮ މާހައުލެކެވެ. ޑިމޮކްރެސީއެއް ދިރިއޮންނަނީ
ދެކޮޅެހެދުން ހިމެނޭ ގޮތަށް ތަފާތު އަޑުތައް އިއްވުމާއި އެހުމުގެ މައްޗަށެވެ.
އެޑިޓޯރިއަލް ބޯޑަކުން ސަރުކާރުގެ ވިސްނުމާ ތަފާތު ވިސްނުމެއް ގެންގުޅުން
ދޭހަކޮށްދެނީ އަމުރުވެރިކަންވެސް ބެލެހެއްޓޭ ކަމާއި، ގައުމީ މައްސަލަތަކަށް ތަފާތު
ފިކުރާއި ޙައްލު ހުށަހެޅުމުގެ ފުރުޞަތު އެބައޮތްކަމެވެ.
ދެވަނަ ކަމަކީ ދެކޮޅު ހެދުމުގެ
ފުރުޞަތު އޮތުމުން ސިޔާސަތުގެ ނަތީޖާއަށް އެދެވޭ ބަދަލު އަންނަ ކަމެވެ. ބިނާ
ކުރަނިވި ފާޑު ކިޔުމުގެ ސަބަބުން، ސިޔާސަތު ތަކުގައި ހުންނަ އުނިކަމާއި، ހީ
ކުރެވިފައި ނެތް ނަތީޖާ ތަކާއި، ބޭއިންސާފު ނުވަތަ ނުޙައްގު ކަންކަން ވަރަށް ރަގަޅަށް
ހާމަވެގެން ދެއެވެ. ތާރީޚް އެކަމަށް ހެކި ދެއެވެ. މިސާލަކަށް މަޝްހޫރު ވިއެޓްނާމް
ހަގުރާމަ އަށާއި، 1941 ވަނަ އަހަރު ޕާރލް ހާބަރަށް ޖަޕާނުން ދިން ހަމަލައަށްފަހު
އެމެރިކާގައި ދިރިއުޅޭ ޖަޕާން ދަރިކޮޅުގެ މީހުން ތަހުގީގެއް ނުވަތަ ދައުވާއެއް
ނުކޮށް، ހަތަރު އަހަރު ވަންދެން އެކި ތަންތާގައި ބަންދު ކޮށްފައި ބޭތިއްބުމަށް
އެމެރިކާގެ ރައީސް ފްރޭންކްލިން ޑީ ރޫޒަވެލްޓް ނެރުއްވި އަމުރު ފަދަ ކަންކަމުގެ
ސިޔާސަތު ބަދަލު ވެގެން ދިޔައީ އެކަންކަމާއި ކެޑިނޭޅި ނޫސްތަކުން ދެކޮޅު ހަދަމުން
ދިޔަދިޔުމުގެ ސަބަބުންނެވެ.
ތިންވަނަ އަށް އެޑިޓޯރިއަލް ތަކުގެ
ފާޑު ކިޔުމުގެ ސަބަބުން ރައްޔިތުންގެ ޝައުގުވެރިކަމާއި ހޭލުންތެރިކަން އިތުރުވެ،
ގައުމީ ބަހުސު ތަކުގައި ބައިވެރިވުން އިތުރުވެ ދެއެވެ. އެބައިމީހުންގެ ނޫސްތަކުން
ކަމަކާއިމެދު ވަކި ގޮތަކަށް ތެދުވެ އެގޮތް ދިފާއު ކުރާތަން ފެނިގެން ދިޔުމަކީ
އެމީހުންވެސް ބަހުސްގައި ބައިވެރިވެ އެމީހުންގެ ބުއްދި ގަބޫލް ކުރާ ވަކި ކޮޅެއް
ނެގުމަށް ލިބޭނެ ހިތްވަރެކެވެ. އޭގެ ސަބަބުން އިންތިޚާބު ތަކުގައި ވޯޓްލުން
އިތުރުވެ، ރައްޔިތުންގެ ތެރޭގައި ސިޔާސީ ޙަރަކާތްތައް އިތުރުވެ، ދައުލަތާއިމެދު
ރައްޔިތުންގެ ފާރަވެރިކަން އެތައް ތަނެއް އިތުރުވެ ދެއެވެ.
އެހެން ނަމަވެސް، އެޑިޓޯރިއަލް ތަކުގެ
ފާޑު ކިޔުމަކީ ޒިންމާދާރުކޮށް ކުރާ ކަމަކަށްވެސް ވާންޖެހެއެވެ. ހެކި ނެތި ކުށުގެ
އިލްޒާމް ބޮލުގައި އެޅުވުމާއި، ޒާތީ ގޮތުން ދިމާކުރުމާއި، އޮތްވަރަށްވުރެ ކަމެއް
ބޮޑުކޮށް ދައްކަން އުޅުމުގެ ސަބަބުން އެވާހަކައެއް ރައްޔިތުން ބަލައިގަތުން ކުޑަވެ
އިތުބާރު ގެއްލި ދެއެވެ. ހަގީގަތާއި ޚިޔާލާ ވަކި ކުރުމާއި، ހެކި ދެއްކުމާއި،
މަސްލަހަތު ފުށުއަރާ ކަންކަމުން އެކަހެރިވެ ތިބުން ފަދަ އަޚުލާގީ މިންގަޑުތައް
ނެގެހެއްޓުމަކީ އެޑިޓޯރިއަލްތައް ރައްޔިތުން ބަލައިގަތުން އިތުރުވެދާ ކަންކަމެވެ.
ނިންމުން
ޚަބަރު ފެތުރުމާއި އެޑިޓޯރިއަލް
ލިޔުމަކީ މަގުޞަދާއި، ވައްޓަފާޅިއާއި، ހޯދަން ބޭނުންވާ ނަތިޖާގައި އަސާސީ
ތަފާތުތަކެއް ހިމެނިގެންވާ ދެކަމެވެ. ޚަބަރު ފެތުރުމަކީ ޙަގީގަތާއި އެއްގޮތަކަށް
ވަކި އަތަކަށް ނުޖެހި ހުށަހަޅާ ހުށަހެޅުމެކެވެ. އެއާއި ޚިލާފަށް އެޑިޓޯރިއަލަކީ
ލިޔާ މީހާއަށް ވަކި ކަމެއް ދޭހަވާ ގޮތާއި، އެހެން މީހުންނަށް އެކަމެއް
ވިސްނައިދޭން އެނާ ބޭނުންވާ ގޮތާއި، އެކަމާއި ބެހޭ ގޮތުން އޭނާ ހުށަހަޅާ ޒުވާބާއި
ޖަދަލު ހިމެނިފައިވާ ލިޔުން ލިޔާ މީހާއަށް ނިސްބަތްވާ ލިޔުމެކެވެ.
އެޑިޓޯރިއަލް ތަކުން ސަރުކާރުގެ
ސިޔާސަތަށް ފާޑު ކިޔުމުގެ މިނިވަން ކަމަކީ ޖަވާބުދާރީ ކުރުވުމަށާއި ފާރަވެރިވުމަށް
ގާނޫނު އަސާސީއިން ނޫސްވެރިކަމަށް ދީފައިވާ ރައްކާތެރިކަމުގެ ކަނުގަލެވެ.
ޒިންމާދާރު ކަމާއިއެކު އެޑިޓޯރިއަލް ތަކުން ސަރުކާރުގެ ސިޔާސަތަށް ފާޑު ކިޔުމަކީ
ޑިމޮކްރެސީ ހަރުދަނާވެ، ހެޔޮ ވެރިކަމަށް މަގު ފަހިވެ، ރައްޔިތުން ބާރުވެރިވާ
ކަމެކެވެ. ޚަބަރު ފެތުރުމާއި ޚިޔާލް ފާޅު ކުރުމަކީ މަޞްލަހަތު ފުށުއަރާ ދެކަމެއް
ނޫނެވެ. އެއީ ހަރުދަނާ، ދުޅަހެޔޮ އަދި ސާބިތު ކަންމަތީ ތިބި ރައްޔިތެއް
ދެމިއޮތުމަށް އެކުއެކީ ކުރަންޖެހޭ ދެކަމެވެ.
No comments:
Post a Comment