more Quotes

Sunday, September 14, 2025

 

`

މާލޭ ވިޔަފާރި ބަދަރު – ރާއްޖޭގެ ޒަމާނީ ތަރައްގީ ގެ މައި ދޮރޯށި

ރާއްޖެއަކީ ރާއްޖޭގަ ބޭނުންކުރާ ހުރިހާ އެއްޗެއްސެންހެން އިމްޕޯރޓް ކުރާ ގައުމެއް ކަމުގައިވީ ނަމަވެސް، 1980 ގެ އަހަރުތައް ފެށިގެން ދިޔައިރުވެސް، މުދާ އަރުވާ ބޭލުމުގެ ޚިދުމަތް ދިނުމަށް ހެދިފައިވާ ބަދަރެއް ނުވަތަ ޕޯރޓެއް، މާލެ ކީއްކުރަންތޯ ރާއްޖޭގެ އެހެން ތަނެއްގަވެސް ހެދިފައެއް ނެތެވެ. އެ ޚިދުމަތް ވަރަށް އާދައިގެ ގޮތަކަށް ދެމުން ދިޔައީ މާލޭގެ އުތުރު ފަރާތު ފަޅުތެރޭގަ، މިހާރު ޖުމްހޫރީ މައިދާނާ ބޮޑު ފާލަން އެ ހުރި ސަރަހައްދުގެ އެއްގަމާ ފަޅުތެރޭގައެވެ. އެ މަސައްކަތް ކުރަމުންދާ އިރެއްގަ އެދިމާލުން އޭރުގެ މެރިން ޑްރައިވް، މިހާރުގެ ގޮތުންނަމަ ބޮޑުތަކުރުފާނު މަގު، ހިގާ މީހުންނަށާ މަދު ނަމަވެސް ދުއްވާ އެއްޗެއްސަށް ބަންދު ކޮށްގެންނެވެ.

ކުޑަ ގޮތަކަށް ނަމަވެސް މާލޭ ފަޅު އޭރު ހެދިފައޮތީ ރަށުގެ އުތުރު ފަރާތުގައެވެ. އެއީ އޭރުގެ ހެންވޭރު ދޯނި އެހެލާ ތަން މިހާރު މާލެ/ހުޅުލެ ފެރީގެ ޚިދުމަތްދޭ ތަނާ، މާފަންނު ދޯނި އެހެލާތަން މިހާރު މާލޭ ވިޔަފާރި ބަދަރުގެ ސަރަޙައްދާ ދެމެދުގެ ފަޅުތެރެއެވެ. ފަޅަށް ވަންނަން އޭރުވެސް ބޭނުންކުރީ މިހާރުވެސް ބޭނުން ކުރަމުންދާ ނެރު ތަކެވެ.

ފަޅު ފުންކުރަން ގެންގުޅުނީ 1903 ވަނަ އަހަރު އިގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފައޮތް ދަތްގަޑު ޖައްރާފާ ނުވަތަ ބަކެޓް ޑްރެޖަރެކެވެ. އެއީ 4 ހޯސް ޕަވަރުގެ ލިސްޓަރ އިންޖީނަކުން ވިންޗެއް ހިންގައިގެން، އެ ވިންޗުގަ ހުޅުވާ ލައްޕާ އަދި ފަޅު އަޑިއަށް ތިރިކޮށް ނަގާ ދަތްގަޑަކުން ފަޅު ކޮންނަ ޖައްރާފާ އެކެވެ.

ދުނިޔޭގެ އެހެން ތަންތާގެ ކޯރުތަކާ ރާއްޖޭގެ ރަށްރަށުގެ ފަޅުތަކާ އުފެދުމުގަ ބޮޑެތި ތަފާތު ތަކެއް ހުރުމާއެކު، އަދި 1980 ގެ އަހަރުތަކާ ހަމައަށް އައިއިރު ޖައްރާފާގެ ޢުމުރުން 70 ވަރަކަށް އަހަރަށްވުރެވެސް ގިނަ ދުވަސްވެފަ އޮތުމުގެ ސަބަބުން މަރާމާތަށް މަސައްކަތް ނުކުރެވިދާ ދުވަސްތައްވެސް ގިނަ ކަމުންނާއެކު، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ކޮނެވެނީ ފަޅުގެ ވަރަށް ކުޑަތަންކޮޅެކެވެ. އެންމެ ރަގަޅަށް މަސައްކަތް ކުރެވޭ ދުވަސް ދުވަހުވެސް އެންމެ ގިނައިން ނެގެނީ ގާތްގަޑަކަށް 100 ކޮޑިފޫޓުގެ ވެއްޔެވެ.

އެކަށީގެންވާ ގޮތަކަށް ފަޅުފުންކޮށް ބެލެހެއްޓޭނެ ގޮތެއް ނެތުމާ، ފުން ކުރެވޭ ތަންތަންވެސް ދާދި އަވަހަށް ވެލިއެޅި ތިލަވަމުން ދިޔުމާއެކު، މާލޭ ފަޅުން ބިންހިއްކުމުގެ މަޝްރޫޢު ގެ ތެރެއިން މާލޭގެ ފަޅު ފުންކުރެވުމާ ހަމައަށް، ފަޅުގެ އެކި ދިމަދިމާލުގަ ހިކިދިޔައިގަ އާދައިގެ މީހެއްގެ އިސްކޮޅު ކައެވެ. މަދުން ނަމަވެސް ތަންކޮޅެއް ގިނައިން މުދާ ބަރުކޮށްފަ އޮންނަ އުޅަދު ފަޅުތެރެއަށް ބީހުމުގެ ހާދިސާތައްވެސް ހިގާފަ އެބަހުއްޓެވެ.

1980 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 1990 ގެ އަހަރުތަކުގެ ފަހުކޮޅާ ދެމެދު ފެންވަރު ރަގަޅު އިންޖިނިއަރިންގ ޑިޒައިނަކަށް މާލެ ވަށާ ރިޓެއިނިންގ ވޯލެއް ހެދެންދެން، މާލޭގެ އުތުރު ފަރާތުގެ ގޮޑުދޮށު ގައޮތީ ހިކިދިޔައިގަ ފެނުއަޑި ހުސްގަލުން، ފެންމަތި ސިމެންތި ލައިގެން ގަލުން ރާނާފައޮތް އެއްގަމު ތޮށްޓެކެވެ. މި ތޮށްޓާ ކައިރިކުރާ އުޅަދުތަކުން ޖެހުމުގެ ސަބަބުންނާ ބައެއް ފަހަރު ފަޅުތެރެ ގަދަވުމުގެ ސަބަބުން، މި ތޮށްޓަކީ އަބަދާ އަބަދު މަރާމާތު ކުރަންޖެހިފަ އޮންނަ ތޮށްޓެކެވެ.

މާލޭގެ ގޮޑުދޮށެކޭ އެއްފަދައިން 1990 ގެ އަހަރުތަކުގެ ތެރޭގަ ރަގަޅު ފެންވަރެއްގެ ބްރޭކްވޯޓަރެއް ހެދެންދެން، މާލޭގެ އުތުރު ފަރާތު އުރަފަށުގަ އޮތީ، އަޅުގަޑު އަހާ ގޮތުގަ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގަ އެ ރަދުންގެ އަމުރުފުޅަށް ރައްޔިތުން ނުކުމު ގަލުން ލާފަ އޮތް ކަނޑު ތޮށްޓެކެވެ. ޒަމާންތައް ހިގައިގޮސް 1980 ގެ އަހަރުތަކާ ހަމައަށް އަންނަންދެންވެސް ކަނޑު ގަދަވުމުގެ ސަބަބުންނާ، މީހުން އަރާ އުޅުމާ އަދި އެހެނިހެން ސަބަބުތައް މެދުވެރި ވެގެން ތޮށީގެ ގާތައް ފައިބައިގެން ދިޔުމުން އަނެއްކާވެސް މަރާމާތު ކޮށް އިހުއޮތް ޙާލަތަށް ގެންނަމުން ގޮސްފައިވާ މާލޭގެ މުހިއްމު ބިނާއެކެވެ.

ހަމަ އެކަނި ތާރީޚަށްޓަކާ ބަޔާން ކުރަމެވެ. މާލެގެ އުތުރު ފަރާތުގެ ރިޓެއިނިންގ ވޯލް ފިޔަވާ މާލެ ވަށާ ހަދާފައިވާ ފެންވަރު ރަގަޅު ރިޓެއިނިންގ ވޯލާ، މާލޭގެ އުތުރު ފަރާތާ ދެކުނު ފަރާތުގެ ބްރޭކްވޯޓަރަކީ 1987 ވަނަ އަހަރު މާލެއަށް އެރި ބޮޑުރާޅަށްފަހު، ޖަޕާން ސަރުކާރުގެ އެހީގާ ހެދިފައިވާ ތަންތަނެވެ. ނަމަވެސް މާލޭގެ އުތުރު ފަރާތުގެ ރިޓެއިނިންގ ވޯލް ހަދާފައިވަނީ އޭގެ ކުރިން، މާލޭ ފަޅުން ބިއްހިއްކުމުގެ މަޝްރޫޢާ މާލޭ ވިޔަފާރި ބަދަރުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމާ ގުޅިގެން 1986 ން 1989 އާ ދެމެދުގައެވެ.

އެ ޒަމާނުގަ ބޭރު ދަތުރު ކުރާ ބޯޓް ފަހަރުން މުދާ ހުސްކޮށް މުދާ ބަރު ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިގަމުންދިޔަ ޑިޕާރޓްމަންޓެއް ކަމުގަވާ ޝިޕިންގ ޑިޕާރޓްމަންޓުންނެވެ. މަސައްކަތުގެ ޒިންމާ އެ ޑިޕާރޓްމަންޓާ ޙަވާލު ކުރެވިފައިވީ ނަމަވެސް، މަސައްކަތު މީހުން ފިޔަވާ އެ މަސައްކަތް ކުރުމަށް ބޭނުންވާ އެހެން ވަސީލަތެއް އެ ޑިޕާރޓްމަންޓަކު ނެތެވެ.

މުދާ އަރުވާ ބާލަން ބޭނުންކުރި ކްރޭން ތަކާ ލޮރީ/ޓްރެކްޓަރ ފަދަ މަދު އިކުވިޕްމަންޓް ހުރީ މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް ގެ ދަށުން ހިގަމުންދިޔަ ޑިޕާރޓްމަންޓް އޮފް ބޯޓްސް އިކްވިޕްމަންޓް ގިޔަރ I ގައެވެ. އިގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފަ އޮތް ޓަގް ބައިސަނާ ބޯޓް ބައްތެލި އެހެންނަމަކުންނަމަ ބަނޑު ފަދަ އުޅަދުތައްހުރީ ހަމަ އެ މިނިސްޓްރީގެ ދަށުން ހިގަމުންދިޔަ ޑިޕާރޓްމަންޓް އޮފް ބޯޓްސް އިކުވިޕްމަންޓް ގިޔަރ II ގައެވެ. މަސައްކަތުގަ ބައެއް ފަހަރު ބޭނުންކުރާ ލޯންޗް ފަދަ އުޅަދުތައް ހުރީވެސް ޓްރާންސްޕޯރޓް މިނިސްޓްރީގެ ދަށުން ހިގަމުންދިޔަ މެރިން ޑިޕާރޓްމަންޓް ގައެވެ. މާލޭ ފަޅު ފުންކޮށް ބެލެހެއްޓުމާ، އެއްގަމު ތޮށްޓާ ކަނޑު ތޮށި މަރާމާތުކޮށް ބަލަހައްޓަމުން ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިގަމުން ދިޔަ ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓުންނެވެ.

މީގެ އިތުރުން ކަސްޓަމްސް ގެ ހަގީގީ މޭންޑޭޓަކީ އެކްސައިސް ކޮންޓްރޯލް ކަމުގަ ވީނަމަވެސް، ކޮންމެވެސް ޒަމާނެއްގަ މުދާ އަރުވާ ބާލާ ސަރަޙައްދަށް ކަސްޓަމް ސަރަޙައްދޭ ކިޔިފަ އޮތުމުގެ ސަބަބުން މަސައްކަތް ކުރަމުންދާއިރު އޭގެ ތެރެއަށް ކަސްޓަމުން ވަނުމުގެ ކަންތައް މެނޭޖް ކުރުންވެސް ކުޑަކަމަށް ނުވެއެވެ.

ކޮންމެ މަހަކްމާ އެއްގަ ތަފާތު ވެރިޔެކެވެ. ތަފާތު ނުފޫޒްތައް ގެންގުޅުނު އެކި ދަރަޖައިގެ އިސް މުވައްޒަފުންނާއި އާދައިގެ މުވައްޒަފުންނެވެ. ސެކްރެޓެރީންނާ، ކާތިބުންނާ، ސަރުދާރުންނާ، ޕިޔޯނުންނެވެ. އެހެންކަމުން ބޯޓެއް ހުސްކޮށް ބަރުކުރަންޖެހޭ ވަގުތު މަސައްކަތްތައް ވިލަރެސްކޮށް އެންމެ އެދެވޭ ނަތީޖާ ނެރުން އޮންނަނީ ބިރުވެރި ހުވަފެނެއްގެ ތެރޭގަ އުޅުންފަދަ ކަމަކަށްވެފައެވެ.

މި ފަސްމަންޒަރުގެ ތެރެއިން އެ ޒަމާނުގަ މުދާ އަރުވާ ބޭލުމުގެ މަސައްކަތް ހިގަމުންދިޔަ ގޮތަށް ނަޒަރު ހިންގާލަމާތޯއެވެ. މުދާ ހިފައިގެން ބޯޓެއް އަންނަ ކަމުގެ މައުލޫމާތު ފުރަތަމަ ޝިޕިންގ ޑިޕާރޓްމަންޓަށް ލިބުމުން، އެ މައުލޫމާތު އެ ޑިޕާރޓްމަންޓުން ކަމާބެހޭ އެހެން ހުރިހާ އިދާރައަކަށް އަންގާނެއެވެ. ބޯޓް އައިސް ބަދަރު ކުރާނީ މާލެ އަތޮޅު ދޫނިދޫ ކައިރީގައެވެ.

ބޯޓް ބަދަރު ކުރުމުން މެރިން ޑިޕާރޓްމަންޓްގެ ސީކިންގ ނުވަތަ ސީމާސްޓަރ ގަ ކަސްޓަމްސް އަދި އިމިގްރޭޝަން އޮފިސަރުން ބޯޓަށް އަރާނެއެވެ. މި ދެ އިދާރާގެ ކްލިއަރެންސް ލިބޭއިރު ގިޔަރު II ގެ ބައިސަން ކިޔާ ޓަގުގެ ކަފުގަ، ބައިސަން ހަލާކުވެފަ އޮންނަ ވަގުތަކު މެރިން ޑިޕާރޓްމަންޓްގެ ލޯންޗެއްގެ ކަފުގަ ގިޔަރު II ގެ ބޯޓް ބައްތެއްޔެއް ނުވަތަ ބަޑެއް ބޯޓް ކައިރިއަށްގޮސް އަޅާނެއެވެ. އެ ބަޑުގަ ޝިޕިންގ ޑޕާރޓްމަންޓްގެ ސަރުދާރަކާ މަސައްކަތު މީހުންވެސް ބޯޓަށް ދާނެއެވެ. މަސައްކަތު މީހުން ބޯޓަށްދާއިރު އެކި ވައްތަރުގެ އެކިވަރުގެ ސަވާޖީ ގެންދާނެއެވެ.

ސަވާޖީއަކީ މުދާ އަރުވާ ބާލާއިރު ނުވަތަ ބަރު އެއްޗެއް އުފުލާއިރު އޭގަ އަޅުވާ ފަލަ ވަލެކެވެ. އޭގެ އެއްކޮޅު އަޅުވާފަ އޮންނާނީ މުދަލުގައެވެ. އަނެއް ކޮޅު އަޅުވާނީ ބޯޓުގަ ނަމަ ބޯޓުގެ ސޭލާ ގައެވެ. އެއްގަމުގަ ނަމަ އެއްގަމުގަ އޮންނަ ކްރޭން ގައެވެ. ސަވާޖީ އަޅުވާ ނެއްޓުމަކީ ކޮންމެ މުދަލަކަށް ވަކި ޙަރަކާތެކެވެ. އެހެންކަމުން ކޮންމެ މުދަލަކަށް ތިން ފަހަރު ސަވާޖީ އަޅުވާ ނުވަތަ ނައްޓަންޖެހެއެވެ. އެއީ އެއްފަހަރު ބޯޓުގަ، އަނެއް ފަހަރު ބަޑުން އެއްގަމަށް ބޭލުމަށް، އަދި ތިންވަނަ ފަހަރު ގުދަނުގައެވެ.

ބޯޓެއް ހުސްކޮށް ބަރުކޮށް ނިމޭއިރު ހުރިހާ ސަވާޖީތައް ހުންނާނީ ކަންފަތި ވެފައެވެ. އެހެންކަމުން ބޯޓެއް ބަދަރުގަ ނެތިއްޔާ ޝިޕިންގ ޑިޕާރޓްމަންޓްގެ މަސައްކަތު މީހުންގެ މައިގަޑު މަސައްކަތަކަށްވެފަ އޮންނަނީ ސަވާޖީތައް މަރާމާތު ކުރުމާ ސަވާޖީ ހެދުމެވެ.

ބޯޓުން ބަޑަށް ފުރަތަމަ ބާލާނީ ފަލްކާ މަތީގަ ހުންނަ ވެހިކަލް، އުޅަދު، އިންޖީނު ފަދަ އެއްޗެއްސެވެ. އޭގެ ފަހުން ފަހަރަކު ފަލްކާ އެއް ހުޅުވާފަ އޭގަ ހުންނަ މުދަލެވެ. ވެހިކަލް، އުޅަދު ނުވަތަ އިންޖީނު ފަދަ އެއްޗެތި ބޯޓުގަ ހުރިނަމަ، ބަޑުގަ އަށި އަޅަން ޖެހުނެވެ. އޭރު ސަރުކާރުގަ ހުރީ މުޅިން އަގަމަތި ބަޑެވެ. ފްލެޓް ޓޮޕް ބާޖެއްގެ މިންވަރުވެސް އޭރަކު ނެތެވެ.

ބޯޓު ކައިރީގަ އޮންނަ ބަޑު ފުރުނީމަ އެ ބަނޑު ގެންނާނީ މުދާ ބާލާ ސަރަޙައްދުގެ އެއްގަމު ތޮށިގަޑު ކައިރިއަށެވެ. ބޯޓް ހުސްވަންދެން ފަހަރަކު ބަޑެއް މުދާ ބަރުކޮށްގެން ތޮށިގަޑު ކައިރިއަށް ގެންނާނެއެވެ. އޭރު މުދާ ބޭލުމަށްޓަކާ ގިޔަރު I ގެ ކްރޭނެއް ތޮށިގަޑު ކައިރީގަ އޮންނާނެއެވެ. އާދައިގެ ގޮތެއްގަ ރާއްޖެއަށް އޭގެ އެތައް އަހަރެއް ކުރިން ފުރަތަމަ ގެނައި ނީލް ކްރޭނެވެ. ތަންކޮޅެއް ބަރު މުދަލާ ޚާއްޞަ މުދާ ބާލަން ސަރުކާރުން ފަހުން ހޯއްދެވި ކޯލްސް ކްރޭނެވެ. ނޫނީ 1970 ގެ އަހަރުތަކުގެ ކުރީކޮޅު އިގިރޭސި ރާނީ ރާއްޖެއަށް ކުރެއްވި ދަތުރު ފުޅާ ގުޅިގެން އިގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާ ކުރި ރާނީ ކްރޭނެވެ.

އެއްގަމަށް މުދާ ބޭލުމުން ބަސްތާގަ ހުންނަ މުދާ އެކަމަށް އޮންނަ ދެތިން ވެހިކަލްގަ ގެންދާނީ މި ބާވަތުގެ މުދާ ރައްކާ ކުރަން ހުންނަ ޚާއްޞަ ގުދަން ތަކަށެވެ. އެނޫން މުދާ ކޮންސައިން ކޮށްފަ ހުންނަ ފަރާތްތަކުން ގެންދަންދެން ވައްދާފަ ބެހެއްޓީ އެކަމަށްޓަކާ އޭރު، މިހާރުގެ ޖުމްހޫރީ މައިދާނުގެ ހުޅަގު ކޮޅުގަ ހަދާފަހުރި ގުދަނަކަށެވެ. ޒަމާނަކީ ފޯކްލިފްޓެއް ވަރުވެސް ސަރުކާރުގަ ނެތް ޒަމާނަކަށްވީތީ، ހުރިހާ މުދަލެއް އުފުލީ މަސައްކަތު މީހުންގެ ކޮޑުމަތީގައެވެ. ނުވަތަ އެ މުދަލެއްގެ ބާވަތުން ތަންޑިޔާ ލައްވައިގެން އެ މީހުންގެ އަތްމަތިންނެވެ.

މަސައްކަތް ކުރަންހުރި ވަސީލަތްތަކަށް އެދެވޭ ބަދަލެއް ނުގެނެވި ރާއްޖެ ގެންނަ މުދަލާ ރާއްޖެއިން ބޭރުކުރާ މުދާ ދިޔައީ މަހުންމަހަށް އިތުރުވަމުންނެވެ. އަނެއްކޮޅުން މީހުންގެ ވަރުބަލިކަން އިތުރުވެ ސަލާމް ގިނަވުމާ، މަސައްކަތުގަ ބޭނުން ކުރަމުންދިޔަ ވެހިކަލްތަކާ އުޅަދުތަކަށް ބަރުބޮޑުވެ ކަންފަތިވަމުން ދިޔުމުގެ ސަބަބުން، އަދި ކަމާބެހޭ އިދާރާ ތަކުގަ ވިލަރެސް ކުރުމުގެ ނިޒާމްގަ ހުރި މައްސަލަތަކާ، ފިޒިކަލް އިންފްރާސްޓްރަކްޗަރގަ ހުރި ބަލިކަށި ކަމުން، މި މަސައްކަތުގަ ތަފާތު ކޮށިއެރުންތައް ދިޔައީ ކުރިމަތިވަމުންނެވެ.

ނަތީޖާއަކީ ބަދަރަށް އަންނަ ބޯޓް ފުރުވާލުން ލަސްވެ، ބޯޓް ދުއްވާ ކުންފުންޏަށާ ވިޔަފާރިވެރިންނަށް ވާ ގެއްލުންތައް އިތުރުވެ. ގައުމީ އިގުތިޞާދަށް ފޫނުބެދޭ ވަރުގެ ގެއްލުންތަކާ ކުރިމަތިވުމެވެ. ކަން މިހިސާބަށް ދިޔުމުން އޭރުގެ ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓުން ކަންކަން ރަގަޅުކޮށް ތަރައްގީ ކުރާނެ ގޮތުގެ ޕްރޮޕޯސަލެއް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވިއެވެ.

އެ ޕްރޮޕޯސަލް އެކުލެވިގެންވީ މައިގަޑު ތިންކަމެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ ރާއްޖޭން ބޭރުން އަންނަ ބޯޓް ފަހަރަށް މުދާ އަރުވާ ބޭލުމަށް އިންވަކި ކޮށްފައިވާ ވަކި ސަރަޙައްދެއް މާލޭގަ ކަނޑައެޅުމަށާ އެ ސަރަޙައްދު ޕޯރޓެއް ނުވަތަ ވިޔަފާރި ބަދަރެއްގެ ގޮތުގަ އެކަށައަޅާ، ކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ހެދުމެވެ. ދެ ވަނަ ކަމަކީ މާލެއާ އަތޮޅު ތަކާ ދެމެދުގެ ވިޔަފާރިއަށްވެސް އިން ވަކިކޮށްފައިވާ މާލޭ ފަޅާ އެއްގަމުގެ ވަކި ސަރަޙައްދެއް ކަނޑައަޅައި އެތަން އެކަށީގެންވާ ގޮތަށް ތަރައްގީ ކުރުމެވެ. ތިންވަނަ ކަމަކީ މާލޭ ޕޯރޓާ ހާބަރާ ބެހޭ ގޮތުން ސަރުކާރުގެ އެތައް ފަރާތަކުން އޭރު ކުރަމުންދިޔަ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށަށް ގެންނަވައި، މާލޭ ޕޯރޓް އަދި ހާބަރ ގެ ކަންކަން ހިންގާ ބެލެހެއްޓުމުގެ މޭންޑޭޓް ޙަވާލު ކޮށްފައިވާ ޚާއްޞަ އިދާރާއެއް އުފެއްދެވުމެވެ.

މިކަންކަމާމެދު ސަރުކާރުން ވިސްނުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މާލޭ ޕޯރޓް މިހާރު އެއޮތްތަނަށް ބަދަލުކޮށް، އިން ވަކިކޮށް އެ ސަރަޙައްދު އެކަމަށް ޚާއްޞަ ކުރުމަށާ، މާލެއާ އަތޮޅުތަކާ ދެމެދުގެ ވިޔަފާރިއަށް މާލޭގެ ހުޅަގު ދެކުނު ކަންމަތީގަ އިންވަކިކޮށް އިންޓަރ އައިލެންޑް ހާބަރެއް ހަދާ ތަރައްގީ ކުރުމަށާ، ޑިޕާރޓްމަންޓް އޮފް ބޯޓްސް އިކްވިޕްމަންޓް ގިޔަރު I އާ II އާއި، މެރިން ޑިޕާރޓްމަންޓާ، ޝިޕިންގ ޑިޕާރޓްމަންޓް އުވާލާ، ބޭރުން ރާއްޖެއަށް އަންނަ ބޯޓް ފަހަރު ހުސްކޮށް ބަރުކުރުމުގެ ޚިދުމަތް ދިނުންވެސް ހިމެނޭގޮތަށް، މޯލްޑިވްސް ޓަރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީގެ ނަމުގަ ރައްޔިތުންނާ ސަރުކާރު ބައިވެރިވާ ކުންފުންޏެއް އުފައްދަވާ، އުވާލެވޭ އިދާރާ ތަކުގެ މުވައްޒަފުންނާ އެތަންތާގެ ހުރިހާ އެސެޓެތައް އަލަށް އުފެއްދެވި ކުންފުންޏާ ޙަވާލު ކުރުމަށެވެ.

މިކަންކަން މިގޮތަށް ހަމަޖެއްސެވި ނަމަވެސް، މާލޭ ފަޅުތެރޭގެ ކަންކަން ހިންގާ ބެލެހެއްޓުމަކަށް ބަދަލެއް ނުގެންނަވައެވެ. ހަމަ އެކަނި ނިންމެވީ ޕޯރޓްކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓް ގެ ނަން ޑިޕާރޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރަށް ބަދަލު ކުރުމާ، އެ ޑިޕާރޓްމަންޓްގަ ކުރިންވެސްއޮތް ޕޯރޓޮފޯލިއޯގެ ތެރެއަށް ރާއްޖޭގާ ވަޒީފާ އަދާ ކުރުމާ މަސައްކަތް ކުރުމުގެ ކަންކަން ބެލެހެއްޓުން އިތުރު ކުރެއްވުމަށެވެ.

މިކަންކަމުގެ އިތުރަށް މާލޭ ޕޯރޓް ނުވަތަ މާލޭ ވިޔަފާރި ބަދަރު މިހާރުއޮތް ތަނުގަ ތަރައްގީ ކުރުމާ މާލޭ ހުޅަގު ދެކުނު ކަންމަތީގަ މާލެއާ ރާއްޖެތެރޭގެ ވިޔަޕާރިއަށް ޚާއްޞަ އިންޓަރ އައިލެންޑް ހާބަރެއް ހެދުމުގެ މަސައްކަތް ސްޕެޝެލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަލީ ޢުމަރު މަނިކާ، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް އަދި ނެޝެނަލް ޕްލޭނިންގ އޭޖެންސީ އާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދަން ޑިޕާރޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރަށް ރައީސުލްޖުމްހޫރިއްޔާ އެންގެވިއެވެ.

މި މައުޞޫ އާ މުޅިން ނުގުޅުނު ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާ ކުރުމަށްފަހު ނިމުނީ އިންޓްރ އައިލެންޑް ހާބަރެއް ހެދުމުގެ މަޝްރޫޢު ޔުނައިޓެޑް ނޭޝަންސް ކެޕިޓަލް ޑިވެލޮޕްމަންޓް ފަންޑް ޔޫ.އެން.ސީ.ޑީ.އެފަށް ހުށަހަޅައިގެން އެހީ ހޯދުމަށެވެ. އެގޮތުގެ މަތިން އެ އޭޖެންސީއަށް މަޝްރޫޢު ހުށަހަޅާ އެހީ ލިބިގެން އެ ހާބަރުގެ ނެރު ހަދާ، ފަޅުފުންކޮށް، ރިޓެއިނިންގ ވޯލް ހެދުނެވެ. އަދި އެ ހާބަރުގަ ގުދަން، ފިހާރަ ފަދަ ތަންތަން ހެދުމަށް އިން ވަކި ކުރެވުނެވެ. މިހާރު މަޝްހޫރު ކުޑަތައް އެހުރީ އެ ސަރަޙައްދުގައެވެ.

މާލޭ ވިޔަފާރި ބަދަރު ހެދުމާ ބެހޭގޮތުން މަޝްވަރާ ކޮށް ހަމަޖެހުނީ އޭރު ޕޯރޓް ޚިދުމަތް ދިނުމުގަ ހުރި ދަތިތަކަށް އަވަސް ޙައްލެއް ހޯދުމަށްޓަކާ ބޭންކް އޮފް ސިލޯނުން 1.2 މިލިއަން ޑޮލަރުގެ ކޮމާރޝަލް ލޯނެއް ހޯދައިގެން މަސައްކަތް ކުރިޔަށް ގެންދާށެވެ. އަދި ޕޯރޓް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށްޓަކާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ގެ އެހީ ހޯދާށެވެ.

މި ނިންމުމާ އެއްގޮތްވާ ގޮތުގެމަތިން ކޮމާރޝަލް ލޯނެއް ހޯދައިގެން ވިޔަފާރި ބަދަރު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހި ނިންމާ ބަދަރު ކަމިޝަން ކުރެވުނީ 1986 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އެ ފިޔަވަހީގަ ހިމެނުނީ ސަރައްދުގެ އިރުމަތީ ފަރާތާ ހުޅަގު ފަރާތް ޝީޓްޕައިލް ކުރުމާ، ސަރަޙައްދުގަ މުދާ ބަހައްޓާނެ ގުދަނެއް ހެދުމާ، ކަސްޓަމްސް ހިންގާނެ ޢިމާރާތެއް ހެދުމާ، އަދި އަޅުގަޑު ހަދާންވާ ގޮތުގަ ދެ ފްލެޓް ޓޮޕް ބާޖާ ހަތަރު އާދައިގެ ބަޑު ބަނުމާ، ހަތަރު ފޯރކްލިފްޓް ހޯދުމެވެ.

މި ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ސަރުކާރުން މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީ އުފައްދަވާ، މާލޭ ވިޔަފާރި ބަދަރުގެ އޯނަރޝިޕް އެ އޮތޯރިޓީ އާ ޙަވާލު ކުރެއްވިއެވެ. އެހެންނަމަވެސް މުދާ އަރުވާ ބޭލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީން ވަތްކެއް ނުކުރައްވައެވެ. ހަމަޖެއްސެވި ގޮތަކީ އެ މަސައްކަތަކީ ޕޯރޓްސް އޮތޯރިޓީ އާ އެ ކުންފުންޏާ ދެމެދު ކުރެވޭ އެގްރިމެންޓެއްގެ ދަށުން އެ ކުންފުނިން އެ މަސައްކަތް ކުރަމުން ގެންދިޔުމަށެވެ

ނަމަވެސް ރޭވުނު ގޮތަށް ކަންކަމެއް ނުހިގިއެވެ. އެމް ޕީ އެލް އާ އެމް ޓީ ސީ ސީ އާ ދެމެދު ކުރި އެގްރިމެންޓްގެ ދަށުން ޕޯރޓް ސަރަޙައްދާ ޕޯރޓްގެ އިކުއިޕްމަންޓް ބޭނުން ކުރުމަށް އެމް ޓީ ސީ ސީ ން ޕޯރޓް އޮތޯރިޓީއަށް ފީއެއް ދައްކަންޖެހެއެވެ. އެމް ޓީ ސީ ސީން އެ ފީ ދައްކަން ޖެހުމުން ކުންފުންޏަށް ގެއްލުން ވަމުން ދާކަމަށް ބުނެ އެ ކުންފުނިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މައްސަލަ ހުށަހެޅިއެވެ.

މައްސަލަ އާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ސަރުކާރުގެ މަތީ ދަރަޖައިގެ ކޮމިޓީއަކާ މަޝްވަރާ ކުރެއްވުމުން، ކޮމިޓީން ރައީސަށް ލަފާ އެރުވީ އިންޓަރނެޝެނަލް ޓެންޑަރަކުން ޕޯރޓްގެ ޚިދުމަތް ދިނުން ބޭރުގެ ކުންފުންޏަކަށް ދިނުމަށެވެ. ނަމަވެސް، އިސްތިރާޖީ ސަބަބުތަކަށް ވިސްނެވުމަށްފަހު، އަދި މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީންވެސް އެ ގޮތަށް ރައީސް އަރިހުން އެދެމުން ދިޔުމާއެކު، ރައީސް ނިންމެވީ ތަފާތު ނަތީޖާއެއް ނެރެވޭތޯ ބެލުމުގެ ގޮތުން 3 މަސް ދުވަހުގެ މުއްދަތަށް ޕޯރޓްގެ ޚިދުމަތް ދިނުންވެސް އެ އިދާރާ އާ ޙަވާލް ކުރައްވާށެވެ.

މި ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން އެމް ޓީ ސީ ސީ ގަތިބި ޕޯރޓް އޮޕަރޭޝަންސާ ބެހޭ މުވައްޒަފުން ސަރުކާރުން ޕޯރޓްސް އޮތޯރީޓީ އަށް ބަދަލު ކުރެއްވިއެވެ. އަދި ޕޯރޓާ ބެހޭ ކަންކަމުގަ ޕޯރޓްސް އޮތޯރިޓީގެ މެނޭޖިންގ ޑިރެކްޓަރަށް އިރުޝާދާ ލަފާ ދެއްވަން ވަޒީރުންނާ ސަރުކާރުގެ އިސް ވެރިން ހިމެނޭ ޑިރެކްޓަރުންގެ ބޯޑެއްވެސް ހަމަޖައްސަވައި ދެއްވިއެވެ.

އެމް ޓީ ސީ ސީ ން ޕޯރޓްސް އޮތޯރިޓީ އަށް ބަދަލު ކުރެއްވި މުވައްޒަފުންގެ ތެރޭގަ ޝިޕިންގ ޑިޕާރޓްމަންޓް ގެ ދުވަސްވަރުން ފެށިގެން ޕޯރޓް ޚިދުމަތް ދިނުމުގެ އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވައިގެން ތިއްބެވި މުޙައްމަދުލަޠީފާ މުޙައްމަދު ނިޒާރު އޮތޯރިޓީގެ ޕޯރޓް އޮޕަރޭސަންސް އާ ބެހޭ އެސީސްޓެންޓް ޑިރެކްޓަރުންގެ ގޮތުގަ، އަދި ދޮންލުނބޯ އަހުމަދު ފުޅާ ޢަބްދުއްރައްޒާގް އޮތޯރިޓީ ސުޕަވައިޒަރުންގެ ގޮތުގަ ހަމަޖައްސަވާ ދެއްވިއެވެ. މި ބޭފުޅުންނާ ޕޯރޓްސް އޮތޯރިޓީ އުފެދުނީއްސުރެ އޮތޯރިޓީގެ އިދާރީ ކަންކަމާ ޙަވާލު ވެވަޑައިގެންހުންނެވި އެސިސްޓެންޓް ޑިރެކްޓަރ މަހުދީ ޢިމާދާ އޮތޯރިޓީ ގެ ކަންކަން ހިންގުމާ ބެލެހެއްޓުމުގާ މެނޭޖިންގ ޑިރެކްޓަރާ އެންމެ ކައިރިން އެހީތެރިވެ ވަޑައިގެންދެއްވި ޑިރެކްޓަރ މުޙައްމަދު ޒަކީ ހިމެނިގެން އެކުލަވާ ލެވުނު ޓީމުން މާލޭ ބަދަރުގަ މުދާ އަރުވާ ބޭލުމަކީ ފައިދާހުރި މަސައްކަތަކަށް ހެދުމަށާ މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީއަކީ އެތަނުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކާ ސަރުކާރުގެ އިތުބާރު ލިބިގެންވާ އިދާރާއަކަށް ހެދުމަށް ދިގު މުއްދަތެއް ނުނެގިއެވެ.

ތިން މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގަ ރަގަޅު ނަތީޖާ ފެނުމާއެކު، 1 ޖަނަވަރީ 1987 ން ފެށިގެން އެ ޚިދުމަތް ދިނުމަކީ ޕޯރޓްސް އޮތޯރިޓީގެ މެންޑޭޓްގަ ހިމެނޭ ކަމެއްކަމުގަ ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވިއެވެ.

މި ދެންނެވި ކަންކަން ހިގަމުންދިޔައިރު، ބަދަރު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހިވެސް ރޭވެމުންދިޔައެވެ. އެ ފިޔަވަހި ހިންގަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީ ނެގޯޝިއޭޓް ކުރަން މަތީ ފެންވަރުގެ ވަފްދެއް ސަރުކާރުން މެނީލާއަށް ފޮނުއްވިއެވެ. ވަފްދުގެ ވެރިއަކަށް ވަޑައިގަތީ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަލީ ޢުމަރު މަނިކެވެ. ވަފްދުގަ ހިމެނިވަޑައިގެން އެހެން ބޭފުޅުންނަކީ ޑިޕާރޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ އިސްމާޢިލް ފަތުހީ އާ، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ޑިރެކްޓަރ އޮފް އެކްސްޓާރނަލް ރިސޯސަސް މުޙައްމަދު ޝަރީފާ، ނެޝެނަލް ޕްލޭނިންގ އޭޖެންސީގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝިހާބާ، ޑިޕާރޓްމަންޓް އޮފް ފިނޭންސްގެ އެސިސްޓެންޓް ޑިރެކްޓަރ ބަންދު އިބްރާހިމް ސަލީމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ވާރކްސް ކޮންސަލްޓެންޓް އަދި ޑިޕާރޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ ގެ ޑިރެކްޓަރެވެ.

މާލޭ ވިޔަފާރި ބަދަރު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގަ ހިމެނުނީ މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމާ، މުވައްޒަފުންނަށް ތަމްރީން ދިނުމާ، މުދާ އެތެރެކޮށް ބޭރު ކުރުމުގެ އިޖުރާތުތައް އޮމާންކޮށް ކަމާބެހޭ ފަރާތްތަކަށް އަންގާ އަހުލުވެރި ކުރުމުގެ ކަންކަމެވެ. މީގެ އިތުރަށް ބަދަރު ސަރަޙައްދުގެ އުތުރު ފަރާތުގަ މިހާރު އެއޮތް މަގަތު ފާލަން ނުވަތަ އެލޯންގްސައިޑް ބާރތް އެތާ ހެދިދާނެތޯ ބެލުމަށް އެދިމާލުގެ ސަރފެސް އަދި އަންޑަރވޯޓަރ ކަރަންޓްސް (އޮއިވަރު) ހުރި ގޮތުގެ ޓެސްޓްތައް ހެދުމާ، މޫސުމީ މައުލޫމާތު އެއް ކުރުމާ، އެފަދަ ސްޓްރަކްޗަރެއް ހެދުމަށް ކަނޑު އަޑީގެ ބިމުގަ ވަރުހުރިތޯ ބެލުމަށްޓަކާ ބޯރ ހޯލް ޓެސްޓް ކުރުންވެސް މި ފިޔަވަހީގަ ހިމެނުނެވެ.

މާލޭ ބަދަރު ހެދުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ހިގަމުން ދަނިކޮށް، އެ މަޝްރޫޢުގެ ތިންވަނަ ފިޔަވައްސަށް އޭ ޑީ ބީ ގެ އެހީ ހޯދުމުގެ މަސައްކަތްވެސް ކުރިޔަށް ދިޔައެވެ. މި ފަހަރު ޕްރޮޖެކްޓް ނެގޯޝިއޭޓް ކުރަން މެނީލާއަށް ސަރުކާރުން ފޮނުއްވި ވަފްދުގެ ވެރިއަކަށް ހުރީ މިނިސްޓަރ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ އަދި މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީ ގެ ޗެއަރމަން އެވެ. ވަފްދުގަ ހިމެނިވަޑައިގެން އަނެއް ދެ ބޭފުޅުންނަކީ ޕޯރޓްސް އޮތޯރިޓީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޢަބްދުﷲ އާ، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ޑިރެކްޓަރ އޮފް އެކްސްޓާރނަލް ރިސޯސަސް މުޙައްމަދު ޝިހާބެވެ. މި ފިޔަވަހީގަ މައިގަޑު ގޮތެއްގަ ހިމެނުނީ ބަދަރުގަ މިހާރު އެއޮތް މަގަތު ފާލަން ހެދުމާ، ގެންޓްރީ ކްރޭނެއް ބެހެއްޓުމާ، ކޮންޓައިނަރައިޒްޑް ކާގޯ ބަލައިގަނެ ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާ، ބައެއް އިކްވިޕްމަންޓް ހޯދުމާ، ތަމްރީން ދިނުމެވެ.

ޝައްކެއްނެތް ގޮތުގަ މާލޭ ވިޔަފާރި ބަދަރު ކަމިޝަންކޮށް ތަރައްގީ ކޮށް ހިންގާ ބެލެހެއްޓުމަކީ ތަރައްގީ ވެފައިވާ ގައުމެއްގެ ދަރަޖަ ހޯދަން ދިވެހިރާއްޖެ ކުރި އަދި ކުރަމުންދާ މިންނެތް މަސައްކަތްތަކުގެ ތެރެއިން މުހިއްމު މޭލުގަލެކެވެ.

ރާއްޖެ މިއޮތީ ކަނޑު މަގުން ހިގަމުންދާ ބައެނަލް އަގްވާމީ ވިޔަފާރީގެ އެންމެ މުހިއްމު ހިސާބުގަކަމީ އެއްވެސް މީހަކު ދެކޮޅު ހަދާ ކަމެއްނޫނެވެ. ސުވާލަކީ، އަދި ރާއްޖޭގެ ބަދަރުތައް ތަރައްގީ ކުރުމުގެ ދެންހުރި ފިޔަވަހި ގތަކަކީ، އެ ވިޔަފާރިއަކީ ރާއްޖޭގެ ބަދަރުތަކުގެ މައްޗަށް ބަރޯސާ ވެފައިވާ ވިޔަފާރި އަކަށް ހެދިދާނެތޯ ނުވަތަ ނޫންތޯއެވެ. ބައެއް މާހިރުން ގަބޫލް ކުރާ ގޮތުގައި އެ ބަސް ރާއްޖެ ފަހަނައަޅާ ހިގައްޖެއެވެ.

އަޅުގަޑު ހިތަށް އަރަނީ ގުދުރަތީ ގޮތުން ރާއްޖެ މިއޮތީ ބައެނަލްއަގްވާމީ ކަނޑުމަގުން ހިގާ ވިޔަފާރިގަ މުހިއްމު ހިސާބެއް ކަމުގަ ވާނަމަ، އެ ރޮގުން ރާއްޖޭގަ ފޮރުވެފައިވާ ހަކަތަ ނުނެރެވެންވީ ކީއްވެގެންބާވައެވެ. މާ ކުރީ ޒަމާނެއްގަ ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ފުރުޞަތު ރާއްޖެއަށްނެތް ކަމަށް ހީކުރި ބައެއްވެސް އުޅުނެވެ. އެހެންނަމަވެސް ދުރުވިސްނޭ ހިތްވަރުހުރި ޒުވާނުންތަކެއް ނުކުމެ، އެއީ ހަގީގަތެއް ނޫންކަން ދުނިޔެއަށް ސާބިތުކޮށްދީފިއެވެ. މާތް ﷲ އިރާދަފުޅާއެކު ރާއްޖެއަކީ ފަތުރުވެރިކަމުގެ ގޮތުން ދުނިޔޭގެ އެންމެ މުހިއްމު މަންޒިލް ކަމުގަ ހަދައިފިއެވެ.

މިހެން ކަންއޮތްއިރު ރާއްޖެއަކީ ކަނޑުމަގުން ހިގާ ބައެނަލް އަގްވާމީ ވިޔަފާރީގެ މުހިއްމު ނާރެހަކަށް ނުހެދެންވީ ސަބަބެއްވެސް ނެތް ނޫންތޯއެވެ. ބޭނުންވަނީ އެކަމަށް ބޭނުންވާނެ ބަދަރު ނުވަތަ ބަދަރުތަކުގެ ނިޒާމެއް ރާއްޖޭގަ ގާއިމު ކުރުމުގެ ގައުމީ ސިޔާސަތު ތަކެއް އެކަށައެޅުމާ، އެ ސިޔާސަތުތައް ހިފައިގެން ކުރިޔަށް ހިގާނެ ތޫނުފިލި، ހިތްވަރުގަދަ ޒުވާން ޓީމެއްގެ މިންނެތް މަސައްކަތެވެ.

 

 

 

 

 

 

 

 

 

No comments:

Post a Comment