`
ތަރައްގީގެ ދެންއޮތް ހަރުފަތަށް
އެރުމަށް ދުނިޔޭގެ ފެންވަރުގެ މަސައްކަތު ފައުޖެއް: އެކަމަށްޓަކައި ނަތީޖާ ނެރެނިވި
ލޭބަރ އެޑްމިނިސްޓްރޭޝަން ނިޒާމެއް
އަޅުގަޑުގެ ނަޒަރުގައި އަޅުގަޑުމެންގެ ގައުމު ތަރައްގީގެ
ދެންއޮތް ހަރުފަތަށް އުފުލާލުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރައްޔިތުން
އަދާ ކުރާނެ ރަނގަޅު ފެންވަރުގެ ވަޒީފާތައް އުފެއްދުމާއި، ރައްޔިތުން އިންވެސްޓް
ކުރާނެ ރަގަޅު ފުރުޞަތުތައް ހުޅުވައި ދިނުމާއި، މިކަންކަމުގެ ސަބަބުން އުފެދޭ
ވަޒީފާތަކާއި މަސައްކަތްތައް ކުރާނެ ދުނިޔޭގެ ފެންވަރު ނުވަތަ ވާރލްސް ކްލާސް
މަސައްކަތު ފައުޖެއް ނުވަތަ ވާރކްފޯރސެއް އުފައްދައި ދެމެހެއްޓުމެވެ.
މި މަގުޞަދު ޙާޞިލު ކުރެވޭނީ ގައުމުގައި ހަރުދަނާ
ލޭބަރ އެޑްމިނިސްޓްރޭޝަން ނިޒާމެއް އޮވެގެންނެވެ. ދެރަ ކަމަކީ އެކާވީސްވަނަ
ގަރުނުގެ ފުރަތަމަ ފަންސަވީސް އަހަރު ފާއިތުވެ ދާއިރުވެސް، އެފަދަ ނިޒާމެއް
ރާއްޖޭގައި ގާއިމު ކުރެވިފައިނެތް ކަމެވެ.
1932 ވަނަ އަހަރު ރާއްޖޭގައި ދުސްތޫރީ ދައުލަތެއް
ގާއިމު ކުރެވުނުތާ ފަންސާސް އަހަރު ފާއިތުވެ ދިޔަ ފަހުން، ފުރަތަމަ ފަހަރަށް
މަސައްކަތާއި ވަޒީފާއާ ބެހޭ އިދާރާއެއް ސަރުކާރުގެ އޮނިގަޑުގެ ތެރޭގައި ގާއިމު
ކުރެވުނީ 1982 ވަނަ އަހަރުއެވެ. އެއީ އެއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ
ދަށުން ހިގަމުން ދިޔަ ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓް ގެ
ނަން ޑިޕާރޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ ގެ ނަމަށް ބަދަލުކޮށް، ރާއްޖޭގައި
ނޯކިރީ ކުރުމާއިބެހޭ ގަވާއިދުތައް ހަދައި، ހިންގައި ބެލެހެއްޓުން އެ
ޑިޕާރޓްމަންޓްގެ މެންޑޭޓް ގައި ހިމަނައިގެންނެވެ.
އެ ދުވަސްވަރު ގިނަ މީހުން ދިރިއުޅެމުން ދިޔައީ
ތަފާތު ބާވަތްތަކުގެ ދުވަހު މަސައްކަތް ކޮށްގެންނެވެ. ސަރުކާރުގައާއި، ފުޅާވަމުން
އައި ފަތުރުވެރި ކަމުގެ ދާއިރާގައާއި، މަދު ވިޔަފާރި ތަކެއްގައި އުފެދިފައިހުރި
ރަސްމީ ވަޒީފާތަކެއް ހުއްޓެވެ. ނޯކަރުން އުޅުނީ ގޭގޭގައި ސާހިބުންގެ ޚާދިމުންގެ
ގޮތުގައެވެ. މި ކަންކަން ހިގަމުން ދިޔައީ، އެކަންކަމާއި ގުޅޭ އެއްވެސް
މިންވަރެއްގެ ގާނޫނީ އޮނިގަޑެއް ނެތިއެވެ. އިސްތިސްނާ އެއްނެތި ނޯކަރުންނާއި،
މުވައްޒަފުންނާއި، ދުވަހު މަސައްކަތްކުރި މީހުންނާއި، ސާހިބުންނާއި، ވަޒީފާ ދޭ
ފަރާތްތަކާއި، މި ހުރިހާ ފަރާތަކުންވެސް ޢަމަލު ކުރަމުން ދިޔައީ އެފަރާތަކުން، އެ
ފަހަރަކު، އެކަމެއްގައި ހިތަށް އެރި ގޮތަކަށެވެ. އެހެންކަން އޮތުމާއިއެކު، އުފެއްދުންތެރިކަމުގެ
ގައުމީ މަގުޞަދުތައް ޙާޞިލު ކުރެވޭނެ މާހައުލެއް ނެތެވެ.
މި ފަސަމަންޒަރުގެ ތެރެއިން ލޭބަރ ޑިޕާރޓްމަންޓްގެ
މޭންޑޭޓް ފުރިހަމަ ކުރުން ވެގެންދިޔައީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި، ރައީސް އޮފީހުގެ ކަމާއިބެހޭ ވެރިންނާއި، ލޭބަރ
ޑިޕާރޓްމަންޓާއި މެދުގައި ތަފާތު ފެންވަރުގެ މަޝްވަރާ ތަކަކަށްފަހު، ނިމުނީ
ސަރުކާރުގެ ކަމާއި ގުޅުންހުރި އޮފީސްތަކާއި، އޭރު އޮތް އަމިއްލަ ދެ ޖަމްޢިއްޔާ
ކަމުގައިވާ ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާ އާއި މޯލްޑިވިއަން އެސޯސިއޭޝަން
އޮފް ޓުއަރިޒަމް އިންޑަސްޓްރީޒް (މަޓީ) ގެ މައްޗަށް އެކުލެވޭ ލޭބަރ އެޑްވައިޒަރީ
ބޯޑެއްގެ ލަފަޔާއިއެކު ކަމާއިގެން ކުރިޔަށް ދިޔުމަށެވެ.
އެޑްވައިޒަރީ ބޯޑުގެ ލަފަޔާއިއެކު އެންމެ ފުރަތަމަ
ކުރަން ފެށުނު މަސައްކަތަކީ ޒަމާނަށް އެކަށީގެންވާ ގޮތަށް ދިވެހިރާއްޖޭގައި ވަޒީފާ
އަދާ ކުރުމާއިބެހޭ ގަވާޢިދެއް އެކުލަވާލުމެވެ. މުވައްޒަފުންނާއި ނޯކަރުން ތަމްސީލް
ކުރާ ޖަމްޢިއްޔާ ނެތިވެސް. އެ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޙައްގުތަކާއި،
އަދި ރާއްޖޭގެ މަސައްކަތު މާހައުލާއި ބެހޭ ގޮތުން ވަރަށް ހުޅުވިފައިވާ މިނިވަން
މާހައުލެއްގައި ބޯޑުގައި މަޝްވަރާ ކުރެވެމުން ދިޔައެވެ.
އެއިރު ސަރުކާރަކީ ރާއްޖޭގައި އެންމެ ބޮޑު ވަޒީފާދޭ
ފަރާތް ކަމަށް ވުމާއިއެކު ސަރުކާރުން މުވައްޒަފުންނާއިމެދު ބައެއް ފަހަރަށް ކަންކަން
ކުރެވޭ ގޮތާއި، އަދި ސަރުކާރުގެ މަސައްކަތު މާހައުލާއިމެދު ވެސް، ބަހުސް
ކުރެވެމުން ދިޔައެވެ. ނަތީޖާ ނެރެވޭ ކަހަލަ ރަގަޅު ގަވާޢިދެއް އެކުލަވާ ލުމުގެ
އިޚުލާޞްތެރި ނިޔަތް ފިޔަވައި އެހެން މަގުޞަދެއް އޮވެގެނެއް ނޫނެވެ. ނަމަވެސް
ބޯޑުގައި ކުރެވޭ މަޝްވަރާ ތަކުގެ ވާހަކަ، އެއް ކަންފަތުން އަނެއް ކަންފަތަށް
ވާސިލު ވަމުން ދިޔަ ދިޔުމުގައި ބޯޑުގެ ބައެއް މެންބަރުންނާއިމެދު ބައެއް
ފަރާތްތަކުގެ ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން އުފެދުމުން ދިޔަކަންވެސް ފާހަގަ
ކުރެވުނެވެ.
ގަވާއިދު އެކުލަވައިލުމުގެ މަސައްކަތް ކުރެވެމުން
ދަނިކޮށް، 1988 ވަނަ ޑިޕާރޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ ގެ ދަރަޖަ
މަތިވެ، މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ ގެ ގޮތުގައި
ހަމަޖެހިއްޖެއެވެ. އަދި 1989 ވަނަ އަހަރު މިނިސްޓްރީ އަށް މިނިސްޓަރަކު ވެސް
ޢައްޔަނު ކުރެވިއްޖެއެވެ.
ވަރަށް ހޫނު ބަހުސްތަކަކަށްފަހު، އަދި ތަފާތު ގިނަ
ދެލިކޮޕީ ތަކަކަށްފަހު، ގަވާޢިދު ފައިނަލް ކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް
ފޮނުވުމުން، އެ ގަވާޢިދާއިމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު،
ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 1994 ވަނަ އަހަރުން ފެށިގެން ގަވާޢިދަށް ޢަމަލު
ކުރަން ފަށާށެވެ.
ނަމަވެސް، ގަވާޢިދު ތަންފީސް ކުރުމުގެ ފުރުޞަތު
މިނިސްޓްރީ އަކަށް ނުލިބުނެވެ. 1993 ވަނަ އަހަރުގެ ނޮވެމްބަރ ގައި ފެށުނު ރިޔާސީ
ދައުރާއިއެކު، އެއިރު އޮތް މިނިސްޓްރީ އޮފް ޕަބްލިމް ވާރކްސް އެންޑް ލޭބަރ ގެ
ތެރެއިން ލޭބަރާއި ބެހޭ މެންޑޭޓް ވަކިކޮށް، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް
އިންޑަސްޓްރީޒް، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރ ގެ ގޮތުގައި
ހަމަޖެހި، ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމާއި ބެހޭ ކަންކަން ބެލެހެއްޓުން އެ
މިނިސްޓްރީ އާ ޙަވާލު ކުރެވުނެވެ. އަދި، ވަޒީފާ އާ ބެހޭ ގަވާޢިދު ބެލެހެއްޓުމާއި، ލޭބަރ
މެންޑޭޓުގައި ހިމެނޭ އެހެން ކަންކަން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނެޝެނަލް
ޑިވެލޮޕްމަންޓާއި ޙަވާލު ކުރެވުނެވެ.
މިގޮތަށް ދެމިއޮތީ 1993 ވަނަ އަހަރު ފެށުނު ރިޔާސީ
ދައުރު ނިމެންދެނެވެ. 1998 ވަނަ އަހަރުގެ ރިޔާސީ ދައުރު ފެށުނީ ވަޒީފާގެ ގަވާޢިދު
އެކުލަވާލަމުން ދިޔައިރު ލޭބަރ އެޑްވައިޒަރީ ބޯޑުގެވެސް ވިސްނުންހުރި ގޮތަށް، މަސައްކަތާއި
ވަޒީފާއާ ބެހޭ ފުޅާ މެންޑޭޓަކާއިއެކު، ބާރުވެރި މިނިސްޓްރީ އޮފް ހިއުމަން
ރިސާސަސް، އެމްޕްލޯއިމަންޓް އެންޑް ލޭބަރ އަކާއިއެކުގައެވެ. ފަސް އަހަރަށްވުރެ
ގިނަ ދުވަހު މިގޮތަށް އޮތުމަށްފަހު، 2003 ގައި ފެށުނު ރިޔާސީ ދައުރުގެ ތެރޭގައި މިނިސްޓްރީ
ބަދަލު ވެގެން ދިޔައީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް
އެންޑް ލޭބަރަށެވެ.
2008 ވަނަ އަހަރުގެ ރިޔާސީ ދައުރު ފެށުނީ ހިއުމަން ރިސޯސަސްގެ
މެންޑޭޓް، ޔޫތް އެންޑް ސްޕޯރޓްސް އާއި ގުޅުވައިގެން އުފެދިގެންދިޔަ މިނިސްޓްރީ
އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯރޓްސް އަކާއި އެކުގައެވެ. އެ ދައުރުގައި
އެމްޕްލޯއިމަންޓް އާއި ލޭބަރ ގެ މެންޑޭޓް ސަރުކާރުގެ އިދާރީ އޮނިގަޑުން ފެންނާކަށް
ނެތެވެ.
2013 ވަނަ އަހަރުގެ ރިޔާސީ ދައުރު ފެށުނުއިރު
ސަރުކާރުގެ އިދާރީ އޮނިގަޑުގެ ތެރެއިން ހިޔުމަން ރިސޯސަސް ވެސް ގެއްލިއްޖެއެވެ. އަދި
ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންނާއި ބެހޭ ކަންކަން ބެލެހެއްޓުން
އިމިގްރޭޝަން ޑިޕާރޓްމަންޓާއި މަތިކޮށް، އެމްޕްލޯއިމަންޓް އާއި ލޭބަރާއި ބެހޭ
އެހެން ކަންކަން ބެލެހެއްޓުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން
ލޭބަރ ރިލޭޝަންސް އޮތޯރިޓީ އެއް އުފައްދައި، އެ އޮތޯރިޓީ އާ ހަވާލު ކުރެވުނެވެ.
2018 ގައި ފެށުނު ރިޔާސީ ދައުރުގައި ބިދޭސީންނަށް ރާއްޖޭގައި
މަސައްކަތް ކުރުމުގެ ހުއްދަ ދިނުމާއި ބެހޭ ކަންތައް ބެލެހެއްޓުން އިމިގްރޭޝަން
ޑިޕާރޓްމަންޓުން ވަކިކޮށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޙަވާލު
ކުރެވުނެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީ އެ މިނިސްޓްރީގެ ދަށުގައި ދެމިއޮތެވެ.
2023 ވަނަ އަހަރުގެ ރިޔާސީ ދައުރު ފެށުނީ
އަނެއްކާވެސް އުއްމީދީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް
ޑިވެލޮޕްމަންޓަކާއި އެކުގައެވެ. ނަމަވެސް ކަންއޮތް ގޮތުގެ ޙަގީގަތަށް ބަލައިލާއިރު
ފެންނަނީ ފިޔަ ބުރިވެފައިއޮތް ލޭބަރ މިނިސްޓްރީ އެކެވެ. ގައުމީ ލޭބަރ ޕޮލިސީ ގެ
މުހިއްމު ބައެއް ކަމުގައިވާ ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމާއި ބެހޭ
ކަންކަން އިކޮނޮމިކް މިނިސްޓްރީއިން ވަކިކޮށް އަނެއްކާވެސް އޮތީ އިމިގްރޭޝަންގެ
ދަށަށް ބަދަލު ކުރެވިފައެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީ ވެސް ކުޑަ ދުވަސް ކޮޅަކު
މި ދައުރުގައި ދެވަނަ ފަހަރަށް އުފެދުނު ލޭބަރ މިނިސްޓްރީގެ ދަށުގައި އޮތުމަށްފަހު،
މިހާރު ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ދަށަށް ބަދަލު ކުރެވިފައެވެ.
މި ތާރީޚަށް ބަލައިމުމުން ފެނިގެންދަނީ 1982ން
ފެށިގެން ކޮންމެ ރިޔާސީ ދައުރެއްގައިވެސް ރާއްޖޭގެ ލޭބަރ އެޑްމިނިސްޓްރޭޝަން ގެ
ނިޒާމަށް ބަދަލު ތަކެއް ގެނެވިފައިވާ ކަމެވެ. ލޭބަރާއިބެހޭ މެންޑޭޓްތައް އެކި ފަހަރު
އެކު ވުޒާރާ ތަކަށާއި އިދާރާ ތަކަށް ބަދަލު ކުރެވެމުން ގޮސްފައިވާ ތަނެވެ. އެއްވެސް
މެންޑޭޓެއް އެއް ތަނެއްގައި ފަސް ވަރަކަށް އަހަރަށްވުރެ ދިގު މުއްދަތެއްގައި
ދެމިއޮވެވިފައި ނެތްކަމެވެ. އެއީ ގައުމެއްގެ މަސައްކަތާއި ވަޒީފާ ފަދަ މުހިއްމު
ދާއިރާ އަކަށް ތަރައްގީ ގެނެވޭނެ ގޮތެއް ނޫންކަން ގަބޫލު ކުރަންޖެހެއެވެ.
ތެދުފުޅެކެވެ. މި ފަހަކަށް އައިސް ރާއްޖޭގައި
ގަވާޢިދާއި ޚިލާފަށް މަސައްކަތް ކުރަންއުޅޭ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ
ވަރަށް ކާމިޔާބު މަސައްކަތްތަކެއް އިމިގްރޭޝަން ޑިޕާރޓްމަންޓުން ކުރައްވަމުން
އެބަގެންދަވައެވެ. އެއީ އެކަން އޮންނަންވެސް ޖެހޭނެ ގޮތެވެ. ހަމައެކަނި ގަވާއިދާއި
ޚިލާފަށް މަސައްކަތް ކުރަންއުޅޭ ބިދޭސީންނެއް ނޫނެވެ. ވިސާގެ މުއްދަތު
ފަހަނައަޅައި ދާފަހުން ރާއްޖޭގައި އުޅެމުންދާ "ފަތުރުވެރިން" ވެސް
މެއެވެ. އަދި ގަވާޢިދާއި ޚިލާފަށް ބޯޑަރ ހުރަސްކޮށް ރާއްޖޭގައި އުޅޭ އެންމެންނެވެ.
ނަމަވެސް، ރާއްޖޭގައި ބިދޭސީން މަސައްކަތް ކުރުމުގެ
ހުއްދަ ދިނުމާއި، ގަވާޢިދުން މަސައްކަތް ކުރަންއުޅޭ ބިދޭސީންގެ ކަންކަން
ބެލެހެއްޓުމަކީ އިމިގްރޭޝަން ޑިޕާރޓްމަންޓް ގެ ކަމަކަށް ވެގެން ނުވާނެއެވެ. އެއީ ރާއްޖޭގެ
ލޭބަރ ޕޮލިސީގެ މުހިއްމު ބަޔެކެވެ. ރާއްޖޭގެ ތަރައްގީގެ ދުވެއްޔާއި އާބާދީ
އިތުރުވާ ވަރަށް ވިސްނާއިރު ބިދޭސީ މަސައްކަތްތެރިންނާއިނުލާ ރާއްޖޭގެ މަސައްކަތު
ފައުޖު ނުވަތަ ވާރކްފޯރސް ފުރިހަމައެއް ނުކުރެވޭނެއެވެ. އެހެންކަމުން، ބިދޭސީ މަސައްކަތު
ފައުޖާއި ބެހޭ ޕޮލިސީ އިމިގްރޭޝަނުން، ދިވެހި މަސައްކަތު ފައުޖާއިބެހޭ ޕޮލިސީ
ލޭބަރ މިނިސްޓްރީން އެކުލަވާލައި ހިންގާ ގޮތަށް އޮތުމަކީ ދެކޮޅުޖެހޭ ކަމެއް
ނޫނެވެ. އަދި ކުރެވޭނެ ކަމެއްވެސް ނޫނެވެ.
ތަރައްގީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ވަރަށް
ރަގަޅަށް ފަރުމާ ކުރެވި ހިގަމުންދާ ޓްރައިޕާޓައިޓް ލޭބަރ ރިލޭޝަންސް ނިޒާމެއް ގައުމުގައި
އޮންނަންޖެހެއެވެ. އެފަދަ ޓްރައިޕާޓައިޓް ނިޒާމެއްގައި މަސައްކަތްތެރިންނާއި،
ވަޒީފާ ދޭ ފަރާތްތަކާއި، އަދި ސަރުކާރު މެދުގައި މަސައްކަތާއި އުފެއްދުންތެރި
ކަމުގެ މިންގަޑުތަކާއިމެދު މަޝްވަރާ ކޮށް އެއްބަސްވެވޭ ނިންމުންތަކެއް
ނިންމަންޖެހެއެވެ.
ތިން ފަރާތް ގުޅިގެން މަގުޞަދު ޙާޞިލު ކުރާ ނިޒާމެއްގައި
ކޯޅުންތަކާއި، ދެބަސްވުންތަކާއި، ބޭއިންސާފު ކަންކަން ހުންނާނެއެވެ. އަދި ގާނޫނާއި
ގަވާޢިދާ ޚިލާފުވުންތައް ވެސް ހުންނާނެއެވެ. ތަރައްގީއަށް ފަހިވާ ގޮތަށް
ޞުލްޙަވެރިކޮށް އަދި އިންސާފުވެރިކޮށް، އަވަހަށް އެފަދަ މައްސަލަތައް ޙައްލު
ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ މުހިއްމު ކަމެކެވެ. ސަލާމަތާއި ބެހޭ
އިދާރާއަކުން އެކަން އެގޮތަށް ކުރެވިދާނެ ކަމަކަށް ގަބޫލު ކުރަން ދައްޗެވެ.
ދުނިޔޭގެ ގައުމުތަކުގައި ކަންކުރާ ގޮތަށް ބަލާއިރު،
މަސައްކަތު މާހައުލުގައި ޞުލްޙަ މަސްލަސް ކަމާއި އިންސާފު ގާއިމުކޮށް، ޙައްގުތައް
ރައްކާތެރި ކޮށްދެމުންދަނީ ސަލާމަތީ ނިޒާމުގެ ތެރެއަކުން ނޫނެވެ. އެ މަގުޞަދު
ޙާޞިލު ކުރުމަށްޓަކައި ވަރަށް ރަގަޅަށް ފަރުމާ ކުރެވިގެން ހިގަމުންދާ ނަތީޖާ
ނެރެދެނިވި ޚާއްޞަ ލޭބަރ ޓްރައިބިއުނަލްތައް ފަދަ. ޑިސްޕިއުޓް ސެޓްލްމަންޓް އެންޑް
ރިކޮންސިލިއޭޝަން ނިޒާމުތައް ގާއިމު ކުރެވިފައި ހުރެއެވެ. މައްސަލަތައް ޙައްލު
ކުރުމަށްޓަކައި އެފަދަ އިދާރާތަކުން ބޭނުންކުރާ ޚާއްޞަ އިޖުރާތުތަކެއްވެސް
ހުރެއެވެ.
ނަތީޖާ ނެރެދެނިވި ފުރިހަމަ ލޭބަރ
އެޑްމިނިސްޓްރޭޝަން ނިޒާމެއްގައި ލޭބަރ މާކެޓް އިންފޮރމޭޝަން އާއި ސްޓްޓިސްޓިކްސް،
ސްކިލްސް ޓްރެއިނިންގ، ލޭބަރ ރިލޭޝަންސް، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ، ލޭބަރ
ސްޓޭންޑަރޑްސް އެންޑް އިންސްޕެކްޝަން، ޑިސްޕިއުޓް ސެޓްލްމަންޓް އެންޑް
ރިކޮންސިލިއޭޝަން، މެންޑޭޓްތައް ހިމެނިފައި ހުންނަންޖެހޭނެއެވެ. ގައުމީ
ތަރައްގީއަށް ބޭނުންވާ ދުނިޔޭގެ ފެންވަރުގެ މަސައްކަތު ފައުޖެއް ގައުމުގައި
އުފައްދައި ދެމެހެއްޓޭނީ މި ދެންނެވި މެންޑޭޓްތައް ހިމެނިގެން ބާރުވެރި ކުރެވިފައިވާ،
ދާއިރާއަށް ޚާއްސަ ލޭބަރ އެންޑް އެމްޕްލޯއިމަންޓް މިނިސްޓްރީއަކުންނެވެ.
No comments:
Post a Comment