more Quotes

Sunday, February 23, 2025

 

`

ޒަމާނީ އެއަރޕޯރޓެއް ތަރައްގީ ކުރުމަށްޓަކައި ހުޅުލެ ބޮޑުކުރުން (1976 އިން 1978 އަށް)

ހުޅުލޭގަ ރާއްޖޭގެ ގައުމީ އެއަރޕޯރޓް ތަރައްގީ ކުރެއްވުމަކީ ބޮޑު ވަޒީރު އިބްރާހިމް ނާޞިރު ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވި ކަމެކެވެ. މި ގޮތުން 1960 ގެ އަހަރު ތަކުގެ ކުރީކޮޅު، އެ ރަށުގެ ދެކުނުން އޮތް ގާމަތީ ރަށެއް ކަމުގަ ވާ ގާދޫ، އެދެމެދު ފަޅު ހިއްކައިގެން ހުޅުލެ އާ ގުޅައިލާ، ސާޅީހަކަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ މަތިންދާ ބޯޓް ޖެއްސޭ ވަރުގެ ރަންވޭއެއް އެރަށުގާ އަޅާ، އެ ވަރުގެ އެއަރޕޯޓެއް ހިންގަން ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ގާއިމު ކޮށް، މުވައްޒަފުން ތަމްރީން ކޮށް، ރާއްޖޭގެ ގައުމީ އެއަރޕޯޓް ފުރަތަމަ ހުޅުވުނީ 1966 ގައެވެ.

މި މަސައްކަތް ސަރުކާރުން ކުރިއިރު އަޅުގަޑަކީ ޢުމުރުން ނުވަ ވަރަކަށް ދިހަވަރަކަށް އަހަރުގެ، މަޖީދިއްޔާ ސްކޫލްގެ ދަރިވަރެކެވެ. އެހެނަސް އެއަރޕޯޓް އަޅަން ވާ ކޮށާ، ބިން އެއްވަރުކޮށް، ހުޅުލެއާ ގާދޫ އާ ދެމެދު ގަލާ ވެލި އަޅައިގެން ހިއްކުމުގެ މަސައްކަތް ކުރިގޮތް ވަރަށް ކައިރިން ފެނުމުގެ ފުރުޞަތު އަޅުގަޑަށް ލިބުނެވެ.

އަޅުގަޑުގެ ހަދާން ބަލި ނޫންނަމަ، އެ މަސައްކަތުގަ ބޭނުންކުރި ހަމަ އެކަނި މެޝިނަކީ މަސޭ ފާގުސަން މަރުކާގެ ފޮށިގަޑު ހިއްލޭ ވައްތަރުގެ އެންމެ ޓްރެކްޓަރެކެވެ. އެހެން ހުރިހާ މަސައްކަތެއް ކުރީ އޭރުތިބި ދިވެހިންގެ އަތުން ކަތިވަޅި، ފުރޯ، އުދަލި މަށަންދަތި، ގޯނި ފަދަ އާލާތް ބޭނުން ކޮށްގެންނެވެ.

މަސައްކަތް ކުރީ ސަރުކާރުގެ އޮފީސް ތަކާ ކުންފުނި ތަކުގެ މުވައްޒަފުންނާ، މާލޭގެ އަވަށް ތަކާ އަތޮޅުތަކުން އެ މަސައްކަތުގަ ބައިވެރިވާން އައި ރައްޔިތުން ގްރޫޕް ހަދައިގެން ހުޅުލެއަށް ގޮހެވެ. އޭރު އަޅުގަޑުގެ ބައްޕާފުޅު ޖައުފަރު ކަމާލުއްދީނަކީ ވަޒީރުލް ޞީއްޙާ ގެ ނާއިބެވެ. އަދި މޯލްޑިވިއަން އިންޑަސްޓްރިއަލް ޓްރޭޑިންގ އެސްޓެބްލިޝްމަންޓް (މައިޓް) ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. އަދި މައްޗަންގޮޅީ އަވަށުގެ ކަމުވޮށިގެންވާ ބޭފުޅެކެވެ. އެހެންކަމުން މި ދާއިރާ ތަކުން ހުޅުލޭ މަސައްކަތަށް ދާ ދުވަސް ދުވަހު، އެ ގްރޫޕް ތަކާއެކު އަޅުގަޑުވެސް މަސައްކަތަށް ދިޔައީމެވެ.

ވަކިވަކިން ނަމުން ނުދެންނެވި ނަމަވެސް، ދައުލަތުގެ ވަޒީރުންނާ، ސަރުކާރު އޮފީސް ތަކުގެ ވެރިންނާ އިސް މުވައްޒަފުންނާ، ބޮޑެތި އަދި ކުދި ވިޔަފާރި ވެރިންނާ، އޭރު މަޖުތަމަޢުގަ ނަން މަޝްހޫރު ހަމަ ހުރިހާހެން އަންހެން ބޭފުޅުންނާ ބޭކަނބަލުން އަދި ފިރިހެން ބޭފުޅުންނާ ބޭކަލުން، އަދި ޢާއްމު ރައްޔިތުން އަރުވާ ޖައްސަވާފަ، އަންބާ ކިޔުއްވަމުން،  ކަތިވަޅި އާ ފުރޯ އިން ވާ ކޮށްޓެވި ތަނާ، އުދައްޔާ މަށަންދަތިން ބިންގަޑު އެއްވަރު ކުރެއްވި ތަނާ، ގާ، ވެލި އަދި ކުނި ގޯނި އެ ބޭފުޅުންގެ އަތްޕުޅުން، އެ ބޭފުޅުންގެ ކޮޑުމަތީގަ އެއްތަނުން އަނެއް ތަނަށް އުފުއްލެވި ތަން އަޅުގަޑު ދުށީމެވެ.

އެ ބޭފުޅުންނާ ބޭކަލުން އަދި ބޭކަނބަލުން ކުރެއްވި މަސައްކަތުގަ އަތްގާތް ކޮށްލަ ދިނުމުގެ ފުރުޞަތު އަޅުގަޑަށްވެސް ލިބުނެވެ. ބައެއް ފަހަރު ކަތިވަޅިއަކުން ގަހެއްގަ ޖަހާލުމުގެ ފުރުޞަތެވެ. އަނެއްބައި ފަހަރު އެ ބޭފުޅުންނާ ބޭކަނބަލުންނާ ބޭކަލުންނާއެކު ގޯންޏެއްގަ ހިފާލުމުގެ ފުރުޞަތެވެ. ނުވަތަ ކޮންމެވެސް އެހެން ކުޑަ މަސައްކަތެއް ކޮށްލުމުގެ ފުރުޞަތެވެ.

ހުޅުލޭ އެއަރޕޯޓް ތަރައްގީ ކުރުމުގެ މި ފުރަތަމަ މަރްހަލާގެ މަސައްކަތް ހިގަމުންދިޔައިރު ޖައްވުގަހުރި ގައުމީ ލޯތްބާ، ގައުމީ އެއްބައިވަންތަކަމާ، ގައުމީ ޢަޒުމުގެ ރޫޙް ކިޔުންތެރިންނަށް ރަގަޅަށް ފަހުމުވާ ވަރަށް ބަޔާން ކޮށްދިނުމުގެ ގާބިލުކަން އަޅުގަޑުގެ ގަލަމަކު ނެތެވެ. ވީމާ، މި ވަރުން ފުއްދާލާފަ، ރާއްޖޭގެ ގައުމީ ވައިގެ ބަދަރު ތަރައްގީ ކުރުމުގެ ދެވަނަ މަރްހަލާ ގެ ވާހަކަ ކިޔުންތެރިންނަށް ދަންނަވާލެވޭތޯ އަޅުގަޑު މަސައްކަތް ކުރާނަމެވެ. އެހެނީ އެ މަރްހަލާވެސް އެންމެ ކައިރިން ދުށް އެކަކަށް ވުމުގެ ފުރުޞަތު މާތް ﷲ އަޅުގަޑަށް މިންވަރު ކުރެއްވީތީއެވެ.

އޭގެ ދިހަ ވަރަކަށް އަހަރު ފަހެވެ. އާދެ، 1976 ވަނަ އަހަރެވެ. ކުރިން ބޮޑު ވަޒީރަކަށް ހުންނެވި އިބްރާހިމް ނާޞިރު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައެވެ. އާދެ، ދިވެހި ދައުލަތާ ދިވެހި ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ މަގާމުގައެވެ. އަޅުގަޑު އޭރު ހުރީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިގަމުން ދިޔަ ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓް  ހިންގުމާ ޙަވާލު ވެގެން، އެ ޑިޕާރޓްމަންޓް ގެ ޑިރެކްޓަރުގެ މަގާމުގައެވެ. އަޅުގަޑުގެ ޢުމުރުން 21 އަހަރެވެ.

ދުވަސްވަރަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވެ ފުޅާވާންފެށި ދުވަސް ވަރެވެ. އެހެން ކަމުން ރާއްޖޭގެ ގައުމީ އެއަރޕޯރޓް ވައިޑް ބޮޑީޑް ޖެޓް އެއަރކްރާފްޓް ޖެއްސޭވަރަށް ތަރައްގީ ކުރައްވަން ރައީސް ނާޞިރު ބޭނުންފުޅު ވެގެން އެ މަސައްކަތް ފެއްޓެވިއެވެ.

ނަމަވެސް ހުރަސްތައް ވަރަށް ގިނައެވެ. ވައިޑް ބޮޑީޑް ޖެޓް އެއަރކްރާފްޓް ޖައްސަން ރަންވޭ ދެ ކޮޅުން ކޮންމެ ކޮޅަކުން 500 ފޫޓުގެ ހުސްބިން އޮވެފަ، 10500 ފޫޓުގެ ރަންވޭ އެއް ބޭނުންވެއެވެ. އަދި ރަންވޭގެ ދެ އަރިމަތިން އެއްވެސް ޢިމާރާތެއް ނުވަތަ ރުށްގަސް ނެތި ހުސް ބިމުގެ ގޮތުގަ ކޮންމެ ފަރާތެއްގަ 150 ފޫޓް ގެ ޝޯލްޑަރެއް އޮންނަންޖެހެއެވެ.

އޭރު ހުޅުލޭގެ ދިގުމިނަކީ އެންމެ 3000 ފޫޓެވެ. ރަށުގެ ދެކުނު ކޮޅުގަ އޮތީ 50 މީޓަރަށްވުރެ ފުން ކަނޑުއޮޅިއެކެވެ. އުތުރު ކޮޅުގަ ހުޅުލެއާ ފަރުކޮޅުފުށްޓާ ދެމެދު އޮތީ 28 ފޫޓް ފުންމިންހުރި ވިލެކެވެ. އެހެންކަމުން ރަށަށް އިތުރުކުރަން ބޭނުންވާ 500 ފޫޓް ފުޅާ 8500 ފޫޓް ދިގު މިނުގެ ބިން ހިއްކަން ޖެހެނީ މި ދެންނެވި ވިލުންނެވެ.

އޭރު ހުޅުލެއަކީ 93 ގޭގަ މީހުން ދިރިއުޅެމުންދިޔަ ރަށެކެވެ. އޭގެ ތެރޭގަ މާލެ އަތޮޅު ގިރާވަރު ގިރަމުންދާތީ އެރަށުގަ ދިރި ނޫޅެވިގެން ހުޅުލެއަށް ބަދަލުކުރި މީހުންނާ، މަޝްހޫރު ދެކުނު މައްސަލާގަ ގެދޮރުނެތި ދިޔަ ޢާއިލާތައް އެރަށުގާ ބިނާ ކޮށްފަހުރި ގެދޮރު ހިމެނެއެވެ. އޭގެ ތެރެއިން ގެތަކަކާ، ސަރުކާރުގެ ޢިމާރާތްތަކަކާ، އަދި ރުށްގަސް ރަންވޭ އަރިމަތިން ހުސްކޮށް ބާއްވަންޖެހޭ 150 ފޫޓުގެ  ޝޯލްޑަރުގެ ތެރޭގަ ހުއްޓެވެ. އެހެންކަމުން އެ ގެތަކާ، ޢިމާރާތްތަކާ، ގަސްގަހާ ގެހި ނެގުންވެސް އެއަރޕޯރޓް ތަރައްގީ ކުރުމުގެ ދެވަނަ މަރްހަލާގަ ހިމެނިގެން ދިޔައެވެ.

އެއަރޕޯޓް ތަރައްގީގެ މި ފިޔަވަހީގެ މި މަސައްކަތްތަކަކީ ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ކަމަށްވުމާއެކު، އަޅުގަޑަށް އެފިފައިވާ ގޮތުގަ ރައީސް ނާޞިރު ފުރަތަމަ ބެއްލެވީ ބޭރުގެ ކޮންޓްރެކްޓަރަކާ ޙަވާލު ކުރައްވައިގެން މި މަސައްކަތް ކުރުއްވާށެވެ. އަޅުގަޑަށް އެގިފައިވާ އެގުން ކުށަކަށް ނުވާނަމަ، ސަރުކާރުން އިގިރޭސި އަދި ފަރަންސޭސި ވިލާތުގެ މި ބާވަތުގެ މަސައްކަތް ކުރާ ކުންފުނި ތަކުން އަގު ހޯދިއިރު ލިބުނު އެންމެ ކުޑަ އަގަކީ 65،000،000 ޑޮލަރެވެ. އެއީ އޭރު ސަރުކާރަށް ލިބޭ އާމްދަނީއަށް ބަލާއިރު އުފުލޭ ވަރުގެ ޚަރަދަކަށް ނުވުމާއެކު، ރައީސް ނާޞިރު ނިންމެވީ ސަރުކާރުން ކުރާ މަސައްކަތެއްގެ ގޮތުގަ ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓުން މަސައްކަތް ކުރާށެވެ.

ރައީސް ނާޞިރު ހުންނެވީ އެކަމަށް ދުރާލާ ތައްޔާރު ވެވަޑައިގަނެއެވެ. އެހެނީ 1976 ވަނަ އަހަރު ޖަނަވަރީ މަހު އަޅުގަޑާ ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓް ޙަވާލު ކުރެއްވިއިރު ވެސް ބޭރުގެ ހިލޭ އެހީގަ ހައިމެކް މަރުކާގެ އެއް ކިޔުބިކް ޔާޑް ވެލި ނެގޭ ވަރުގެ އާ އެކްސްވަޓޭރަކާ، ދެ ކިޔުބިކް ޔާޑް ވެލި ކަހާ ބިން އެއްވަރު ކުރެވޭ ވަރުގެ އިންޓްރނޭޝަނަލް ހާވެސްޓަރ މަރުކާގެ އާ ފްރަންޑް ލޯޑަރެއް ހޯއްދަވާ އެތަކެތި ހުރީ ޕޯރޓް ކަމިޝަނާ ޙަވާލު ކުރައްވާފައެވެ. މީގެ އިތުރަށް ހަތަރު ފަސް ކިޔުބިކް ޔާޑް ގެ ވެލި އުފުލޭ ވަރުގެ ބެޑްފޯރޑް މަރުކާގެ ސިންގަޕޫރުގަ ރީ ކޮންޑިޝަން ކޮށްފަހުރި ޓިޕަރ (ފޮށިގަޑު ހިއްލޭ) ވިހި ލޮރީ ވެސް ހުރީ ހަމަ އެދުވަސްވަރު ހޯއްދަވާފައެވެ.

ދެން އޮތީ ހިއްކަން ޖެހޭ ތަނަށް ވެލި ފޮނުވާލެވޭ ވަރުގެ ޑްރެޖަރެއް (ކޮންނަ ބޯޓެއް) ހޯއްދެވުމެވެ. މި މަސައްކަތް ރައީސް ނާޞިރު ޙަވާލު ކުރެއްވީ ދިވެހި ދައުލަތުގެ ވިޔަފާރި ސަފީރު ކޮލި ޢަލި މަނިކާއެވެ. އެކަމަށް ޚަރަދު ކުރަން އޮތީ އެއަރޕޯރޓް ތަރައްގީގެ މި މަރްހަލާގެ ސަރުކާރުގެ ކޮމްޕޯނަންޓަށް އެހީއެއްގެ ގޮތުގަ ކުވޭތު ސަރުކާރުން ލިބިފައޮތް 700،000 ޑޮލަރެވެ.

މިކަމަށް ޙަރަދު ކުރަންހުރި ފައިސާ އާ މަސައްކަތް ކުރަންޖެހޭ ތަނުގެ ކޮންޑިޝަން ތަކަށް ވިސްނެވުމަށްފަހު ޢަލި މަނިކު ޚިޔާލު ކުރެއްވީ އިންޑޮނީޝިއާގެ ކޯރު ތަކުގަ ޓިން (ޖަސްތު) ޑްރެޖް ކުރަންއުޅޭ އޮސްޓްރޭލިޔާގެ ކުންފުންޏަކާ ވާހަކަ ދައްކަވައިގެން މަގެއް ހޯއްދެވުމަށެވެ. އެހެންކަމުން ރަށްޓެހިފުޅު އޮސްޓްރޭލިޔާ މީހެއް ކަމުގައިވާ ޓޮމް އެވިސް ނަމަކަށް ކިޔާ މީހަކާ ޢަލި މަނިކު މަޝްވަރާ ކުރެއްވިއެވެ. އެންމެ ފުރަތަމަ ރިސްކް ބޮޑު ކަމުން މި މަޝްރޫޢާ ގާތްވާކަށް އޭނާ ބޭނުމެއް ނުވިއެވެ. ނަމަވެސް ޢަލި މަނިކު އޭނާއަށް ހިތްވަރު ދެއްވައިގެން. އިންޑޮނީޝިޔާއަށް ގޮސް މިކަމަށް މަގެއް ހޯދަން އޭނާ އެއްބަސްވިއެވެ.

ޓޮމް އެވިސް ކުރި މަސައްކަތްތަކުން ހުޅުލޭ މަޝްރޫއަށް ޝައުގުވެރިވި އޮސްޓްރޭލިޔާގެ ޑްރެޖިންގ ކުންފުންޏެއް ހޯދުނެވެ. އެ ކުންފުންޏަކީ ޖެރެމީ ކެޑީ ނަމަކަށް ކިޔާ މީހެއްގެ ކުންފުންޏެކެވެ. ދެން މަސައްކަތް ކުރަންވީ ތަން ރަގަޅަށް ބަލައި ގޮތެއް ހުށަހަޅަން ޢަލި މަނިކު އޭނާ މާލެ ފޮނުއްވިއެވެ. ކެޑީ އާ އޭނާގެ ކުންފުނީގެ ޗީފް އެކައުންޓެންޓް ރިކީ ޗާން (ސިންގަޕޫރު މީހެއް) މާލެ އައުމުން އެ މީހުންނާ ބައްދަލުކޮށް، ހ. ހިކަރީ އަހްމަދު އާދަމްގެ ލަފާގެ މަތިން، އެ މީހުން ހުޅުލޭގާ ކުރަންޖެހޭ މަސައްކަތްތައް ފަހި ކޮށްދޭން ރައީސް ނާޞިރު އަޅުގަޑަށް އެންގެވިއެވެ.

ހިއްކަންވީތަން ރަގަޅަށް ބެލުމަށްފަހު ކެޑީ ޢަލި މަނިކަށް ހުށަހެޅީ މަސައްކަތަށް އެކަށީގެންވާ ވަރުގެ (1200 ފޫޓް ދުރަށް ވެލި ފޮނުވޭ ވަރުގެ 12 އިންޗި ކަޓަރ ސަކްޝަން ޑްރެޖަރެއް) މުޅިން އަލަށް ބަނުމަށެވެ. އެކަމަށް ސިންގަޕޫރުގެ ޖޫރޮންގ ޓައުނުން ބިން ލިބެން އައީ ސިންގަޕޫރުގެ ކުންފުންޏަކަށް ކަމުގަވާތީ، ޢަލި މަނިކު މަގު ހޯއްދެވީ ސިންގަޕޫރުގެ ކުންފުންޏެއް ކަމުގަވާ އެއަރޓްރަސްޓް ކުންފުނީގެ ޗެއަރމަން ޕީޓަރ ފޮންގ އާ ވާހަކަ ދައްކަވައިގެން، ޕީޓަރ ފޮންގާ، ޖެރެމީ ކެޑީ އާ، ޓޮމް އެވިސް ޙިއްސާ ވެގެން ޔުނައިޓްޑް ޑްރެޖިންގ މެނޭޖްމަންޓް ނަމަކަށް ކިޔާ ކުންފުންޏެއް ސިންގަޕޫރުގަ ރަޖިސްޓްރީ ކޮށްގެންނެވެ.

މި ޑްރެޖަރ ބަދެ 12 އިންޗި ޑައިމީޓަރު ހުންނަވަރުގެ 1200 ފޫޓުގެ ހޮޅިލޭނަކާ އެކު ސަޕްލައިކޮށް، ހުޅުލޭ މަސައްކަތް ނިމެންދެން ކުންފުނީގެ ފަރާތުން ޑްރެޖް އިންޖިނިޔަރަކާ ޑްރެޖް އޮޕަރޭޓަރެއް ބައިތިއްބައިގެން ދިވެހިންނަށް މަސައްކަތް ދަސްކޮށް ދިނުމަށް ދިވެހި ސަރުކާރާ ޔުނައިޓެޑް ޑްރެޖިންގ މެނޭޖްމަންޓާ ދެމެދު އެއްބަސް ވެވުނު އަގަކީ 700،000 ޑޮލަރެވެ. އާދެ، މަޞްރޫއަށް ސަޕޯރޓްގެ ގޮތުގަ ކުވޭތު ފަންޑުން ދީފައޮތް ވަރެވެ.

ހަމަ އެކަނި ރެކޯޑަށްޓަކާ ބަޔާން ކޮށްލަމެވެ. ޑްރެޖަރ މާލެ ގެނެސް މަޝްރޫޢު ގެ މަސައްކަތް ނިމެންދެން ދިވެހިންނަށް މަސައްކަތް ދަސްކޮށްދޭން ޔުނައިޓެޑް ޑްރެޖިންގ މެނޭޖްމަންޓުން ރާއްޖޭގަ ތިބީ ބައެއް ފަހަރު މެލޭޝިޔާގެ ޖޮހޯ ބަހާރޫގެ ރައްޔިތުން ކަމުގަވާ ޑްރެޖް އިންޖިނިއަރ ޗައި ކިމް ލޫން އާ ޑްރެޖް އޮޕަރޭޓަރ ސަމަދު ބިން ޕުތޭ އެވެ. އަނެއްބައި ފަހަރު ސިންގަޕޫރުގެ ރައްޔިތުން ކަމުގަވާ ޑްރެޖް އިންޖިނިއަރ މަރިއާ އެންތަނީ އާ ޑްރެޖް އޮޕަރޭޓަރ އާ ކޮންގ އެވެ.

ޑްރެޖަރ ބަނުމުގެ މަސައްކަތް ސިންގަޕޫރުގަ ހިގަމުންދިޔައިރު، ހުޅުލޭގަ އޭރު ހުރި މީހުން ދިރިއުޅެމުންދިޔަ 93 ގެ މާލެއަށް ބަދަލުކޮށް، ޢިމާރާތްތަކާ ރުށްގަސް ނަގާ، ބިން ސާފު ކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިޔަށް ދިޔައެވެ.

އަނެއްކާވެސް އެންމެ ބޮޑު ހުރަހަކަށް ކުރިމަތިވީ ހުޅުލެއިން މީހުން ބަދަލު ކުރުމަށްޓަކާ މާލެއިން ހިއްކަންޖެހޭ 642،000 އަކަފޫޓުގެ ބިން ހިއްކަން ވެލި ހޯދާނެ ގޮތެކެވެ. އެކަން ކުރަން ފުރަތަމަ ބެލީ އޭރު ފަރުފަރުންނާ ފަޅުފަޅުން ގަލާ ވެލި ނަގަން އުޅުނު މާމިގިލި ފެންފުށީ މީހުންނަށް މި މަސައްކަތް ކުރެވިދާނެތޯއެވެ. ނަމަވެސް، އެ މަސައްކަތުގަ އޭރު އުޅުނު ވިއްސަކަށް ރިޔަލު ދޯންޏަށް އެ މަސައްކަތް ބޭނުންވި މުއްދަތުގެ ތެރޭގަ ކުރެވޭނެ ކަމަކަށް ނުފެނުނެވެ.

އެހެން ކަމުން ރައީސް ނާޞިރު ނިންމެވީ އޭރު މާލެގަ އޮތް މަރާމާތަށް އޮޑިދޯނި ފަހަރު އެހެލާ ދެ ތަނުންކުރެ މާފަންނު ދޯނި އެހެލާތަނަށް (މިހާރު މާލޭ ޕޯޓް ގެ މުދާ ބާލާ ސަރަޙައްދަށް) ދޯނި އެހެލުން ހުއްޓާލާފަ، އެ ސަރަޙައްދުގެ އިރުމަތީ ފަރާރުން 100 ފޫޓް ހައިމެކް އެކްސްކަވޭޓަރުން ކޮނެވުނު އެންމެ ފުން މިނަކަށް (އެއީ ގާތްގަޑަށް 10 ފޫޓް ފުންމިނަށް) ކޮނެގެން ހިއްކަން ބޭނުންވާ ވެލި ހޯދުމަށެވެ.

މާލޭގެ ހުޅަގު ފަރާތުން ބިން ހިކެމުން ދިޔަވަރަކަށް ހުޅުލޭގަ ދިރިއުޅެމުން ދިޔަ ޢާއިލާތަކަށް ޑިޕާޓްމަންޓް އޮފް ހޯމް އެފެއާރޒް ގެ ރަޖިސްޓްރޭޝަން ޑިވިޝަން (ށ) އިން މާލެއިން ގޯތި ރަޖިސްޓަރީ ކޮށްދެމުން ގެންދެވުނެވެ. އަދި ޕޯރޓް ކަމިޝަނުން ހުޅުލޭގަ ހުރި އެމީހުންގެ ގޯތި ތަކުގެ ވެލި ފިޔަވާ ހުރިހާ އެއްޗެއް (ފާރުތަކާ، ގަސްގަހާ ގެހިވެސް ހިމެނޭ ގޮތަށް) ސަރުކާރުގެ ޚަރަދުގަ މާލެ ގެނެސް، އެ މީހުންނަށް ލިބުނު ގޯތި ތަކަށް ގެންގޮސް ދެވުނެވެ. އެއީ، ހުޅުލޭގަ ހުރި އެ މީހުންގެ ގެދޮރަށް ޝަރުޢީ ގޮތުން ބަދަލު ދިނުމަށް ފަހުއެވެ.

މި މަސައްކަތް ކުރީ އައްޑު އަތޮޅުން އިގިރޭސިން ފޭބިއިރު ސަރުކާރަށް ދޫކޮށްލާފަ ދިޔަ، އޭރު ޑިޕާރޓްމަންޓް އޮފް ބޯޓްސް އިކުއިޕްމަންޓް ގިޔަރ 2 ގެ ބެލުމުގެ ދަށުގައޮތް ތިން ކޮޅުވެއްޓީގައެވެ.

ޖުރޮންގ ޓައުންގަ ބަންނަމުން ދިޔަ ޑްރެޖަރާ އޭގެ ހޮޅިލޭން މާލެ ގެނެސް ހުޅުލޭގެ އުތުރު ކޮޅުން ވިލު ހިއްކައިގެން ރަށް ބޮޑު ކުރުމުގެ މަސައްކަތް ފެށުނީ 1977 މާރޗް ހާ ތާގައެވެ. އެކަމަށްޓަކައި ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓް ގެ ހުޅުލޭ ބެހޭ ބައި ސަރުކާރުން އުފެއްދެވިއެވެ. މި އިދާރާއަކީ 1976 ގަ އޭރު ހުރި އެއަރޕޯރޓް އޮފީސް (ށ) އުވާލަފަ، އޭގެ ބަދަލުގަ އުފެދުނު ސަރުކާރުގެ އިދާރާއެވެ.

ފުރަތަމަ ގެނައި ޑްރެޖަރުގެ ނަތީޖާ ރަގަޅު ކަމުން ސަރުކާރުން ޚަރަދު ކޮށްގެން އެއަރޕޯރޓް މަޝްރޫއަށް ދެވަނަ ޑްރެޖަރެއްވެސް ޕޯރޓް ކަމިޝަނަށް ހޯދުނެވެ. މި މަޝްރޫޢު ވެގެން ދިޔައީ އެހާތަނަށް އެހާ ގިނަ ޢަދަދެއްގެ މެޝިނަރީ ބޭނުން ކޮށްގެން ސީދާ ސަރުކާރުން ހިންގި ފުރަތަމަ މަޝްޜޫއަށެވެ. މި މަޝްރޫޢުގަ ދެ ކަޓަރ ސަކްޝަން ޑްރެޖަރާ، އެއް އެކްސްކަވޭޓަރާ، އެއް ފްރަންޓް ލޯޑަރާ، ވިހި ޓިޕަރ ލޮރީ ބޭނުން ކުރެވުނެވެ.

މަސައްކަތް ބޮޑުވެފަ އަވަހަށް ނިންމަންޖެހޭތީ، ޕޯރޓް ކަމިޝަން ގެ ހުޅުލެއާ ބެހޭ ބަޔަކީ ޑިޔުޓީ ބަހައިގެން ސައުވީސް ގަޑިއިރު މަސައްކަތް ކުރާ އިދާރާ އެއްގެ ގޮތުގަ ސަރުކާރުން ހަމަޖެއްސެވިއެވެ. އެއީ ހެދުނު އަށަކުން ހަވީރު ހަތަރަކަށް އޮންނަ ދަންފަޅި އަކާ، ހަވީރު ހަތަރަކުން މެންދަމު ބާރަ އަށް އޮންނަ ދަންފަޅި އަކާ، މެންދަމު ބާރައިން ހެދުނު އަށަކަށް އޮންނަ ދަންފަޅިއެކެވެ. މުވައްޒަފުން ކައިބޮއެ، ނިދާ، ދިރިއުޅުމުގެ ކަންތައް ހުޅުލެއާ މާލޭގަ ހުންނަ ޕޯރޓް ކަމިޝަންގެ ހަރުގެ ތަކުގަ ހަމަޖެއްސުނެވެ.

ބޭނުން ކުރި މެޝިނަރީ ސާރވިސް ކޮށް މަރާމާތު ކޮށް ބަލަހައްޓަމުން ގެންދިޔައީ ރަތްބަގީޗާގެ އަޙުމަދު ޖަމީލު ގެ ބެއްލުމުގެ ދަށުންނެވެ. ދެ ޑްރެޖަރުން ބިން ހިއްކުމުގެ މަސައްކަތް ބެލެހެއްޓީ އެއްގަމު ސަރުދާރު ބޮޑުބެ އިބްރާހިމް ފުޅު (ފަހުން ބޮޑުބެ އިބްރާހިމް ކަލޭފާނު) ގެ ބެއްލުމުގެ ދަށުންނެވެ. ތޮށިލުމާ ހުޅުލޭގަ ދިރިއުޅުނު ޢާއިލާތައް މާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ ކަޑުގެ ސަރުދާރު މަލިން އިބްރާހިމް ކަލޭފާނުގެ ބެއްލެވުމުގެ ދަށުންނެވެ. ޑްރެޖަރުން ވެލި އަޅާ ތަނުން އެކްސްވޭޓަރުން ވެލި ނަގާ، ލޯރިތަކުގަ އެހެން ތަންތަނަށް ގެންގޮސް، ފުރަތަމަ ފްރަންޓް ލޯޑަރުން ފަހުން މަށަންދައްޗާ އުދަލިން ބިންގަޑު އެއްވަރު ކުރުމާ ޢިމާރާތް ތެޅުމާ ރުށްގަސް ނެގުން ފަދަ އެއްގަމުގެ މަސައްކަތްތައް ބެލެހެއްޓީ ސަރުދާރު އަބްދުޅްލަޠީފް އަބޫބަކުރު ގެ ބެއްލުމުގެ ދަށުންނެވެ.

މަސައްކަތުގަ އުޅުއްވި އެހެން އިސް މުވައްޒަފުންގެ ތެރޭގަ، ޢަބްދުއްލަޠީފް އިބްރާހިމް (މޯރީ)، ކޮލި އަޙްމަދު ނަޞީރު، އަޙްމަދު ތައުފީގް (ޓޯޕީ)، އައްޑު އަތޮޅު ހިތަދޫ މުޙައްމަދު ޙުސެއިން (މުޙައްމަދު ބެ)، ފުވައްމުލަކު މޫސާ ދީދި، ކުޑި ދޮންމަނިކު، ޢަބދުލް މުހުސިން، އިދްރީސް އާދަމް، ކޮމަންޑޫ އިބްރާހިމް ފަދަ ބޭކަލުން ހިމެނެއެވެ. މުޅިއެކު އެކި މަސައްކަތުގަ އެކި ފެންވަރުގެ ވަޒީފާ ތަކުގަ 1000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައެވެ.

އެތެރޭގެ އިންތިޒާމް ތަކުގެ ތެރެއިން ހަމަޖެއްސޭ ވަރަށްވުރެ ބޮޑެތި، ޚާއްޞަކޮށް އިންޖިނިއަރިންގާ ގުޅޭ މައްސަލަތައް ހަމަޖައްސަމުން ގެންދިޔައީ ހ. ހިކަރީ އަޙްމަދް އާދަމް ގެ ލަފާގެ މަތިންނެވެ. އެ މަނިކުފާނުގެ ފަރާތްޕުޅުން މަސައްކަތުގަ އެކި ކަންކަމުގަ އެކި ފަހަރު އިސްކޮށް އުޅުއްވި ބޭކަލުންގެ ގޮތުގަ ގުލާބީ މުޙައްމަދު ވަހީދާ، ޢަބްދުއްރަހީމާ، ޢަބްދުއްޝަކޫރާ، އަދި މުޙައްމަދު މުޢީދުގެ ނަން ފާހަގަ ކޮށް ނުލާ އަޅުގަޑަށް ކުރިޔަށް ދެވޭކަށް ނެތެވެ.

ކުރިންވެސް އަޅުގަޑު ދަންނަވާލި ފަދައިން ހުޅުލޭ އެއަރޕޯޓް ތަރައްގީ ކުރުމުގެ މި މަރްހަލާގެ މަސައްކަތްތައް ކުރިޔަށް ދިޔައީވެސް ސީދާ ރައީސް އިބްރާހިމް ނާޞިރު ގެ ބެއްލެވުމުގެ ދަށުންނެވެ. ރައީސް ނާޞިރު ހަމަ ކޮންމެ ދުވަހަކުވެސް މަދުވެގެން އެއް ފަހަރު މަސައްކަތް ކުރާ ތަނަށް ވަޑައިގެން ހުންނަވައިގެން އެކި އެކި އިރުޝާދު ދެއްވަމުން ގެންދެވިއެވެ. އަދި އިންޖީނުގެ ސްޕެއަރ ޕާޓްސް އެއްގޮތަކަށްވެސް ރާއްޖެއިން ލިބެންނެތް ޒަމާނެއްގަ އެއްވެސް ޕާޓަކަށް ޖެހިގެން މަސައްކަތް ހުއްޓުނަ ނުދެއްވުމަށްޓަކާ ޚުދު އެ މަނިކުފާނު ގެ އެހީތެރިކަން މަސައްކަތަށް ލިބެމުންދިޔައެވެ.

ޒަމާނަކީ ހަފްތާއަކު އެންމެ ދެ މަތިންދާ ބޯޓް ރާއްޖެއަށް އައި ޒަމާނެކެވެ. އެއީ ސްރީލަންކާއިން އަންނަ އެއަރ ސިލޯންގެ ބޯޓަކާ ސްރީލަންކާ އެއަރފޯސް ގެ ބޯޓެކެވެ. މޯލްޑިވްސް ޝިޕިންގ ލިމިޓެޑް ގެ އާގު ބޯޓެއް އެ ޒަމާނުގަ މާލެ އަންނަނީ ގާގްގަޑަކަށް ސާޅީހަކަށް ދުވަހުންނެވެ. ދަތުރު ފަތުރުގެ ކަންކަން އެހާ ދަތިކޮށް ހުރި ޒަމާނެއްގަ ސްޕެއަރ ޕާޓަކަށް ނުޖެހި މަސައްކަތް ކުރިޔަށް ގެންދެވުނީ ރައީސް ނާޞިރު އެކަން ކޮށްދެއްވީމައެވެ.

އަޅުގަޑު ކައިރީގާ ރައީސް ނާޞިރު ވިދާޅުވެފަ އޮންނަނީ އަވަހަށް ބޭނުން ކުރެވޭ ކަހަލަ ޕާޓްސް އާ ހައިޑްރޯލިކް ތެޔޮ ފަދަ އެހެނިހެން ރާއްޖޭގަ ނުހުންނަ ތަކެތި ދުރާލާ ވިސްނައިގެން ނޯޓް ކުރުމަށްފަހު އެ މަނިކުފާނު މަސައްކަތް ކުރާ ތަނަށް ވަޑައިގަތީމާ ނޯޓެއް އަތްޕުޅަށް އަރުވާށެވެ. ދުވަސްކޮޅެއް ފަހުން ވެލާނާގެ އިން އެ ޕާޓެއް ނުވަތަ އެ އެއްޗެއް އަޅުގަޑާ ޙަވާލު ކުރާނެއެވެ. އެ އެއްޗެއް ރާއްޖެ އައިސްފަ އޮންނާނީ ރައީސް ނާޞިރުގެ ނަންފުޅުގައެވެ.

މަޝްރޫޢުގެ މި މަރްހަލާ 11 ނޮވެމްބަރ 1978 ގެ ކުރިން ނިންމަން ރައީސް ނާޞިރު ވަރަށް ބޮޑަށް ބޭނުންފުޅު ވިއެވެ. ނަމަވެސް މަސައްކަތް ނިމުނީ ރައީސް މައުމޫން ރާއްޖޭގެ ޒަޢާމަތާ ޙަވާލުވެ ވަޑައިގެން ފަހުން، 1978 ވަނަ އަހަރުގެ ނިޔަލަށެވެ. މި މަސައްކަތް ވެގެންދިޔައީ ރާއްޖޭގަ ޒަމާނީ އިގުތިޞާދެއް ގާއިމު ކުރަން ސަރުކާރުން ހިންގި ބޮޑެތި މަޝްރޫއު ތަކުގެ ތެރެއިން އެންމެ ކުރީކޮޅު ހިންގުނު އެއް މަޝްރޫޢު އަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ބޮޑެތި ބިން ހިއްކުމުގެ ފެށުން ކަމުގައެވެ. ޕްރައިވެޓް ސެކްޓަރ އެހާ ކުރިޔަށް ނުގޮސް އޮތް ޒަމާނެއްގަ ސީދާ ސަރުކާރުން ހިންގި ބޮޑު މަޝްރޫއެއްގެ ގޮތުގައެވެ.

 

 


No comments:

Post a Comment