more Quotes

Monday, October 14, 2024

 

`

އިސްލާމީ މަރްކަޒާއި މަސްޖިދުލް ޞުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް – ދިވެހިރާއްޖޭގެ އެންމެ  މުހިއްމު އެއް ގައުމީ ތަރިކަ

 

ދިވެހިރާއްޖޭގެ އިސްލާމީ ހައިބަތު ހާމަކޮށްދޭ ބިނާއެއް ރާއްޖޭގެ ވެރިކަންކުރާ މާލޭގެ ސެންޓްރަލް ސަރަޙައްދެއްގައި ހުރުމަކީ، ރައީސް މައުމޫން ޢަބްދުލްގައްޔޫމް ވަރަށް ކުރިއްސުރެ ކުރައްވަމުން ގެންދެވި ފިކުރުފުޅެކެވެ. އެހެންކަމުން، 1978 ވަނަ އަހަރުގެ ނޮވެމްބަރ މަހު، އެ މަނިކުފާނު ރާއްޖޭގެ ޒަޢާމަތާއި ޙަވާލު ވެވަޑައިގަތުމާއެކު، އެ ހުވަފެންފުޅު ހަގީގަތަކަށް ހެއްދެވުމަށް މަސައްކަތްޕުޅު ފެއްޓެވިއެވެ.  އެ މަނިކުފާނުގެ ވިސްނުންފުޅަކީ ބޮޑު މިސްކިތެއް ހިމެނޭ ގޮތަށް އިސްލާމް ދީނާއިބެހޭ ދިރާސާތައް ކޮށް، ދީން އުގަންނައިދީ، ދީނީ ޝިޢާރު ހާމަކޮށް، ރާއްޖޭގައި އިސްމާމީ ވަހްދަތު ނަގަހައްޓައި ދެމެހެއްޓުމުގެ މަސައްކަތްތައްކުރާ އިސްލާމީ މަރްކަޒެއް ބިނާ ކުރެއްވުމެވެ.

ރައީސް މައުމޫން ގެ ޒަޢާމަތުގެ ކުރީކޮޅު އެ މަނިކުފާނު ރާއްޖެއިން ބޭރަށް ވަކިން ޚާއްޞަކޮށް އިސްލާމީ ގައުމުތަކަށް  ކުރެއްވި ދަތުރުފުޅު ތަކުގައި، ހިތްޕުޅުގައިއޮތް އާކިޓެކްޗަރަލް ކޮންސެޕްޓަށް ޢިމާރާތް ކޮށްފައިހުރި ބިނާއެއް ފެނިވަޑައިގަނޭތޯ ބައްލަވަމުން ގެންދެވިއެވެ. މިގޮތުން އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅު ކާމިޔާބުވީ މެލޭޝިޔާގެ ބަންގްސާ ސަހަރުގައިހުރި ބަންގްސާ މޮސްކަށް ވަޑައިގެންނެވުމުންނެވެ. އެ މިސްކިތް ޑިސައިންކުރި އާކިޓެކްޓަކީ ހަޖީދާރު އެސޯސިއޭޓްސްގެ ވެރިޔާ، މެލޭޝިޔާގެ މަޝްހޫރު ޒުވާން އާކިޓެކްޓް ހަޖީދާރު ބިން ޢަބްދުލްމާޖިދެވެ.

ރައީސް މައުމޫން ހަޖީދާރަށް ދައުވަތު ދެއްވައިގެން މާލެ ގެންނެވުމަށްފަހު އޭނާއާ ބައްދަލު ކުރައްވައި، މާލޭގައި އިސްލާމީ މަރްކަޒެއް ޢިމާރާތް ކުރުމާއިބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި، އެ ބިނާ ޑިޒައިން ކުރުމުގެ މަސައްކަތާއި މަޝްރޫޢުގެ ކޮންސަލްޓެންސީ ޚިދުމަތް ދިނުމުގެ މަސައްކަތް އޭނާއާއި ޙަވާލު ކުރެއްވިއެވެ. ހަޖީދާރު، އޭނާގެ ކޮންޓްރެކްޓް ފީ ގެ ބައެއް ދިވެހި ސަރުކާރަށް ހިލޭ ކޮށްދެއްވިއެވެ.

އިސްލާމީ މަރްކަޒު ބިނާ ކުރަން ރައީސް މައުމޫން ނިންމެވީ ސިފައިންގެ މައި މަރްކަޒު ބަޑޭރިގޭގެ ހުޅަގުން އޮންނަ މަގާއި ޖެހިގެން ހުޅަގަށް އޮތް ސަރަޙައްދު ގައެވެ. އެ ސަރަޙައްދުގައި އެއިރު ހުރީ ޢަފީފުއްދީން މިސްކިތާއި، ގަސްދޮށު މިސްކިތާއި، ޑިޕާރޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރގެ މަސައްކަތު މީހުން ދިރިއުޅޭ ހަރުގެއާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޯނުގެ ތަކާއި، މާލޭ ޖަލެވެ.

ރާއްޖޭގައި ދައުލަތް ހިންގުމުގެ ނިޒާމް ރަސްކަމެއްގެ ގޮތުގައިއޮތް ދުވަސްވަރު ޢަފީފުއްދީން މިސްކިތް ހުރި ތާގައި ހުރީ އެތެރެ ކޮއިލު (ގަނޑުވަރަށް ހިމެނޭ ސަރަޙައްދު) މިސްކިތެވެ. އަދި، 1932 ވަނަ އަހަރު، ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ތަޞްދީގު ކުރެއްވި ދަރުބާރުގެއާއި މަޝްހޫރު އިބްރާހިމީ މައިދާނުން ބައެއްވެސް މި ސަރަޙައްދުގައި ހިމެނުނެވެ.

އިސްލާމީ މަރްކަޒް ޢިމާރާތް ކުރުމުގެ މަޝްރޫޢު ހިންގަން ރައީސް މައުމޫނު ޙަވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އޮނަރަބްލް ޢަލީ ޢުމަރު މަނިކާއި މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އޮނަރަބްލް އިލްޔާސް އިބްރާހިމްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިގަމުންދިޔަ އިދާރާއެއް ކަމުގައިވާ ޑިޕާރޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ އާއެވެ.

މަޝްރޫޢުގެ މެއިން ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖެހުނީ މެލޭޝިޔާގެ ޗޫ ޕިއާއޫ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. އިންޖިނިއަރިންގެ މަސައްކަތްތަކަށް ހޮވުނީ އެ ގައުމުގެ ހާޝިމް އެންޑް ނޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. އަދި ކޮންޓިޓީ ސާރވޭޔަރަކަށް ހޮވުނީ ވެސް ހަމަ އެ ގައުމުގެ ނިކް ފަރީދު އެސޯސިއޭޓްސް އެވެ.

އިސްލާމީ މަރްކަޒު ޢިމާރާތް ކުރަން ހަމަޖެހިފައިވާ ސަރަޙައްދުގައިހުރި ތަންތަން ތަޅައިލާ، ބިން ސާފުކޮށް އެއްވަރު ކޮށްނިމުނީ 1982 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. އެއަށްފަހު ހަމަ އެ މަހުގެ 11 ވަނަ ދުވަހު، އާދެ، އެ އަހަރުގެ ޖުމްހޫރީ ދުވަހު، ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށް ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ.

މަޝްރޫޢުގެ މަސައްކަތް ފެށުނީ 1983 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ރޭނުމާއި ސިމެންތި ޖެހުން ނޫން އެހެން ހުރިހާ މަސައްކަތެއްކުރީ މަޝްރޫޢުގެ އެކިއެކި ކަންކަމާއި ޙަވާލުވި ތިން ކުންފުނިން އައި އެކި ފަންނުގެ ފަންސާސް މެލޭޝިޔާ މީހުންގެ ކޮންސްޓްރަކްޝަން ކްރޫ އަކުންނެވެ. ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތް ކުރީ ޑިޕާރޓްމަންޓް އޮފް ޕަބްލިކްވާރކްސް އެންޑް ލޭބަރ ގެ ވަގުތީ މުވައްޒަފުންގެ ގޮތުގައި ސްރީލަންކާއިން ގެނައި ފަންސާސް މީހުންގެ ގުރޫޕަކުންނެވެ.

މިސްކިތުގެ ދެވަނަ ފަންގިފިލާގައި ހިމެނޭ އުތުރު ވިންގާއި ދެކުނު ވިންގުގެ ފުރާޅު އެޅީ ކަނދިލި ޢަބްދުލްޤާދިރު ގެ ބެއްލެވުމުގެ ދަށުން ޑިޕާރޓްމަންޓް އޮފް ޕަބްލިކްވާރކްސް އެންޑް ލޭބަރ ގެ މަސައްކަތްތެރިންނެވެ. އޮފީސް ފޯރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިން އިން ތައްޔާރު ކުރެއްވި ޑިޒައިނަކާ އެއްގޮތަށް ކްންކްރީޓް ބްލޮކް ތަކަކުން ގޯތީގެ ބޭރު ފާރު، ތާޅަފިލި މުޙައްމަދު ފުޅު ގެ ލަފަޔާއެކު ހެދީވެސް ޕަބްލިކްވާރކްސް ގެ މަސައްކަތްތެރިންނެވެ.

ޢިސްލާމީ މަރްކަޒާއި މަސްޖިދުލްޞުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުނީ 1984 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ކުރީ ކޮޅުއެވެ.

އިސްލާމީ މަރްކަޒު ޢިމާރާތް ކޮށްފައި އެހުރީ ޢިމާރާތުގެ ސައިޒާއި އެއްވަރުގެ ހަ ފޫޓް ފުންމިނުގެ ރާފްޓް ފައުންޑޭޝަނެއްގެ މަތީގައެވެ. ޢިމާރާތުގެ ފާރުތަކުގައި ސިމެންތި ޖަހައި އޮމާން ކުރުމަށްފަހު ބޭރުން އެހުރީ އެ ޒަމާނުގައި ރާއްޖޭގެ އެއްވެސް ތަނެއްގައި ބޭނުންކޮށްފައިނެތް އޮޖިޓައިލް ޕެއިންޓް ނަމަކަށް ކިޔާ ޚާއްޞަ ދަވާދެއް ލާފައެވެ.

މިސްކިތަށް އަރާ ހަރުފަތްތަކުގަޔާއި މިސްކިތަށްވީ ބައިގެ ހިގާ ފަންގިފިލާގައި ޖަހާފައި އެހުރީ ގްރީސުން ގެނައި ހެލެނިކް ބްރޭންޑް ގެ ގުދްރަތީ ހިލައެވެ. މިސްކިތުގެ އެކި ހިސާބުގައި ހަރުކޮށްފައިހުރި ޖާލީތަކާއި މިޙްރާބު ގޭގަ ހުރި ސްލައިޑިންގ ދޮރުތަކަކީ ތައިލޭންޑުން ހައްދައިގެން ގެނައި ތަކެއްޗެވެ. އެ ޖާލިތަކާ ދޮރުތައް ހުރީ ޕްލައިވުޑުން ހަދާ ބޭރުގަ ހައިވަކަރު ތަތްކޮށްފައެވެ.

މިސްކިތުގެ ގުއްބާއި މުންނާރުގެ ގުއްބު ހަދާފައިއެވަނީ މެލޭޝިޔާއިން ގެނައި އެނޯޑައިޒްޑް އެލުމިނިއަމުންނެވެ. މިސްކިތުގެ ގުއްބުގެ ތިރިން، މިހުރާބުގޭގެ އެންމެ މަތީގައި ހުރި ކުޑަދޮރު ތަކުގައި ޖަހާފައިހުރި ކުލަ ބިއްލޫރިއަކީ ޕާކިސްތާނުން ހައްދައިގެން ގެނައި ބިއްލޫރިއެވެ.

މިހުރާބުގޭގެ މެދުގައި ބޮޑު އެއް ޗެންޑެލިޔަރ އަދި ހަތަރު ކަނަށް ވާގޮތަށް ހަތަރު ޗެންޑެލިޔަރ ހަރު ކުރެވުނެވެ. އެތާގައި ފުރަތަމަ އެޅި ދޫލައަކީ ޚާއްޞަކޮށް އެކަމަށް ތައްޔާރުކޮށް، ޕާކިސްތާން ސަރުކާރުން ހަދިޔާކުރި ދޫލައެކެވެ. އެ ދޫލަ ފެތުރުމަށް ޕާކިސްތާން މީހުންގެ ގްރޫޕެއް މާލެ އައެވެ.

މަސްޖިދުލްޞުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމަށް އެއް އިރެއްގައި މަދުވެގެން ހަތަރުހާސް ފަސް ސަތޭކަ މީހުންނަށް ނަމާދަށް އެރޭނެއެވެ. އިސްލާމީ މަރްކަޒުގައި، މަރްކަޒުގެ ޢިމާމަށް ޚާއްޞަ ކޮޓަރިކޮޅަކާއި، އިދާރީ އޮފީސް ތަކާއި، ސެމިނަރ/ކްލާސް ރޫމް ތަކުގެ އިތުރަށް، ހަތަރު ސަތޭކައެއްހާ މީހުންނަށް ތިބެވޭވަރުގެ ޖަލްސާ ކުރާ މާލަމަކާއި ލައިބްރަރީއެއް ހިމެނުނެވެ.

މިސްކިތުގެ މުންނާރަކީ އެއް ސަތޭކަ ތެއްތިރީސް ފޫޓް އުސްމިންހުރި މުންނާރެކެވެ. މުންނާރުގެ ވަށައިގެން ފެނު އަޑީގައި ކުލަބޮކި ދިއްލައި ޒީނަތްތެރި ކޮށްފައިވާ ކުޑަ ފެންއަރުވާ ވަޑާމެއް އޮތެވެ. އެ މުންނާރުގެ ގުއްބާއި މިސްކިތުގެ ގުއްބު ބެހެއްޓުނީ އެކަމަށްޓަކައި ދިވެހި ސަރުކާރަށް ބައްލަވައިގަނެ މިސްކިތުގެ ސަރަޙައްދުގައި ބެހެއްޓުނު ޓަވަރ ކްރޭނެއްގެ އެހީގައެވެ. އެއީ ރާއްޖޭގައި ބެހެއްޓުނު ފުރަތަމަ ޓަވަރ ކްރޭނެވެ. މި ޓަވަރ ކްރޭން ބެހެއްޓީ ކަކާގޭ ޢަލީ ޙުސެއިން ދީދީގެ ބެއްލެވުމުގެ ދަށުންނެވެ.

ޢިމާރާތުގެ ތިރީ ބުރީގެ އުތުރުގައި ވުޟޫ ކުރަން ފެން އިސްކުރު ލާފައިވާ ދެ ކޮޓަރިއާއި ދެކުނުގައި އެފަދަ އެއް ކޮޓަރި ހެދުނެވެ. އަދި ގޯތިތެރޭގައި ފިރިހެނުންނަށާއި އަންހެނުންނަށް ވަކި ފާޚާނާތަކެއް ވެސް ހެދުނެވެ.

މަޝްރޫޢުގެ މަސައްކަތް ނިމެމުންދިޔައިރު ޢިމާރާތުގެ އެއްވެސް ތަނެއްގައި ދިވެހިންގެ މަސައްކަތްތެރިކަން ފެންނަންނެތްކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިގެންދިޔައެވެ. އެހެންކަމުން ރައީސް މައުމޫން ނިންމެވީ މިސްކިތުގެ މިހުރާބުގޭގައި ދިވެހި މަސައްކަތްތެރިކަން ފެންނާނެ ގޮތަށް ކީރިތި ޤުރުޢާންގެ ސޫރަތްތަކާއި އާޔަތްތައް ހައިވަކަރުގައި ކަޑާ ނަގައިގެން ލިޔެފަ ބަހައްޓާށެވެ.

މިގޮތުން، މިސްކިތުގެ މިހުރާބުގޭގައި އިމާމު ހުންނަވާ ތާގައި ހުރި ފިލާގައި ލިޔެފައިވާ ސޫރަތުލް ފާތިޙާއާއި އާޔަތުލް ކުރުސި، އަދި އާޔަތާއި، މިސްކިތުގެ ނަންބޯޑު ލިޔުއްވީ ޚުދު ރައީސް މައުމޫނެވެ. އެހެން ތަންތާގައި ބަހައްޓާފައިހުރި ފިލާ ތަކުގައިވާ ލިޔުންތައް ލިޔުއްވީ މަޝްހޫރު އަތު ލިޔުންތެރިޔާ ޢަލީ ފަހުމީ، ޢާއްމުކޮށް ކިޔާ  ނަމުންނަމަ ތަބައް ޢަލިފުޅާއި މުޙައްމަދު ޞާދިގެވެ.

ހުކުރު މިސްކިތުން ނަމޫނާ ނަގައިގެން، ފިލާތަކުގައި ހުރި ކުރެހުންތައް ކުރަހައި، ކުރެހުންތަކާއި އަކުރުތައް ހައިވަކަރު ފިލާގައި ހަރުކޮށް ތައްޔާރުކުރީ ޝަބްނަމީގޭ ޙުސެއިން މުޙައްމަދު ދީދީގެ ބެއްލެވުމުގެ ދަށުން ދިވެހި ފަންނުވެރި ކުރެހުންތެރިންގެ ޓީމަކުންނެވެ. އެ ޓީމުގައި ހިމެނިވަޑައިގަތީ އިބްރާހިމް ރަފީގާއި، މައުރޫފް ޖަމީލާއި، ޢަލީ ހައިދަރާއި، ހުސްނޫ ޢަބްދުލްޢަޒީޒް ޔޫސުފާއި، މުޙައްމަދު ގާސިމާއި، މާކުން އިބްރާހިމް ނަޢީމާއި، ޢިބްރާހިމް ޢަބްދުލް ޢަޒީޒާއި، އަޙްމަދް ނަޖާހާއި، ޙުސެއިން ޢަފީފާއި، މޫސާ މުޙައްމަދާއި، މުޙައްމަދު ވަހީދާއި، ޢަބްދުލްޙަމީދޫ މުޙައްމަދާއި، ޙުސެއިން ތައުފީގެވެ.

އަކުރުތަކާއި ކުރެހުންތައް ހައިވަކަރު ފިލާގައި ކަނޑާ ނަގައި، ފިލާތައް ހުންނަންވީ ތަންތަނަށް ވަރުކޮށް، ބެހެއްޓުމުގެ މަސައްކަތް ކުރީ މާވަޑި މއ. ޑިއާރފްރެންޑް އިބްރާހިމް ޙަލީމް ގެ ބެލުމުގެ ދަށުން ވަޑިންގެ ޓީމަކުންނެވެ.

މިސްކިތުގެ މައި ހޯލުގައިހުރި މިންބަރު ޑިޒައިން ކުރައްވައި އެ ޑިޒައިންތައް ލަކުޑީގައި ކަނޑާ ނެގުމުގެ މަސައްކަތް ކުރެއްވީ ޢިބްރާހިމް ޢަބްދުލްޢަޒީޒެވެ. އޭގެ ވަޑާންކޮށް އެކުލަވާލެއްވީ ގ. ސައްލިގޭ ޖަޢުފަރު ޢީސާ އާއި އޭނާގެ ވަޑިންގެ ޓީމުންނެވެ.

އިސްލާމީ މަރްކަޒާއި މަސްޖިދު ޞުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ މަޝްރޫޢު ހިންގުމުގައި ޑިޕާރޓްމަންޓް އޮފް ޕަބްލިކްވާރކްސް އެންޑް ލޭބަރ ގެ ޑިރެކްޓަރާއި އެންމެ ކައިރިން އެހީތެރިވެ ވަޑައިގަތީ އެސިސްޓެންޓް ޑިރެކްޓަރ ހ. ފޭދޫ މައިޒާން ޢިބްރާހިމް މަނިކާއި، އޮޕަރޭޝަންސް އޮފިސަރ ގ. އުތުރުގޭ މުޙައްމަދު ޚަލީލް އެވެ.

އިސްލާމީ މަރްކަޒު މަޝްރޫޢަށް ޚަރަދު ކުރީ ސައުދީ އެރޭބިއާ އާއި، ބުރޫނާއީ އާއި، ޕާކިސްތާނާއި، ކުވެއިތާއި، މެލޭޝިޔާ އާއި، ޔުނައިޓެޑް އެރޭބް އެމިރޭޓްސް އާއި، މިޞްރުން ލިބުނު ދީލަތި އެހީ އާއި، ދިވެހި ދައުލަތުގެ ބަޖެޓުންނެވެ. މަޝްރޫޢު އަށް މުޅިއެކު ޚަރަދުވީ ގާތްގަޑަކަށް ހަ މިލިއަން ޑޮލަރެވެ.

1984 ވަނަ އަހަރު ނޮވެމްބަރ މަހުގެ ކުރީކޮޅު އިސްލާމީ މަރްކަޒު މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިމިއްޖެއެވެ. އެ އަހަރު ޖުމްހޫރީ ދުވަހު އިސްލާމީ މަރްކަޒް ހުޅުވުމަށްޓަކައި ސައިޓުން ކުނިބުނި ނަގައި ސާފުކޮށް، ޒީނަތްތެރި ކުރީ ޕަބްލިކްވާރކްސް ގެ މުވައްޒަފުންނާއިއެކު މާލޭ ހަތަރު އަވަށުން ރައްޔިތުން ނުކުމެއެވެ.

އިސްލާމީ މަރްކަޒު ހުޅުއްވައިދެއްވީ 11 ނޮވެމްބަރ 1984 ވީ އާދިއްތަ ދުވަހު ހެދުނު އެކަމަށްޓަކައި މަރްކަޒުގެ ޖަލްސާ ކުރާ ހޯލުގައި ބޭއްވުނު ޚާއްޞަ ނުހަނު ކުލަގަދަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމެވެ. މި ޖަލްސާގައި ދިވެހި ދައުލަތުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އެކި ދަރަޖައިގެ ވެރިންނާއި، ކަމުވޮށިވެގެންވާ ބޭފުޅުންނާއި ރައްޔިތުން ތަމްސީލް ކުރައްވާ ބޭފުޅުން ބައިވެރި ވެވަޑައިގަތެވެ.

ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންގެ ތެރޭގައި މެލޭޝިޔާގެ ބޮޑުވަޒީރު ޑާޓޯ މަހާތީރު  ބިން މުޙައްމަދުގެ ދެކަނބަލުންނާއި، ޝެއިޚުލްއަޒްހަރު ފަޟީލަތުލްޝެއިޚް ޖާދުލްޙައްގު ޢަލީ ޖާދުލްޙައްގު އާއި، ބްރޫނާއީ ރަސްގެފާނު ޙަސަނުލް ބުލްޤިއާ ގެ ކޮއްކޯފުޅު ޖެފްރީ ބުލްޤިއާ އާއި، މައްކާގެ ޙަރަމްފުޅުގެ ޢިމާމު ފަޟީލަތުލުޝެއިޚް މުޙައްމަދް އަލް ސުބެއިލް އާއި، ދުނިޔެއަށް މަޝްހޫރޫ ޤާރީ ޝެއިޚް ޢަބްދުލްބާސިޠު ޢަބްދުލްޞަމަދު އާއި، ކުވެއިތުގެ މިނިސްޓަރ އޮފް އައުޤާފު އަޙުމަދު ސަޢުދުލް ޖާސިރު އާއި، ޕާކިސްތާނުގެ މިނިސްޓަރ އޮފް ރެލިޖަސް އެފެއާރޒް ރާޖާ މުޙައްމަދު ޒަފަރުލްޙައްޤު އާއި، ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެމް އެޗް މުޙައްމަދު އާއި، ބަންގްލާދޭޝް ގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ ޢަބްދުލްޙަލީމް ޗައުދަރީ ހިމެނިވަޑައިގަތެވެ. މި ބޭބޭފުޅުންނާއި، މި ބޭބޭފުޅުންގެ އަރިހުގައި ގެންނެވި ވަފުދުތަކާއި، ރަހްމަތްތެރި ބައެއް ގައުމުތަކުން ވަޑައިގެން މަތީ ދަރަޖައިގެ ވެރިންނާއިއެކު، ފަންސާސް ނުވަ ބޭރުގެ މެހްމާނުން އިސްލާމީ މަރްކަޒް ހުޅުވުމުގެ ރަސްމިއްޔާތަށް މާލެ ވަޑައިގަތެވެ.

އިސްލާމީ މަރްކަޒް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވެއެވެ. "ޢިއްޒަތްތެރި އަޚުންނޭވެ. ދިވެހިރާއްޖޭގެ ތާރީޚް މީގެ ކުރިން ދެކިފައިނުވާ، މި އިސްލާމީ މަރްކަޒް ހުޅުވުމުގައި ތިޔަ ބޭފުޅުން އަޅުގަޑުމެންނާ މިއަދު ބައިވެރިވެ ވަޑައިގަންނަވަމު. މި މަތިވެރި މަރްކަޒް މާތް ﷲ އިރާދަފުޅާލައިގެން ވެގެންދާނީ އިސްލާމީ ގޮވައިލުން އިރުމަތީ އަދި ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އެތަނަކުން ފެތުރިގެންދާނެ އިސްލާމީ ކިއްލާއަކަށް. ތެދުމަގު ގެއްލިފައިވާ މީހުންނަށް މަގު އަލިކޮށްދިނުމަށްޓަކައި، އަދި އިސްލާމްދީން ދީނެއްގެ ގޮތުގައި، ޢަޤީދާއެއްގެ ގޮތުގައި، އަދި ދިރިއުޅެންވީ ގޮތެއް ކަމުގައި ނުބަލާ، އަމާން ކަމުގެ އައްސޭރިއަކާ ހަމައަށް ވާޞިލު ވެވެން ނޯންނާނެކަން އަންގައިދިނުމަށްޓަކާ."

އާދެ! މާތް ﷲ ގެ އިރާދަފުޅާއިއެކު ކުރިޔަށް މިއޮތް ނޮވެމްބަރ މަހު އިސްލާމީ މަރްކަޒަށް ސާޅިސް އަހަރު ފުރޭނެއެވެ. މަރްކަޒުގެ ޢުމުރުން މިހާ ދުވަސް ވެގެންދާއިރު އަޅުގަޑަށް ތަފާތު އިހުސާސް ތަކެއް ކުރެވެއެވެ. ސަބަބެއްނެތިއެއް ނޫނެވެ. އެންމެ ބޮޑު ސަބަބަކީ ސަރުކާރުގެ މުވައްޒަފެއްގެ ހައިޞިއްޔަތުން ނަމަވެސް، ބިމުގައި މިސްކިތެއް ހިމެނޭ ގޮތަށް އިސްލާމީ މަރްކަޒެއް ޢިމާރާތް ކުރުމުގެ މަޝްރޫޢެއް ހިންގުމުގައި އިސްކޮށް ހުރުމުގެ ފުރުޞަތާއި، 1984 ން 1993 ށް މަރްކަޒުގެ ޢުމުރުން ފުރަތަމަ ނުވަ އަހަރު މަރްކަޒުގެ އިދާރާ އިސް މުވައްޒަފެއްގެ ގޮތުން ހިންގުމުގެ ފުރުޞަތު، މާތް ﷲ އިރާދަ ކުރެއްވީ އަޅުގަޑަށް ކަމުގައި ވީތީއެވެ.

މިއަދު އަޅުގަޑުގެ ހިތުގައި ހިގާ ޝުޢޫރު ތަކަކީ ދިވެހި އިސްލާމީ މުޖުތަމަޢު އުފާކޮށް ފަޚުރުވެރިވާ ވަރަށް، ވޭތިވެދިޔަ ސާޅީސް އަހަރުގެ ތެރޭގައި މި މުހިއްމު ގައުމީ ބިނާގެ ހައިބަތާއި ރީތިކަން ދެމެހެއްޓިއްޖެ ބާވައެވެ. އަދި މި ބިނާ އުފެދިގެން އައި މަގުޞަދު ކަމުގައިވާ އިސްލާމީ ނޫރު ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ދިރުވައި، ނަގަހައްޓައި، ދެމެހެއްޓުމުގެ މަގުޞަދު ރާއްޖޭގެ ރައްޔިތުން ހިތްހަމަޖެހޭ މިންވަރަށް އިސްލާމީ މަރްކަޒުން ޙާޞިލު ކުރެވޭ ބާވައެވެ.

 

 

 

Thursday, September 26, 2024

 

`

ތަރައްގީގެ ދެންއޮތް ހަރުފަތަށް އެރުމަށް ދުނިޔޭގެ ފެންވަރުގެ މަސައްކަތު ފައުޖެއް: އެކަމަށްޓަކައި ނަތީޖާ ނެރެނިވި ލޭބަރ އެޑްމިނިސްޓްރޭޝަން ނިޒާމެއް

އަޅުގަޑުގެ ނަޒަރުގައި އަޅުގަޑުމެންގެ ގައުމު ތަރައްގީގެ ދެންއޮތް ހަރުފަތަށް އުފުލާލުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރައްޔިތުން އަދާ ކުރާނެ ރަނގަޅު ފެންވަރުގެ ވަޒީފާތައް އުފެއްދުމާއި، ރައްޔިތުން އިންވެސްޓް ކުރާނެ ރަގަޅު ފުރުޞަތުތައް ހުޅުވައި ދިނުމާއި، މިކަންކަމުގެ ސަބަބުން އުފެދޭ ވަޒީފާތަކާއި މަސައްކަތްތައް ކުރާނެ ދުނިޔޭގެ ފެންވަރު ނުވަތަ ވާރލްސް ކްލާސް މަސައްކަތު ފައުޖެއް ނުވަތަ ވާރކްފޯރސެއް އުފައްދައި ދެމެހެއްޓުމެވެ.

މި މަގުޞަދު ޙާޞިލު ކުރެވޭނީ ގައުމުގައި ހަރުދަނާ ލޭބަރ އެޑްމިނިސްޓްރޭޝަން ނިޒާމެއް އޮވެގެންނެވެ. ދެރަ ކަމަކީ އެކާވީސްވަނަ ގަރުނުގެ ފުރަތަމަ ފަންސަވީސް އަހަރު ފާއިތުވެ ދާއިރުވެސް، އެފަދަ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރެވިފައިނެތް ކަމެވެ.

1932 ވަނަ އަހަރު ރާއްޖޭގައި ދުސްތޫރީ ދައުލަތެއް ގާއިމު ކުރެވުނުތާ ފަންސާސް އަހަރު ފާއިތުވެ ދިޔަ ފަހުން، ފުރަތަމަ ފަހަރަށް މަސައްކަތާއި ވަޒީފާއާ ބެހޭ އިދާރާއެއް ސަރުކާރުގެ އޮނިގަޑުގެ ތެރޭގައި ގާއިމު ކުރެވުނީ 1982 ވަނަ އަހަރުއެވެ. އެއީ އެއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިގަމުން ދިޔަ ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓް ގެ ނަން ޑިޕާރޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ ގެ ނަމަށް ބަދަލުކޮށް، ރާއްޖޭގައި ނޯކިރީ ކުރުމާއިބެހޭ ގަވާއިދުތައް ހަދައި، ހިންގައި ބެލެހެއްޓުން އެ ޑިޕާރޓްމަންޓްގެ މެންޑޭޓް ގައި ހިމަނައިގެންނެވެ.

އެ ދުވަސްވަރު ގިނަ މީހުން ދިރިއުޅެމުން ދިޔައީ ތަފާތު ބާވަތްތަކުގެ ދުވަހު މަސައްކަތް ކޮށްގެންނެވެ. ސަރުކާރުގައާއި، ފުޅާވަމުން އައި ފަތުރުވެރި ކަމުގެ ދާއިރާގައާއި، މަދު ވިޔަފާރި ތަކެއްގައި އުފެދިފައިހުރި ރަސްމީ ވަޒީފާތަކެއް ހުއްޓެވެ. ނޯކަރުން އުޅުނީ ގޭގޭގައި ސާހިބުންގެ ޚާދިމުންގެ ގޮތުގައެވެ. މި ކަންކަން ހިގަމުން ދިޔައީ، އެކަންކަމާއި ގުޅޭ އެއްވެސް މިންވަރެއްގެ ގާނޫނީ އޮނިގަޑެއް ނެތިއެވެ. އިސްތިސްނާ އެއްނެތި ނޯކަރުންނާއި، މުވައްޒަފުންނާއި، ދުވަހު މަސައްކަތްކުރި މީހުންނާއި، ސާހިބުންނާއި، ވަޒީފާ ދޭ ފަރާތްތަކާއި، މި ހުރިހާ ފަރާތަކުންވެސް ޢަމަލު ކުރަމުން ދިޔައީ އެފަރާތަކުން، އެ ފަހަރަކު، އެކަމެއްގައި ހިތަށް އެރި ގޮތަކަށެވެ. އެހެންކަން އޮތުމާއިއެކު، އުފެއްދުންތެރިކަމުގެ ގައުމީ މަގުޞަދުތައް ޙާޞިލު ކުރެވޭނެ މާހައުލެއް ނެތެވެ.

މި ފަސަމަންޒަރުގެ ތެރެއިން ލޭބަރ ޑިޕާރޓްމަންޓްގެ މޭންޑޭޓް ފުރިހަމަ ކުރުން ވެގެންދިޔައީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި، ރައީސް އޮފީހުގެ ކަމާއިބެހޭ ވެރިންނާއި، ލޭބަރ ޑިޕާރޓްމަންޓާއި މެދުގައި ތަފާތު ފެންވަރުގެ މަޝްވަރާ ތަކަކަށްފަހު، ނިމުނީ ސަރުކާރުގެ ކަމާއި ގުޅުންހުރި އޮފީސްތަކާއި، އޭރު އޮތް އަމިއްލަ ދެ ޖަމްޢިއްޔާ ކަމުގައިވާ ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާ އާއި މޯލްޑިވިއަން އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީޒް (މަޓީ) ގެ މައްޗަށް އެކުލެވޭ ލޭބަރ އެޑްވައިޒަރީ ބޯޑެއްގެ ލަފަޔާއިއެކު ކަމާއިގެން ކުރިޔަށް ދިޔުމަށެވެ.

އެޑްވައިޒަރީ ބޯޑުގެ ލަފަޔާއިއެކު އެންމެ ފުރަތަމަ ކުރަން ފެށުނު މަސައްކަތަކީ ޒަމާނަށް އެކަށީގެންވާ ގޮތަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާ ކުރުމާއިބެހޭ ގަވާޢިދެއް އެކުލަވާލުމެވެ. މުވައްޒަފުންނާއި ނޯކަރުން ތަމްސީލް ކުރާ ޖަމްޢިއްޔާ ނެތިވެސް. އެ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޙައްގުތަކާއި، އަދި ރާއްޖޭގެ މަސައްކަތު މާހައުލާއި ބެހޭ ގޮތުން ވަރަށް ހުޅުވިފައިވާ މިނިވަން މާހައުލެއްގައި ބޯޑުގައި މަޝްވަރާ ކުރެވެމުން ދިޔައެވެ.

އެއިރު ސަރުކާރަކީ ރާއްޖޭގައި އެންމެ ބޮޑު ވަޒީފާދޭ ފަރާތް ކަމަށް ވުމާއިއެކު ސަރުކާރުން މުވައްޒަފުންނާއިމެދު ބައެއް ފަހަރަށް ކަންކަން ކުރެވޭ ގޮތާއި، އަދި ސަރުކާރުގެ މަސައްކަތު މާހައުލާއިމެދު ވެސް، ބަހުސް ކުރެވެމުން ދިޔައެވެ. ނަތީޖާ ނެރެވޭ ކަހަލަ ރަގަޅު ގަވާޢިދެއް އެކުލަވާ ލުމުގެ އިޚުލާޞްތެރި ނިޔަތް ފިޔަވައި އެހެން މަގުޞަދެއް އޮވެގެނެއް ނޫނެވެ. ނަމަވެސް ބޯޑުގައި ކުރެވޭ މަޝްވަރާ ތަކުގެ ވާހަކަ، އެއް ކަންފަތުން އަނެއް ކަންފަތަށް ވާސިލު ވަމުން ދިޔަ ދިޔުމުގައި ބޯޑުގެ ބައެއް މެންބަރުންނާއިމެދު ބައެއް ފަރާތްތަކުގެ ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން އުފެދުމުން ދިޔަކަންވެސް ފާހަގަ ކުރެވުނެވެ.

ގަވާއިދު އެކުލަވައިލުމުގެ މަސައްކަތް ކުރެވެމުން ދަނިކޮށް، 1988 ވަނަ ޑިޕާރޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ ގެ ދަރަޖަ މަތިވެ، މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ ގެ ގޮތުގައި ހަމަޖެހިއްޖެއެވެ. އަދި 1989 ވަނަ އަހަރު މިނިސްޓްރީ އަށް މިނިސްޓަރަކު ވެސް ޢައްޔަނު ކުރެވިއްޖެއެވެ.

ވަރަށް ހޫނު ބަހުސްތަކަކަށްފަހު، އަދި ތަފާތު ގިނަ ދެލިކޮޕީ ތަކަކަށްފަހު، ގަވާޢިދު ފައިނަލް ކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމުން، އެ ގަވާޢިދާއިމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 1994 ވަނަ އަހަރުން ފެށިގެން ގަވާޢިދަށް ޢަމަލު ކުރަން ފަށާށެވެ.

ނަމަވެސް، ގަވާޢިދު ތަންފީސް ކުރުމުގެ ފުރުޞަތު މިނިސްޓްރީ އަކަށް ނުލިބުނެވެ. 1993 ވަނަ އަހަރުގެ ނޮވެމްބަރ ގައި ފެށުނު ރިޔާސީ ދައުރާއިއެކު، އެއިރު އޮތް މިނިސްޓްރީ އޮފް ޕަބްލިމް ވާރކްސް އެންޑް ލޭބަރ ގެ ތެރެއިން ލޭބަރާއި ބެހޭ މެންޑޭޓް ވަކިކޮށް، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރ ގެ ގޮތުގައި ހަމަޖެހި، ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމާއި ބެހޭ ކަންކަން ބެލެހެއްޓުން އެ މިނިސްޓްރީ އާ ޙަވާލު ކުރެވުނެވެ. އަދި، ވަޒީފާ އާ ބެހޭ ގަވާޢިދު ބެލެހެއްޓުމާއި، ލޭބަރ މެންޑޭޓުގައި ހިމެނޭ އެހެން ކަންކަން މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނެޝެނަލް ޑިވެލޮޕްމަންޓާއި ޙަވާލު ކުރެވުނެވެ.

މިގޮތަށް ދެމިއޮތީ 1993 ވަނަ އަހަރު ފެށުނު ރިޔާސީ ދައުރު ނިމެންދެނެވެ. 1998 ވަނަ އަހަރުގެ ރިޔާސީ ދައުރު ފެށުނީ ވަޒީފާގެ ގަވާޢިދު އެކުލަވާލަމުން ދިޔައިރު ލޭބަރ އެޑްވައިޒަރީ ބޯޑުގެވެސް ވިސްނުންހުރި ގޮތަށް، މަސައްކަތާއި ވަޒީފާއާ ބެހޭ ފުޅާ މެންޑޭޓަކާއިއެކު، ބާރުވެރި މިނިސްޓްރީ އޮފް ހިއުމަން ރިސާސަސް، އެމްޕްލޯއިމަންޓް އެންޑް ލޭބަރ އަކާއިއެކުގައެވެ. ފަސް އަހަރަށްވުރެ ގިނަ ދުވަހު މިގޮތަށް އޮތުމަށްފަހު، 2003 ގައި ފެށުނު ރިޔާސީ ދައުރުގެ ތެރޭގައި މިނިސްޓްރީ ބަދަލު ވެގެން ދިޔައީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ލޭބަރަށެވެ.

2008 ވަނަ އަހަރުގެ ރިޔާސީ ދައުރު ފެށުނީ ހިއުމަން ރިސޯސަސްގެ މެންޑޭޓް، ޔޫތް އެންޑް ސްޕޯރޓްސް އާއި ގުޅުވައިގެން އުފެދިގެންދިޔަ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯރޓްސް އަކާއި އެކުގައެވެ. އެ ދައުރުގައި އެމްޕްލޯއިމަންޓް އާއި ލޭބަރ ގެ މެންޑޭޓް ސަރުކާރުގެ އިދާރީ އޮނިގަޑުން ފެންނާކަށް ނެތެވެ.

2013 ވަނަ އަހަރުގެ ރިޔާސީ ދައުރު ފެށުނުއިރު ސަރުކާރުގެ އިދާރީ އޮނިގަޑުގެ ތެރެއިން ހިޔުމަން ރިސޯސަސް ވެސް ގެއްލިއްޖެއެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންނާއި ބެހޭ ކަންކަން ބެލެހެއްޓުން އިމިގްރޭޝަން ޑިޕާރޓްމަންޓާއި މަތިކޮށް، އެމްޕްލޯއިމަންޓް އާއި ލޭބަރާއި ބެހޭ އެހެން ކަންކަން ބެލެހެއްޓުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ލޭބަރ ރިލޭޝަންސް އޮތޯރިޓީ އެއް އުފައްދައި، އެ އޮތޯރިޓީ އާ ހަވާލު ކުރެވުނެވެ.

2018 ގައި ފެށުނު ރިޔާސީ ދައުރުގައި ބިދޭސީންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދިނުމާއި ބެހޭ ކަންތައް ބެލެހެއްޓުން އިމިގްރޭޝަން ޑިޕާރޓްމަންޓުން ވަކިކޮށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޙަވާލު ކުރެވުނެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީ އެ މިނިސްޓްރީގެ ދަށުގައި ދެމިއޮތެވެ.

2023 ވަނަ އަހަރުގެ ރިޔާސީ ދައުރު ފެށުނީ އަނެއްކާވެސް އުއްމީދީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓަކާއި އެކުގައެވެ. ނަމަވެސް ކަންއޮތް ގޮތުގެ ޙަގީގަތަށް ބަލައިލާއިރު ފެންނަނީ ފިޔަ ބުރިވެފައިއޮތް ލޭބަރ މިނިސްޓްރީ އެކެވެ. ގައުމީ ލޭބަރ ޕޮލިސީ ގެ މުހިއްމު ބައެއް ކަމުގައިވާ ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމާއި ބެހޭ ކަންކަން އިކޮނޮމިކް މިނިސްޓްރީއިން ވަކިކޮށް އަނެއްކާވެސް އޮތީ އިމިގްރޭޝަންގެ ދަށަށް ބަދަލު ކުރެވިފައެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީ ވެސް ކުޑަ ދުވަސް ކޮޅަކު މި ދައުރުގައި ދެވަނަ ފަހަރަށް އުފެދުނު ލޭބަރ މިނިސްޓްރީގެ ދަށުގައި އޮތުމަށްފަހު، މިހާރު ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ދަށަށް ބަދަލު ކުރެވިފައެވެ.

މި ތާރީޚަށް ބަލައިމުމުން ފެނިގެންދަނީ 1982ން ފެށިގެން ކޮންމެ ރިޔާސީ ދައުރެއްގައިވެސް ރާއްޖޭގެ ލޭބަރ އެޑްމިނިސްޓްރޭޝަން ގެ ނިޒާމަށް ބަދަލު ތަކެއް ގެނެވިފައިވާ ކަމެވެ. ލޭބަރާއިބެހޭ މެންޑޭޓްތައް އެކި ފަހަރު އެކު ވުޒާރާ ތަކަށާއި އިދާރާ ތަކަށް ބަދަލު ކުރެވެމުން ގޮސްފައިވާ ތަނެވެ. އެއްވެސް މެންޑޭޓެއް އެއް ތަނެއްގައި ފަސް ވަރަކަށް އަހަރަށްވުރެ ދިގު މުއްދަތެއްގައި ދެމިއޮވެވިފައި ނެތްކަމެވެ. އެއީ ގައުމެއްގެ މަސައްކަތާއި ވަޒީފާ ފަދަ މުހިއްމު ދާއިރާ އަކަށް ތަރައްގީ ގެނެވޭނެ ގޮތެއް ނޫންކަން ގަބޫލު ކުރަންޖެހެއެވެ.

ތެދުފުޅެކެވެ. މި ފަހަކަށް އައިސް ރާއްޖޭގައި ގަވާޢިދާއި ޚިލާފަށް މަސައްކަތް ކުރަންއުޅޭ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ ވަރަށް ކާމިޔާބު މަސައްކަތްތަކެއް އިމިގްރޭޝަން ޑިޕާރޓްމަންޓުން ކުރައްވަމުން އެބަގެންދަވައެވެ. އެއީ އެކަން އޮންނަންވެސް ޖެހޭނެ ގޮތެވެ. ހަމައެކަނި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރަންއުޅޭ ބިދޭސީންނެއް ނޫނެވެ. ވިސާގެ މުއްދަތު ފަހަނައަޅައި ދާފަހުން ރާއްޖޭގައި އުޅެމުންދާ "ފަތުރުވެރިން" ވެސް މެއެވެ. އަދި ގަވާޢިދާއި ޚިލާފަށް ބޯޑަރ ހުރަސްކޮށް ރާއްޖޭގައި އުޅޭ އެންމެންނެވެ.

ނަމަވެސް، ރާއްޖޭގައި ބިދޭސީން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމާއި، ގަވާޢިދުން މަސައްކަތް ކުރަންއުޅޭ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަކީ އިމިގްރޭޝަން ޑިޕާރޓްމަންޓް ގެ ކަމަކަށް ވެގެން ނުވާނެއެވެ. އެއީ ރާއްޖޭގެ ލޭބަރ ޕޮލިސީގެ މުހިއްމު ބަޔެކެވެ. ރާއްޖޭގެ ތަރައްގީގެ ދުވެއްޔާއި އާބާދީ އިތުރުވާ ވަރަށް ވިސްނާއިރު ބިދޭސީ މަސައްކަތްތެރިންނާއިނުލާ ރާއްޖޭގެ މަސައްކަތު ފައުޖު ނުވަތަ ވާރކްފޯރސް ފުރިހަމައެއް ނުކުރެވޭނެއެވެ. އެހެންކަމުން، ބިދޭސީ މަސައްކަތު ފައުޖާއި ބެހޭ ޕޮލިސީ އިމިގްރޭޝަނުން، ދިވެހި މަސައްކަތު ފައުޖާއިބެހޭ ޕޮލިސީ ލޭބަރ މިނިސްޓްރީން އެކުލަވާލައި ހިންގާ ގޮތަށް އޮތުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. އަދި ކުރެވޭނެ ކަމެއްވެސް ނޫނެވެ.

ތަރައްގީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ވަރަށް ރަގަޅަށް ފަރުމާ ކުރެވި ހިގަމުންދާ ޓްރައިޕާޓައިޓް ލޭބަރ ރިލޭޝަންސް ނިޒާމެއް ގައުމުގައި އޮންނަންޖެހެއެވެ. އެފަދަ ޓްރައިޕާޓައިޓް ނިޒާމެއްގައި މަސައްކަތްތެރިންނާއި، ވަޒީފާ ދޭ ފަރާތްތަކާއި، އަދި ސަރުކާރު މެދުގައި މަސައްކަތާއި އުފެއްދުންތެރި ކަމުގެ މިންގަޑުތަކާއިމެދު މަޝްވަރާ ކޮށް އެއްބަސްވެވޭ ނިންމުންތަކެއް ނިންމަންޖެހެއެވެ.

ތިން ފަރާތް ގުޅިގެން މަގުޞަދު ޙާޞިލު ކުރާ ނިޒާމެއްގައި ކޯޅުންތަކާއި، ދެބަސްވުންތަކާއި، ބޭއިންސާފު ކަންކަން ހުންނާނެއެވެ. އަދި ގާނޫނާއި ގަވާޢިދާ ޚިލާފުވުންތައް ވެސް ހުންނާނެއެވެ. ތަރައްގީއަށް ފަހިވާ ގޮތަށް ޞުލްޙަވެރިކޮށް އަދި އިންސާފުވެރިކޮށް، އަވަހަށް އެފަދަ މައްސަލަތައް ޙައްލު ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ މުހިއްމު ކަމެކެވެ. ސަލާމަތާއި ބެހޭ އިދާރާއަކުން އެކަން އެގޮތަށް ކުރެވިދާނެ ކަމަކަށް ގަބޫލު ކުރަން ދައްޗެވެ.

ދުނިޔޭގެ ގައުމުތަކުގައި ކަންކުރާ ގޮތަށް ބަލާއިރު، މަސައްކަތު މާހައުލުގައި ޞުލްޙަ މަސްލަސް ކަމާއި އިންސާފު ގާއިމުކޮށް، ޙައްގުތައް ރައްކާތެރި ކޮށްދެމުންދަނީ ސަލާމަތީ ނިޒާމުގެ ތެރެއަކުން ނޫނެވެ. އެ މަގުޞަދު ޙާޞިލު ކުރުމަށްޓަކައި ވަރަށް ރަގަޅަށް ފަރުމާ ކުރެވިގެން ހިގަމުންދާ ނަތީޖާ ނެރެދެނިވި ޚާއްޞަ ލޭބަރ ޓްރައިބިއުނަލްތައް ފަދަ. ޑިސްޕިއުޓް ސެޓްލްމަންޓް އެންޑް ރިކޮންސިލިއޭޝަން ނިޒާމުތައް ގާއިމު ކުރެވިފައި ހުރެއެވެ. މައްސަލަތައް ޙައްލު ކުރުމަށްޓަކައި އެފަދަ އިދާރާތަކުން ބޭނުންކުރާ ޚާއްޞަ އިޖުރާތުތަކެއްވެސް ހުރެއެވެ.

ނަތީޖާ ނެރެދެނިވި ފުރިހަމަ ލޭބަރ އެޑްމިނިސްޓްރޭޝަން ނިޒާމެއްގައި ލޭބަރ މާކެޓް އިންފޮރމޭޝަން އާއި ސްޓްޓިސްޓިކްސް، ސްކިލްސް ޓްރެއިނިންގ، ލޭބަރ ރިލޭޝަންސް، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ، ލޭބަރ ސްޓޭންޑަރޑްސް އެންޑް އިންސްޕެކްޝަން، ޑިސްޕިއުޓް ސެޓްލްމަންޓް އެންޑް ރިކޮންސިލިއޭޝަން، މެންޑޭޓްތައް ހިމެނިފައި ހުންނަންޖެހޭނެއެވެ. ގައުމީ ތަރައްގީއަށް ބޭނުންވާ ދުނިޔޭގެ ފެންވަރުގެ މަސައްކަތު ފައުޖެއް ގައުމުގައި އުފައްދައި ދެމެހެއްޓޭނީ މި ދެންނެވި މެންޑޭޓްތައް ހިމެނިގެން ބާރުވެރި ކުރެވިފައިވާ، ދާއިރާއަށް ޚާއްސަ ލޭބަރ އެންޑް އެމްޕްލޯއިމަންޓް މިނިސްޓްރީއަކުންނެވެ.

 

 

 

 

Saturday, May 18, 2024

 

`

ދިވެހިރާއްޖޭގެ ފުރަތަމަ ބައެނަލްއަގްވާމީ މުވާޞަލާތީ ލިންކް – ބޮމެބޭ-މާލޭ ޓެލެކޮމިޔުނިކޭޝަން ލިންކް

މީގެ 50 އަހަރު ކުރިން 17 މޭ 1974 އާދެ، ދުނިޔޭގެ ޓެލެކޮމިޔުނިކޭޝަން ދުވަސް ވެގެން ދިޔައީ ދިވެހިރާއްޖޭގެ މުވާޞަލާތީ ތާރީޚުގައި ވަރަށް މުހިއްމު ދުވަހަކަށެވެ. އެހެނީ، އެ ދުވަހަކީ އިންޑިޔާގެ އޯވަރސީޒް ކޮމިޔުނިކޭޝަން ސާރވިސް (އޯ ސީ އެސް) މެދުވެރިކޮށް ޓެލެކްސް ލިންކަކުން މުޅި ދުނިޔެއާއި ދިވެހިރާއްޖެއާ ގުޅާލެވި، ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބައެނަލްއަގްވާމީ މުވާޞަލާތީ ޚިދުމަތް ދޭން ފެށި ދުވަސް ކަމުގައި ވީތީއެވެ.

ބޮމެބޭ-މާލޭ ޓެލެކްސް ލިންކް ގާއިމު ކުރުމުގެ ކުރިން ރާއްޖޭގެ މުވާޞަލާތީ ކަންތައްތައް ހުރީ ނުހަނު ބޮޑަށް ތަރައްގީއަށް ބޭނުންވެފައިވާ، ވަރަށް އާދައިގެ ޙާލަތެއްގައެވެ. އެ ޚިދުމަތް ދެމުން ގެންދިޔައީ ޕަރައިމް މިނިސްޓަރ ގެ އޮފީހުގެ ދަށުން ހިންގަމުންދިޔަ ޓެލެކޮމިޔުނިކޭޝަން ޑިޕާރޓްމަންޓް (ހ)، ޓީ ސީ ޑީ (ހ) އިންނާއި ޓެލެކޮމިޔުމިކޭޝަން ޑިޕާރޓްމަންޓް (ށ)، ޓީ ސީ ޑީ (ށ) އިންނެވެ. ޓީ ސީ ޑީ (ށ) ގެ މަސައްކަތަކީ އޭރު ހަމައެކަނި މާލޭގައި ދެމުންދިޔަ ޚިދުމަތެއް ކަމުގައިވާ ޓެލެފޯން ވިއުގަ ހިންގައި ބެލެހެއްޓުމެވެ.

ޓީ ސީ ޑީ (ހ) އާ މަތިކުރެވިފައިވާ މަސައްކަތްތަކަކީ ރާއްޖޭގެ ވަޔަރލެސް ކޮމިޔުނިކޭޝަން ވިއުގަ ހިންގައި ބެލެހެއްޓުމެވެ. އެ ވިއުގަ އެކުލެވިގެންވީ އަތޮޅު ތެރޭގެ ރަށްތައް މުވާޞަލާތީ ގޮތުން ގުޅުވައިދޭ ވޯކީޓޯކީ ވިއުގަ އަކާއި، އަތޮޅު އޮފީސް ތަކާއި ޓީ ސީ ޑީ (ހ) އާ، އަދި ޓީ ސީ ޑީ (ހ) އާއި ސްރީލަންކާގައި ހުންނަ ދިވެހި އެމްބެސީ އާ ގުޅުވައިދޭ ވަޔަރލެސް ޓްރާންސީވަރ ވިއުގަ އަކުންނެވެ. ބައެއް މީހުން ޓީ ސީ ޑީ (ހ) އަށް ވަޔަރުލެސް އޮފީހޭ ވެސް ކިޔާ އުޅުނެވެ.

އަތޮޅުތަކާއި ޓީ ސީ ޑީ (ހ) އާއި ދެމެދު ހިގީ ވޮއިސް މެސެޖިންގެވެ. މާނަ އަކީ މެސެޖް ފޮނުވި ފަރާތުން ލިޔެފައި އޮންނަ ގޮތަށް ޓްރާންސްމިޓިންގ ސްޓޭޝަނުން ކިޔާދިނީމައި، ރިސީވިންގ ސްޓޭޝަނުން މެސެޖް ލިޔެފައި، އެޑްރެސް ކުރެވިފައިވާ ފަރާތަށް ރައްދު ކުރުމުވެ. ސްރީލަންކާގައި ހުންނަ ދިވެހި އެމްބެސީ އާއި ޓީ ސީ ޑީ (ހ) އާއި ދެމެދު މެސެޖް ބަދަލު ކުރެވުނީ މޯރސް ކޯޑުންނެވެ. މާނަ އަކީ ފޮނުވި ފަރާތުގެ މެސެޖް ޓްރާންސްމިޓިންގ ސްޓޭޝަނުން މޯރސް ކޯޑުން ފޮނުވުމުން، ރިސީވިންގެ ސްޓޭޝަނުން މެސެޖް ޑެސިފަރ ކޮށް، އިގިރޭސި އަކުރުން ލިޔެފައި، މެސެޖް އެޑްރެސް ކުރެވިފައިވާ ފަރާތަށް ރައްދު ކުރުމެވެ.

މާލެއިން ސްރީލަންކާ ނޫން އެހެން ގައުމުތަކަށް ފޮނުވާ މެސެޖް، ދިވެހި އެމްބެސީއިން ފޮނުވާނީ ސްރީ ލަންކާގައި ހުންނަ މޯލްޑިވިއަން ނެޝެނަލް ޓްރޭޑިންގ ކޯޕަރޭޝަން، އެމް އެން ޓީ ސީ ނުވަތަ މޯލްޓްރޭޑް ގެ އޮފީހަށެވެ. އެތަނުން އެ ގައުމުގެ މުވާޞަލާތީ ވިއުގަ މެދުވެރިކޮށް މެސެޖް ދާންޖެހޭ ގައުމަށް ފޮނުވަނީއެވެ. އެ ގައުމުތަކުން ރާއްޖެއަށް ފޮނުވާ މެސެޖްވެސް މޯލްޓްރޭޑަށް އަންނާނީ ސްރީލަންކާގެ މުވާޞަލާތީ ވިއުގަ މެދުވެރިކޮށެވެ. ދެން މޯޅްޓްރޭޑުން އެމްބެސީ މެދުވެރިކޮށް ޓީ ސީ ޑީ (ހ) އަށް މެސެޖް ލިބުމުން، އެ އޮފީހުން މެސެޖް އެޑްރެސް ކޮށްފައިވާ ފަރާތަށް ރައްދު ކޮށްދެނީއެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބެސީ އާއި ޓީ ސީ ޑީ (ހ) އާ ދެމެދު ގާއިމު ކުރެވިފައިވާ ވިއުގާގައި ބޭނުންކުރި ދެ ޓްރާންސީވަރަކީ ބޭނުންވެއްޖެ ހިދެއްގައި ޓެލެފޯނެއް ޕެޗް ކުރެވޭ ގޮތަށްހުރި ދެ ޓްރާންސީވަރެވެ. އެހެނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި، ޕްރައިމް މިނިސްޓަރާއި، ކެބިނެޓް މިނިސްޓަރުންނާއި، އެފެންވަރުގެ އެހެން ބޭފުޅުން، ސްރީލަންކާގައި ހުންނަވާ ދިވެހި އެމްބެސެޑަރާ ނުވަތަ އެ ވަގުތަކު ސްރީލަންކާގައި ހުންނެވި ބޭފުޅަކާއި ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ވެއްޖެނަމަ، އެ ބޭފުޅުން ތިއްބެވި ތަނަކުން އެކަން ކުރެއްވޭނެއެވެ. ނަމަވެސް، އެމްބެސީ އިން ބޭރުގައި ހުންނެވި ބޭފުޅެއްނަމަ ޖެހޭނީ ހަމަޖެހޭ ގަޑިއަކަށް އެމްބެސީއަށް ވަޑައިގެން ފޯން ކޯލް ނަންގަވާށެވެ.

ރާއްޖޭގެ ރަށެއްގައި ނުވަތަ ރާއްޖޭގެ ސަރަޙައްދުގައި އުޅޭ ކަނޑު ދަތުރު ކުރާ އުޅަދަކަށް އިމާރޖެންސީ ޙާލަތެއް މެދުވެރިވެދާނެ ކަމަށްޓަކައި ސަރުކާރުން ހަމަޖައްސަވާފައި އޮތީ ޓީ ސީ ޑީ (ހ) އަކީ ބަންދު ނުކޮށް އަބަދު ހުޅުވާފައި ހުންނަ އޮފީހެއްގެ ގޮތުގައެވެ. އެ އޮފީހުގައި ދުވާލުދާ ހަތަރު ދަމާއި ރޭގަޑުދާ ހަތަރު ދަމު ޑިއުޓީ ބަހައިގެން ވަޔަރލެސް އޮޕަރޭޓަރަކާއި ޕިޔޯނެއް ތިބޭނެއެވެ. އަދި އެ އޮފީހުގައި ހުންނަ ޓަރާންސީވަރ ތަކުގެ ތެރެއިން އެއް ޓްރާންސީވަރ އަބަދުވެސް ހުންނާނީ އިންޓަރނޭޝަނަލް އިމަރޖެންސީ ފްރީކްއެންސީ 2182 ގައެވެ. ޙާލުގަ ޖެހިގެން ނުވަތަ ކުއްލި މުހިއްމު ކަމެއް މެދުވެރިވެގެން އެއްވެސް އަތޮޅަކުން ނުވަތަ އުޅަދަކުން އެ ފްރީކްއެންސީ އިން ގޮވާލައިފިނަމަ، ޓީ ސީ ޑީ (ހ) އިން ވަގުތުން އިޖާބަދީ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް އަންގައި، އެކަމެއް ޙައްލު ވަންދެން އެކަމެއް ދިމާވި ރަށް ނުވަތަ އުޅަދާއި މާލެއާ ދެމެދު ވާހަކަ ދެކެވެމުންދާ ގޮތަށެވެ.

ބަޔާން ކުރެވިދިޔަ ފަސް މަންޒަރުގައި، ވަރަށް ކުއްލި ގޮތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ބޮމެބޭ-މާލޭ ޓެލެކްސް ލިންކް ވުޖޫދު ވެގެން ދިޔުމުގެ ތާރީޚީ އަދި މުހިއްމު ސަބަބުތަކެއް ވެއެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ސްރީލަންކާ ސަރުކާރުން ދިވެހި ހިކި ކަނޑުމަސް ގަތުން ހުއްޓާލުމެވެ. ނަތީޖާ އަކަށްވީ ކާޑުގެ ބާވަތްތަކާއި ބޭސް ފަދަ މުހިއްމު މާއްދާތައް އިމްޕޯރޓް ކުރަން ރާއްޖެއަށް ނުހަނު ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ދިވެހި ސަރުކާރަށް ދަތިތަކަކާއި ކުރިމަތިވުމެވެ.

ކުރިމަތިވި މައްސަލަ ތައް ޙައްލު ކުރަން ދިވެހި ސަރުކާރުން އެޅުއްވި ފިޔަވަޅަކީ ދައުވަތު ދެއްވައިގެން ޖަޕާނުގެ މަސްވެރި ދެ ކުންފުނި ކަމުގައިވާ މަރުބޭނީ ކޯޕަރޭޝަން އާއި ހޯކޯ ކޯޕަރޭޝަންގެ ކަލެކްޓިންގ ވެސަލްތަކެއް މާލެ ގެންނަވައި ދިވެހި މަސްވެރި އުޅަދުތަކުން ބާނާ މަސް ރޯމަހުގެ ގޮތުގައި ސީދާ މި ދެ ކުންފުނީގެ ކަލެކްޓިންގ ވެސަލްތަކަށް ވިއްކޭގޮތް ހަމަޖެއްސެވުމެވެ. އެކަމަށްޓަކައި ރާއްޖޭގައި ހުޅުވި މި ދެ ކުންފުނީގެ އޮފީހާއި ޖަޕާނުގައި ހުންނަ ހެޑް އޮފީހާއި ދެމެދު، ރާއްޖޭގައި އޭރު އޮތް މުވާޞަލާތީ ޙާލަތުގައި މުއާމަލާތު ކުރުމަކީ ވަރަށް އުދަގު ކަމަކަށްވީތީ، އެކަމުގައި ލުއި ގޮތެއް ހޯއްދަވައި ދެއްވުމަށް އެ ކުންފުނިތަކުން ސަރުކާރުގައި ދިޔައީ ދަންނަވަމުންނެވެ.

ދުވަސްވަރަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފް ކުރެވުނު ދުވަސްވަރުވެސް މެއެވެ. ފަތުރުވެރިކަން ތަޢާރުފް ކުރެވުނު ފަހުން އޭރުވީ އަހަރެއްހާ ދުވަހެވެ. އެހެންކަމުން އެ ދުވަސްވަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތްކުރި ދެ ކުންފުނި ކަމުގައިވާ މިޔުމަން ޓުއަރިސްޓް އޭޖެންސީ އަށާއި ކްރެސެންޓް ޓުއަރިސްޓް އޭޖެންސީ އަށްވެސް އެފަރާތްތައް ގުޅިފައިވާ ޔޫރަޕްގެ ޓުއަރ އޮޕަރޭޓަރުންނާ މުއާމަލާތު ކުރުމުގައި، މަސް ގަންނަން އައި ޖަޕާން ކުންފުނިތަކަށް ކުރިމަތިވި ދަތިތައް ދިޔައީ ކުރިމަތިވަމުންނެވެ.

މިކަންކަން މިހެން އޮއްވާ އެއްދުވަހަކު ލިބުނު ޚަބަރަކީ ދިވެހިރާއްޖޭގެ ވިޔަފާރި ސަފީރު އާދެ، މޯލްޑިވިއަން ގަވަރންމަންޓް ޓްރޭޑް ރެޕްރެޒެންޓޭޓިވް ގެ މަގާމުގައި އޭރު ހުންނެވި އޮނަރަބްލް އަލްފާޞިލް ކޮލިގޭ ޢަލީ ޢުމަރު މަނިކު ސަބަބެއްނެތި އަދި ޕްރޮޓޮކޯލް އާ ޚިލާފަށް ސްރީލަންކާ ފުލުހުން ހައްޔަރުކުރި ޚަބަރެވެ. ހަމަ ވަގުތުން ކަމާއި ބެހޭ ގޮތުން ދިވެހި ސަރުކާރުން ނުރުހުން ފާޅު ކުރެއްވުމާއިއެކު، ޢަލި މަނިކު މިނިވަން ކުރެއްވުމުގެ މަސައްކަތް ފަށްޓަވައި، ގިނައިރުތަކެއް ނުވެ އެކަން ކާމިޔާބު ކުރެއްވިއެވެ. އެއާއިއެކު، އޭރު ސްރީލަންކާގައި ހިގަމުންދިޔަ މޯލްޑިވިއަން ނެޝެނަލް ޓްރޭޑިންގ ކޯޕަރޭޝަން މޯލްޓްރޭޑްގެ އޮފީސް ބަންދު ކުރައްވައި، އެ އޮފީހުގެ މަސައްކަތްތައް ބޮމްބޭގައި ހިގަމުންދިޔަ މޯލްޑިވްސް ޝިޕިންގ ލިމިޓެޑް އެމް އެސް އެލް ގެ އޮފީހަށް ބަދަލު ކުރަންވެސް ސަރުކާރުން ނިންމެވިއެވެ. ބޮމެބޭ-މާލޭ ޓެލެކޮމިޔުނިކޭޝަން ލިންކުގެ ވިސްނުން ފެށިގެން އައީ މި ހިސާބުންނެވެ.

1974 ވަނަ އަހަރުގެ ކުރީކޮޅުގެ ދުވަހެކެވެ. އޭރު ޓީ ސީ ޑީ (ހ) ގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މއ. ރޯޒްމީޑް އަލްއުސްތާޛް ޢަބްދުލްރައްޒާގު ޢަބްދުލްވައްހާބް އޮފީހަށް ވަޑައިގަތުމާއިއެކު، ޑިޕާރޓްމަންޓް ހިންގުމުގައި އެ މަނިކުފާނުގެ އިސް އެހީތެރިއެއްގެ ގޮތުގައިހުރި ޑިޕާރޓްމަންޓްގެ އިގިރޭސި ސެކްރެޓަރީ، މި ގަލަމުގެ ވެރިޔާއަށް އިންޓަރކަމުން ގުޅުއްވާފައި އެ މަނިކުފާނުގެ އަރިހަށް ދިޔުމަށް ވިދާޅުވެއްޖެއެވެ. އަޅުގަޑު ޢަބްދުލްރައްޒާގު އަރިހަށް ދިޔުމުން ވިދާޅުވީ އެދުވަހު ސައިފޮދަށް ބައެއް ބޭފުޅުން ވަޑައިގަންނަވާނެ ކަމަށާއި، ރަގަޅު ސައިފޮދެއް ތައްޔާރު ކުރުމަށެވެ. ސައިފޮދަށް ވަޑައިގެން ބޭފުޅުންގެ ތެރޭގައި އޮނަރަބްލް ޢަލީ ޢުމުރު މަނިކާއި، މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާރޒްގެ ޗީފް އޮފް ޕްރޮޓޮކޯލް މއ. އިރުމަތީގޭ އަޙުމަދު ޖަލީލާއި، ލަފާ ކުރެވޭ ގޮތުގައި އިންޑިޔާ ސަރުކާރުގެ އޮފިޝަލެއް ހިމެނިވަޑައިގަތެވެ.

ސައިފޮދު ނިމިގެން ކުޑައިރުކޮޅަކު މަޝްވަރާގައި ތިއްބެވުމަށްފަހު، ހުރިހާ ބޭފުޅުން އެކީގައި ވަޑައިގަތީ ބޭރަށެވެ. އިރުކޮޅެއް ފަހުން ޢަބްދުލްރައްޒާގު ގިނިކަންޏާ އެނބުރި އޮފީހަށް ވަޑައިގެން، އަޅުގަޑާއި ހ. ވައިޓްވޭވެސް އާއި މެރިން ޑްރައިވް 54 ނަންބަރު ފިހާރައިގެ ތަޅުދަނޑިފަތި ޙަވާލު ކުރެއްވުމަށްފަހު، އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބޮމެބޭ-މާލޭ ޓެލެކޮމިޔުމިކޭޝަން ލިންކެއް ގާއިމު ކުރެއްވުމަށް ސަރުކާރުން ނިންމަވައިފި ކަމަށާއި، އެ މަޝްރޫޢު އާއި އެ މަޝްރޫޢު އާ ގުޅިގެން ޓީ ސީ ޑީ (ހ) ކުރަންވީ މަސައްކަތަކުގެ ތަފްޞީލް ކިޔައިދެއްވިއެވެ.

އެންމެ ފުރަތަމަ ކުރެވުނު ކަމަކީ އެކި ބާވަތްތަކުގެ ކުރު މުއްދަތުގެ ތަމްރީން ހޯދުމަށް ޓީ ސީ ޑީ (ހ) ގެ އޮފިޝަލުން އިންޑިޔާއަށް ފޮނުވުމެވެ. އެ ގޮތުން ޑިރެކްޓަރ ޢަބްދުލްރައްޒާގު ޢަބްދުލްވައްހާބު ފެމީލިއަރައިޒޭޝަން އަދި ސްޓަޑީ ޓުވަރެއްގައި އޯ ސީ އެސް އަށް ވަޑައިގަތެވެ. ޗީފް އިންޖިނިއަރ މައިޒާން އަހުމަދު މަނިކާއި އިންޖިނިއަރ މ. ސަލްޖަމްގޭ މޫސާ މުޙައްމަދު ދީދީ އިންޖިނިއަރިންގ ޓްރެއިނިންގ، ބުޗާ މުޙައްމަދު މަނިކު އެކައުންޓިންގ ޓަރެއިނިންގ، ގ. ބެންހާގެ މުޙައްމަދު ޙަބީބާއި މއ. އެވަރލާސްޓް ނަޞްރުﷲ ކަމާލުއްދީން ޓެލެޕްރިންޓަރ މެއިންޓެނަންސް ޓްރެއިނިންގ، އަދި މ. ނޫރާނީއާގޭ ޝަހީދާ ޒަކީ އާއި ގ. ލޭޑީ މޫން ނަޒީރާ މުޙައްމަދު ޓެލެޕްރިންޓަރ އޮޕަރޭޓަރ ޓްރެއިނިންގ ކޯސްތައް އޯ ސީ އެސް ގައި ހެއްދެވިއެވެ.

ޓީ ސީ ޑީ (ހ) ގެ އޮފިޝަލުން އޯ ސީ އެސް ގައި ޓްރެއިން ވެގެން އައިތާ މާ ގިނަ ދުވަސް ތަކެއްނުވެ، މަޝްރޫޢު ހިންގަން އޯ ސީ އެސް ގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމެއް މާލެ އައެވެ. އެ ޓީމުގައި ހިމެނުނީ ޕްރޮޖެކްޓް މެނޭޖަރ މިސްޓަރ ސީ ކޭ ޗިކަރުސަލް އާއި، އިންޖިނިއަރ މިސްޓަރ އެސް އެމް ޔޫސުފް އާއި، ޓެލެޕްރިންޓަރ އިންޖިނިއަރ މިސްޓަރ ޖޭ ކުލްކަރުނީއެވެ. އެ ޓީމް މާލެ އައިއިރު މަޝްރޫޢު އަށް އިންޑިޔާ ސަރުކާރުން ހަދިޔާ ކުރެއްވި އިކުއިޕްމަންޓް ތަކާއި އެހެނިހެން ތަކެތި ހިފައިގެން އައި އެމް އެސް އެލް ގެ ބޯޓް މާލެ ބަދަރުގައި އޮތެވެ.

މަޝްރޫޢު ހިންގަން އޯ ސީ އެސް އިން އައި ޓީމުގެ ތިބުމާއި، ކެއުން ބުއިމުގެ ކަންކަން ހަމަޖެއްސީ ހ. ވައިޓްވޭވެސް ގައެވެ. ދިވެހި ސަރުކާރުން ހުރިހާ ޚަރަދެއް ބަލަހައްޓާ ގޮތަށެވެ. ހ. ވައިޓްވޭވްސް އަކީ އޭރު މާލޭގައި ހުރި އެންމެ ފުރިހަމަ އަދި ރީތި ގެތަކުގެ ތެރެއިން ގެއެކެވެ.

މަޝްރޫޢު އަށް އިންޑިޔާއިން ގެނައި ތަކެތި ކަސްޓަމްސް ކްލިއަރ ކުރުމަށްފަހު އިންޑިޔާގެ ޓީމުން ބުނިތަންތަނަށް ފޮނުވުނެވެ. ޓަރާންސަމިޝަން އާ ބެހޭ ސާމާނު ހ. ވައިޓްވޭވްސް އަށެވެ. ރިސެޕްޝަން އާ ބެހޭ ސާމާނު މެރިން ޑްރައިވް 54 ނަންބަރު ފިހާރައަށެވެ.

މެރިން ޑްރައިވް 54 ނަންބަރު ފިހާރަ ހުރީ އޭރު މާލޭގެ އެންމެ ހުޅަގު އުތުރު ކަންމަތީގައެވެ. އެތަނާއި ހ. ވައިޓްވޭވްސް އާ ދެމެދުގެ ދުރުމިނަކީ އޭރު މާލެއިން ނެގޭނެ ގާތްގަޑަކަށް އެންމެ ދުރު ދެ ޕޮއިންޓެވެ. އެހެން ކަމުން ޕްރޮޖެކްޓްގެ އެންމެ ބަރު މަސައްކަތަކަށްވީ މި ދެތަން ދެމެދުގައި ބިމުގެ އަޑިން ކޭބަލެއް އެޅުމުގެ މަސައްކަތެވެ. ބިން ކޮންނަ އެއްވެސް އިކުއިޕްމަންޓެއް އޭރު ރާއްޖެއަކު ނެތެވެ. އެހެންކަމުން އެ ކޭބަލް އަޅަން ޖެހުނީ މީހުންގެ އަތުން އުދަލިން ބިން ކޮނެގެންނެވެ.

ހ. ވައިޓްވޭވްސް އާއި މެރިން ޑްރައިވް 54 ނަންބަރު ފިހާރައާއި ދެމެދު ކޭބަލް އެޅުމުގެ މަސައްކަތް ކުރަމުން ދިޔައިރު ހ. ވައިޓްވޭވެސްގައި ޓްރާންސްމިޓިންގ އިކުއިޕްމަންޓް ބަހައްޓައި، އެ ޢިމާރާތުގެ ކުރިމަތީގައި އޮތް ރޭޑިޔޯ މޯލްޑިވްސް ގެ އެންޓެނާ ފާމުގައި 100 ފޫޓް އުސް މިނުގެ އިތުރު ޓްރާންސްމިޓިންގ އެންޓެނާއެއް ބެހެއްޓުނެވެ. ހަމަ އެފަދައިން މެރިންޑްރައިވް 54 ނަންބަރު ފިހާރައިގައި ޓެލެޕްރިންޓަރ ތައް ހިމެނޭ ގޮތަށް ރިސީވިންގ އިކުއިޕްމަންޓްތައް ބަހައްޓަމުން ދިޔައިރު އެ ޢިމާރާތުގެ ގޯތި ތެރޭގައި 100 ފޫޓް އުސް މިނުގެ ރިސީވިންގ އެންޓެނާ އެއްވެސް ބެހެއްޓުނެވެ.

ސަރުކާރުގެ އަމާޒަކީ އެ އަހަރުގެ ޓެލެކޮމިޔުނޭޝަން ދުވަހު، އާދެ، 17 މޭ 1974 ގައި ބޮމްބޭ-މާލޭ ޓެލްކޮމިޔުނިޝަން ލިންކުގެ ޚިދުމަތް ފެށުމެވެ. މާތް ﷲ ގެ އިރާދަފުޅާއި އެކު، އެދުވަހުގެ ދުވަސްކޮޅެއް ކުރިން މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިމި ޓެސްޓް ތައް ކުރެވުނެވެ. ހުރިހާ ޓެސްޓެއްވެސް ކާމިޔާބެވެ.

ބޮމްބޭ-މާލޭ ޓެލެކޮމިޔުނިކޭޝަން ލިންކު ގެ ޚިދުމަތް ޢާއްމުކޮށް ދޭން ފެށީ 17 މޭ 1974 ދުވަހު ހަވީރު 4،00 ގައި މެރިން ޑަރައިވް 54 ނަންބަރު ފިހާރައިގެ މަތީ ބުރީގައި ބޭއްވުނު ކުޑަ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި ޓީ ސީ ޑީ (ހ) އާއި (ށ) ގެ މުވައްޒަފުންގެ އިތުރުން މިނިސްޓްރީ އޮފް އެކްސްޓާރނަލް އެފެއާރޒް އާއި ރޭދިޔޯ މޯލްޑިވްސް ފަދަ މަދު ސަރުކާރު އޮފީސް ތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.

ޖަލްސާ ތަޢާރަފް ކޮށް އެރުވީ މި ގަލަމުގެ ވެރިޔާ އޭރު ޓީ ސީ ޑީ (ހ) ގެ އިގިރޭސި ސެކްރެޓަރީ އެވެ. އެއަށްފަހު ޓީ ސީ ޑީ (ހ) ގެ ޑިރެކްޓަރ ޢަބްދުލްރައްޒާގު ޢަބްދުލް ވައްހާބު ގެ ވާހަކަފުޅު ދެއްކެވިއެވެ. ބޮމްބޭ-މާލޭ ޓެލެކޮމިޔުނިކޭޝަން ލިންކް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އޮނަރަބްލް އަލްފާޞިލް އަޙްމަދު ޙިލްމީ ދީދީ އެވެ. ލިންކް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން އަޙުމަދު ޙިލްމީ ވާހަކަފުޅު ދެއްކެވިއެވެ.

ބޮމެބޭ-މާލޭ ޓެލެކޮމިޔުނިކޭޝަން ލިންކް ގެ ޚިދުމަތް ފެށުމާއިއެކު، އޯ ސީ އެސް މެދުވެރިކޮށް ދުނިޔޭގެ ހުރިހާ ގައުމަކަށް މެސެޖް ފޮނުވުމާއި ދުނިޔޭގެ ހުރިހާ ގައުމަކުން ރާއްޖެއަށް މެސެޖް ލިބުމުގެ ފުރުޞަތު ހުޅުވިގެން ދިޔައީއެވެ. ޓީ ސީ ޑީ (ހ) އިން ޓެލެކްސް ލައިނެއް ކުއްޔަށް ހިފާ ފަރާތްތަކަށް އެ އޮފީހެއްގައި ޓެލެކްސް މެޝިނެއް ބަހައްޓައިގެން ސީދާ އެ އޮފީހަކުން ޓެލެކްސް މެސެޖް ފޮނުވައި ލިބުމުގެ ފުރުޞަތުވެސް ހުޅުވުގެން ދިޔައީއެވެ.

މާތް ﷲ ގެ އިރާދަފުޅާއިއެކު، ދިވެހިރާއްޖޭގެ މުވާޞަލާތީ ޚިދުމަތް މުޅިން އާ އުސްމިނަކަށް އުފުލިގެން ދިޔައީއެވެ.

 

ނޯޓް: މި މަޟްމޫނަކީ މި ގަލަމުގެ ވެރިޔާގެ 50 އަހަރުގެ ކުރީގެ ހަނދާން ތަކުގެ މައްޗަށް ލިޔެފައިވާ މަޟްމޫނެކެވެ. މަޟްމޫނުގައި ޙަގީގަތާއި ޚިލާފް ވާހަކައެއް ލިޔެވިފައި ނޯންނާނެ ކަމުގެ ޔަގީންކަން އޮތްނަމަވެސް، އިންސާނީ ޟަޢީފް ކަމުގެ ތެރެއިން އެފަދަ ވާހަކައެއް ލިޔެވިފައިވާނަމަ، ކިޔުންތެރިންގެ ކިބައިން ނުހަނު ބޮޑަށް މަޢާފަށް އެދެމެވެ، އަދި އެ ފަދަ ކުށެއް އަޅުގަޑަށް އަންގަވައިދެއްވައިފި ނަމަ، އެކުށެއް އިޞްލާޙް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ.

  

 

 

Sunday, April 21, 2024

 

`

މާލޭ ފަޅުން ބިން ހިއްކުން – މާލޭގެ ތަރައްގީ ގެ ބިންގާ

މީގެ ސާޅީސް ފަސް އަހަރު ކުރިން މިއަދު، އާދެ، 21 އެޕްރިލް 1979 އަކީ ދިވެހިރާއްޖޭގެ އެންމެ ގަދީމީ އަދި އެންމެ ތާރީޚީ އެއް ރަށް ކަމުގައިވާ، ރާއްޖޭގެ ވެރިކަން ކުރާ ރަށް، މާލޭގެ ތަރައްގީ އާއި ކުރިމަގު އާ އުސްމިން ތަކަކަށް އުފުލާލުމުގެ ބިންގާ އެޅުނު ދުވަހެވެ.

ދުވަހުގެ އަޞްރު ނަމާދުން ފޭބި ވަގުތު ސަރުކާރުގެ ބައެއް އިސްވެރިން އޭރު މާލޭގެ ހުޅަގު ފަރާތުން އެންމެ ގޮޑުދޮށް (މިހާރު ޝަހީދު ޢަލީ ހިނގުމުގެ) އުތުރު ކޮޅަށް ހާޒިރުވެ ވަޑައިގަންނަވަމުން ގެންދެވިއެވެ. އޭގެ ތެރޭގައި އޭރުގެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝެނަލް ސެކިއުރިޓީ ގެ ނާއިބު އިލްޔާސް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކަޓިވް ސެކްރެޓަރީ ޢަބްދުﷲ ޖަމީލް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޖިއަރިންގ ކޮންސަލްޓެންޓް އަޙްމަދު އާދަމް، ޑިޕާރޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ ޑިރެކްޓަރ ޙަސަން އަހުމަދު މަނިކު، އަދި ދިވެހިރާއްޖޭގެ އަޑުގެ ޑެޕިއުޓީ ޑިރެކްޓަރ ޢައްބާސް އިބްރާހިމް ހިމެނިވަޑައިގަތެވެ.

ޙާޟިރު ވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިންނާއި، އެ ވަގުތު އެތަނަށް އައިސް ތިބި އެތައް ސަތޭކަ މީހުންނެއް އިންތިޒާރު ކުރަމުން ދިޔައީ ކުރީ އަހަރު ނޮވެމްބަރ 11 ވަނަ ދުވަހު ރާއްޖޭގެ ޒަޢާމަތާއި ޙަވާލު ވެވަޑައިގެން ހުންނެވި ޒުވާން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަށެވެ. ގަޑިން ހަވީރު ހަތަރެއް ޖެހިއިރަށް އެ މަނިކުފާނު ރަސްމީ ކާރުކޮޅުގައި ސަރަޙައްދަށް ވަޑައިގެންފިއެވެ.

ސަރަޙައްދުން އެ މަނިކުފށާނަށް އިސްތިޤްބާލު ކުރީ ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓްގެ ޑިރެކްޓަރ މި ގަލަމުގެ ވެރިޔާއާއި، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިންނާއި، ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓްގެ އެއްގަމު ސަރުދާރު ބޮޑުބެ އިބްރާހިމް ފުޅު (ފަހުން ބޮޑުބެ އިބްރާހިމް ކަލޭފާނު) އާއި، އެ ޑިޕާރޓްމަންޓްގެ ކަނޑުގެ ސަރުދާރު މަލިން އިބްރާހިމް ކަލޭފާނާއި، ސަރުދާރު ޢަބްދުއްލަޠީފް ޢަބޫބަކުރާއި، މެކޭނިކުން ކަމުގައިވާ ރަތްބަގީޗާގޭ އަހުމަދު ޖަމީލާއި އަބްދުއްލަޠީފް އިބްރާހިމް، އަދި އެޑިޕާރޓްމަންޓްގެ އިސް މުވައްޒަފުންނެވެ.

ރައީސް މައުމޫނާއި އެންމެހާ ޢިއްޒަތްތެރިން އެދުވަހު މިސަރަޙައްދަށް ވަޑައިގަތުމުގެ ބޭނުންފުޅަކީ އެ މަނިކުފާނުގެ ސަރުކާރުން ރާއްޖޭގައި އެންމެ ފުރަތަމަ ފެށްޓެވި ތަރައްގީގެ މަޝްރޫޢު ކަމުގައިވާ މާލޭ ފަޅުން ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވާ ދެއްވުމެވެ. އާދެ، އެ މަނިކުފާނު ރާއްޖޭގެ ޒަޢާމަތާ ޙަވާލު ވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މާލޭ ފަޅުން ބިން ހިއްކުމަށް ވިހި މިލިއަން ރުފިޔާ އާއި އަތޮޅު ތަކުގެ ތަރައްގީ އަށް ވިހި މިލިއަން ރުފިޔާ، މުޅިއެކު ސާޅީސް މިލިއަން ރުފިޔާ 1979 ވަނަ އަހަރަށް ސަޕްލިމެންޓަރީ ބަޖެޓެއްގެ ގޮތުގައި ރައްޔިތުން މަޖިލިސް އަށް ހުށަހަޅުއްވައިގެން ފާސް ކުރެއްވުމެވެ.

ރަސްމިއްޔާތަކީ މުހިއްމު ރަސްމިއްޔާތެއް ކަމުގައިވީ ނަމަވެސް، އޭރު ސަރުކާރުގެ ވަސީލަތްތައް ހުރިގޮތުން ރަސްމިއްޔާތު ވެގެން ދިޔައީ ކޮޅަށް ތިބެގެން ބޭއްވުނު ވަރަށް އާދައިގެ ރަސްމިއްޔާތަކަށެވެ. ރަސްމިއްޔާތު ފެށިގެން ދިޔައީ ޞަލަވާތުގެ ބަރަކާތުންނެވެ. އެއަށްފަހު ޙާޟިރު ވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުންނާއި މުޚާޠަބު ކުރައްވާ ރައީސް މައުމޫން ވާހަކަފުޅު ދެއްކެވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި މަޝްރޫޢުގެ މަގުޞަދަކީ ގެދޮރު ބިނާ ކުރަން ބޭނުންވެފައިވާ އެތައް ބަޔަކަށް ގޯތި ދެއްވުމާއި، ސަރުކާރުގެ ކަންކަމަށް މާލެއިން ބޭނުންވާ ބިން ޙޯއްދަވައި ދެއްވުންކަން ހާމަ ކުރެއްވިއެވެ.

ރައީސް މައުމޫން ވާހަކަފުޅު ދައްކަވާ ނިމުމުން މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން ދިޔައީ ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓްގެ ޑިރެކްޓަރ އެމަނިކުފާނުގެ އަތްޕުޅަށް އެރުވި ވެލި ފަކީރާއެއް، ހިއްކަން ހަމަޖެހިފައިވާ ސަރަޙައްދަށް އެ މަނިކުފާނު އަޅުއްވައި ލެއްވުމުންނެވެ. އެއާއިއެކު އިވިގެންދިޔައީ ވިދިގެންއައި ހައެއްކަ އަހަރު މާލޭގެ ޖައްވުގައި މެދުކެޑުމެއްނެތި އިވެމުންދިޔަ އަޑެއް ކަމުގައިވި، ޕޯރޓް ކަމިޝަންގެ ދެ ނަންބަރު ކޮންނަ ބޯޓުގެ ބާރުގަދަ އިންޖީނު ހިންގާލި އަޑެވެ. ދެން ފެނިގެން ދިޔައީ އެކްސްކަވޭޓަރާއި، ފްރަންޓް ލޯޑަރ އަދި ޓިޕަރ (ފޮށިގަޑު ހިއްލޭ) ލޮރީތައް ޙަރަކާތްތެރިވާން ފެށިތަނެވެ. މުޅިން ދިވެހި ދައުލަތުގެ އަމިއްލަ މެޝިނަރީއެވެ. އެ އެއްޗެތި އޮޕަރޭޓް ކުރަން ނުވަތަ ދުއްވަން ތިބީ މުޅިން ދިވެހިންނެވެ.

މާލޭފަޅުން ބިން ހިއްކުމުގެ މަޝްރޫޢަށް ވެލި ނަގަން ހަމަޖައްސާފައި އޮތީ މާލޭގެ އުތުރު އަދި ދެކުނު ފަރާތު ފަޅާއި މާލެގެ ހުޅަގު ދެކުނު ކަންމަތީގައި މިހާރު އެއޮތް ބަދަރު ސަރަޙައްދުގެ ފަޅު ކޮނެގެންނެވެ. އޭރު މިތަންތަނަކީ ހިކިދިޔަ ކީއްކުރަންތޯ ބޮޑު ދިޔާގައިވެސް މައިގަޑު ގޮތެއްގައި އިސްކޮޅު ޖެހޭތަންތަނެވެ. އެހެނީ މާލޭ ފަޅު ކޮންނަން އޭގެ ކުރިން ބޭނުން ކުރަމުން ދިޔައީ 1903 ވަނަ އަހަރު އެކަމަށް އިގިރޭސި ސަރުކާރުގެ އެހީގައި ލިބުނު ކުޑަކުޑަ ލިސްޓަރ އިންޖީނެއް އަޅާފައިއޮތް ދަތްގަޑު ޖައްރާފާ އެކެވެ. 1970 ގެ އަހަރުތަކާއި ހަމައިން މާލޭ ފަޅަށް ވަދެ ނުކުމެވީ އުޅަދުތަކުގެ ސައިޒް އަދި ފުންމިން (ޑްރާފްޓް) ބަދަލުވަމުން ދިޔަ ގޮތުން ބޭނުންވާ ގޮތަށް މާލޭގެ ފަޅުގެ ފުންމިން ބެލެހެއްޓުމުގެ މަސައްކަތް އެ ޖައްރާފާއަށް އޮތީ ނުކުރެވިފައެވެ.

ދެ ނަންބަރު ކޮންނަ ބޯޓަކީ ދިވެހި ސަރުކާރުގެ ބޭނުންފުޅަށް ހުޅުލެ ބޮޑު ކުރެއްވުމަށް ސިންގަޕޫރުގެ ޖުރޮންގ ޓައުންގެ ޑޮކްޔާޑްގައި ބަދެފައިއޮތް އުޅަދެކެވެ. އެއީ ކަޓަރ ސަކްޝަން ވައްތަރުގެ ޑްރެޖަރެކެވެ. އެއިން ވެލި ފޮނުވެނީ އެއް ފޫޓް ޑައިމީޓަރ ހުންނަވަރުގެ ހޮޅި ލޭނަކުން ދެ ހާސް ފޫޓް ދުރަށެވެ.

މާލޭ ފަޅު ކޮންނަންފެށީ އުތުރު ފަރާތު ފަޅުގެ އެންމެ އިރުން ފެށިގެން ހުޅަގަށެވެ. އެންމެ ފުރަތަމަ ވެލި އެޅި މާލޭ ޕޯޓް މިހާރު އެއޮތް ތަނާއި މަސްމާރުކޭޓް/ލޯކަލް މާރުކޭޓާއި ދެމެދަށެވެ. އެތަނަށް އެޅޭ ވެލި ހިއްކާ ސަރަޙައްދަށް ގެންދިޔައީ އެކްސްކަވޭޓަރަކުން ނަގާ ފޮށިގަޑު ހިއްލޭ ލޮރީ ތަކަށް އަޅައިގެންނެވެ. ހިއްކާ ތަނުގައި ވެލިގަޑު އެއްވަރު ކުރީ ފްރަންޓް ލޯޑަރެއްގެ އެހީގައި މީހުންގެ އަތުން އުދައްޔާއި މަށަންދަތިންނެވެ. ޑްރެޖަރ ކޮންނަމުން ހުޅަގަށް އައިވަރަކަށް ހޮޅިލޭންވެސް ހިއްކާތަނާއި ކައިރިވަމުން އައިސް، ވަކި ހިސާބަކުން ސީދާ ހިއްކާތަނަށް ވެލި ފޮނުވޭ ވަރު ވިއެވެ.

މާލޭގެ އުތުރު ފަރާތު ފަޅާއި ހުޅަގު ދެކުން ކަންމަތީގެ ފަޅުގެ ސަރަޙައްދު ކޮނުމުގައި މާބޮޑު އުދަގުލަކާއި ކުރިމައްޗެއް ނުވެއެވެ. އެހެންނަމަވެސް މާލޭގެ ދެކުނު ފަރާތަކީ ރަށުގެ ފުށްޓަރު ފަރާތް ކަމަށް ވުމާއިއެކު އެ ފަރާތު ފަޅުގެ މަތީ ފަށަލާގައި ވަރަށް ހަރު ކޮންނަ ބޯޓުން ކޮންނަން އުދަގުވި އައިނުގަޑެއް އޮތެވެ. އެހެން ކަމުން އެ އާނުގަޑު ޖެހުނީ ކޮންޓްރޯލްޑް ބްލާސްޓިންގ ބޭނުންކޮށްގެން ގޮއްވާލާށެވެ. އެއަށްފަހު އޭގެ އަޑީގައިހުރި ވެލި ކޮންނަން އެހާ އުދަގުލެއް ނުވިއެވެ.

މަޝްރޫޢު ގެ މަސައްކަތް ފެށުނުއިރު މީހުން އަމިއްލައަށް ހިއްކާފަ ހުރި ގޯތި ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް ހުޅަގު ފަރާތުން އެންމެ ގޮޑު ދޮށަކީ ޝަހީދު ޢަލީ ހިގުމެވެ. މާލޭގެ ދެކުނު ފަރާތުން ގާތްގަޑަކަށް މައްޗަންގޮޅީ، ގަލޮޅު އަދި ހެންވޭރު ސަހަރާ އާ ޖެހިގެން ދެކުނަށް ހުރި މަގުތަކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ސަހަރާތައް ހުރީ ގާތްގަޑަކަށް މާލޭގެ އެންމެ ގޮޑުދޮށުގައެވެ.

މަޝްރޫޢުގާ ކަނޑައެޅިފަ އޮތީ މާލޭގެ ހުޅަގު ފަރާތުންނާއި ދެކުނު ފަރާތުން 6،387،314 އަކަފޫޓް (147 އޭކަރ) ގެ ބިން ހިއްކުމެވެ. އެއީ އެވްރެޖްކޮށް 5 ފޫޓް ފުން މިނުގައެވެ. އެހެންނަމަވެސް ހުޅަގު ފަރާތުން މަޝްހޫރު ރާވެރިބެ ނެރާ ދިމާލުން 8 ފޫޓް ފުންމިން ހުރި ސަރަހައްދަކާއި ދެކުނު ފަރާތުން މުއިވިލު އޮތް ސަރަހައްދުން 18 ފޫޓް ފުންމިން ހިއްކަން ޖެހުނެވެ. މުއިވިލު އޮތީ މިހާރުގެ އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އެހުރި ބިމުގެ އުތުރުން އޮތް ސަރަޙައްދު ގައެވެ.

ޑްރެޖަރ ހިންގުމުގެ މަސައްކަތް އިސްވެ ބެލެހެއްޓެވީ އެއްގަމު ސަރުދާރު ބޮޑުބެ އިބްރާހިމް ފުޅު (ފަހުން ކަލޭފާނު) އެވެ. ހިއްކާ ސަރަޙައްދު އިސްވެ ބެލެއްޓެވީ ކަނޑުގެ ސަރުދާރު މަލިމް އިބްރާހިމް ކަލޭފާނާއި ސަރުދާރު ޢަބްދުލްލަޠީފް އަބޫބަކުރެވެ. ވެހިކަލް ތަކާއި އިކްވިޕްމަންޓް ތަކުގެ މަރާމާތުގެ ކަންކަން އިސްވެ ބެލެހެއްޓެވީ ރަތްބަގީޗާގެ އަހުމަދު ޖަމީލާއި މޯރީލޮޖް އަބްދުލްލަޠީފް އިބްރާހިމެވެ.

މަޝްރޫޢުގެ މަސައްކަތް ހިންގަން ހަމަޖެހިފައި އޮތީ ހުކުރު ދުވަހުގެ ހެދުނު 10.30 ން ފެށިގެން ހޮނިހިރު ދުވަހު ހެދުނު 8.00 ށް ފިޔަވައި، ރެޔާއި ދުވާލު އެހެން ހުރިހާ އިރެއްގައި ކަމަށް ވުމާއިއެކު، ކަންކަމާއި ޙަވާލު ވެވަޑައިގެން އެންމެ އިސްކޮށް މަސައްކަތް ކުރެއްވި މި ދެންނެވި މުވައްޒަފުން ފިޔަވައި، އެކި ފެންވަރުގެ ވަޒީފާ ތަކުގައި ވަރަށް ގިނަ އެހެން މުވައްޒަފުންވެސް ވަރަށް އިޚްލާޞްތެރި ކަމާއިއެކު ވަރަށް ބަރުކޮށް މަސައްކަތް ކުރެއްވިއެވެ. އެ މުވައްޒަފުންގެ ނަންތައް މި މަޒްމޫނުގައި ވަކިވަކިން ފާހަގަ ނުކުރެވުނު ކަމަށްޓަކައި، އެ ބޭފުޅުންގެ އަރިހުން މި ގަލަމުގެ ވެރިޔާ ނުހަނު ބޮޑަށް މަޢާފަށް އެދެއެވެ.

1976 ގެ ކުރިން ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓަކީ މައިގަޑު ގޮތެއްގައި ގަލުން ލާފައިވާ މާލޭގެ އެއްގަމު ތޮށްޓާއި ކަނޑު ތޮށި މަރާމާތުކޮށް ބެލެހެއްޓުމާއި ޖައްރާފާއިން މާލޭގެ ފަޅު ފުންކޮށް ބެލެހެއްޓުމާ މަތި ކުރެވިފައިވާ ސަރުކާރުގެ އިދާރާއެވެ. އެ ހިސާބުން ފެށިގެން އެ ޑިޕާރޓްމަންޓުން ކުރަމުން އައި މަސައްކަތްތައް ތަފާތުވެ، ޢިމާރާތް ކުރުމާއި ބިން ހިއްކުން ފަދަ މަސައްކަތްތައް ކުރާ ސަރުކާރުގެ ޒަމާނީ އިދާރާއަކަށް ބަދަލު ވުމުގެ ރާސްތާގައި އެންމެ ބޮޑަށް ކުރިމަތިވި ހުރަހަކީ މެޝިނަރީ ހިންގައި ބަލަހައްޓާނެ ހުނަރުވެރި މުވައްޒަފުން ނެތް ކަމެވެ.

މި މައްސަލަ ޙައްލު ކުރީ މަސައްކަތު މީހުންގެ ތެރެއިން ރަނގަޅު މީހުން ހޮވައިގެން، އެ މީހުންނަށް މަސައްކަތުގެ ތެރެއިން އެކި މަސައްކަތްތައް ދަސްކޮށްދީގެންނެވެ. މި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ހަ މަސް ދުވަސް ވަންދެން ހޮވޭ މީހުން ގެންގުޅެނީ ޓްރެއިނީ އިންގެ ގޮތުގައެވެ. ޓްރެއިނީ އިންގެ ގޮތުގައި ރަނގަޅަށް އުޅޭ މީހުން ވިދިގެން އަންނަ ހަ މަސްވަންދެން ގެންގުޅެނީ އެޕްރެންޓިސް އިންގެ ގޮތުގައެވެ. އެޕްރެންޓިސް އިންގެ ގޮތުގައި ރަނގަޅަށް އުޅޭ މީހުންނަށް ދެން ލިބެނީ ފުރިހަމަ ވަޒީފާއެވެ.

ޑްރެޖަރ އޮޕަރޭޓަރ ޓްރެއިނީ ބަދަލުވާނީ ޑްރެޖަރ އޮޕަރޭޓަރ އެޕްރެންޓިސް އަށެވެ. އެއަށްފަހު ޑްރެޖަރ އޮޕަރޭޓަރަށެވެ. ޑްރެޖަރ މެކޭނިކް، އެކްސްކަވޭޓަރ އޮޕަރޭޓަރ، ލޯޑަރ އޮޕަރޭޓަރ، ލޮރީ ޑްރައިވަރ، އަދި ޖެނެރަލް މެކޭނިކުގެ ވަޒީފާތަކަށް މީހުން ތަމްރީންކޮށް އުދެއްދުނީވެސް ހަމަ މިގޮތަށެވެ.

1979 ން 1986 ށް ހިންގުނު މި މަޝްރޫޢުގެ މުއްދަތުގައި ހއ ތުރާކުނުން ފެށިގެން ސ ގަމާއި ހަމައަށް އެތައް ހާސް ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ވެގެން ދިޔައެވެ. އޭގެ އިތުރުން އެތައް ސަތޭކަ ދިވެހިންނެއް ތަފާތު ހުނަރުތައް ދަސްކޮށް، ފަހުން ދިރިއުޅުމަށް އެ މަސައްކަތްތައް ކުރިއެވެ. މި މަޝްރޫއުގައި އެއްވެސް ބިދޭސީއެއް މަސައްކަތެއް ނުކުރެއެވެ.

ތެދުފުޅެކެވެ. މި މަޝްރޫޢުގައި ހިއްކި ބިމުން ބޯހިޔާވެހި ކަމަށް އުއްމީދު ކުރަމުން އައި އެންމެންގެ ބޭނުން ފުއްދައެއް ނުދެވުނެވެ. އޭގެ ފަހުން ތަފާތު ރިޔާސީ ދައުރުތަކުގައި ހިންގުނު ބިން ހިއްކުމުގެ މަޝްރޫޢުތަކުންވެސް އެކަމަށް އެދިއެދި ތިބި މީހުންގެ ބޭނުންތައް އަދިވެސް މިދަނީ ފުއްދައި ނުދެވިގެންނެވެ. އެކަމަށް އެދިއެދި ތިބި މީހުން އުޅެމުންދާ ޙާލަށް ބަލާއިރު، މަޢާފް ކުރާށޭ ތިޔަ މައްސަލަ ޙައްލު ކޮށްދޭން މަސައްކަތް މި ކުރަނީއޭ ބުނެ އެކަމަށް އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދިނުން ފިޔަވައި، އެކަމަށް ދޭނެ ބަލިކަށި އިޖާބައެއްވެސް ދެވޭނެ މީހަކު އަދި ހުންނާނެހެން ހިޔެއް ނުވެއެވެ.

އެއީ މައްސަލައިގެ ނުފުށެވެ. ރަގަޅު ފުށަށް ބަލާއިރު މި މަޝްރޫޢުގައި ހިއްކި ބިމުން ގޯތި ލިބިގެން ގެދޮރު ބިނާކޮށް، ބުރިބުރިއަށް ނަގައި، ވިޔަފާރިތައް ފަށައި، ދިރިއުޅުން ބިނާކޮށް އާރާސްތުކޮށް، އެ ބިމުގައި ދިރިއުޅެމުން ދާ މީހުންގެ ޢަދަދަށް ބަލާއިރު، 147 އޭކަރުގެ ބިމުން އެކަށީގެންވާ ޢަދަދެއްގެ ޢާއިލާތަކަށް ފާގަތި ދިރިއުޅުމެއް މި މަޝްރޫޢުގެ ސަބަބުން ލިބިގެން ނުދޭ ބާވައޭ ހިތަށް އަރައެވެ.

ޢާއްމުކޮށް އެންމެންގެ ފައިދާއަށް ދެ ހޮސްޕިޓަލް މި ބިމުގައި ބިނާ ކުރެވިފައި އެބަހުއްޓެވެ. ސާނަވީ ފެންވަރުގެ ތަޢުލީމް ދޭ ތޭރަ ސްކޫލާއި ޔުނިވަރސިޓީ ފެންވަރުގެ ތަޢުލީމް ދޭ ދެ މަރްކަޒު އެބަހުއްޓެވެ. މާލެއަށް ކަރަންޓްގެ ޚިދުމަތާއި، ފެނުގެ ޚިދުމަތްދޭ މައި މަރްކަޒުތަކާއި، މުވާޞަލާތީ ޚިދުމަތްތައްދޭ އެއް ކުންފުނީގެ މައި އޮފީސް މި ބިމުގައި ބިނާ ކުރެވިފައިވެއެވެ. އިޖުތިމާޢީ ދެ މަރްކަޒެއް މި ބިމުގައި ބިނާ ކުރެވިފައި އެބަހުއްޓެވެ. ސިނަމާލޭ ބްރިޖާއި ތިލަމާލޭ ބްރިޖުގެ އެއްކޮޅު އައިސް ގުޅެނީ ހިއްކި ބިމާއެވެ. މީގެ އިތުރުން، ރޭވިގެން ރައްޔިތުންނަށް ފައިދާހުރި އިތުރު އެތައް ކަމެއް ކުރެވޭނެ ބިން އެއްވެސް ވަކި ބޭނުމަކަށް ކަނޑަނޭނި އަދިވެސް އެބައޮތެވެ.

ވިޔަފާރި އަދި އިޖުތިމާޢީ ބޭނުންތަކުގައި މާލޭގައި ގެންގުޅޭ އުޅަދުތަކާއި މާލެ އައިސްގޮސްވާ އުޅަދުތަކަށް ދަތިކަމެއް ނެތި ބޭނުން ކުރެވޭ ވަރަށް މާލޭގެ އުތުރު ފަރާތާއި ދެކުނު ފަރާތުގެ ފަޅު ފުންކުރެވި، މާލޭގެ ހުޅަގު ދެކުނު ކަންމަތީގައި، މި މަޝްރޫޢު އާ ގުޅިގެން ބަދަރެއްވެސް ހެދިފައިވެއެވެ. އެއީ މާލޭގެ ތަރައްގީ އާއި ވިޔަފާރިއަށް އިތުރު ކުރިއެރުންތައް ހޯދައިދެވުނު ކަންކަމެވެ.

ކޮންމެ ނަޒަރަކުން ބެލި ނަމަވެސް، މާލޭ ފަޅުން ބިން ހިއްކުމުގެ މަޝްރޫއު އަކީ މާލޭގެ ޒަމާނީ ތަރައްގީ އާއި ތަމައްދުނުގެ ބިންގަލެވެ. ރާއްޖޭގެ އިގުތިޞާދީ އަދި އިޖުތިމާޢީ ޙަޔާތުގައި މާލޭގެ ދައުރަށް ބޮޑު ބަދަލެއް ގެނުވި ތާރީޚީ މަޝްރޫޢު އެކެވެ. މި މަޝްރޫޢުގެ ފަހުން ތަފާތު ސަރުކާރުތަކުން މާލޭގެ ތަރައްގީއަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އުފަލާއިއެކު މި ފުރުޞަތުގައި ފާހަގަ ކުރުމާއިއެކު، މާލެއަކީ ދުނިޔޭގެ ކެޕިޓަލް ސިޓީ ތަކުގެ ތެރެއިން އެންމެ ހީތް ގާއިމު، އެންމެ އުޅެން ފަސޭހަ ސިޓީ ކަމަށް ހެދުމަށް އަދިވެސް ރޭވިގެން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައި އެބަހުރިކަން ފާހަގަ ކުރަމެވެ.

އެ މަގުޞަދު ޙާޞިލު ކުރެވޭނީ އެއްބައިވަންތަ ކަމުގެ ރޫޙެއްގައި ސަރުކާރާއި، ލާމަރްކަޒީ އިދާރާ ތަކާއި، ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެންނެވެ.