more Quotes

Sunday, February 22, 2026

 

`

ސިލޯން

އަޅުގަޑަށް ހީވާ ގޮތުގައި އަޅުގަޑުމެންނަށް ސިލޯނަށް ދެވުނީ 1959 ވަނަ އަހަރުގެ ޖުލައި ހާތާގައެވެ. މޯލްޑިވް ސްޓާރ ސިލޯން (ސްރީލަންކާ) ގެ ކޮޅުބު (ކަލަމްބޯ) ގައި ބަދަރު ކުރިތާ މާ ގިނައިރުތަކެއްނުވެ، ލޯންޗެއް ބޯޓް ކައިރިއަށް އަތުވެއްޖެއެވެ. އެ ލޯންޗުން ކޮޅުބު ބަދަރުގެ ކަސްޓަމް އަދި އިމިގްރޭޝަން އޮފިސަރުން ބޯޓަށް އެރިއެވެ. އެމީހުންނާ އެކީ ސިލޯނުގައި ހުންނަ ދިވެހި ސަފީރު އޮފީހުން އަޅުގަޑުމެންނާ ޙަވާލުވާން ފޮނުއްވި އުސްމާން ނަމަކަށްކިޔާ މީހެއްވެސް ބޯޓަށް އެރިއެވެ.

އުސްމާނަކީ ސިލޯނުގެ ރައްޔިތެކެވެ. އޭނާ ހުރީ އެ ޒަމާނުގެ ސިލޯން ފިރިހެނުން ތިބޭ ގޮތަށް ހުދު މުންޑުގެ ދަށަށް ހުދު ގަމީސް ޖަހާފައި، އުނަގަޑު މަތީގަ ފުޅާ ކަޅު ކަމަރެއް އަޅާފައެވެ. ގިނަ އަހަރުތަކެއް ވަންދެން ދިވެހި ދައުލަތުގެ ޚިދުމަތުގައި ސަފީރު އޮފީހުގައި އުސްމާން މަސައްކަތް ކުރިއެވެ.

ވިދިގެންއައި ދޮޅު އަހަރެއްހާ ދުވަހު އަޅުގަޑަށް އެންމެ ގިނައިން ފެނުނު މޫނު ތަކުގެ ތެރޭގައި އުސްމާނުގެ މޫނު ހިމެނެއެވެ. މިޒާޖުގައިވެސް އިންތިހާ ދަރަޖައިގެ ހިތްހެޔޮކަންހުރި މާތް މީހެކެވެ. އޭރު ސިލޯނުގައި ކިޔަވަންތިބި ދިވެހި ކުދިންގެ ތެރޭގައި ހުރި އެންމެ ޢުމުރުން ހަގު ކުއްޖަކީ އަޅުގަޑު ކަމަށްވާތީ، އަޅުގަޑާ ދޭތެރޭ އޭނާ ވަރަށް ކަމޭ ހިތިއެވެ. އަޅުގަޑުގެ ޙާލު އޭނާއަށް ވަރަށް ރަގަޅަށް އެގެއެވެ. ކަން ދިމާވި ގޮތުން، އެ ދުވަސްވަރު ޓޮންސިލް އޮޕަރޭޝަނެއް ކުރަންޖެހިގެން ދުވަސްކޮޅެއް ވަންދެން އަޅުގަޑު ހޮސްޕިޓަލުގައި އޮންނަން ޖެހުމުންވެސް، އަޅުގަޑުގެ ޙާލު އެންމެ ކައިރިން ބެލީ އުސްމާން އެވެ.

އަޅުގަޑު ހޮސްޕިޓަލުގައި އެދުމަތި ކޮށްފައި އޮތްއިރު އުސްމާން ކޮންމެ ދުވަހަކުވެސް ދެ އިރު އަޅުގަޑަށް ޒިޔާރަތް ކުރިއެވެ. ހަވީރު ޒިޔާރަތް ކުރާނީ އަޅުގަޑުގެ ތުއްތުބޭބެ އާއި ބައެއް ދުވަސް ދުވަހު އަޅުގަޑުގެ މަންމައާ ދެބެންގެ ދެދަރި ޙުސެއިން ޢަބްދުލްލަޠީފު ގޮވައިގެންނެވެ. އޭނާ އަންނާނީ މޭވާ އާއި މީރު ކާނާ ހިފައިގެންނެވެ. އެތަކެތިން ބައެއް ނަމަވެސް އޭނާ ހުއްޓާ އަޅުގަޑު ކެއުމަށް ވަރަށް ބާރު އަޅާނެއެވެ.

އުސްމާންގެ ވާހަކަ ލިޔާއިރު އޭރު ސިލޯނުގައި ހުންނެވި ދިވެހި ސަފީރު އޮނަރަބްލް ޢަބްދުލްސައްތާރު މޫސާ ދީދީގެ މަތިން އަޅުގަޑު ހަދާން ނައްތާލާނީ ކިހިނެއްތޯއެވެ. ނިޔަނެތި، މަޑުމައިތިރި، އިންތިހާ ދަރަޖައިގެ ރިވެތި އަޚުލާގެއްގެ ވެރި ބޭފުޅެކެވެ. އަޅުގަޑު ހޮސްޕިޓަލްގައި އޮތްއިރުވެސް ޙާލު ބައްލަވަން ވަޑައިގަނެއެވެ. އެނޫނަސް ހަމަ މަހަކު އެއްފަހަރުހެން އަޅުގަޑުމެން ކައިރިއަށް ވަޑައިގެން ހާލު ބައްލަވަމުން އަޅުގަޑުމެންނާ ބެހޭ ކަންކަން ހަމަޖައްސަވަމުން ގެންދެވިއެވެ. އެކި ކުދިންނާ ވަކިވަކިން ވާހަކަ ދައްކަވާ އުޅުއްވިއެވެ.

ޢަބްދުލްސައްތާރު މޫސާ ދީދީއަކީ އަޅުގަޑުގެ ޙަޔާތުގައި އަބަދުވެސް ރޯލް މޮޑެލެއްގެ ގޮތުގައި ދުށް ބޭފުޅެކެވެ. ގެންގުޅުއްވި ގޮތްތައް ކޮޕީ ކުރެވޭތޯ ބައެއްފަހަރު ބެލިފައި ހުންނާނެއެވެ. ކަންދިމާވި ގޮތުން ރައީސް އިބްރާހިމް ނާޞިރާއި ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ ޒަޢާމަތުގައި ޢަބްދުލްސައްތާރާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ވަރަށް ގިނައިން އަޅުގަޑަށް ލިބުނެވެ. އެގޮތުން ރައީސް މައުމޫންގެ ކެބިނެޓްގައިވެސް ޢަބްދުއްސައްތާރު އަރިހުގައި އިނުމުގެ ފުރުޞަތު އަޅުގަޑަށް ލިބުނެވެ.

ޢަބްދުލްސައްތާރާއި އުސްމާނުގެ މަތިން ހަނދާންވުމުން އަޅުގަޑުގެ ޚިޔާލުތަކާއިއެކު އަޅުގަޑަށް މިދެވެނީ މާ ދުރަށެވެ. އެހެންވީމަ ކޮޅުބުގެ ބަދަރު މައްޗަށް އަނެއްކާވެސް ޖެހިލަމާތޯއެވެ. އިމިގްރޭޝަނުންނާއި ކަސްޓަމްސުން ކްލިއަރެންސް ދިނުމުން އަޅުގަޑުމެން ގޮވައިގެން އުސްމާން ބޯޓުން ފައިބައިފިއެވެ. ދެން އަޅުގަޑުމެންގެ ފޮށި ތަންމަތި ކްލިއަރ ކުރުމަށްފަހު، އަޅުގަޑުމެން ގޮވައިގެން ބަދަރު ސަރަޙައްދުން ނުކުމެ، ސިލޯނުގައި ތައުލީމް ޙާޞިލް ކުރާ ދިވެހި ދަރިވަރުންގެ ޚާއްޞަ ގެއެއް ކަމުގައިވާ 25 ކަވިރަތްނާ ޕްލޭސް ނުވަތަ ސޯސަންވިލާއަށް މިޞްރާބު ޖަހައިފިއެވެ.

ސޯސަންވިލާ

އަޅުގަޑުމެންނޭ އަޅުގަޑު މިދަންނަވަނީ އެބޯޓުން އަޅުގަޑުމެންނާއެކު އައި އެހެން ދިވެހި ދަރިވަރުންވެސް ހިމަނައިގެންނެވެ. އަޅުގަޑު ހަދާންވާ ގޮތުގައި ތުއްތުބޭބެ އާއި އަޅުގަޑުގެ އިތުރަށް އެ ބޭފުޅުންނަކީ ޖައުފަރު ޖަމާލާއި، އޮޅިތެރެ އަހުމަދު ރަޝާދާއި، ޝަބްނަމީގޭ ޙުސެއިން މުޙައްމަދު ދީދީ އެވެ.

ބަދަރު ސަރަޙައްދުން ނުކުމެގެން ސޯސަންވިލާއަށް ކާރެއްގައި ދަތުރު ކުރަމުން ދިޔައިރު ކުޑައިރުކޮޅަކަށް އަޅުގަޑުގެ ހިތާމަތައް އަޅުގަޑު ދޫކޮށްލާފައި ހިގައްޖެއެވެ. ކުޑަކުޑަ މާލެ ނޫން އެހެންތަނެއް، އަދި ހަތަރު ފުރޮޅީ ދުއްވާ އެއްޗެއް ދުވަހަކުވެސް ނުދެކޭ ކުޑަކުއްޖަކަށް ސިލޯނުގެ މަގުތަކުގައި ކާރެއްގައި ދަތުރު ކުރަމުން ދާއިރު ކުރެވޭނެ އިހުސާސްތައް ހިތްޕުޅަށަށް ގެންނަވާށެވެ.

އަޅުގަޑު މުޅިން އާހޯޝްވެ ޙައިރާން ވެއްޖެއެވެ. މިހާރާ އަޅާ ބަލާއިރު ގިނައޭ ނުދެންނެވުނު ނަމަވެސް، މަގުމަތީގައި ދުއްވަމުން ދިޔަ ކާރުތަކާއި ދެބުރި ބަސްތައް ފެނިފައެވެ. އަސްމަތީ ތިބެގެން ކޮޅުބުގެ މަގުތައް ބަލަހައްޓަމުންދިޔަ ފުލުހުން ފެނިފައެވެ. އަދި ތާރު އަޅާފައިއޮތް މަގުތަކާއި މަގުތަކުގެ ދެފަރާތުގައި ހުރި ދެބުރި ތިންބުރި ޢިމާރާތްތައް ފެނިފައެވެ. އަދި މީހުން ގިނަކަމާއި އެމީހުން ހެދުން އަޅާފައި ތިބިގޮތްވެސް ފެނިފައެވެ.

ކޮންމެއަކަސް އިރުކޮޅަކު ދުއްވުމަށްފަހު ސޯސަންވިލާއަށް ދެވިއްޖެއެވެ. އެއިރުވެސް އެތާގައި އެތައް ދިވެހި ދަރިވަރުންނެއް ތިއްބެވެ. ބައެއް ކުދިން ޓާރމް ނިމުނީމައި ޗުއްޓީގައެވެ. އަނެއްބައި ކުދިން ކުރިއަށް އޮތް ޓާރމްގައި ސްކޫލްތަކާ ގުޅުމަށެވެ. އަޅުގަޑުމެން ހިމެނުނީ ފަހުން މިދެންނެވި ބައިގައެވެ.

ސޯސަންވިލާގައި ތިބޭ ދިވެހި ދަރިވަރުންގެ ކަންކަން ބަލަހައްޓަވަން އޭރު ހުންނެވީ މޫސާ ފާއިޒު ނަމަކަށްކިޔާ ބޭކަލެކެވެ. އަޅުގަޑުމެން ސިލޯނުގައިތިބި ދުވަސްވަރު އަޅުގަޑުމެންގެ ޙާލު ބައްލަވަން އަޅުގަޑުމެން ތިބޭ ތަންތަނަށް ދުރުވެ ހެއްދެވިއެވެ. އަޅުގަޑު ހޮސްޕިޓަލުގައި އެދުމަތި ކޮށްފައި އޮތްއިރުވެސް މޫސާ ފާއިޒު އަޅުގަޑަށް ގޮވާލަން ދުރުވިއެވެ. އެ ދުވަސް އަޅުގަޑު ވަރަށް ރަގަޅަށް ހަދާން ހުރެއެވެ.

މޫސާ ފާއިޒަކީ އަޅުގަޑުމެންގެ ޢާއިލީ ރަހުމަތްތެރިއަކަށްވީތީ ކުރިންވެސް އަޅުގަޑު އޭނާ ދަންނަވަމެވެ. އެހެންކަމުން އަޅުގަޑު އެހާ ކުޑައިރު ޓޮންސިލް އޮޕަރޭޝަނެއް ކޮށްގެން ހޮސްޕިޓަލުގައި އެކަނިމާއެކަނި އޮއްވާ އޭނާ ފެނުނީމާ އަޅުގަޑަށް ވަރަށް ބޮޑަށް ރޮވުނެވެ. އަދި އޭނާ އަށް އަޅުގަޑު ނަންގަތީމެވެ. މޫސާ ފާއިޒުއެވެ. އަޅުގަޑަށް އިލޮށިކޮޅަކުން ނަމަވެސް މަންމަ އަކާއި ބައްޕައެއް ހައްދަވައިގެން ގެނެސް ދެއްވަފާނުންތޯއެވެ. އެއްވެސް އެއްޗެއް ނުބުނުއްވައެވެ. ކުރެއްވި ކަމަކީ އަޅުގަޑު ކައިރިއަށް ދުރުވެ އަޅުގަޑު އެދުން ނަންގަވައި އުރާލެއްވީއެވެ. އަޅުގަޑަށް ނިދެންދެން އަޅުގަޑު އުރާލައްވައިގެން ދެކޮޅަށް ހިންގަވަން ހުންނެވިއެވެ. އަޅުގަޑަށް ހޭލެވުނު އިރު މޫސާ ފާއިޒެއްނެތެވެ.

އަޅުގަޑަށް ފަހުން އެގުނު ގޮތުގައި އެ ހާދިސާއަށްފަހު މޫސާ ފާއިޒު އަޅުގަޑުގެ ބައްޕާފުޅަށް ސިޓީއެއް ފޮނުއްވިއެވެ. އެ ސިޓީގައި އަޅުގަޑު ބުނި ގޮތަށް އަޅުގަޑު ބުނި ވާހަކަ ލިޔުއްވިއެވެ. އަދި އަޅުގަޑު ވަރުގެ ކުޑަކުއްޖަކު އެކަނި ބޭރު ގައުމެއްގައި ބެހެއްޓުވުމަކީ މޫސާ ފާއިޒަށް ފެނިލައްވާ ކަމެއް ނޫންކަމަށް ވަރަށް ސަރީހަ އިބާރާތުން ލިޔުއްވާފައި އޮތްކަމަށްވެސް ވެއެވެ.

އެހެންނަމަވެސް ބައްޕާފުޅު ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. މޫސާ ފާއިޒުގެ ސިޓީ ލިބިވަޑަގަތުމުންވެސް އަޅުގަޑުމެން މާލެ ގެންދަވާކަށް ބައްޕާފުޅު ބޭނުންފުޅެއް ނުވިއެވެ. ބައްޕާފުޅަކީ ރަސްމީ ތަޢުލީމުން މަހުރޫމް ކުރެވިފައިހުރި ބޭފުޅެކެވެ. ބައްޕާފުޅުގެ ކާފާފުޅު ޝަމްސުއްދީން ރަދުން ރަސްކަމުން ޢަޒުލު ކުރެވުނު ފަހުން ބައްޕާފުޅު ބެލެހެއްޓެވީ ބޮޑުދައިތާފުޅު އާގަޑުވަރު ތުއްތު ގޮމާ ކަމުގައި ކުރީގެ ޗެޕްޓަރެއްގައި އަޅުގަޑު ދަންނަވާފައި އޮންނާނެއެވެ. އަމިއްލަފުޅު ޚަރަދުގައި ބައްޕާފުޅަށް ރާއްޖެއިން ބޭރުގައި ތަޢުލީމް ދެއްވަން ބޮޑުދައިތާފުޅު މަސައްކަތް ކުރެއްވި ކަމަށް އަޅުގަޑަށް އެގިފައިވެއެވެ. އެހެން ނަމަވެސް ބައްޕާފުޅަކީ ފިރިހެން ފަރާތުން ދިވެހި ރަސްކަމާ ގުޅިފައިވާ ބޭފުޅަކަށްވާތީ ތަޢުލީމް ޙާޞިލް ކުރައްވައިގެން މާލެ ވަޑައިގެން ވެރިކަމާ ތޮޅުއްވަފާނެތީ އޭރު ރާއްޖޭގައިއޮތް ސަރުކާރުން އެ ހުއްދައެއް ނުދެއްވިއެވެ.

އެދުވަސް ވަރަކީ ރާއްޖޭގައި ތައުލީމަށް މާބޮޑު ތަރުހީބެއް ދެވުނު ދުވަސްވަރެއްނޫނެވެ. ތަރުހީބު ކީއްކުރަންތޯ، އެ ދުވަސްވަރު ރާއްޖޭގައި ތައުލީމް ދިނުމަކީ މުޅިން މަނާ ކުރެވިފައިއޮތް ކަމެކެވެ. ބައްޕާފުޅުމެން ޢިލްމު އުގެނިވަޑައިގަތީ ފޮތް ހިއްޕަވައިގެން ހަޑަސްބުރި (އެ ޒަމާނުގައި ފާޚާނާއަށް ކީނަމެއް) އަށް ވަދެވަޑައިގެން އެތަން ތަޅުލައްވައިގެން އެތަނުގެ ތެރޭގައެވެ. ބައްޕާފުޅު ވިދާޅުވާ ގޮތުގައި އެތާގެ ތެރޭގައި ފިލާވަޅު ދަސްކުރައްވަން ތިއްބަވަނިކޮށް އަވަށު ސަރުދާރަށް އެކަން ކޮންމެވެސް ގޮތަކަށް އެގިގެން އެކަން ބަލަން މައްޗަންގޮޅީއާގެއަށް ވަނުމުން ހައްދަވާ ގޮތަކީ ހަޑަސްބުރީގައި ހުންނަ ދަނގަޑުން ވަޅެއް ޖައްސަވާފައި ފޮތް ވަޅު ލައްވަނީއެވެ. އަލުން އަނެއްކާވެސް ކޮންމެވެސް ގޮތަކުން ފިލާވަޅު ދަސްކުރައްވާނެ ފޮތެއް ހޯއްދަވަނީއެވެ.

މިކަން އޭރުގެ ޒުވާނުންނަށް ކޮށްދެއްވަނީ ޢަލިރަސްގެފާނު ގަޑުވަރު މޫސާ މުޙައްމަދު ދީދީ ކަމަށް އަޅުގަޑު ކައިރީގައި ބައްޕާފުޅު ވިދާޅުވިއެވެ. ބައްޕާފުޅު ވިދާޅުވި ގޮތުގައި މޫސާ މުޙައްމަދު ދީދީ އޭރުގެ ޒުވާނުންނަށް ސިއްރިއްޔާތުގައި ތަޢުލީމް ދެއްވާކަން ދައުލަތަށް އެގިވަޑައިގަނެގެން، އެ މަނިއްޕުޅު ގޭގައި ބަންދު ކުރައްވައި އަދަބުވެސް ދެއްވި ކަމަށްވެއެވެ. މޫސާ މުޙައްމަދު ދީދީއަކީ ކުރިން މި ޗެޕްޓަރުގައި ބަޔާންކޮށްފައިވާ، އަޅުގަޑު ތަޢުލީމް ޙާޞިލު ކުރަން ސިލޯނަށް ދިޔައިރު ހުންނެވި ދިވެހި ސަފީރު ޢަބްދުލްސައްތާރު މޫސާ ދީދީގެ ލޮބުވެތި ބައްޕާފުޅެވެ. ހިތްގައިމު ހަރުދަނާ ޝަޚްޞިއްޔަތެއްގެ ވެރިއެކެވެ.

ސޯސަންވިލާގައި އަޅުގަޑު ހޭދަ ކުރި ފުރަތަމަ ދުވަހަކީވެސް ވަރަށް ހަނދާން ހުންނަ ދުވަހެކެވެ. މެންދުރު ކައިގެން ހުރިހާ ކުދިން ގޯތިތެރެއަށް ނުކުމެއްޖެއެވެ. ބައެއް ކުދިން ދެކޮޅުގައި ވިކެޓްބައި ޖަހާލާފައި ކްރިކެޓް ކުޅެން ފަށައިފިއެވެ. އަނެއްބައި ކުދިން ދެކޮޅުގައި ގޯލުދަޑި ޖަހާލާފަ ފުޓްބޯޅަ ކުޅެން ފަށައިފިއެވެ. އެކަމަކު މިކުޅިވަރުތަކަކީ އަޅުގަޑަށް މުޅިން އާ ކުޅިވަރުތަކެވެ. އަނެއްކޮޅުން އެތާ އޭރު ތިބި ކުދިންގެ ތެރޭގައި އެންމެ ހަގުކޮށް ހުރި ކުއްޖަޔާ އަޅުގަޑާ ދެމެދުގައި އުމުރުގެ ގޮތުން ދެއަހަރަށްވުރެވެސް ބޮޑު ތަފާތު ހުރުމާއެކު އަޅުގަޑު އެއިން އެއްވެސް ގްރޫޕެއްގައި ލައްވައެއް ނުލިއެވެ. އަޅުގަޑަށް ޖެހުނީ އަޅުގަޑުގެ ހިތްދަތި ކަމާއިއެކު އެހެން ކުދިން ކުޅޭތަން ބަލަން އިންނާށެވެ.

ވިދިގެން އައި ހަފްތާއެއްހާ ދުވަސް ދިޔައީ ސޯސަންވިލާގެ އެކުވެރި މާހައުލުގައި އެކަހަލަ ގޮތަކަށެވެ. ނަމާދު ގަޑި ގަޑީގައި މޫސާ ފާއިޒުގެ ބެއްލެވުމުގެ ދަށުން ނަމާދު ކުރުމާއި، ކާ ގަޑިގަޑީގައި ހުރިހާ ކުދިން އެކީގައި އެއް ހޯލެއްގެ ތެރޭގައި އެއް މޭޒެއްގަ ތިބެގެން ކުއުމާއި، އިޝާ ނަމާދަށްފަހު އިރުކޮޅެއް ކޮށްލާފައި ހުރިހާ ކުދިން އެއް ތަނެއްގައި މަޖާ ވާހަކަ ދެއްކުމާއި ބައެއް ފަހަރު ބައެއް ކުދިން ލަވަކިޔާލައި އުޅެފައި ނިދުމެވެ. ދުވާލުގެ ގިނަ ވަގުތު ގޯތި ތެރޭގައި އެކި ކުޅުވަރުތައް ކުޅުމެވެ.

ހިންދީ ފިލްމް ސީ އައި ޑީ ގެ ހެ އަޕްނާ ދިލް ތޮ އާވާރާ އަޅުގަޑަށް ދަސްވީ ސޯސަންވިލާ ތެރެއިންނެވެ. އެކަމަކު އެލަވަ އެތާ ތިބި ކުދިން ކިޔާ އުޅުނީ އެލަވައަށް ދިވެހި ލިރިކްސް ހަދައިގެންނެވެ. އަޅުގަޑު ވަރަށް ރަގަޅަށް ހަދާން އެބަހުއްޓެވެ. އެކުދިން އެލަވަ ކިޔާ ގޮތަކީ މަކަރު މައްކާރު ގުއި ދަޅުގައި.... މިގޮތަށެވެ. މަޝްހޫރު އިގިރޭސި ލަވަ ކިޔުންތެރިޔާ ކްލިފް ރިޗާރޑް އަޅުގަޑަށް ތަޢާރުފް ވީވެސް ސޯސަންވިލާ ތެރެއިންނެވެ. އެދުވަސްވަރު ވަރަށް ބޮޑަށް މަޝްހޫރު ވެގެންދިޔަ ކްލިފްގެ ލަވައެއް ކަމުގައިވާ ލިވިންގ ޑޯލަކީ ސޯސަންވިލާގައި އޭރު ތިބި ބޮޑެތި ކުދިންގެ ތުންފަތް މަތީގައި އަބަދުހެން އޮތް ލަވައެކެވެ.

ރޯޒިންގޑޭލް ގާޑްން

އެކަމަކު ހަމަޖެހިފައި އޮތީ އަޅުގަޑުމެން އަބަދު ސޯސަންވިލާގައި ތިބޭ ގޮތަކަށް ނޫނެވެ. އެއް ދުވަހަކު ޢަބްދުލްސައްތާރު ސޯސަންވިލާއަށް ވަޑައިގެން އެތާ އޭރު ތިބި ކުދިންގެ ތެރެއިން ދިހަ ކުދިން ވަކި ކޮށްލައްވައިފިއެވެ. އެ ކުދިންނަކީ، މަރޮށި އިސްމާޢިލް ޢަބްދުލްރަޙްމާނާއި، މާބަޑޭރިގޭ ޝާމީ އަޙްމަދާއި، ބޮޑުގަލުގޭ މުޙައްމަދު ބަދީޢު (ރާއްޖޭގެ ފުރަތަމަ ޕޮޕް ބޭންޑް މަޝްހޫރު ޝޫޓިންގ ސްޓާރސް ގެ ޑްރަމަރ) އާއި، ބޮޑުގޭ އަޙްމަދު ނައީމް (މިހާރު އެމް އެން ޑީ އެފް ގެ ރިޓަޔާރޑް ކާނަލެއް) އާއި، މަޝްހޫރު ސިވިލް އިންޖިނިއަރަ ޝަފީގުގޭ މުޙައްމަދު ޝަފީގާއި، މިދުހަތު ހިލްމީ (ފަހުން ރާއްޖޭގެ ކެބިނެޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި) އާއި، އަހުމަދު ޢަލީ (ޕޮޅް) އާއި، ފަހުން މަޝްހޫރު ވިޔަފާރި ވެރިއަކަށްވި ޙުސެއިން ޢަބދުލް ލަޠީފާއި، އަޅުގަދުގެ ތުއްތުބޭބެ އިބްރާހިމްޝަކީބް (ފަހުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި އިސް މަގާމްތަކެއް އަދާކުރެއްވި) އާއި. އަޅުގަޑެވެ.

އަޅުގަޑުމެން ދިހަ ކުދިން ސަރުކާރުން ފޮނުއްވީ ވެއްލަވައްތޭގައި ހުރި ރޯޒިން ޑޭލް ގާޑްން ކިޔާ ގެޔަކަށެވެ. އެ ގެޔަކީ ގައުސް މުހިއްދީން ނަމަކަށްކިޔާ މީހެއްގެ ގެއެކެވެ. އޭނާއަކީ ކޮޅުބުގެ މުސްލިމް ޖަމާޢަތުގެ ލީޑަރެކެވެ. އެގޭގައި ދިރިއުޅެނީ އޭނާއާއި އޭނާގެ އަނބިމީހާ، އަޅުގަޑުމެން އޭނާޢާ މުޚާޠަބު ކުރި ގޮތުންނަމަ އުއްމީ އެވެ.

ރޯޒިން ޑޭލް ގާޑްނަށް އަޅުގަޑުމެން ދިޔައިރު އެގެ ހުރީ އަޅުގަޑުމެން ދިހަކުދިންނަށް ހަމަޖެހިގެން އުޅެވޭ ގޮތަށް ތައްޔާރު ކޮށްފައެވެ. އާދައިގެ ކޮޓަރިއަކަށްވުރެ ބޮޑު ކޮޓަރިއެއްގައި ދިހަ އެދު ބަހައްޓާފަ ހުއްޓެވެ. ކާ ކޮޓަރިއެއްގައި ދިހަ ކުދިންނަށް ކައިބޮއެ އުޅުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ހުއްޓެވެ. ނަމަވެސް، ހުރިހާ ކުދިންނަށްހުރީ އެންމެ ފާޚާނާއެކެވެ. އެހެންވީމާ، ފެންވަރާ ސާފުވުމާއި ފާޚާނާ ކުރުމުގެ ކަންކަމުގައި ކުޑަކޮށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

އެގޭގައި ތިބިއިރު ކޮންމެ ދުވަހަކު ހެދުނު ތެދުވެ ފެންވަރާ ސާފު ވުމަށްފަހު ދެން އޮންނަނީ ފިލާވަޅު ނެގުމެވެ. ބޮޑަށް އިގިރޭސި ބަސް ދަސް ކުރުމެވެ. ހިސާބު ޖެހުންވެސް އޮވެއެވެ. އަދި ސިންގަޅަ ބަސް ދަސް ކުރުންވެސް މެއެވެ. އަޅުގަޑުމެންނަށް ފިލާވަޅު ނަންގަވައި ދެއްވައި ދަސްކޮށް ދެއްވަނީ ގައުސް މުހިއްދީނާއި އެނާގެ އަންހެނުން އުއްމީއެވެ.

މެންދުރު ކައިގެން އިރުކޮޅަކު އަރާމު ކޮށްލަން ތިބެފަ ދެން އޮންނަނީ ކުޅިވަރެވެ. ފުޓް ބޯޅަ އާއި ކްރިކެޓެވެ. އަޅުގަޑުމެން ކުޅެން އުޅުނީ އެގެއާ ޖެހިގެން އޮންނަ ގޯޅި ގަޑެއްގައެވެ. އެ ހިސާބު ގޭގޭގެ ކުދިވެރިންވެސް އަޅުގަޑުމެންނާ ކުޅުމުގައި ބައިވެރިވެ ހަދައެވެ.

ހަވީރުވީމާ އެވީ ފެންވަރައިގެން ހަވީރު ސަޔަށްފަހު އަނެއްކާވެސް އަރާމު ކޮށްލަން ތިބޭށެވެ. އިރު އޮއްސުމުން ގައުސް މުހިއްދީން އަޅުގަޑުމެންނަށް ނަޞޭހަތް ދެއްވުން އޮވެއެވެ. އެއަށްފަހު ރޭގަޑު ކައިގެން ކުޑައިރުކޮޅަކަށްފަހު ނިދުމެވެ.

ރޯޒިންގޑޭލް ގާޑްންގައި އަޅުގަޑުމެން ތިއްބާ އަޅުގަޑުގެ ބައްޕާފުޅު އެތަނަށް އެއްދުވަހު ވަޑައިގަތެވެ. މެންދުރުފަހު ކުޅެން ތިއްބާ ގެ ކައިރިއަށް މަޑުކޮށްލި ޓެކްސީއަކުން ފައިބާވަޑައިގަތީ ބައްޕާފުޅެވެ. އަޅުގަޑަށް އިހުސާސް ކުރެވުނު އުފާވެރިކަން އަޅުގަޑު ބަޔާން ނުކުރި ނަމަވެސް ކިޔުންތެރިންނަށް އިހުސާސް ކުރެއްވޭނެކަން އަޅުގަޑަށް ޔަގީނެވެ. ބައްޕާފުޅުގެ އަރިހުގައި އަޅުގަޑުމެންގެ ޢާއިލީ ރަހްމަތްތެރިއެއް ކަމުގައިވާ ގުޅީ މުޙައްމަދު ވަސީމްވެސް ދުރުވިއެވެ.

އެދުވަހު ގައުސް މުހިއްދީންގެ އަމުރު ހޯއްދެވުމަށްފަހު އަޅުގަޑުމެން ދިހަ ކުދިންނަށް ކޮންމެ ކުއްޖަކަށް އިސްކޫލް ފޮތަކާއި، ފަންސުރަކާއި، ފުހޭ ރަބަރުކޮޅަކާއި، ރަބަރު ބޯޅައެއް ދެއްވިއެވެ. އޭގެ ފަހު ދުވަހަކުވެސް ބައްޕާފުޅު އަޅުގަޑުމެންނަށް ޒިޔާރަތް ކުރެއްވިއެވެ. އެދުވަހު ވަޑައިގަތީ ތުއްތުބޭބެ އާއި އަޅުގަޑާއެކު ފޮޓޯ ނަންގަވާށެވެ.

މާރޝަލް ޕްރެޕަރޭޓަރީ ބޯޑިންގ ސްކޫލް

ރޯޒިންގޑޭލް ގާޑްންގައި މަސްދުވަސްވެސް ނުވަނީސް އަޅުގަޑުމެން ދިހަ ކުދިން ކޮލްޕެޓީގައި ހުންނަ މާރޝަލް ޕްރެޕަރޭޓަރީ ބޯޑިންގ ސްކޫލަށް ބަދަލު ކޮށްފިއެވެ. އެ ސްކޫލް ހުރީ މިހާރު ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބެސީ އެހުރި ބިމުގައެވެ. އެއްފަރާތް ގޯލްރޯޑާއި އިންވެގެންނެވެ. އަނެއްފަރާތް ބީޗް ރޯޑާ އިންވެގެންނެވެ. ބީޗް ރޯޑާ ޖެހިގެން ދެން އޮންނަނީ ރެއިލްވޭ ލައިނެކެވެ. އެ ބޯޑިންގ ސްކޫލްގައި އަޅުގަޑުމެން ތިނޭއިރު އަބަދުހެން ރޭލް ދަތުރުފަތުރު ކުރާ އަޑުފަށްގަޑު އިވެއެވެ.

ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނަނީ އެމް ކުކް ނަމަކަށް ކިޔާ ސިލޯންގެ ބަރުގަރު ދަރިކޮޅުގެ މެދު ޢުމުރެއްގެ ހަރުކަށި މިޒާޖެއްގެ ބޭކަބަލެކެވެ. އޭނާގެ އެސިސްޓެންޓަކަށް ހުންނަވަނީ އޭނާގެ ކޮއްކޮ އެން ކުކެވެ. ހެޑް މިސްޓްރެސަކަށް ހުންނަވަނީ ޖަޔަސިންހާ ކިޔާ ސިންގަޅަ އަންހެން ބޭކަނބަލެކެވެ. ފަހުން މި ޖަޔަސިންހާ މާލޭގަ ކިޔަވާދެއްވަންވެސް އުޅުއްވިއެވެ.

މާރޝަލް ޕްރެޕްގައި ދުވަސް ތަކާއި މަސްތަކާއިއެކު ދޮޅު އަހަރެއްހާ ދުވަސް ހޭދެވެގެން ދިޔައީ ގާތްގަޑަކަށް ރޯޒިންގޑޭލް ގާޑްނެކޭވެސް އެއްގޮތަށެވެ. އެތަނާ ޚިލާފަށް މާރޝަލް ޕްރެޕްގައި ކްލާސްތައް ހިގަމުން ދިޔައީ މާރަގަޅަށް އިންތިޒާމް ކުރެވިގެންނެވެ. ބޯޑިންގ ގައި ތިބޭ ކުދިންގެ އިތުރަށް ބޭރުން އަންނަ ކުދިންވެސް ކްލާސްތަކުގައި ބައިވެރިވިއެވެ. ކްލާސް އޮންނަނީ ހޮނިހިރު އާދިއްތަ ފިޔަވައި އެހެން ދުވަސް ދުވަހުގެ މެންދުރު ކުރީގައެވެ.

މެންދުރު ކައިގެން އަރާމް ކޮށްލުމަށްފަހު ކުޅުމެވެ. ކްރިކެޓާއި ފުޓްބޯޅައެވެ. މާރޝަލްޕްރެޕް ހުރީ ބޮޑު ބިމެއްގައި ކަމުގައިވާތީއާއި އަޅުގަޑުމެން ދިހަ ކުދިންގެ އިތުރު ކުދިންވެސް އެތަނުން ތަޢުލީމް ޙާޞިލު ކުރަމުން ދިޔައީތީ އެތާގައި ކުޅިވަރުގެ ކަންތައްތައް މާ ފުރިހަމަކޮށް ހިގިއެވެ. ހަވީރުވީމާ ފެންވަރައި ސާފުވެގެން މާރޝަލްޕްރެޕްގެ ގޯތީގެ ފެންސްމަތީ ތިބެގެން ރޭލް ދަތުރު ކުރާތަން ބަލަނީއެވެ. ނޫނީ ޖަޔަސިންހާ އާއެކީ ބީޗްގައި ހިގާލަންދަނީއެވެ. ބައެއް ޕޯޔާ ދުވަސް ދުވަހު ގޯލް ރޯޑުން ޕެރެހެރާ ދާތަން ބަލައިލުމަކީ ވަރަށް އުއްމީދު ކުރެވުނު ކަމެކެވެ.

މިސް ކުކަކީ ފޮތް ކިޔަން ވަރަށް ބާރު އެޅުއްވި ޕްރިންސިލެކެވެ. އެހެންކަމުން ނިދަން އޮށޯތުމުގެ ކުރިން ހުރިހާ ކުދިންވެސް ފޮތް ކިޔެވެ. އަދި ކިޔާނެ ފޮތް ހުރިކަން މިސް ކުކް ޔަގީން ކުރެއްވިއެވެ. އަޅުގަޑަކީ މިހާރުވެސް ވަރަށް ފޮތް ކިޔާއުޅޭ މީހެކެވެ. އެ ރަގަޅު އާދަ އަޅުގަޑުގައި އަށަގަތީ އަޅުގަޑު ދަންނަވާނީ މާރޝަލް ޕްރެޕްގެ ދުވަސްވަރުން ފެށިގެންނެވެ.

އަޅުގަޑުމެން މާރޝަލް ޕްރެޕްގައި ތިބި ދުވަސްތަކުގެ ފަހުކޮޅުގައި އަޅުގަޑުގެ ކާފަ ބުއްދިގޭ ޙަސަން މަނިކު އަޅުގަޑުމެންނަށް ޒިޔާތަރް ކުރެއްވިއެވެ. އެއް ހުކުރު ދުވަހެއްގެ މެންދުރުފަހު މާރޝަލް ޕްރެޕްގެ ފާރުބުރިމަތީގައި ބޭރު ބަލަން ތިއްބާ ބަހަކުން ފައިބައިގެން ތިން މީހަކު އަޅުގަޑުމެން ކައިރިއަށް އެބަ އާދެއެވެ. ކައިރިއަށް އައިމާ އެގުނީ އެއީ ކާފަ ބުއްދިގޭ ޙަސަން މަނިކާއި. ކާފަގެ ކޮއްކޮ އަޅުގަޑުމެންގެ ދޮންބޭބެ ޢަބްދުލްޙަކީމް ޙުސެއިން މަނިކާއި. އަނެއްކާވެސް ގުޅީ މުޙައްމަދު ވަސީމު ކަމެވެ.

އެ ބޭފުޅުން ވަޑައިގެން މިސް ކުކާ ވާހަކަ ދެއްކެވުމަށްފަހު، ކާފަ އަށާއި ދޮންބޭބެއަށް ބޮޑުބޭބެ ކިޔާ ޙުސެއިން ޢަބްދުލް ލަޠީފާއި، ތުއްތުބޭބެ އާއި އަޅުގަޑު ގޮވައިގެން ހަފްތާ ބަންދަށް ބަހުގަ ވަޑައިގަތީ ޖާއެލާގަ އެބޭފުޅުން ތިއްބަވަން ކުއްޔަށް ހިއްޕަވާފަ ހުރި ގެއަކަށެވެ. އެ ހަފްތާ ބަންދު ދެދުވަހު އަޅުގަޑަށް ވަރަށް ހިތްހަމަޖެހުން ލިބުނެވެ. ކާފަ އަޅުގަޑު ގޮވައިގެން އުޅުއްވީ މާލޭގަވެސް އުޅުއްވާ ގޮތަށެވެ. އުރާލައްވައިގެން އުޅުއްވިއެވެ. ކާފަ އަތުން ކާންދެއްވިއެވެ. އެހާ މީރު ނޫންނަމަވެސް ދިވެހި ރަހަތަކުގެ ރަހަ އަނެއްކާވެސް އެންމެ ދެ ދުވަހަށް ނަމަވެސް އަރުތެރޭގައި ލިއެވެ.

ކޮންމެއަކަސް އެ ހަފްތާ ބަންދުވެސް ނިމިއްޖެއެވެ. އެބުރި މާރޝަލް ޕްރެޕަށް ގޮސް ކުރިއެކޭ އެއްގޮތަށް ދިރިއުޅުން ބަދަލު ވެއްޖެއެވެ.

އަޅުގަޑު ހަދާންވާ ގޮތުގައި މާރޝަލްޕްރެޕްގައި ތިބޭތާ އަހަރަކަށްވުރެ ކުޑަތަންކޮޅެއް އިތުރުވިތަނާ، އެއީ ގާތްގަޑަކަށް 1960 ނިމެން އުޅެނިކޮށް، އެއް ދުވަހަކު މިސް ކުކްގެ އޮފީހަށް ތުއްތުބޭބެއާއި އަޅުގަޑު ގެންގޮސްފިއެވެ. އެތާ އުސްމާން އިނެވެ. އޭނާ ބުނީ އަޅުގަޑުމެން ދެބެން މާލެ ދާންވީ ކަމަށެވެ. އަނެއް ދުވަހު އަޅުގަޑުމެން ބަލާ އަންނަންވާއިރަށް ފޮށިތަންމަތި ތައްޔާރު ކޮށްގެން ތިބެން ބުނެފައި އޭނާ ހިގައްޖެއެވެ. އަނެއް ދުވަހު އޭނާ އައިސް އަޅުގަޑުމެން ގޮވައިގެންގޮސް ކަސްޓަމާ އިމިގްރޭޝަންގެ ކަންކަން ނިންމުމަށްފަހު އަޅުގަޑުމެން ދެބެން މޯލްޑިވް ސްޓާރަށް ލައިފައި އޭނާ ބޯޓުން ފައިބައިފިއެވެ.

ރޭގަޑަކާ ދިމާ ކޮށެވެ. އަނެއްކާވެސް މާކަޑުގައި އެއްކަލަ ބިރުވެރި ދަތުރުގައި ދެތިންދުވަހު ހޭދަ ކުރާށެވެ. މިފަހަރު ކުރީ ދަތުރުގެ އެކުވެރިންނެއް ނެތެވެ. އެހެނަސް މޫސަ ކުއްޓި ބޯޓްގައި އުޅުއްވިއެވެ. އަޅުގަޑުމެންގެ ޙާލު ބެއްލެވިއެވެ.

ތިންދުވަހުގެ ދަތުރަކަށްފަހު މޯލްޑިވް ސްޓާރ ދޫނިދޫ ކައިރީގައި ބަދަރު ޖަހައިފިއެވެ. އިރުކޮޅަކުން ކަސްޓަމާ އިމިގްރޭޝަން އޮފިސަރުން ބޯޓަށް އަރައިފިއެވެ. އެމީހުން އައި ދޯނީގެ ފަހަތުގައި އެހެން ދޯންޏެއްވެސް އޮތެވެ. ބޯޓުގެ މީހުންގެ އެހީގައި އަޅުގަޑުމެން ދެބެން އެދޯންޏަށް ބާލައިފިއެވެ. އޭގައި އަޅުގަޑުމެން ބަލާ ވަޑައިގެން ތިއްބެވީ ބައްޕާފުޅާއި، ކާފަ އާއި، ގުޅީއެވެ. އަޅުގަޑު ހިތަށް ލިބުނު އުފާވެރިކަން ބަޔާން ކުރާކަށް އަޅުގަޑަކަށް ނޭގެއެވެ.

ދޯނި ފަލީގައި އައިސް މާލޭ އެއްގަމު ތޮއްޓާ ގާތްކޮށްލުމުން އަޅުގަޑުމެން ރަށަށް ފައިބައިފީމެވެ. ބަލާ އައިސް ދުއްވާ އެއްޗެއް ނެތެވެ. އެކަމަކުވެސް ހެޔޮތާއެވެ. ދާންއޮތް މަންޒިލްގެ ފޮނި އުއްމީދުގަ ހުރީތީއެވެ. ލޯބިވާ މަންމަގެ މިންނެތް ލޯބި ލިބިގަތުމަށެވެ. ހިތް އަވަސްވާން ފަށައިފިއެވެ.

ބައްޕާފުޅާއި، ކާފަ އާއި، ގުޅީ އާއި އަޅުގަޑުމެން ދެބެން ހިގާފަ އިބްރާހިމީ މައިދާނުގެ ތެރެއިން، ސިފައިންގެ ކައިރިންގޮސް މިހާރުގެ ޝަހީދު ކުޑަ އާދަމް ކުޑަތުއްތު ހިގުމަށް އެޅުމުން އަޅުގަޑަކަށް ކެތެއް ނުކުރެވުނެވެ. ދުވަން ފަށައިފީމެވެ. ދުވެފަގޮސް ލިލީ މަގަށް އަޅާފަ ހުޅަގަށް ބަލައިލުމުން ރޯމާ ދުވާލު ނަމަވެސް، މައްޗަންގޮޅީއާގެ ދޮރޯށި ކައިރިން ސާދަ ވިލޭރެއެއްގެ ހަދެއް ފަދައިން ދިއްލާލާފަ ހުރިތަން އަޅުގަޑަށް ފެނުނީ އަޅުގަޑުގެ ލޯބިވާ މަންމަގެ މޫނެވެ. މަންމަ އަރިހުގައި އަޅުގަޑުގެ ކޮއްކޮ ނަޞްރުﷲ އާއި ހާޖޫ ތިއްބެވެ.

މަންމަ އަޅުގަޑާ ދިމާލަށް ދުވެވަޑައިގަންނަވަނީއެވެ. އަޅުގަޑު މަންމައާ ދިމާލަށް ދުވަނީއެވެ. ދެމައިން ބައްދަލުވެ މަންމަގެ އުރަށް އަޅުގަޑަށް އެރުނުއިރު ދެމައިންނަށްވެސް އަޑު ހަރުކޮށް ރޮވިއްޖެއެވެ. އެކަމަކު ހިތާމައިގެ ކަރުނައެއް ނޫނެވެ. އުފާވެރިކަމުގެ ކަރުނައެވެ. އެތަށް އިރެއްވީއިރުވެސް މަންމައާ އަޅުގަޑުގެ ހަށިގަޑު ވަކިކޮށްލާކަށް ބޭނުމެއް ނުވިއެވެ.

އަޅުގަޑުގެ ޙަޔާތުގެ އެންމެ ބިރެވެރި އަދި ހިތްދަތި ނުވަތަ ޓްރޯމެޓިކް ޗެޕްޓަރ ނިމުމަކަށް އައީއެވެ. ނަތީޖާއަކީ ކޮބައިތޯއެވެ. އަޅުގަޑު ވަޒަން ކޮށްލާއިރު ވިދިގެން އައި އަހަރު މަޖީދިއްޔާ ސްކޫލްގެ އެއްވަން ކްލާހުގައި އިގިރޭސި ތަޢުލީމައިގެން ކުރިޔަށްދާން ވަރުގަދަ ޕްރީ ސްކޫލް ބިންގަލެއް އެޅުނެވެ. ކިތަންމެ ވަރަކަށް ކަމެއް ބޭނުންވިޔަސް ހުރިހާ ކަމެއް ބޭނުންހާ ގޮތަކަށް ނުވާނެ ކަމާއި، ކަންކަމަށް ކެތްކުރަން އަޅުގަޑަށް ދަސްވިއެވެ. ނުދަންނަ މީހުންނާ ރަހުމަތްތެރިންނާއެކު، އެމީހުންވެސް ރުހޭ ގޮތަށް އުޅެން އަޅުގަޑުގެ އިންސްޓިންކްޓް އަޅުގަޑަށް ކިޔައިދިނެވެ. އަޅުގަޑުގެ ހިތާމަތައް އެހެންމީހުންނަށް ބުރައަކަށް ނުހަދައި އެބަރު އަޅުގަޑު އެކަނި އުފުލާށާއި، އަޅުގަޑުގެ އުފާ އެހެން މީހުންނާއެކު ހިއްސާ ކުރަން ދަސްވިއެވެ. އަބަދުވެސް މައްސޫލިއްޔަތު ބޮލުގައި އަޅާ ޒިންމާދާރު ވުމަށާއި، ޟަމީރާ އިދިކޮޅަށް ކަންކަން ނުކުރުމަށް އަޒުމް ކަނޑައެޅީމެވެ.

No comments:

Post a Comment