more Quotes

Monday, March 30, 2026

 

`

ބާރުތަކުގެ ވަކިވަކި ޙައްގުތަކާއި ޙުރުމަތް ރައްކާތެރި ކަމާއިއެކު ބަލަހައްޓައި ދެމެހެއްޓުން

1968 ވަނަ އަހަރު ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމުކުރި ފަހުން، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި. ޢަދުލު އިންސާފު ގާއިމު ކުރުމުގެ ބާރަކީ ވަކި ތިން ބާރުގެ ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ފުރަތަމަ ފަހަރަށް ކަނޑަޅާ ބަޔާން ކުރީ 1998 ވަނަ އަހަރު ޢަމަލު ކުރަން ފެށި، "ނޫ" ގާނޫނު އަސާސީގެ ގޮތުގައި މަޝްހޫރިވި ގާނޫނު އަސާސީ ގައެވެ. އޭގެ ކުރީގެ ގާނޫނު އަސާސީ ގައި ދައުލަތް ހިންގާ "ބާރު" ތަކެއް ކަނޑައަޅާފައެއް ނޯވެއެވެ. ނަމަވެސް، ދައުލަތް ހިންގާ ފަރާތްތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި، ވަޒީރުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީސް ކަނޑައަޅާފައި އޮވެއެވެ. 1972 އާ 1975 އާ ދެމެދު ދައުލަތް ހިންގާ ފަރާތްތަކުގެ ތެރޭގައި އެ ތިން ފަރާތުގެ އިތުރަށް ވަޒީރުލް އަޢުޒަމް ހިމަނާފައި އޮވެއެވެ،

1998 ގެ ގާނޫނު އަސާސީގައި ދައުލަތް ހިންގުމުގެ ތިން ބާރު ކަނޑައަޅާފައި އޮތްނަމަވެސް، 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމު ވީއްސުރެ ފެށިގެން "ފެހި" ގާނޫނު އަސާސީގެ ނަމުން މަޝްހޫރު ވެފައިވާ އާ ގާނޫނު އަސާސީ 7 އޯގަސްޓް 2008 ގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީގް ކޮށް ރައްޔިތުން ބަލައިގަތުމަށް ދާންދެން، ދިވެހި ދައުލަތުގެ ދުސްތޫރީ ނިޒާމް ހަމަޖެހިފައި އޮތީ ޖަވާބުދާރީވާން ކޮންމެހެން ނުޖެހޭ ބާރުގަދަ މަރްކަޒީ ވެރިކަމެއް ހިންގޭނެ ގޮތަށެވެ.

އެ ނިޒާމްގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރެވުނީ ކުރިޔަށް އޮންނަ ފަސް އަހަރު އެ މަގާމުގައި ހުންނަން ފެންނަ މީހަކު ރައްޔިތުން މަޖިލިހުން ހޮވުމަށްފަހު، ރައްޔިތުންގެ ފެންނަ/ނުފެންނަ ވޯޓަކުންނެވެ. 1968 ވަނަ އަހަރު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމު ވީއްސުރެ 2008 އާ ހަމައަށް ބޭއްވުނު އަށް ރިޔާސީ އިންތިޚާބު ގެ ރެފަރެންޑަމްގައި އެ މަގާމަށް ހުށަހެޅުނު މީހުން އެ މަގާމަށް އިންތިޚާބު ވީ ރައްޔިތުންގެ 90% އަށްވުރެ މަތީ އަޣުލަބިއްޔަތުންނެވެ. އެކަން އެގޮތަށްވަނީ ވާދަވެރި އިންތިޚާބަކަށް ނުވާތީ ކަމަށް ބެލެވެއެވެ.

2008 ގެ ފެހި ގާނޫނު އަސާސީ އަށް ޢަމަލު ކުރަން ފަށަންދެން، ރައްޔިތުންގެ މަޖިލިސްގެ ރައީސާއި، އުއްތަމަ ފަޑިޔާރު ހިމެނޭ ގޮތަށް ފަޑިޔާރުންނާއި މެޖިސްޓްރޭޓުންނާއި ގާޟީންނާއި، ވަޒީރުންނާއި އަތޮޅު ވެރިންނާއި، ކަތީބުންނާއި، ސިޔާސީ އެހެން މަގާމް ތަކާއި، މިނިވަން ކަމިޝަން ތަކުގެ މެންބަރުން ޢައްޔަން ކޮށް، އެ މަގާމްތަކުން މީހުން ވަކި ކުރީ، އެހެން ފަރާތެއްގެ ރުހުން ހޯދަންނުޖެހި ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ.

23 އޮކްޓޫބަރ 2007 ގައި ގާނޫނަކުން ސިވިލް ސާރވިސް ކަމިޝަނެއް ދިވެހިރާއްޖޭގައި އުފެދެންދެން ސަރުކާރުގެ ހުރިހާ ވަޒީފާ އަކަށް، މީހުން ލައްވައި ވަކި ކުރީވެސް ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި އެއް ވަޒީފާއިން އަނެއް ވަޒީފާއަށް މީހުން ބަދަލު ކުރީވެސް ހަމަ ރައީސުލްޖުމްހޫރިއްޔާ އެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ޢަދުލު އިންސާފު ގާއިމު ކުރުމުގެ ބާރަކީ ދައުލަތުގެ ވަކި ބާރެއްގެ ގޮތުގައި ހަމަޖައްސައި އެ މެންޑޭޓް ޝަރުޢީ ކޯޓުތަކަށް ފުރަތަމަ ފަހަރަށް މަތި ކުރެވުނީ 1998 ވަނަ އަހަރު ޢަމަލު ކުރަން ފެށުނު ނޫ ގާނޫނު އަސާސީ އިންނެވެ. އޭގެ ކުރިންނާއި އޭގެ ފަހުންވެސް 2008 ވަނަ އަހަރުގެ ފެހި ގާނޫނު އަސާސީ ރައްޔިތުން ބަލައިގަތުމަށް ދާންދެން ގާނޫނު އަސާސީގައި އޮންނަ ގޮތުން ޢަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. މާނަ އަކީ ޝަރުޢީ ކޯޓު ތަކުން ކުރާ ޙުކުމްތައް ބަދަލު ކުރުން ނުވަތަ ބާޠިލު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮތުމެވެ.

1968 ގައި ގާއިމު ކުރެވުނު ދެވަނަ ޖުމްހޫރިއްޔާގައި، އަދި އޭގެ ކުރިން ރަސްކަމުގެ ޒަމާނުގައިވެސް، 1932 ން ފެށިގެން ރައްޔިތުންގެ މަޖިލީހެއް ރާއްޖޭގައި އޮތެވެ. ނަމަވެސް އެ މަޖިލީހުގައި މުޅިންހެން ތިބީ ވަޒީރުންވެސް ހިމެނޭ ގޮތަށް ސަރުކާރުގެ މުވައްޒަފުންނެވެ. ސަރުކާރުގެ މަގާމެއް ނުވަތަ ވަޒީފާއެއްނެތް މެންބަރުން ވަރަށް މަދެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލިސް އޮތީ ވެރިކަމުގެ ފަރާތުން ކުރަން ބޭނުންވި ކަމެއްނޫން ކަމެއް ނުކުރެވޭ ގޮތަށެވެ. މާނަވީ ގޮތެއްގައި ތަފާތު ފިކުރެއް ނުވަތަ ޚިޔާލެއް މަޖިލީހަށް ހުށަހަޅައި އެކަމަކާއިމެދު ބަހުސް ކުރެވޭނެ މަގެއްނެތެވެ. ނިމިގޮސްފައިވާ ވެރިކަމެއްގެ ވެރިން ކޮށްފައިވާ ކަމަށް ބެލެވޭ ކުށް ފިޔަވައި ހިގަމުންދާ ވެރިކަމެއްގެ ހިމެނޭ ވެރިން ކުރާ ކުށް، ނުވަތަ އިސްރާފު، ނުވަތަ ވައްކަމާއި ޚިޔާނާތް، އަދި އެނޫނަސް ވެރިކަމުން ކޮށްގެން ނުވާނެ ޒާތުގެ އެއްވެސް ކަމެއް ބަލައި އެ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތެވެ.

ވަރަށް ފަހަކާއި ޖެހެންދެން މިނިވަން މުއައްސަސާ ތަކެއް ނެތެވެ. އަދި އޭގެ ބައެއް މުއައްސަސާ އުފެދުމުން  އެ މުއައްސަސާ ތަކަށް މީހުން އައްޔަނުކޮށް ވަކި ކުރީ އެހެން ފަރާތެއްގެ ބެހުމެއްނެތި ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ. ފުލުހުންގެ އެންމެ މަތީ ވެރިޔާއަކީވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި މުސްތަގިއްލު ޕްރޮސެކިއުޓަރ ޖެނެރަލެއް ނެތި ހުރިހާ ދައުވާއެއް ކުރަމުން ގެންދިޔައީވެސް ވަޒީރުންގެ މަޖިލީހުގައި ހިމެނޭ އެޓަރނީ ޖެނެރަލެވެ.

ބާރުގަދަ ވެރިކަމެއްގެ ތެރެއިން ގައުމަކަށް ހޯދޭނެ ކިތަންމެ ކާމިޔާބީއެއް ހުންނާނެ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އެ ނިޒާމްގެ ތެރެއިން  މި ގައުމު ޙާޞިލު ކޮށްފައިވާ ގިނަގުނަ ކާމިޔާބީ ތަކެއް ވާކަންވެސް ގައުމުގެ ތާރީޚް ހެކިދެއެވެ.

އެހެންނަމަވެސް އަދި ގަބޫލު ކުރަން އުދަގު ނަމަވެސް، ގަބޫލު ކުރަންޖެހޭ ޙަގީގަތަކީ، ޖަވާބުދާރީ ކުރެވޭނެ ނިޒާމެއްނެތި ހިންގޭ ބާރުގަދަ ވެރިކަމެއްގައި ރައްޔިތުން ހިތްހަމަ ނުޖެހި، ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭނެ ކިތަންމެ ކަމެއް ހުންނާނެ ކަމެވެ.

ވަކި ރަސްކަމަކަށް ނުވަތަ ވަކި ވެރިކަމަކަށް ރައްދު ކުރާކަށް އަޅުގަޑު ނެތީމެވެ. އަދި ކަމުގެ ތެދު ދޮގަށްވެސް އެއްޗެއް ދަންނަވާކަށް އަޅުގަޑު ނެތީމެވެ. އެހެންނަމަވެސް ބަލައިގަންނަން އުދަގު ނަމަވެސް ހަގީގަތަކީ، މި ނިޒާމުގެ ތެރެއިން ކުށުގެ ތަހްގީގް މީހުންގެ މައްޗަށް ކޮށް، ޝަރީޢަތް ކޮށް، އަދަބު ދެވެމުންދިޔަ ގޮތާއިމެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް ހުރި ކަމެވެ. ދައުލަތުގެ މަގާމް ތަކާއި ސަރުކާރުގެ ވަޒީތައް މީހުންނަށްދީ ވަކި ކުރެވެމުންދިޔަ ގޮތާއި، އެކަކަށް އެއް މަގާމަށްވުރެ ގިނަ މަގާމް އޮތުންފަދަ ކަންކަމުގައި، ރައްޔިތުންގެ ފާޑު ކިޔުންތައް ހުއްޓެވެ. ދައުލަތުގެ ވެރިންނާއި ސަރުކާރުގެ މުވައްޒަފުން ދައުލަތުގެ މާލިއްޔަތަށް ޚިޔާނާތްތެރިވާ މައްސަލަތައް ބަލައި އެކަށީގެންވާ ފިޔަވަޅު އެޅޭ ކަމަކަށް މީހުން ގަބޫލެއް ނުކުރެއެވެ. ގޯތި ގެދޮރުގެ ޙައްގުތައްފަދަ ޙައްގުތައް މީހުންނަށް ދިނުމުގައި އިންސާފެއްނެތް ކަމަށް ގަބޫލް ކުރާ މީހުން ދިޔައީ ގިނަވަމުންނެވެ.

އަދި ރައްޔިތުން ނުކުމެ މަގާމުން ދުރު ކުރުން، ނުވަތަ އަމިއްލައަށް މަގާމުން އިސްތިއުފާ ދީގެން ނޫނީ، ދައުލަތުގެ އެންމެ މަތީ ވެރިޔާ މަގާމުން ދުރުވާނެ ގޮތެއް ފެންނަން ނެތްކަމާއިމެދުވެސް މީހުންގެ ކަންބޮޑުވުންތައް ހުއްޓެވެ.

1990 ގެ އަހަރުތަކުގެ ތެރޭގައި ދިވެހި ގައުމުގައި ފެށިގެންދިޔަ އިސްލާޙީ ރޫޙުގެ އަޞްލަކީ މީއެވެ. ޒަމާނަކީ ދުނިޔެއަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދިޔަ ޒަމާނެކެވެ. ޔުނައިޓެޑް ސޮވިއެޓް ސޯޝަލިސްޓް ރިޕަބްލިކްސް ނުވަތަ ޔޫ އެސް އެސް އާރ ގެ ނަމުން ނަންދެވިފައިވާ ޚުދު މުޚްތާރު ކޮމިޔުނިސްޓް ބްލޮކް ރޫޅި ގޮސް އެ ބްލޮކްގައި ހިމެނުނު ބައެއް ޖުމްހޫރިއްޔާ ތަކުން ދައުލަތް ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމްތަކަށް ވާސިލު ވިއެވެ.

ހަމަ އެފަދައިން އިރުމަތީ ޔޫރަޕްގެ ގައުމުތައްވެސް އެ މީހުން ގެންގުޅުނު ހަރުކަށި، ކޮމިޔުނިސްޓް އަދި ލެއްޕިވާފައިވާ ނިޒާމްތައް ދޫކޮށްލައި، މިނިވަން މާކެޓް އިކޮނޮމީ ތަކަށް އިގުތިޞާދާއި ހިންގުމުގެ ނިޒާމް ބަދަލު ކުރިއެވެ. ބަރލިން ވޯލް ވައްޓާލުމަށްފަހު، އީސްޓް ޔޫރަޕާ ވެސްޓް ޔޫރަޕް ގެ ބަދަލުގައި ގުޅިފައިވާ ޔޫރަޕެއް އުފެދިގެން ދިޔައެވެ.

އަޅުގަޑުމެންގެ ގައުމުގައިވެސް އިޞްލާޙަށް ގޮވަމުންދާ އަޑު އެއްދުވަހުން އަނެއް ދުވަހު ދިޔައީ ގަދަވެ ފުޅާ ވަމުންނެވެ. ގިނަ އަހަރުތަކެއް ވަންދެން ދެމިއޮތް ވެރިކަމެއް ބަދަލު ކުރަން ބޭނުންވި މީހުންނާއި، ވެރިކަމުގެ ތެރޭގައި ތިބި މީހުންނާއި، އެ ނޫނަސް ގައުމަށް ހެޔޮ އެދޭ ގައުމުގެ ކުރިމަގާއިމެދު ވިސްނާ ކިތަންމެ ބައެއްގެ ތެރޭގައެވެ. އެންމެ ފަހުން އޭރު ރާއްޖޭގައި އޮތް ވެރިކަމުން އެ އަޑުތައް އަހައި އިސްލާޙަށް މަގު ހުޅުވައިދިނެވެ.

ކަންދިމާވި ގޮތުން 1990 އާ 2008 އާ ދެމެދު ހިގާދިޔަ އަށާރަ ވަރަކަށް އަހަރު އަޅުގަޑުގެ ތަގްދީރު ނިޔާ ކުރި ގޮތުން އަޅުގަޑަށް ހުރުން ލާޒިމުވީ އެއް ދުވަސްވަރެއްގައި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ދެ މެންބަރުންގެ ތެރެއިން އެއް މެންބަރަކަށެވެ. އަދި ބައެއް އިރު އެ މަގާމާއިއެކު އަނެއްބައި އިރު އެ މަގާމް ނެތި ވަޒީރުންގެ މަޖިލީސްގެ މެންބަރަކަށެވެ. އަދި މުޅި މުއްދަތުގައި ރައްޔިތުންގެ މަޖިލިސްގެ މެންބަރެއްގެ ޙައިޞިއްޔަތުން ނުވަތަ ވަޒީރުންގެ މަޖިލިސް ގެ މެންބަރެއްގެ ޙައިޞއްޔަތުން، ގާނޫނު އަސާސީ އިޞްލާޙު ކުރަން އެއް ކުރެވިފައިއޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީސްގެ މެންބަރެއްގެ ގޮތުގައެވެ.

އެހެންކަމުން އިޞްލާޙަށް ގޮވިގޮވުންތަކުގެ އަޑު އެންމެ ކައިރިން އެހުމުގެ ފުރުޞަތު އަޅުގަޑަށްވެސް ލިބުނެވެ. މައިގަޑު ގޮތެއްގައި ރައްޔިތުންގެ އެދެމުން ދިޔައީ ދައުލަތް ހިންގުމުގެ ތިން ބާރު ވަކި ކުރެވިފައިވާ ފުރިހަމަ ރިޔާސީ ނިޒާމެއް ގާއިމު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރު ފަސް އަހަރުގެ ދެ ޓާރމަށް ހަނި ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާ އަކީ ވާދަވެރި އިންތިޚާބަކުން އިންތިޚާބު ކުރެވޭ މީހަކަށް ހެދުމަށެވެ.

އަޅުގަޑު ހިތުން 2008 ގެ ގާނޫނު އަސާސީ ފާސްކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިޖުމާލީ ނުވަތަ ކަލެކްޓިވް ވިސްނުން މައިގަޑު ގޮތެއްގައި ހުރީ މިކަންކަން ކަށަވަރު ކުރުމުގެ މައްޗަށެވެ. ގާނޫނު ހެދުމާއި ވެރިކަން ކުރާ ފަރާތުން ކުރާ ކަންކަން ބަލައި ޖަވާބުދާރީ ކުރުވުމުގެ ބާރު ވެރިކަން ހިންގާ ބާރާ މުޅިން ވަކިން ރައްޔިތުންގެ މަޖިލިހަށް ދީފައިވެއެވެ. ފުރިހަމަ ބާރުތަކާއެކު ވެރިކަން ހިންގުން ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހަށް މަތިކޮށްފައި ވެއެވެ. ފަޑިޔާރުންނަކީ މުސްތަޤިއްލު ބަޔެއް ކަމުގައި ބަޔާންކޮށް މިނިވަން ބާރެއްގެ ގޮތުގައި ސުޕްރީމް ކޯޓާއި، ހައި ކޯޓާއި، ކޯޓްތައް ގާއިމު ކޮށްދީފައިވެއެވެ. މީގެ އިތުރުން އިންތިޚާބު، ސިވިލް ސާރަވިސް، ކަރަޕްޝަން ފަދަ ކަންކަމާ ބެހޭ މިނިވަން މުއައްސަސާ ތަކެއްވެސް އުފައްދާ ދީފައިވެއެވެ.

2008 ގެ ގާނޫނު އަސާސީ ތަންފީޒު ކުރުމަށްފަހު އަށާރަ އަހަރު ވެއްޖެއެވެ. އެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގައި ހިގާ ގޮސްފައިވާ ބެއެއް ކަންކަމަށް ބަލައިލަން ހިންގަވާށެވެ.

ދިވެހިރާއްޖޭގެ އިސް ފަޑިޔާރެއް ގޭގަ އުޅުއްވަނިކޮށް ސިފައިން އެގެއަށް ވަދެ އެ ފަޑިޔާރު ގެންގޮސް ބަންދުގައި ސިފައިންގެ މަރްކަޒެއްގައި އެތައް ދުވަހެއް ވަންދެން ބަހައްޓައިފިއެވެ. ރައްޔިތުންގެ ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދޭ ގޮތަށް ރައީސަކު އިސްތިޢުފާ ދީ އޭނާގެ ނާއިބު ރައީސް، ރައީސް ކަމަށް އިސް ކުރެވިއްޖެއެވެ. ރާއްޖޭގައި މިހާތަނަށް ނުހިގާ ވަރުގެ ބޮޑު ޚިޔާނާތެއް އޭގެ ނާޖައިޒު ފައިދާ ސަރުކާރުގެ އެންމެ މަތީ އެކި ދަރަޖައިގެ ވެރިންނަށާއި މުޖުތަމަޢު ގެ ލީޑަރުންނަށް ލިބިގެންދިޔަ ގޮތަށް ހިގައި ގޮސްފިއެވެ. ރާއްޖޭގެ ރައީސަކު ބޭރު ގައުމެއްގެ ސަރުކާރުގެ ވެރިޔަކަށް ދިން ހަގީގަތް ނޭގޭ ސިޓީއެއްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިގެން ހިގައްޖެ ކަމަށް ބައެނަލް އަގްވާމީ ކޯޓަކުން ނިންމައިފިއެވެ.

މިކަންކަމުގެ އިތުރަށް، ސަރުކާރުގެ މަގާމްތަކާއި ވަޒީފާތައް މީހުންނަށް ދީ އެ މަގާމްތަކުން މީހުން ވަކި ކުރުމުގެ ކަންކަން ހިގަމުންދާ ގޮތާއިމެދު ރައްޔިތުންގެ ތުންފިއްތުން މަދެއް ނުވެއެވެ. ދައުލަތުގެ މާލިއްޔަތަށް ޚިޔާނާތް ވުމާއި ކަރަޕްޝަން ވީ އިތުރު ކަމަށް މީހުން ދެކެއެވެ. ގޯތި ގެދޮރު ދިނުމުގައި އިންސާފު ގާއިމު ކުރެވިއްޖެ ކަމުގައި ގިނަ މީހުން އަދިވެސް ގަބޫލެއް ނުކުރެއެވެ.

އެންމެ ފަހުން، ރައްޔިތުންގެ އިންތިޚާބު ކުރި އެމީހުންގެ މަންދޫބުންގެ ގޮޑި، މަދަނީ ޖަމްއިއްޔާ އެކޭ މާބޮޑު ތަފާތެއްނެތް އަދި ދައުލަތް ހިންގުމުގެ އެއްވެސް ދައުރެއް ގާނޫނު އަސާސީންނާއި ގާނޫނަކުންވެސް ދީފައިނެތް ސިޔާސީ ޕާޓީ އަކުން ގެއްލުވާލެވޭ ގޮތަށް މަޖިލީސް މެންބަރުން އަމިއްލައަށް ނިންމައިފިއެވެ.

ކޯޓް ތަކުން ނިންމާފަ ހުރި މައްސަލަ ތަކާއި ބެހޭ ގޮތުން އެއްޗެއް ދަންނަވާކަށް އަޅުގަޑު ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އެކަހަލަ ބައެއް ނިންމުންތަކާއިމެދު ރައްޔިތުން ދެކޭ ގޮތާއި، ހިތްހަމަ ނުޖެހުން އޮތްވަރުގެ އަޑު، އަބަދާއި އަބަދު އަޅުގަޑުމެންނަށް މިދަނީ އިވެމުންނެވެ.

އެގޭ ކަމަކީ ސުޕްރީމް ކޯޓްވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ކޯޓް ތަކުގެ ފަޑިޔާރުން، މެޖިސްޓްރޭޓުން، ނުވަތަ ގާޟީން އިސްތިޢުފާ ދީ، ނުވަތަ ރިޓަޔަރ ކުރެވި، ނޫނީ މަގާމުން ވަކި ކުރެވިގެން ނުދާ ރިޔާސީ ދައުރެއް 2008 ގެ ފަހުން އަދި ފުރިހަމަ ވެފައިނެތް ކަމެވެ. އެއްދުވަހު ގައުމުގެ ޝަރަފްވެރި ފަޑިޔާރުގެ މަގާމްގައި ހުރި މީހާ، އަނެއް ދުވަހު ފެންނަނީ ނާށިގަޑު ހިފައިގެންގޮސް ރާއްޖޭގެ މެދު ފަންތީގެ ލޯ ފާރމެއްގެ ވަޒީފާއަކަށް އެދި ސަލާން ޖަހަން ހުއްޓައެވެ.

މިކަންކަން މިގޮތަށް މިހާރުވެސް ހިގަމުން ދިޔުން ދޭހަ ކޮށްދެނީ ގާނޫނު އަސާސީގައި ދައުލަތުގެ ބާރުތައް ވަކިކޮށް، ފާރަވެރިވުމާއި ޖަވާބޔދާރީ ކުރުވުމުގެ ނިޒާމާއި ޢަދުލު އިންސާފު ގާއިމު ކުރުމުގެ ނިޒާމް ވަކި ބާރުތަކެއް ގޮތުގައި ގާއިމު ކޮށްދީފައި އޮތްނަމަވެސް، ވެރިކަން ހިންގުމުގެ ބާރުން ބޭނުންވާ ގޮތެއްގެ މަތިން މެނުވީ އަނެއް ދެ ބާރުން އަދިވެސް ކަމެއް ނުކުރެވޭ ކަމެވެ. ނޫނީ ކުރާ ކަމެއް އަދިވެސް ކުރަން ޖެހެނީ ވެރިކަން ހިންގުމުގެ ބާރުން ބޭނުންވާ ގޮތެއްގެ މަތިން ކަމުގައެވެ.

އަންނަ އެޕްރިލް މަހުގެ 4 ވަނަ ދުވަހު އަޅުގަޑުމެން މި ނުކުންނަނީ މުހިއްމު ރެފަރެންޑަމެއްގައި ވޯޓް ލާށެވެ. މިހާރު ހައެއްކަ މަސް ދުރު މިނުގައި ބާއްވަމުން ގެންދާ ރިޔާސީ އިންތިޚާބާއި ރައްޔިޔުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހަކު ބާއްވަން ފެނޭތޯ ނުވަތަ ނުފެނޭތޯ ކަނޑައެޅުމަށެވެ. އަޅުގަޑަށް ވިސްނޭ ގޮތުގައި މި މައްސަލައަކީ މިހާ ހިސާބުން ނިންމާލެވޭނެ މައްސަލައެއް ނޫނެވެ.

މިހާރު އަޅުގަޑުމެން ޢަމަލު ކުރަމުންދާ ގާނޫނު އަސާސީ އެކުލަވާ ލާފައި އެވަނީ ވަރަށް ބަރު މަސައްކަތް ކޮށްގެންނެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރައްޔިތުންނާއި، ހުރިހާ ރަށެއްގެ މީހުންވެސް ޖަމާވާ ވެރިކަންކުރާ ރަށް މާލެ ތަމްސީލް ކުރާ މީހުންނާއި، ރާއްޖޭފަ އޭރު އޮތް ވެރިކަން ތަމްސީލް ކުރާ މެންބަރުން އެ މަޖިލީހުގައި ތިއްބެވެ. އެ ގާނޫނު އަސާސީ އެކުލަވާ ލުމަށްޓަކައި ބޭނުން މީހަކު، ބޭނުން ތަނެއްގައި، ހިތުހުރި ވާހަކައެއް އެންމެންނަށް އިވޭ ގޮތަށް ދައްކަން، ތަންމިނަށް ހުޅުވާލެވުނެވެ. ގާނޫނު އަސާސީ އެކުލަވާ ލުމުގެ މަސައްކަތް ފެށުމުގެ ކުރިން ހުރިހާ ރައްޔިތުންނަށް ޚިޔާލު ހުށަހަޅަން ފުރުޞަތު ހުޅުވާލައި، ރައްޔިތުން ޚިޔާލު ހުށަހެޅިއެވެ.

ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް ޢައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތް ނަމަވެސް، ގާނޫނު އަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ކުރިޔަށް ދިޔައީ އޭރު އުފެދެމުންދިޔަ އިދިކޮޅުންވެސް އިތުބާރު ކުރާ އަދި ވެރިކަމުގެ ފަރާތްވެސް ފެންނަ ހިސާބުގައި ހުރި މީހަކު އެންމެން ގަބޫލް ވެގެން ރިޔާސަތުގައި ބައިންދައިގެންނެވެ. ގާނޫނު އަސާސީގެ ޑްރާފްޓިންގެ ކޮމިޓީގައި ވެރިކަމަށް ތާއީދު ކުރާ މީހުންނާ އެއްވަރަށް އިދިކޮޅަށް ތާއީދު ކުރާ މީހުންވެސް ތިއްބެވެ. ކޮމިޓީގެ ރިޔާސަތު ބެލެހެއްޓީ ވެރިކަމުގެ ތެރޭގައި ހިމެނިގެންހުރި މީހެއް ނޫނެވެ.

ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ދިޔައިރު ބޮޑެތި ޚިޔާލް ތަފާތުވުންތައް ފެންމަތި ވަމުން ދިޔައެވެ. އެ މައްސަލަތައް ޙައްލު ކުރީ ވެރިކަމާއި އިދިކޮޅާއި ދެމެދު ކެތްތެރި ކަމާއިއެކު ވާހަކަ ދެކެވިގެން، އެއްބަޔަކު އަނެއް ބަޔެއްގެ ބަސް ގާބޫލު ކޮށް، ގައުމަށް އެންމެ ފައިދާ ހުރި ގޮތް ހޯދައިގެންނެވެ.

މިއަދުގެ ޙާލަތުގައި ގާނޫނު އަސާސީގެ ތަންތަންކޮޅު ވަކި ވަކިން ނަގައިގެން އިޞްލާޙު ކުރަން އުޅުމަކީ ބުއްދިވެރި ގޮތަކަށް ނުވާނެއެވެ. ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ގާނޫނު އަސާސީގައި ބަޔާން ކުރާ ބާރުތައް ވަކިކޮށް، އެއްބާރު އަނެއް ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ވުމުގެ ނިޒާމް ހަރުދަނާ ކޮށް ދެމެހެއްޓުންތޯ، ނުވަތަ ކުރިން އޮތް ގޮތަށް ބާރުތައް ޖަމާ ކޮށްފައި އޮތުންތޯ، ނުވަތަ އެނޫން އެހެން ގޮތެއްތޯ ބަލަން އެބަޖެހެއެވެ. ކޮންމެ ގޮތެއްގައިވެސް، މި ފަހަކަށް އައިސް ވަމުން މިދާ ގޮތަށް، ވަގުތު ނުދީ، އަދި ގައުމުގެ ބޮޑު ބަޔެއް ނޫނެކޭ ބުނެބުނެ އޮއްވާ، ގާނޫނު އަސާސީ އިސްލާޙު ކުރުމަކީ، އެ މުހިއްމު ފޮތަށް ރައްޔިތުންގެ އޮންނަންކެހޭ އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ.

ފެހި ގާނޫނު އަސާސީ އާ ހަމައަށް އަޅުގަޑުމެން ގެންގުޅުނު ގާނޫނު އަސާސީ ތަކަކީ މި ގައުމުގައި ކުރިން އޮތް ރަސްކަމުގެ ޚުދުމުޚްތާރު ސިފާތައް ހުރި ގާނޫނު އަސާސީ ތަކެކެވެ. އެ ޒަމާނާއި ޚިލާފަށް މިހާރު އަޅުގަޑުމެންގެ ތެރޭގައި، ޢިލްމާއި ޙިލްމް ލިބިގެންތިބި، މޮޅު މީހުން ބައިވަރެވެ. އެ މީހުންނަށް ފުރުޞަތު ހޯދައިދީގެން، އެ މީހުންގެ ވަކިވަކި ވިސްނުމާއި ހެޔޮ ބުއްދިއާ ޙިކުމަތުގެ ތެރެއިން، ގައުމަށް އެންމެ ފައިދާ ހުރި ގޮތްތައް ނެރެން، އެމީހުންނަށް ފުރުޞަތު ދެމާތޯއެވެ.

އަޅުގަޑު ހިތުން އަޅުގަޑުމެންގެ ތެރެއިން އެކަކުވެސް ކުރިން އަޅުގަޑުމެންގެ ތެރޭގައި އޮތް ރަސްކަމުގެ ޚުދުމުޚްތާރު ސިފަތައް އަލުން ހޯދާކަން ބޭނުމެއްނޫނެވެ. ސިޔާސީ ޕާޓީތައް މެދުވެރިކޮށް ދުނިޔެ ގަބޫލު ކުރާ ސިޔާސީ ފިކުރު އުފައްދައި، އެކުލަވާލައި، ހާމަކޮށް ކުރިއަރުވަން، ކޮންމެ ދިވެއްސަކުވެސް ބޭނުންވާ ކަމާއިމެދު ބަހުސް ކުރާނެ ތަނެއް ނެތެވެ. ބޭނުން ނުވަނީ އެހެން މީހުން ދައްކާ ވާހަކަ އަޑުއަހަން ބޭނުންނުވާ، އެހެން މީހުންނާ ވާހަކަ ދައްކަން ބޭނުންނުވާ، ތިމަންމެންނޫނީ އެއްޗެއް އެގޭ މީހަކު އުޅެފާނެ ކަމަށް ގަބޫލް ނުކުރާ، ތިމަންމެން ނޫން ބަޔަކު ގައުމު ދެކެ ލޯބި ނުވާނެ ކަމަށް ގަބޫޅް ކުރާ، ސިޔާސީ ޕާޓީގެ ޑިކްޓޭޓަރޝިޕެއް މި ގައުމުގައި ގާއިމު ވުމެވެ.

Sunday, February 22, 2026

 

`

ސިލޯން

އަޅުގަޑަށް ހީވާ ގޮތުގައި އަޅުގަޑުމެންނަށް ސިލޯނަށް ދެވުނީ 1959 ވަނަ އަހަރުގެ ޖުލައި ހާތާގައެވެ. މޯލްޑިވް ސްޓާރ ސިލޯން (ސްރީލަންކާ) ގެ ކޮޅުބު (ކަލަމްބޯ) ގައި ބަދަރު ކުރިތާ މާ ގިނައިރުތަކެއްނުވެ، ލޯންޗެއް ބޯޓް ކައިރިއަށް އަތުވެއްޖެއެވެ. އެ ލޯންޗުން ކޮޅުބު ބަދަރުގެ ކަސްޓަމް އަދި އިމިގްރޭޝަން އޮފިސަރުން ބޯޓަށް އެރިއެވެ. އެމީހުންނާ އެކީ ސިލޯނުގައި ހުންނަ ދިވެހި ސަފީރު އޮފީހުން އަޅުގަޑުމެންނާ ޙަވާލުވާން ފޮނުއްވި އުސްމާން ނަމަކަށްކިޔާ މީހެއްވެސް ބޯޓަށް އެރިއެވެ.

އުސްމާނަކީ ސިލޯނުގެ ރައްޔިތެކެވެ. އޭނާ ހުރީ އެ ޒަމާނުގެ ސިލޯން ފިރިހެނުން ތިބޭ ގޮތަށް ހުދު މުންޑުގެ ދަށަށް ހުދު ގަމީސް ޖަހާފައި، އުނަގަޑު މަތީގަ ފުޅާ ކަޅު ކަމަރެއް އަޅާފައެވެ. ގިނަ އަހަރުތަކެއް ވަންދެން ދިވެހި ދައުލަތުގެ ޚިދުމަތުގައި ސަފީރު އޮފީހުގައި އުސްމާން މަސައްކަތް ކުރިއެވެ.

ވިދިގެންއައި ދޮޅު އަހަރެއްހާ ދުވަހު އަޅުގަޑަށް އެންމެ ގިނައިން ފެނުނު މޫނު ތަކުގެ ތެރޭގައި އުސްމާނުގެ މޫނު ހިމެނެއެވެ. މިޒާޖުގައިވެސް އިންތިހާ ދަރަޖައިގެ ހިތްހެޔޮކަންހުރި މާތް މީހެކެވެ. އޭރު ސިލޯނުގައި ކިޔަވަންތިބި ދިވެހި ކުދިންގެ ތެރޭގައި ހުރި އެންމެ ޢުމުރުން ހަގު ކުއްޖަކީ އަޅުގަޑު ކަމަށްވާތީ، އަޅުގަޑާ ދޭތެރޭ އޭނާ ވަރަށް ކަމޭ ހިތިއެވެ. އަޅުގަޑުގެ ޙާލު އޭނާއަށް ވަރަށް ރަގަޅަށް އެގެއެވެ. ކަން ދިމާވި ގޮތުން، އެ ދުވަސްވަރު ޓޮންސިލް އޮޕަރޭޝަނެއް ކުރަންޖެހިގެން ދުވަސްކޮޅެއް ވަންދެން އަޅުގަޑު ހޮސްޕިޓަލުގައި އޮންނަން ޖެހުމުންވެސް، އަޅުގަޑުގެ ޙާލު އެންމެ ކައިރިން ބެލީ އުސްމާން އެވެ.

އަޅުގަޑު ހޮސްޕިޓަލުގައި އެދުމަތި ކޮށްފައި އޮތްއިރު އުސްމާން ކޮންމެ ދުވަހަކުވެސް ދެ އިރު އަޅުގަޑަށް ޒިޔާރަތް ކުރިއެވެ. ހަވީރު ޒިޔާރަތް ކުރާނީ އަޅުގަޑުގެ ތުއްތުބޭބެ އާއި ބައެއް ދުވަސް ދުވަހު އަޅުގަޑުގެ މަންމައާ ދެބެންގެ ދެދަރި ޙުސެއިން ޢަބްދުލްލަޠީފު ގޮވައިގެންނެވެ. އޭނާ އަންނާނީ މޭވާ އާއި މީރު ކާނާ ހިފައިގެންނެވެ. އެތަކެތިން ބައެއް ނަމަވެސް އޭނާ ހުއްޓާ އަޅުގަޑު ކެއުމަށް ވަރަށް ބާރު އަޅާނެއެވެ.

އުސްމާންގެ ވާހަކަ ލިޔާއިރު އޭރު ސިލޯނުގައި ހުންނެވި ދިވެހި ސަފީރު އޮނަރަބްލް ޢަބްދުލްސައްތާރު މޫސާ ދީދީގެ މަތިން އަޅުގަޑު ހަދާން ނައްތާލާނީ ކިހިނެއްތޯއެވެ. ނިޔަނެތި، މަޑުމައިތިރި، އިންތިހާ ދަރަޖައިގެ ރިވެތި އަޚުލާގެއްގެ ވެރި ބޭފުޅެކެވެ. އަޅުގަޑު ހޮސްޕިޓަލްގައި އޮތްއިރުވެސް ޙާލު ބައްލަވަން ވަޑައިގަނެއެވެ. އެނޫނަސް ހަމަ މަހަކު އެއްފަހަރުހެން އަޅުގަޑުމެން ކައިރިއަށް ވަޑައިގެން ހާލު ބައްލަވަމުން އަޅުގަޑުމެންނާ ބެހޭ ކަންކަން ހަމަޖައްސަވަމުން ގެންދެވިއެވެ. އެކި ކުދިންނާ ވަކިވަކިން ވާހަކަ ދައްކަވާ އުޅުއްވިއެވެ.

ޢަބްދުލްސައްތާރު މޫސާ ދީދީއަކީ އަޅުގަޑުގެ ޙަޔާތުގައި އަބަދުވެސް ރޯލް މޮޑެލެއްގެ ގޮތުގައި ދުށް ބޭފުޅެކެވެ. ގެންގުޅުއްވި ގޮތްތައް ކޮޕީ ކުރެވޭތޯ ބައެއްފަހަރު ބެލިފައި ހުންނާނެއެވެ. ކަންދިމާވި ގޮތުން ރައީސް އިބްރާހިމް ނާޞިރާއި ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ ޒަޢާމަތުގައި ޢަބްދުލްސައްތާރާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ވަރަށް ގިނައިން އަޅުގަޑަށް ލިބުނެވެ. އެގޮތުން ރައީސް މައުމޫންގެ ކެބިނެޓްގައިވެސް ޢަބްދުއްސައްތާރު އަރިހުގައި އިނުމުގެ ފުރުޞަތު އަޅުގަޑަށް ލިބުނެވެ.

ޢަބްދުލްސައްތާރާއި އުސްމާނުގެ މަތިން ހަނދާންވުމުން އަޅުގަޑުގެ ޚިޔާލުތަކާއިއެކު އަޅުގަޑަށް މިދެވެނީ މާ ދުރަށެވެ. އެހެންވީމަ ކޮޅުބުގެ ބަދަރު މައްޗަށް އަނެއްކާވެސް ޖެހިލަމާތޯއެވެ. އިމިގްރޭޝަނުންނާއި ކަސްޓަމްސުން ކްލިއަރެންސް ދިނުމުން އަޅުގަޑުމެން ގޮވައިގެން އުސްމާން ބޯޓުން ފައިބައިފިއެވެ. ދެން އަޅުގަޑުމެންގެ ފޮށި ތަންމަތި ކްލިއަރ ކުރުމަށްފަހު، އަޅުގަޑުމެން ގޮވައިގެން ބަދަރު ސަރަޙައްދުން ނުކުމެ، ސިލޯނުގައި ތައުލީމް ޙާޞިލް ކުރާ ދިވެހި ދަރިވަރުންގެ ޚާއްޞަ ގެއެއް ކަމުގައިވާ 25 ކަވިރަތްނާ ޕްލޭސް ނުވަތަ ސޯސަންވިލާއަށް މިޞްރާބު ޖަހައިފިއެވެ.

ސޯސަންވިލާ

އަޅުގަޑުމެންނޭ އަޅުގަޑު މިދަންނަވަނީ އެބޯޓުން އަޅުގަޑުމެންނާއެކު އައި އެހެން ދިވެހި ދަރިވަރުންވެސް ހިމަނައިގެންނެވެ. އަޅުގަޑު ހަދާންވާ ގޮތުގައި ތުއްތުބޭބެ އާއި އަޅުގަޑުގެ އިތުރަށް އެ ބޭފުޅުންނަކީ ޖައުފަރު ޖަމާލާއި، އޮޅިތެރެ އަހުމަދު ރަޝާދާއި، ޝަބްނަމީގޭ ޙުސެއިން މުޙައްމަދު ދީދީ އެވެ.

ބަދަރު ސަރަޙައްދުން ނުކުމެގެން ސޯސަންވިލާއަށް ކާރެއްގައި ދަތުރު ކުރަމުން ދިޔައިރު ކުޑައިރުކޮޅަކަށް އަޅުގަޑުގެ ހިތާމަތައް އަޅުގަޑު ދޫކޮށްލާފައި ހިގައްޖެއެވެ. ކުޑަކުޑަ މާލެ ނޫން އެހެންތަނެއް، އަދި ހަތަރު ފުރޮޅީ ދުއްވާ އެއްޗެއް ދުވަހަކުވެސް ނުދެކޭ ކުޑަކުއްޖަކަށް ސިލޯނުގެ މަގުތަކުގައި ކާރެއްގައި ދަތުރު ކުރަމުން ދާއިރު ކުރެވޭނެ އިހުސާސްތައް ހިތްޕުޅަށަށް ގެންނަވާށެވެ.

އަޅުގަޑު މުޅިން އާހޯޝްވެ ޙައިރާން ވެއްޖެއެވެ. މިހާރާ އަޅާ ބަލާއިރު ގިނައޭ ނުދެންނެވުނު ނަމަވެސް، މަގުމަތީގައި ދުއްވަމުން ދިޔަ ކާރުތަކާއި ދެބުރި ބަސްތައް ފެނިފައެވެ. އަސްމަތީ ތިބެގެން ކޮޅުބުގެ މަގުތައް ބަލަހައްޓަމުންދިޔަ ފުލުހުން ފެނިފައެވެ. އަދި ތާރު އަޅާފައިއޮތް މަގުތަކާއި މަގުތަކުގެ ދެފަރާތުގައި ހުރި ދެބުރި ތިންބުރި ޢިމާރާތްތައް ފެނިފައެވެ. އަދި މީހުން ގިނަކަމާއި އެމީހުން ހެދުން އަޅާފައި ތިބިގޮތްވެސް ފެނިފައެވެ.

ކޮންމެއަކަސް އިރުކޮޅަކު ދުއްވުމަށްފަހު ސޯސަންވިލާއަށް ދެވިއްޖެއެވެ. އެއިރުވެސް އެތާގައި އެތައް ދިވެހި ދަރިވަރުންނެއް ތިއްބެވެ. ބައެއް ކުދިން ޓާރމް ނިމުނީމައި ޗުއްޓީގައެވެ. އަނެއްބައި ކުދިން ކުރިއަށް އޮތް ޓާރމްގައި ސްކޫލްތަކާ ގުޅުމަށެވެ. އަޅުގަޑުމެން ހިމެނުނީ ފަހުން މިދެންނެވި ބައިގައެވެ.

ސޯސަންވިލާގައި ތިބޭ ދިވެހި ދަރިވަރުންގެ ކަންކަން ބަލަހައްޓަވަން އޭރު ހުންނެވީ މޫސާ ފާއިޒު ނަމަކަށްކިޔާ ބޭކަލެކެވެ. އަޅުގަޑުމެން ސިލޯނުގައިތިބި ދުވަސްވަރު އަޅުގަޑުމެންގެ ޙާލު ބައްލަވަން އަޅުގަޑުމެން ތިބޭ ތަންތަނަށް ދުރުވެ ހެއްދެވިއެވެ. އަޅުގަޑު ހޮސްޕިޓަލުގައި އެދުމަތި ކޮށްފައި އޮތްއިރުވެސް މޫސާ ފާއިޒު އަޅުގަޑަށް ގޮވާލަން ދުރުވިއެވެ. އެ ދުވަސް އަޅުގަޑު ވަރަށް ރަގަޅަށް ހަދާން ހުރެއެވެ.

މޫސާ ފާއިޒަކީ އަޅުގަޑުމެންގެ ޢާއިލީ ރަހުމަތްތެރިއަކަށްވީތީ ކުރިންވެސް އަޅުގަޑު އޭނާ ދަންނަވަމެވެ. އެހެންކަމުން އަޅުގަޑު އެހާ ކުޑައިރު ޓޮންސިލް އޮޕަރޭޝަނެއް ކޮށްގެން ހޮސްޕިޓަލުގައި އެކަނިމާއެކަނި އޮއްވާ އޭނާ ފެނުނީމާ އަޅުގަޑަށް ވަރަށް ބޮޑަށް ރޮވުނެވެ. އަދި އޭނާ އަށް އަޅުގަޑު ނަންގަތީމެވެ. މޫސާ ފާއިޒުއެވެ. އަޅުގަޑަށް އިލޮށިކޮޅަކުން ނަމަވެސް މަންމަ އަކާއި ބައްޕައެއް ހައްދަވައިގެން ގެނެސް ދެއްވަފާނުންތޯއެވެ. އެއްވެސް އެއްޗެއް ނުބުނުއްވައެވެ. ކުރެއްވި ކަމަކީ އަޅުގަޑު ކައިރިއަށް ދުރުވެ އަޅުގަޑު އެދުން ނަންގަވައި އުރާލެއްވީއެވެ. އަޅުގަޑަށް ނިދެންދެން އަޅުގަޑު އުރާލައްވައިގެން ދެކޮޅަށް ހިންގަވަން ހުންނެވިއެވެ. އަޅުގަޑަށް ހޭލެވުނު އިރު މޫސާ ފާއިޒެއްނެތެވެ.

އަޅުގަޑަށް ފަހުން އެގުނު ގޮތުގައި އެ ހާދިސާއަށްފަހު މޫސާ ފާއިޒު އަޅުގަޑުގެ ބައްޕާފުޅަށް ސިޓީއެއް ފޮނުއްވިއެވެ. އެ ސިޓީގައި އަޅުގަޑު ބުނި ގޮތަށް އަޅުގަޑު ބުނި ވާހަކަ ލިޔުއްވިއެވެ. އަދި އަޅުގަޑު ވަރުގެ ކުޑަކުއްޖަކު އެކަނި ބޭރު ގައުމެއްގައި ބެހެއްޓުވުމަކީ މޫސާ ފާއިޒަށް ފެނިލައްވާ ކަމެއް ނޫންކަމަށް ވަރަށް ސަރީހަ އިބާރާތުން ލިޔުއްވާފައި އޮތްކަމަށްވެސް ވެއެވެ.

އެހެންނަމަވެސް ބައްޕާފުޅު ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. މޫސާ ފާއިޒުގެ ސިޓީ ލިބިވަޑަގަތުމުންވެސް އަޅުގަޑުމެން މާލެ ގެންދަވާކަށް ބައްޕާފުޅު ބޭނުންފުޅެއް ނުވިއެވެ. ބައްޕާފުޅަކީ ރަސްމީ ތަޢުލީމުން މަހުރޫމް ކުރެވިފައިހުރި ބޭފުޅެކެވެ. ބައްޕާފުޅުގެ ކާފާފުޅު ޝަމްސުއްދީން ރަދުން ރަސްކަމުން ޢަޒުލު ކުރެވުނު ފަހުން ބައްޕާފުޅު ބެލެހެއްޓެވީ ބޮޑުދައިތާފުޅު އާގަޑުވަރު ތުއްތު ގޮމާ ކަމުގައި ކުރީގެ ޗެޕްޓަރެއްގައި އަޅުގަޑު ދަންނަވާފައި އޮންނާނެއެވެ. އަމިއްލަފުޅު ޚަރަދުގައި ބައްޕާފުޅަށް ރާއްޖެއިން ބޭރުގައި ތަޢުލީމް ދެއްވަން ބޮޑުދައިތާފުޅު މަސައްކަތް ކުރެއްވި ކަމަށް އަޅުގަޑަށް އެގިފައިވެއެވެ. އެހެން ނަމަވެސް ބައްޕާފުޅަކީ ފިރިހެން ފަރާތުން ދިވެހި ރަސްކަމާ ގުޅިފައިވާ ބޭފުޅަކަށްވާތީ ތަޢުލީމް ޙާޞިލް ކުރައްވައިގެން މާލެ ވަޑައިގެން ވެރިކަމާ ތޮޅުއްވަފާނެތީ އޭރު ރާއްޖޭގައިއޮތް ސަރުކާރުން އެ ހުއްދައެއް ނުދެއްވިއެވެ.

އެދުވަސް ވަރަކީ ރާއްޖޭގައި ތައުލީމަށް މާބޮޑު ތަރުހީބެއް ދެވުނު ދުވަސްވަރެއްނޫނެވެ. ތަރުހީބު ކީއްކުރަންތޯ، އެ ދުވަސްވަރު ރާއްޖޭގައި ތައުލީމް ދިނުމަކީ މުޅިން މަނާ ކުރެވިފައިއޮތް ކަމެކެވެ. ބައްޕާފުޅުމެން ޢިލްމު އުގެނިވަޑައިގަތީ ފޮތް ހިއްޕަވައިގެން ހަޑަސްބުރި (އެ ޒަމާނުގައި ފާޚާނާއަށް ކީނަމެއް) އަށް ވަދެވަޑައިގެން އެތަން ތަޅުލައްވައިގެން އެތަނުގެ ތެރޭގައެވެ. ބައްޕާފުޅު ވިދާޅުވާ ގޮތުގައި އެތާގެ ތެރޭގައި ފިލާވަޅު ދަސްކުރައްވަން ތިއްބަވަނިކޮށް އަވަށު ސަރުދާރަށް އެކަން ކޮންމެވެސް ގޮތަކަށް އެގިގެން އެކަން ބަލަން މައްޗަންގޮޅީއާގެއަށް ވަނުމުން ހައްދަވާ ގޮތަކީ ހަޑަސްބުރީގައި ހުންނަ ދަނގަޑުން ވަޅެއް ޖައްސަވާފައި ފޮތް ވަޅު ލައްވަނީއެވެ. އަލުން އަނެއްކާވެސް ކޮންމެވެސް ގޮތަކުން ފިލާވަޅު ދަސްކުރައްވާނެ ފޮތެއް ހޯއްދަވަނީއެވެ.

މިކަން އޭރުގެ ޒުވާނުންނަށް ކޮށްދެއްވަނީ ޢަލިރަސްގެފާނު ގަޑުވަރު މޫސާ މުޙައްމަދު ދީދީ ކަމަށް އަޅުގަޑު ކައިރީގައި ބައްޕާފުޅު ވިދާޅުވިއެވެ. ބައްޕާފުޅު ވިދާޅުވި ގޮތުގައި މޫސާ މުޙައްމަދު ދީދީ އޭރުގެ ޒުވާނުންނަށް ސިއްރިއްޔާތުގައި ތަޢުލީމް ދެއްވާކަން ދައުލަތަށް އެގިވަޑައިގަނެގެން، އެ މަނިއްޕުޅު ގޭގައި ބަންދު ކުރައްވައި އަދަބުވެސް ދެއްވި ކަމަށްވެއެވެ. މޫސާ މުޙައްމަދު ދީދީއަކީ ކުރިން މި ޗެޕްޓަރުގައި ބަޔާންކޮށްފައިވާ، އަޅުގަޑު ތަޢުލީމް ޙާޞިލު ކުރަން ސިލޯނަށް ދިޔައިރު ހުންނެވި ދިވެހި ސަފީރު ޢަބްދުލްސައްތާރު މޫސާ ދީދީގެ ލޮބުވެތި ބައްޕާފުޅެވެ. ހިތްގައިމު ހަރުދަނާ ޝަޚްޞިއްޔަތެއްގެ ވެރިއެކެވެ.

ސޯސަންވިލާގައި އަޅުގަޑު ހޭދަ ކުރި ފުރަތަމަ ދުވަހަކީވެސް ވަރަށް ހަނދާން ހުންނަ ދުވަހެކެވެ. މެންދުރު ކައިގެން ހުރިހާ ކުދިން ގޯތިތެރެއަށް ނުކުމެއްޖެއެވެ. ބައެއް ކުދިން ދެކޮޅުގައި ވިކެޓްބައި ޖަހާލާފައި ކްރިކެޓް ކުޅެން ފަށައިފިއެވެ. އަނެއްބައި ކުދިން ދެކޮޅުގައި ގޯލުދަޑި ޖަހާލާފަ ފުޓްބޯޅަ ކުޅެން ފަށައިފިއެވެ. އެކަމަކު މިކުޅިވަރުތަކަކީ އަޅުގަޑަށް މުޅިން އާ ކުޅިވަރުތަކެވެ. އަނެއްކޮޅުން އެތާ އޭރު ތިބި ކުދިންގެ ތެރޭގައި އެންމެ ހަގުކޮށް ހުރި ކުއްޖަޔާ އަޅުގަޑާ ދެމެދުގައި އުމުރުގެ ގޮތުން ދެއަހަރަށްވުރެވެސް ބޮޑު ތަފާތު ހުރުމާއެކު އަޅުގަޑު އެއިން އެއްވެސް ގްރޫޕެއްގައި ލައްވައެއް ނުލިއެވެ. އަޅުގަޑަށް ޖެހުނީ އަޅުގަޑުގެ ހިތްދަތި ކަމާއިއެކު އެހެން ކުދިން ކުޅޭތަން ބަލަން އިންނާށެވެ.

ވިދިގެން އައި ހަފްތާއެއްހާ ދުވަސް ދިޔައީ ސޯސަންވިލާގެ އެކުވެރި މާހައުލުގައި އެކަހަލަ ގޮތަކަށެވެ. ނަމާދު ގަޑި ގަޑީގައި މޫސާ ފާއިޒުގެ ބެއްލެވުމުގެ ދަށުން ނަމާދު ކުރުމާއި، ކާ ގަޑިގަޑީގައި ހުރިހާ ކުދިން އެކީގައި އެއް ހޯލެއްގެ ތެރޭގައި އެއް މޭޒެއްގަ ތިބެގެން ކުއުމާއި، އިޝާ ނަމާދަށްފަހު އިރުކޮޅެއް ކޮށްލާފައި ހުރިހާ ކުދިން އެއް ތަނެއްގައި މަޖާ ވާހަކަ ދެއްކުމާއި ބައެއް ފަހަރު ބައެއް ކުދިން ލަވަކިޔާލައި އުޅެފައި ނިދުމެވެ. ދުވާލުގެ ގިނަ ވަގުތު ގޯތި ތެރޭގައި އެކި ކުޅުވަރުތައް ކުޅުމެވެ.

ހިންދީ ފިލްމް ސީ އައި ޑީ ގެ ހެ އަޕްނާ ދިލް ތޮ އާވާރާ އަޅުގަޑަށް ދަސްވީ ސޯސަންވިލާ ތެރެއިންނެވެ. އެކަމަކު އެލަވަ އެތާ ތިބި ކުދިން ކިޔާ އުޅުނީ އެލަވައަށް ދިވެހި ލިރިކްސް ހަދައިގެންނެވެ. އަޅުގަޑު ވަރަށް ރަގަޅަށް ހަދާން އެބަހުއްޓެވެ. އެކުދިން އެލަވަ ކިޔާ ގޮތަކީ މަކަރު މައްކާރު ގުއި ދަޅުގައި.... މިގޮތަށެވެ. މަޝްހޫރު އިގިރޭސި ލަވަ ކިޔުންތެރިޔާ ކްލިފް ރިޗާރޑް އަޅުގަޑަށް ތަޢާރުފް ވީވެސް ސޯސަންވިލާ ތެރެއިންނެވެ. އެދުވަސްވަރު ވަރަށް ބޮޑަށް މަޝްހޫރު ވެގެންދިޔަ ކްލިފްގެ ލަވައެއް ކަމުގައިވާ ލިވިންގ ޑޯލަކީ ސޯސަންވިލާގައި އޭރު ތިބި ބޮޑެތި ކުދިންގެ ތުންފަތް މަތީގައި އަބަދުހެން އޮތް ލަވައެކެވެ.

ރޯޒިންގޑޭލް ގާޑްން

އެކަމަކު ހަމަޖެހިފައި އޮތީ އަޅުގަޑުމެން އަބަދު ސޯސަންވިލާގައި ތިބޭ ގޮތަކަށް ނޫނެވެ. އެއް ދުވަހަކު ޢަބްދުލްސައްތާރު ސޯސަންވިލާއަށް ވަޑައިގެން އެތާ އޭރު ތިބި ކުދިންގެ ތެރެއިން ދިހަ ކުދިން ވަކި ކޮށްލައްވައިފިއެވެ. އެ ކުދިންނަކީ، މަރޮށި އިސްމާޢިލް ޢަބްދުލްރަޙްމާނާއި، މާބަޑޭރިގޭ ޝާމީ އަޙްމަދާއި، ބޮޑުގަލުގޭ މުޙައްމަދު ބަދީޢު (ރާއްޖޭގެ ފުރަތަމަ ޕޮޕް ބޭންޑް މަޝްހޫރު ޝޫޓިންގ ސްޓާރސް ގެ ޑްރަމަރ) އާއި، ބޮޑުގޭ އަޙްމަދު ނައީމް (މިހާރު އެމް އެން ޑީ އެފް ގެ ރިޓަޔާރޑް ކާނަލެއް) އާއި، މަޝްހޫރު ސިވިލް އިންޖިނިއަރަ ޝަފީގުގޭ މުޙައްމަދު ޝަފީގާއި، މިދުހަތު ހިލްމީ (ފަހުން ރާއްޖޭގެ ކެބިނެޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި) އާއި، އަހުމަދު ޢަލީ (ޕޮޅް) އާއި، ފަހުން މަޝްހޫރު ވިޔަފާރި ވެރިއަކަށްވި ޙުސެއިން ޢަބދުލް ލަޠީފާއި، އަޅުގަދުގެ ތުއްތުބޭބެ އިބްރާހިމްޝަކީބް (ފަހުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި އިސް މަގާމްތަކެއް އަދާކުރެއްވި) އާއި. އަޅުގަޑެވެ.

އަޅުގަޑުމެން ދިހަ ކުދިން ސަރުކާރުން ފޮނުއްވީ ވެއްލަވައްތޭގައި ހުރި ރޯޒިން ޑޭލް ގާޑްން ކިޔާ ގެޔަކަށެވެ. އެ ގެޔަކީ ގައުސް މުހިއްދީން ނަމަކަށްކިޔާ މީހެއްގެ ގެއެކެވެ. އޭނާއަކީ ކޮޅުބުގެ މުސްލިމް ޖަމާޢަތުގެ ލީޑަރެކެވެ. އެގޭގައި ދިރިއުޅެނީ އޭނާއާއި އޭނާގެ އަނބިމީހާ، އަޅުގަޑުމެން އޭނާޢާ މުޚާޠަބު ކުރި ގޮތުންނަމަ އުއްމީ އެވެ.

ރޯޒިން ޑޭލް ގާޑްނަށް އަޅުގަޑުމެން ދިޔައިރު އެގެ ހުރީ އަޅުގަޑުމެން ދިހަކުދިންނަށް ހަމަޖެހިގެން އުޅެވޭ ގޮތަށް ތައްޔާރު ކޮށްފައެވެ. އާދައިގެ ކޮޓަރިއަކަށްވުރެ ބޮޑު ކޮޓަރިއެއްގައި ދިހަ އެދު ބަހައްޓާފަ ހުއްޓެވެ. ކާ ކޮޓަރިއެއްގައި ދިހަ ކުދިންނަށް ކައިބޮއެ އުޅުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ހުއްޓެވެ. ނަމަވެސް، ހުރިހާ ކުދިންނަށްހުރީ އެންމެ ފާޚާނާއެކެވެ. އެހެންވީމާ، ފެންވަރާ ސާފުވުމާއި ފާޚާނާ ކުރުމުގެ ކަންކަމުގައި ކުޑަކޮށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

އެގޭގައި ތިބިއިރު ކޮންމެ ދުވަހަކު ހެދުނު ތެދުވެ ފެންވަރާ ސާފު ވުމަށްފަހު ދެން އޮންނަނީ ފިލާވަޅު ނެގުމެވެ. ބޮޑަށް އިގިރޭސި ބަސް ދަސް ކުރުމެވެ. ހިސާބު ޖެހުންވެސް އޮވެއެވެ. އަދި ސިންގަޅަ ބަސް ދަސް ކުރުންވެސް މެއެވެ. އަޅުގަޑުމެންނަށް ފިލާވަޅު ނަންގަވައި ދެއްވައި ދަސްކޮށް ދެއްވަނީ ގައުސް މުހިއްދީނާއި އެނާގެ އަންހެނުން އުއްމީއެވެ.

މެންދުރު ކައިގެން އިރުކޮޅަކު އަރާމު ކޮށްލަން ތިބެފަ ދެން އޮންނަނީ ކުޅިވަރެވެ. ފުޓް ބޯޅަ އާއި ކްރިކެޓެވެ. އަޅުގަޑުމެން ކުޅެން އުޅުނީ އެގެއާ ޖެހިގެން އޮންނަ ގޯޅި ގަޑެއްގައެވެ. އެ ހިސާބު ގޭގޭގެ ކުދިވެރިންވެސް އަޅުގަޑުމެންނާ ކުޅުމުގައި ބައިވެރިވެ ހަދައެވެ.

ހަވީރުވީމާ އެވީ ފެންވަރައިގެން ހަވީރު ސަޔަށްފަހު އަނެއްކާވެސް އަރާމު ކޮށްލަން ތިބޭށެވެ. އިރު އޮއްސުމުން ގައުސް މުހިއްދީން އަޅުގަޑުމެންނަށް ނަޞޭހަތް ދެއްވުން އޮވެއެވެ. އެއަށްފަހު ރޭގަޑު ކައިގެން ކުޑައިރުކޮޅަކަށްފަހު ނިދުމެވެ.

ރޯޒިންގޑޭލް ގާޑްންގައި އަޅުގަޑުމެން ތިއްބާ އަޅުގަޑުގެ ބައްޕާފުޅު އެތަނަށް އެއްދުވަހު ވަޑައިގަތެވެ. މެންދުރުފަހު ކުޅެން ތިއްބާ ގެ ކައިރިއަށް މަޑުކޮށްލި ޓެކްސީއަކުން ފައިބާވަޑައިގަތީ ބައްޕާފުޅެވެ. އަޅުގަޑަށް އިހުސާސް ކުރެވުނު އުފާވެރިކަން އަޅުގަޑު ބަޔާން ނުކުރި ނަމަވެސް ކިޔުންތެރިންނަށް އިހުސާސް ކުރެއްވޭނެކަން އަޅުގަޑަށް ޔަގީނެވެ. ބައްޕާފުޅުގެ އަރިހުގައި އަޅުގަޑުމެންގެ ޢާއިލީ ރަހްމަތްތެރިއެއް ކަމުގައިވާ ގުޅީ މުޙައްމަދު ވަސީމްވެސް ދުރުވިއެވެ.

އެދުވަހު ގައުސް މުހިއްދީންގެ އަމުރު ހޯއްދެވުމަށްފަހު އަޅުގަޑުމެން ދިހަ ކުދިންނަށް ކޮންމެ ކުއްޖަކަށް އިސްކޫލް ފޮތަކާއި، ފަންސުރަކާއި، ފުހޭ ރަބަރުކޮޅަކާއި، ރަބަރު ބޯޅައެއް ދެއްވިއެވެ. އޭގެ ފަހު ދުވަހަކުވެސް ބައްޕާފުޅު އަޅުގަޑުމެންނަށް ޒިޔާރަތް ކުރެއްވިއެވެ. އެދުވަހު ވަޑައިގަތީ ތުއްތުބޭބެ އާއި އަޅުގަޑާއެކު ފޮޓޯ ނަންގަވާށެވެ.

މާރޝަލް ޕްރެޕަރޭޓަރީ ބޯޑިންގ ސްކޫލް

ރޯޒިންގޑޭލް ގާޑްންގައި މަސްދުވަސްވެސް ނުވަނީސް އަޅުގަޑުމެން ދިހަ ކުދިން ކޮލްޕެޓީގައި ހުންނަ މާރޝަލް ޕްރެޕަރޭޓަރީ ބޯޑިންގ ސްކޫލަށް ބަދަލު ކޮށްފިއެވެ. އެ ސްކޫލް ހުރީ މިހާރު ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބެސީ އެހުރި ބިމުގައެވެ. އެއްފަރާތް ގޯލްރޯޑާއި އިންވެގެންނެވެ. އަނެއްފަރާތް ބީޗް ރޯޑާ އިންވެގެންނެވެ. ބީޗް ރޯޑާ ޖެހިގެން ދެން އޮންނަނީ ރެއިލްވޭ ލައިނެކެވެ. އެ ބޯޑިންގ ސްކޫލްގައި އަޅުގަޑުމެން ތިނޭއިރު އަބަދުހެން ރޭލް ދަތުރުފަތުރު ކުރާ އަޑުފަށްގަޑު އިވެއެވެ.

ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނަނީ އެމް ކުކް ނަމަކަށް ކިޔާ ސިލޯންގެ ބަރުގަރު ދަރިކޮޅުގެ މެދު ޢުމުރެއްގެ ހަރުކަށި މިޒާޖެއްގެ ބޭކަބަލެކެވެ. އޭނާގެ އެސިސްޓެންޓަކަށް ހުންނަވަނީ އޭނާގެ ކޮއްކޮ އެން ކުކެވެ. ހެޑް މިސްޓްރެސަކަށް ހުންނަވަނީ ޖަޔަސިންހާ ކިޔާ ސިންގަޅަ އަންހެން ބޭކަނބަލެކެވެ. ފަހުން މި ޖަޔަސިންހާ މާލޭގަ ކިޔަވާދެއްވަންވެސް އުޅުއްވިއެވެ.

މާރޝަލް ޕްރެޕްގައި ދުވަސް ތަކާއި މަސްތަކާއިއެކު ދޮޅު އަހަރެއްހާ ދުވަސް ހޭދެވެގެން ދިޔައީ ގާތްގަޑަކަށް ރޯޒިންގޑޭލް ގާޑްނެކޭވެސް އެއްގޮތަށެވެ. އެތަނާ ޚިލާފަށް މާރޝަލް ޕްރެޕްގައި ކްލާސްތައް ހިގަމުން ދިޔައީ މާރަގަޅަށް އިންތިޒާމް ކުރެވިގެންނެވެ. ބޯޑިންގ ގައި ތިބޭ ކުދިންގެ އިތުރަށް ބޭރުން އަންނަ ކުދިންވެސް ކްލާސްތަކުގައި ބައިވެރިވިއެވެ. ކްލާސް އޮންނަނީ ހޮނިހިރު އާދިއްތަ ފިޔަވައި އެހެން ދުވަސް ދުވަހުގެ މެންދުރު ކުރީގައެވެ.

މެންދުރު ކައިގެން އަރާމް ކޮށްލުމަށްފަހު ކުޅުމެވެ. ކްރިކެޓާއި ފުޓްބޯޅައެވެ. މާރޝަލްޕްރެޕް ހުރީ ބޮޑު ބިމެއްގައި ކަމުގައިވާތީއާއި އަޅުގަޑުމެން ދިހަ ކުދިންގެ އިތުރު ކުދިންވެސް އެތަނުން ތަޢުލީމް ޙާޞިލު ކުރަމުން ދިޔައީތީ އެތާގައި ކުޅިވަރުގެ ކަންތައްތައް މާ ފުރިހަމަކޮށް ހިގިއެވެ. ހަވީރުވީމާ ފެންވަރައި ސާފުވެގެން މާރޝަލްޕްރެޕްގެ ގޯތީގެ ފެންސްމަތީ ތިބެގެން ރޭލް ދަތުރު ކުރާތަން ބަލަނީއެވެ. ނޫނީ ޖަޔަސިންހާ އާއެކީ ބީޗްގައި ހިގާލަންދަނީއެވެ. ބައެއް ޕޯޔާ ދުވަސް ދުވަހު ގޯލް ރޯޑުން ޕެރެހެރާ ދާތަން ބަލައިލުމަކީ ވަރަށް އުއްމީދު ކުރެވުނު ކަމެކެވެ.

މިސް ކުކަކީ ފޮތް ކިޔަން ވަރަށް ބާރު އެޅުއްވި ޕްރިންސިލެކެވެ. އެހެންކަމުން ނިދަން އޮށޯތުމުގެ ކުރިން ހުރިހާ ކުދިންވެސް ފޮތް ކިޔެވެ. އަދި ކިޔާނެ ފޮތް ހުރިކަން މިސް ކުކް ޔަގީން ކުރެއްވިއެވެ. އަޅުގަޑަކީ މިހާރުވެސް ވަރަށް ފޮތް ކިޔާއުޅޭ މީހެކެވެ. އެ ރަގަޅު އާދަ އަޅުގަޑުގައި އަށަގަތީ އަޅުގަޑު ދަންނަވާނީ މާރޝަލް ޕްރެޕްގެ ދުވަސްވަރުން ފެށިގެންނެވެ.

އަޅުގަޑުމެން މާރޝަލް ޕްރެޕްގައި ތިބި ދުވަސްތަކުގެ ފަހުކޮޅުގައި އަޅުގަޑުގެ ކާފަ ބުއްދިގޭ ޙަސަން މަނިކު އަޅުގަޑުމެންނަށް ޒިޔާތަރް ކުރެއްވިއެވެ. އެއް ހުކުރު ދުވަހެއްގެ މެންދުރުފަހު މާރޝަލް ޕްރެޕްގެ ފާރުބުރިމަތީގައި ބޭރު ބަލަން ތިއްބާ ބަހަކުން ފައިބައިގެން ތިން މީހަކު އަޅުގަޑުމެން ކައިރިއަށް އެބަ އާދެއެވެ. ކައިރިއަށް އައިމާ އެގުނީ އެއީ ކާފަ ބުއްދިގޭ ޙަސަން މަނިކާއި. ކާފަގެ ކޮއްކޮ އަޅުގަޑުމެންގެ ދޮންބޭބެ ޢަބްދުލްޙަކީމް ޙުސެއިން މަނިކާއި. އަނެއްކާވެސް ގުޅީ މުޙައްމަދު ވަސީމު ކަމެވެ.

އެ ބޭފުޅުން ވަޑައިގެން މިސް ކުކާ ވާހަކަ ދެއްކެވުމަށްފަހު، ކާފަ އަށާއި ދޮންބޭބެއަށް ބޮޑުބޭބެ ކިޔާ ޙުސެއިން ޢަބްދުލް ލަޠީފާއި، ތުއްތުބޭބެ އާއި އަޅުގަޑު ގޮވައިގެން ހަފްތާ ބަންދަށް ބަހުގަ ވަޑައިގަތީ ޖާއެލާގަ އެބޭފުޅުން ތިއްބަވަން ކުއްޔަށް ހިއްޕަވާފަ ހުރި ގެއަކަށެވެ. އެ ހަފްތާ ބަންދު ދެދުވަހު އަޅުގަޑަށް ވަރަށް ހިތްހަމަޖެހުން ލިބުނެވެ. ކާފަ އަޅުގަޑު ގޮވައިގެން އުޅުއްވީ މާލޭގަވެސް އުޅުއްވާ ގޮތަށެވެ. އުރާލައްވައިގެން އުޅުއްވިއެވެ. ކާފަ އަތުން ކާންދެއްވިއެވެ. އެހާ މީރު ނޫންނަމަވެސް ދިވެހި ރަހަތަކުގެ ރަހަ އަނެއްކާވެސް އެންމެ ދެ ދުވަހަށް ނަމަވެސް އަރުތެރޭގައި ލިއެވެ.

ކޮންމެއަކަސް އެ ހަފްތާ ބަންދުވެސް ނިމިއްޖެއެވެ. އެބުރި މާރޝަލް ޕްރެޕަށް ގޮސް ކުރިއެކޭ އެއްގޮތަށް ދިރިއުޅުން ބަދަލު ވެއްޖެއެވެ.

އަޅުގަޑު ހަދާންވާ ގޮތުގައި މާރޝަލްޕްރެޕްގައި ތިބޭތާ އަހަރަކަށްވުރެ ކުޑަތަންކޮޅެއް އިތުރުވިތަނާ، އެއީ ގާތްގަޑަކަށް 1960 ނިމެން އުޅެނިކޮށް، އެއް ދުވަހަކު މިސް ކުކްގެ އޮފީހަށް ތުއްތުބޭބެއާއި އަޅުގަޑު ގެންގޮސްފިއެވެ. އެތާ އުސްމާން އިނެވެ. އޭނާ ބުނީ އަޅުގަޑުމެން ދެބެން މާލެ ދާންވީ ކަމަށެވެ. އަނެއް ދުވަހު އަޅުގަޑުމެން ބަލާ އަންނަންވާއިރަށް ފޮށިތަންމަތި ތައްޔާރު ކޮށްގެން ތިބެން ބުނެފައި އޭނާ ހިގައްޖެއެވެ. އަނެއް ދުވަހު އޭނާ އައިސް އަޅުގަޑުމެން ގޮވައިގެންގޮސް ކަސްޓަމާ އިމިގްރޭޝަންގެ ކަންކަން ނިންމުމަށްފަހު އަޅުގަޑުމެން ދެބެން މޯލްޑިވް ސްޓާރަށް ލައިފައި އޭނާ ބޯޓުން ފައިބައިފިއެވެ.

ރޭގަޑަކާ ދިމާ ކޮށެވެ. އަނެއްކާވެސް މާކަޑުގައި އެއްކަލަ ބިރުވެރި ދަތުރުގައި ދެތިންދުވަހު ހޭދަ ކުރާށެވެ. މިފަހަރު ކުރީ ދަތުރުގެ އެކުވެރިންނެއް ނެތެވެ. އެހެނަސް މޫސަ ކުއްޓި ބޯޓްގައި އުޅުއްވިއެވެ. އަޅުގަޑުމެންގެ ޙާލު ބެއްލެވިއެވެ.

ތިންދުވަހުގެ ދަތުރަކަށްފަހު މޯލްޑިވް ސްޓާރ ދޫނިދޫ ކައިރީގައި ބަދަރު ޖަހައިފިއެވެ. އިރުކޮޅަކުން ކަސްޓަމާ އިމިގްރޭޝަން އޮފިސަރުން ބޯޓަށް އަރައިފިއެވެ. އެމީހުން އައި ދޯނީގެ ފަހަތުގައި އެހެން ދޯންޏެއްވެސް އޮތެވެ. ބޯޓުގެ މީހުންގެ އެހީގައި އަޅުގަޑުމެން ދެބެން އެދޯންޏަށް ބާލައިފިއެވެ. އޭގައި އަޅުގަޑުމެން ބަލާ ވަޑައިގެން ތިއްބެވީ ބައްޕާފުޅާއި، ކާފަ އާއި، ގުޅީއެވެ. އަޅުގަޑު ހިތަށް ލިބުނު އުފާވެރިކަން ބަޔާން ކުރާކަށް އަޅުގަޑަކަށް ނޭގެއެވެ.

ދޯނި ފަލީގައި އައިސް މާލޭ އެއްގަމު ތޮއްޓާ ގާތްކޮށްލުމުން އަޅުގަޑުމެން ރަށަށް ފައިބައިފީމެވެ. ބަލާ އައިސް ދުއްވާ އެއްޗެއް ނެތެވެ. އެކަމަކުވެސް ހެޔޮތާއެވެ. ދާންއޮތް މަންޒިލްގެ ފޮނި އުއްމީދުގަ ހުރީތީއެވެ. ލޯބިވާ މަންމަގެ މިންނެތް ލޯބި ލިބިގަތުމަށެވެ. ހިތް އަވަސްވާން ފަށައިފިއެވެ.

ބައްޕާފުޅާއި، ކާފަ އާއި، ގުޅީ އާއި އަޅުގަޑުމެން ދެބެން ހިގާފަ އިބްރާހިމީ މައިދާނުގެ ތެރެއިން، ސިފައިންގެ ކައިރިންގޮސް މިހާރުގެ ޝަހީދު ކުޑަ އާދަމް ކުޑަތުއްތު ހިގުމަށް އެޅުމުން އަޅުގަޑަކަށް ކެތެއް ނުކުރެވުނެވެ. ދުވަން ފަށައިފީމެވެ. ދުވެފަގޮސް ލިލީ މަގަށް އަޅާފަ ހުޅަގަށް ބަލައިލުމުން ރޯމާ ދުވާލު ނަމަވެސް، މައްޗަންގޮޅީއާގެ ދޮރޯށި ކައިރިން ސާދަ ވިލޭރެއެއްގެ ހަދެއް ފަދައިން ދިއްލާލާފަ ހުރިތަން އަޅުގަޑަށް ފެނުނީ އަޅުގަޑުގެ ލޯބިވާ މަންމަގެ މޫނެވެ. މަންމަ އަރިހުގައި އަޅުގަޑުގެ ކޮއްކޮ ނަޞްރުﷲ އާއި ހާޖޫ ތިއްބެވެ.

މަންމަ އަޅުގަޑާ ދިމާލަށް ދުވެވަޑައިގަންނަވަނީއެވެ. އަޅުގަޑު މަންމައާ ދިމާލަށް ދުވަނީއެވެ. ދެމައިން ބައްދަލުވެ މަންމަގެ އުރަށް އަޅުގަޑަށް އެރުނުއިރު ދެމައިންނަށްވެސް އަޑު ހަރުކޮށް ރޮވިއްޖެއެވެ. އެކަމަކު ހިތާމައިގެ ކަރުނައެއް ނޫނެވެ. އުފާވެރިކަމުގެ ކަރުނައެވެ. އެތަށް އިރެއްވީއިރުވެސް މަންމައާ އަޅުގަޑުގެ ހަށިގަޑު ވަކިކޮށްލާކަށް ބޭނުމެއް ނުވިއެވެ.

އަޅުގަޑުގެ ޙަޔާތުގެ އެންމެ ބިރެވެރި އަދި ހިތްދަތި ނުވަތަ ޓްރޯމެޓިކް ޗެޕްޓަރ ނިމުމަކަށް އައީއެވެ. ނަތީޖާއަކީ ކޮބައިތޯއެވެ. އަޅުގަޑު ވަޒަން ކޮށްލާއިރު ވިދިގެން އައި އަހަރު މަޖީދިއްޔާ ސްކޫލްގެ އެއްވަން ކްލާހުގައި އިގިރޭސި ތަޢުލީމައިގެން ކުރިޔަށްދާން ވަރުގަދަ ޕްރީ ސްކޫލް ބިންގަލެއް އެޅުނެވެ. ކިތަންމެ ވަރަކަށް ކަމެއް ބޭނުންވިޔަސް ހުރިހާ ކަމެއް ބޭނުންހާ ގޮތަކަށް ނުވާނެ ކަމާއި، ކަންކަމަށް ކެތްކުރަން އަޅުގަޑަށް ދަސްވިއެވެ. ނުދަންނަ މީހުންނާ ރަހުމަތްތެރިންނާއެކު، އެމީހުންވެސް ރުހޭ ގޮތަށް އުޅެން އަޅުގަޑުގެ އިންސްޓިންކްޓް އަޅުގަޑަށް ކިޔައިދިނެވެ. އަޅުގަޑުގެ ހިތާމަތައް އެހެންމީހުންނަށް ބުރައަކަށް ނުހަދައި އެބަރު އަޅުގަޑު އެކަނި އުފުލާށާއި، އަޅުގަޑުގެ އުފާ އެހެން މީހުންނާއެކު ހިއްސާ ކުރަން ދަސްވިއެވެ. އަބަދުވެސް މައްސޫލިއްޔަތު ބޮލުގައި އަޅާ ޒިންމާދާރު ވުމަށާއި، ޟަމީރާ އިދިކޮޅަށް ކަންކަން ނުކުރުމަށް އަޒުމް ކަނޑައެޅީމެވެ.

Friday, February 6, 2026

 

`

ޚަބަރާއި އެޑިޓޯރިއަލާ ދެމެދުގައި ހުރި ތަފާތު، އަދި ސަރުކާރުގެ ސިޔާސަތަށް ފާޑު ކިޔުމުގައި އެޑިޓޯރިއަލް ގެ ދައުރު

ހަރުދަނާ ޑިމޮކްރެސީ އެއްގައި ނޫސްވެރިކަމަކީ ޚަބަރު ފެތުރުމާއި ގައުމުގެ ތަފާތު މައްސަލަތައް ޢާއްމު ބަހުސަށް ހުޅުވާލުމުގެ މުހިއްމު ވަސީލަތެކެވެ. މި ފުޅާ މެންޑޭޓުގައި ދެ ބާވަތެއްގެ ނޫސްވެރިކަން ހިމެނެއެވެ. އެއް ބާވަތަކީ ގައުމު ގައްޔާއި ބައިނަލްއަޤުވާމީ ދާއިރާގައި ހިގާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމެވެ. އަނެއް ބާވަތަކީ އެޑިޓޯރިއަލް ލިޔުމެވެ. މި ދެކަމަކީ ގުޅުންހުރި ދެކަން ކަމުގައި ވީނަމަވެސް، ތަފާތު ދެ މަގުޞަދެއްގައި ކުރާ ދެކަމެވެ. އެ މަގުޞަދުތައް ރަގަޅަށް ފަހުމު ވުމުން، އެޑިޓޯރިއަލް ތަކުން ސަރުކާރަށް ފާޑު ކިޔުމަކީ ކުރަންޖެހޭ ކަމެއްކަމާއި. އަދި އެކަމަކީ ބައެއް ފަހަރަށް އިންތިޒާރު ކުރެވޭ ކަމެއް ކަންވެސް ވަރަށް ރަގަޅަށް ސާފު ވެއެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ ރަސްމީ ދާއިރާގައި ނުތަނަވަސްކަން އުފެދިގެން ދިޔަ ނަމަވެސް، އެއީ ފައިދާހުރި ކަމެއްކަންވެސް އެގި ދެއެވެ.

ޚަބަރު ފެތުރުން: ޙަގީގަތާ އެއްގޮތް މައުލޫމާތު ޢާއްމު ކުރުން

ޚަބަރު ފެތުރުމަކީ ނޫސްވެރިޔާގެ އަމިއްލަ ވިސްނުމެއް ނުހިމަނާ، ކަމެއްގެ ހަގީގަތް ޢާއްމު ކުރުމެވެ. އޭގެ މައިގަޑު އުޞޫލު ތަކަކީ، ޝައްކާއި ވަސްވާހަށް ތަންނުދިނުމާއި، އިންސާފުވެރި ވުމާއި، ވަގުތު ފާއިތުވެދިޔަ ނުދިނުމެވެ. ޚަބަރަކުން ޢާއްމުކޮށް މީހުން ކޮށްއުޅޭ، ކާކު، ކޯއްޗެއް، ކޮން އިރަކު، ކޮންތާކު، ކީއްވެ، އަދި ކިނިނެއް، މި ސުވާލު ތަކަށް ޖަވާބު ލިބެންވާނެއެވެ. އެ ޚަބަރުގައި ކަމާއި ގުޅުންހުރި ފަރާތްތަކަށް ހަވާލާ ދެވެންވާނެއެވެ. އެ ފަރާތްތަކުން ބުނިއެއްޗެއް،  އެފަރާތްތަކުން ބުނި ގޮތަށް، ލަފުޒުން ލަފުޒަށް، އަކުރުން އަކުރަށް ގެނެސްދޭން ވާނެއެވެ. ނުވަތަ ގެނެސްދޭންވާނީ އޮޅުން ނާރާނެ ގޮތަށް އެބުނި އެއްޗެއްގެ މާނަ ސާފުކޮށް އެގޭނެފަދަ ގޮތަކަށެވެ. އަދި ވަކި ފަރާތެއްގެ ޚިޔާލެއް ނުވަތަ އޮޕީނިއަނެއް ލިޔާނަމަ، އެ ޚިޔާލެއްގެ ވެރިޔަކީ ކާކުކަން ރަގަޅަށް އެގެންވާނެއެވެ.

ޚަބަރެއް ޢިބާރާތް ކުރުމުގައި ވަކި ފަރާތަކަށް ޖެހިފައި އޮވެގެން ނުވާނެއެވެ. ނަން އިތުރު ތަކާއި ކަން އިތުރުތައް ބޭނުން ކުރަންވާނީ މައްސަލަ ބޮޑަށް ސާފު ކޮށްދިނުމަށެވެ. ކިޔުންތެރިންގެ ވިސްނުން ވަކި އަތަކަށް ލެންބުމުގެ މަގުޞަދަކު ނޫނެވެ. ޚަބަރެއްގައި ތަފާތު ނަޒަރިއްޔާތުތައް ހިމެނޭނަމަ، އެ ތަރުތީބު ކުރަންވާނީ އެކަމަކާ މެދު ކިޔުންތެރިންގެ އަމިއްލަ ޚިޔާލެއް އުފެއްދުމަށް ފަސޭހަވާ ގޮތަށެވެ. ނޫސް ވެރިޔާ އިސްކަންދޭ ތަރުތީބަކުން ނޫނެވެ.

ޚަބަރު ލިޔުމުގައި ވަކި މިންގަޑުތަކެއް ގެންގުޅެން ޖެހުމަކީ އެ ޚަބަރެއްގެ ފެންވަރު ދަށްކުރުމެއް ނޫނެވެ. ކޮން ޚަބަރެއްތޯ ލިޔާނީ، ކޮން މަސްދަރުތަކަކަށްތޯ އިސްކަންދޭނީ، ކިހާ ވަރަކަށްތޯ ވަކި ޚަބަރަކަށް އަހައްމިއްޔަތުކަން ދޭނީ، މިކަންކަމަކީ ނޫސްވެރިޔާގެ އިޚުތިޔާރު ގައިވާ ކަންކަމެވެ. އެހެންނަމަވެސް، ތެދު ޚަބަރު ގެނެސްދިނުމާއި އެޑިޓޯރިއަލް ލިޔުމާ ވަކި ކުރުމަކީ ނޫސްވެރިކަމުގެ އަޚުލާގު ތެރެއިން ވާ ކަންކަމެވެ. ޒިންމާދާރު ހިންގާ ނިއުސްރޫމްތަކުން މި ވަކި ކުރުން ކަށަވަރު ކުރަނީ ތެދުތޯ ޔަގީން ކުރުމުގެ ނުވަތަ ފެކްޓް ޗެކިންގ އިޖުރާތު ތަކުންނާއި، އެޑިޓޯރިއަލް ލިޔުމުގެ ފަންނީ މިންގަޑު ތަކުންނެވެ.

އެޑިޓޯރިއަލް: ޚިޔާލުގެ އަޑު

ޚަބަރު ލިޔުމާ ޚިލާފަށް އެޑިޓޯރިއަލަކީ ވަކި ކަމަކާއި ބެހޭގޮތުން ވަކި ނޫހަކާ ނުވަތަ ނޫސްވެރިއަކާ ޒާތީ ގޮތުން ގުޅިފައިވާ، އެ ނޫހެއްގެ ނުވަތަ ނޫސްވެރިއެއްގެ ޚިޔާލާއި ވިސްނުން ހާމަ ކޮށްދޭ ލިޔުމެކެވެ. މަގުޞަދަކީ އެ ކަމަކާ ގުޅޭ ގޮތުން ހޯދުންތައް ހޯދައި، އެ ނޫހަކުން ނުވަތަ ނޫސްވެރިޔެއްގެ އަމިއްލަ ޚިޔާލާއި ވިސްނުން ހާމަކޮށް. އެހެން މީހުންވެސް އެ ޚިޔާލާއި ވިސްނުމަށް ބައިއަތު ހިފުމަށް ބާރު އެޅުމެވެ. ބައެއް ފަހަރު އެޑިޓޯރިއަލަކީ ޚަބަރު ތަކުގައި ހުންނަ މައުލޫމާތުގެ މައްޗަށް ބިނާކޮށް ލިޔާ ލިޔުމެކެވެ. ތަފާތަކީ އެ މައުލޫމާތު ތަކުން ފުޅާ ދާއިރާ އެއްގެ ބަހުސަކަށް މަގުހުޅުވުމާއި، މަތީ އަޚުލާގު ނުވަތަ މޯރަލް ނަޒަރަކުން އެކަމެއް ވާންވީ ނުވަތަ އޮންނަންވީ ގޮތް ބަޔާން ކުރުމެވެ. އެޑިޓޯރިއަލަކީ ޚިޔާލު ނުވަތަ ފިކުރު ކަމަށްވާތީ، ޚަބަރެއްގައި ހުންނަންޖެހޭ ފަންނީ މިންގަޑުތައް އޭގައި ހުންނާކަށް ނުޖެހެއެވެ.

މީޑިއާ ތަސައްވަރުގައި އެޑިޓޯރިއަލް ޞަފްހާއަކީ ޚާއްޞަ ޞަފްހާއެކެވެ. އެ ޞަފްހާއަކީ ގައުމުގެ މަސްއޫލް ވެރިން ޖަވާބުދާރީ ކުރުވުމަށާއި މައްސަލަތައް ޢާއްމު ބަހުސަށް ހުޅުވާލުމަށް، ނޫހުގެ އެޑިޓޯރިއަލް ބޯޑާއި ފަންނީ މާހިރުންގެ ތަފާތު ވިސްނުންތަކާއި ފިކުރު ހުށަހަޅަމުން ގެންދާ ޕްލެޓްފޯމެކެވެ. ކިޔުންތެރިން އިންތިޒާރު ކުރާނީ މި ޞަފްހާގައި ސިޔާސީ ފިކުރު ކުރިއެރުވުމަށެވެ. ޒުވާބުތައް އުފައްދައި ޖަދަލު ކުރުމަށެވެ.

އެޑިޓޯރިއަލް ތަކުން ސަރުކާރުގެ ސިޔާސަތަށް ފާޑު ކިޔެންވީ ކީއްވެ

1.     ގާނޫނު އަސާސީން ލިބިދޭ ރައްކާތެރިކަން: ގިނަ ޑިމޮކްރެޓިކް ސޮސައިޓީ ތަކުގައި ވެރިންނަށް ފާޑު ކިޔުމުގެ ޙައްގު ހިމެނޭ ގޮތަށް ޚިޔާލު ފާޅު ކުރުމުގެ ފުރިހަމަ މިނިވަންކަން ނޫސްވެރިންނަށް ލިބިދެއެވެ. އެ ރައްކާތެރިކަމަކީ ހަމައެކަނި ހަގީގަތް ހާމަކުރުމަށް ލިބިދޭ ރައްކާތެރިކަމެއް ނޫނެވެ. އަމިއްލަ ޚިޔާލު ފާޅު ކުރުމާއި ކަންކަމާއި ޖަދަލުކޮށް ދެކޮޅު ހެދުމަށްވެސް އެ ރައްކާތެރިކަން ފޯރައެވެ. ސިޔާސަތަށް ފާޑު ކިޔުމުގެ ބާރާއި ގާބިލުކަން ނެތި ނޫސެވެރިކަން ވެގެންދާނީ ތާޅަފިއްޔަކަށެވެ.

2.     ޖަވާބުދާރީ ކުރުވުން: ސަރުކާރުގެ ޢަމަލުތަކަކީ އޭގެ އަސަރު ކޮންމެ ރައްޔިތަކަށްވެސް ކުރާ ކަންކަމެވެ. އެޑިޓޯރިއަލުން ކޮށްދޭ ކަމަކީ ސަރުކާރުގެ ސިޔާސަތުތައް އުފައްދަން ޖެހޭ ސަބަބުގެ ޞައްޙަ ކަމާއި، ގާނޫނީ ޞައްޙަ ކަމާއި، ނަތީޖާ އާއިމެދު ސުވާލު އުފެއްދުމުގެ ފުރުޞަތު ނޫސްތަކަށް ހޯދައި ލިބިގަތުމެވެ. ސިޔާސަތު ތަކަށް ފާޑު ކިޔައިގެން މައްސޫލުވެރިން ރައްޔިތުންނަށް ޖަވާބުދާރީ ކުރުވުމުގެ ފުރުޞަތު ނޫސްތަކުން ހޯދުމެވެ.

3.     ޢާއްމު ބަހުސް: ސިޔާސީ ނިންމުންތަކަށް އެންމެން އިއްތިފާގެއް ނުވާނެއެވެ. އެހެންކަމުން އެޑިޓޯރިއަލް ތަކުން ކުރާ ކަމަކީ ސިޔާސަތު ބިނާ ކުރުމުގައި ރަސްމީ ދާއިރާއިން އަޅާނުލެވި ހުންނަ ޚިޔާލާއި، ވިސްނުމާއި، ފިކުރު ހާމަކޮށް، މައްސަލަ ޢާއްމު ބަހުސަށް ހުށަހެޅުމެވެ. އޭގެ ސަބަބުން ގާނޫނު ހަދާ މީހުންނާއި ޢާއްމުންގެ ވިސްނުން ބައްޓަންކޮށް، ބައެއް ފަހަރު ސިޔާސަތުތައް އިޞްލާޙު ކުރުމުގެ ފުރުޞަތުތައް ލިބިދެއެވެ.

4.     ހަތަރު ވަނަ ބާރު: ނޫސްވެރިކަން ނުވަތަ މީޑިއާ އަކީ ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި ބެލެވޭ ބެލުން ބިނާވެފައި އޮންނަނީ އެ ދާއިރާއިން އަދާ ކުރަންޖެހޭ ފާރަވެރިކަމުގެ ދައުރުގެ މައްޗަށެވެ. ތާރީޚީ ނަޒަރަކުން ބަލާއިރު، ސަރުކާރުގެ ސިޔާސަތަށް ބިނާކުރަނިވި ފާޑު ކިޔުމަކީ، އެ ވާޖިބު އަދާ ކުރުމުގެ މުހިއްމު ބަޔެކެވެ.

ސަރުކާރުގެ ސިޔާސަތާ އެޑިޓޯރިއަލާ ފުށުއެރުމަކީ ރަގަޅު ކަމެއްތަ

އެޑިޓޯރިއަލަކުން ސަރުކާރުގެ ސިޔާސަތަކަށް ގޮންޖަހައި ޖަދަލު ކުރުމުގެ ސަބަބުން ނުކުންނަ ނުތަނަވަސް ކަމަކީ ހަމައެކަނި ބަލައިގަނެވޭ ކަމަކަށް ވުމުގެ އިތުރަށް ބޭނުންތެރިވެސް ކަމެކެވެ.

އެންމެ ފުރަތަމަ އެކަމުން ދައްކައިދެނީ ތަފާތު ވިސްނުމަށް ތަންދޭ ދުޅަހެޔޮ މާހައުލެކެވެ. ޑިމޮކްރެސީއެއް ދިރިއޮންނަނީ ދެކޮޅެހެދުން ހިމެނޭ ގޮތަށް ތަފާތު އަޑުތައް އިއްވުމާއި އެހުމުގެ މައްޗަށެވެ. އެޑިޓޯރިއަލް ބޯޑަކުން ސަރުކާރުގެ ވިސްނުމާ ތަފާތު ވިސްނުމެއް ގެންގުޅުން ދޭހަކޮށްދެނީ އަމުރުވެރިކަންވެސް ބެލެހެއްޓޭ ކަމާއި، ގައުމީ މައްސަލަތަކަށް ތަފާތު ފިކުރާއި ޙައްލު ހުށަހެޅުމުގެ ފުރުޞަތު އެބައޮތްކަމެވެ.

ދެވަނަ ކަމަކީ ދެކޮޅު ހެދުމުގެ ފުރުޞަތު އޮތުމުން ސިޔާސަތުގެ ނަތީޖާއަށް އެދެވޭ ބަދަލު އަންނަ ކަމެވެ. ބިނާ ކުރަނިވި ފާޑު ކިޔުމުގެ ސަބަބުން، ސިޔާސަތު ތަކުގައި ހުންނަ އުނިކަމާއި، ހީ ކުރެވިފައި ނެތް ނަތީޖާ ތަކާއި، ބޭއިންސާފު ނުވަތަ ނުޙައްގު ކަންކަން ވަރަށް ރަގަޅަށް ހާމަވެގެން ދެއެވެ. ތާރީޚް އެކަމަށް ހެކި ދެއެވެ. މިސާލަކަށް މަޝްހޫރު ވިއެޓްނާމް ހަގުރާމަ އަށާއި، 1941 ވަނަ އަހަރު ޕާރލް ހާބަރަށް ޖަޕާނުން ދިން ހަމަލައަށްފަހު އެމެރިކާގައި ދިރިއުޅޭ ޖަޕާން ދަރިކޮޅުގެ މީހުން ތަހުގީގެއް ނުވަތަ ދައުވާއެއް ނުކޮށް، ހަތަރު އަހަރު ވަންދެން އެކި ތަންތާގައި ބަންދު ކޮށްފައި ބޭތިއްބުމަށް އެމެރިކާގެ ރައީސް ފްރޭންކްލިން ޑީ ރޫޒަވެލްޓް ނެރުއްވި އަމުރު ފަދަ ކަންކަމުގެ ސިޔާސަތު ބަދަލު ވެގެން ދިޔައީ އެކަންކަމާއި ކެޑިނޭޅި ނޫސްތަކުން ދެކޮޅު ހަދަމުން ދިޔަދިޔުމުގެ ސަބަބުންނެވެ.

ތިންވަނަ އަށް އެޑިޓޯރިއަލް ތަކުގެ ފާޑު ކިޔުމުގެ ސަބަބުން ރައްޔިތުންގެ ޝައުގުވެރިކަމާއި ހޭލުންތެރިކަން އިތުރުވެ، ގައުމީ ބަހުސު ތަކުގައި ބައިވެރިވުން އިތުރުވެ ދެއެވެ. އެބައިމީހުންގެ ނޫސްތަކުން ކަމަކާއިމެދު ވަކި ގޮތަކަށް ތެދުވެ އެގޮތް ދިފާއު ކުރާތަން ފެނިގެން ދިޔުމަކީ އެމީހުންވެސް ބަހުސްގައި ބައިވެރިވެ އެމީހުންގެ ބުއްދި ގަބޫލް ކުރާ ވަކި ކޮޅެއް ނެގުމަށް ލިބޭނެ ހިތްވަރެކެވެ. އޭގެ ސަބަބުން އިންތިޚާބު ތަކުގައި ވޯޓްލުން އިތުރުވެ، ރައްޔިތުންގެ ތެރޭގައި ސިޔާސީ ޙަރަކާތްތައް އިތުރުވެ، ދައުލަތާއިމެދު ރައްޔިތުންގެ ފާރަވެރިކަން އެތައް ތަނެއް އިތުރުވެ ދެއެވެ.

އެހެން ނަމަވެސް، އެޑިޓޯރިއަލް ތަކުގެ ފާޑު ކިޔުމަކީ ޒިންމާދާރުކޮށް ކުރާ ކަމަކަށްވެސް ވާންޖެހެއެވެ. ހެކި ނެތި ކުށުގެ އިލްޒާމް ބޮލުގައި އެޅުވުމާއި، ޒާތީ ގޮތުން ދިމާކުރުމާއި، އޮތްވަރަށްވުރެ ކަމެއް ބޮޑުކޮށް ދައްކަން އުޅުމުގެ ސަބަބުން އެވާހަކައެއް ރައްޔިތުން ބަލައިގަތުން ކުޑަވެ އިތުބާރު ގެއްލި ދެއެވެ. ހަގީގަތާއި ޚިޔާލާ ވަކި ކުރުމާއި، ހެކި ދެއްކުމާއި، މަސްލަހަތު ފުށުއަރާ ކަންކަމުން އެކަހެރިވެ ތިބުން ފަދަ އަޚުލާގީ މިންގަޑުތައް ނެގެހެއްޓުމަކީ އެޑިޓޯރިއަލްތައް ރައްޔިތުން ބަލައިގަތުން އިތުރުވެދާ ކަންކަމެވެ.

ނިންމުން

ޚަބަރު ފެތުރުމާއި އެޑިޓޯރިއަލް ލިޔުމަކީ މަގުޞަދާއި، ވައްޓަފާޅިއާއި، ހޯދަން ބޭނުންވާ ނަތިޖާގައި އަސާސީ ތަފާތުތަކެއް ހިމެނިގެންވާ ދެކަމެވެ. ޚަބަރު ފެތުރުމަކީ ޙަގީގަތާއި އެއްގޮތަކަށް ވަކި އަތަކަށް ނުޖެހި ހުށަހަޅާ ހުށަހެޅުމެކެވެ. އެއާއި ޚިލާފަށް އެޑިޓޯރިއަލަކީ ލިޔާ މީހާއަށް ވަކި ކަމެއް ދޭހަވާ ގޮތާއި، އެހެން މީހުންނަށް އެކަމެއް ވިސްނައިދޭން އެނާ ބޭނުންވާ ގޮތާއި، އެކަމާއި ބެހޭ ގޮތުން އޭނާ ހުށަހަޅާ ޒުވާބާއި ޖަދަލު ހިމެނިފައިވާ ލިޔުން ލިޔާ މީހާއަށް ނިސްބަތްވާ ލިޔުމެކެވެ.

އެޑިޓޯރިއަލް ތަކުން ސަރުކާރުގެ ސިޔާސަތަށް ފާޑު ކިޔުމުގެ މިނިވަން ކަމަކީ ޖަވާބުދާރީ ކުރުވުމަށާއި ފާރަވެރިވުމަށް ގާނޫނު އަސާސީއިން ނޫސްވެރިކަމަށް ދީފައިވާ ރައްކާތެރިކަމުގެ ކަނުގަލެވެ. ޒިންމާދާރު ކަމާއިއެކު އެޑިޓޯރިއަލް ތަކުން ސަރުކާރުގެ ސިޔާސަތަށް ފާޑު ކިޔުމަކީ ޑިމޮކްރެސީ ހަރުދަނާވެ، ހެޔޮ ވެރިކަމަށް މަގު ފަހިވެ، ރައްޔިތުން ބާރުވެރިވާ ކަމެކެވެ. ޚަބަރު ފެތުރުމާއި ޚިޔާލް ފާޅު ކުރުމަކީ މަޞްލަހަތު ފުށުއަރާ ދެކަމެއް ނޫނެވެ. އެއީ ހަރުދަނާ، ދުޅަހެޔޮ އަދި ސާބިތު ކަންމަތީ ތިބި ރައްޔިތެއް ދެމިއޮތުމަށް އެކުއެކީ ކުރަންޖެހޭ ދެކަމެވެ.

 

 

 

Sunday, September 14, 2025

 

`

މާލޭ ވިޔަފާރި ބަދަރު – ރާއްޖޭގެ ޒަމާނީ ތަރައްގީ ގެ މައި ދޮރޯށި

ރާއްޖެއަކީ ރާއްޖޭގަ ބޭނުންކުރާ ހުރިހާ އެއްޗެއްސެންހެން އިމްޕޯރޓް ކުރާ ގައުމެއް ކަމުގައިވީ ނަމަވެސް، 1980 ގެ އަހަރުތައް ފެށިގެން ދިޔައިރުވެސް، މުދާ އަރުވާ ބޭލުމުގެ ޚިދުމަތް ދިނުމަށް ހެދިފައިވާ ބަދަރެއް ނުވަތަ ޕޯރޓެއް، މާލެ ކީއްކުރަންތޯ ރާއްޖޭގެ އެހެން ތަނެއްގަވެސް ހެދިފައެއް ނެތެވެ. އެ ޚިދުމަތް ވަރަށް އާދައިގެ ގޮތަކަށް ދެމުން ދިޔައީ މާލޭގެ އުތުރު ފަރާތު ފަޅުތެރޭގަ، މިހާރު ޖުމްހޫރީ މައިދާނާ ބޮޑު ފާލަން އެ ހުރި ސަރަހައްދުގެ އެއްގަމާ ފަޅުތެރޭގައެވެ. އެ މަސައްކަތް ކުރަމުންދާ އިރެއްގަ އެދިމާލުން އޭރުގެ މެރިން ޑްރައިވް، މިހާރުގެ ގޮތުންނަމަ ބޮޑުތަކުރުފާނު މަގު، ހިގާ މީހުންނަށާ މަދު ނަމަވެސް ދުއްވާ އެއްޗެއްސަށް ބަންދު ކޮށްގެންނެވެ.

ކުޑަ ގޮތަކަށް ނަމަވެސް މާލޭ ފަޅު އޭރު ހެދިފައޮތީ ރަށުގެ އުތުރު ފަރާތުގައެވެ. އެއީ އޭރުގެ ހެންވޭރު ދޯނި އެހެލާ ތަން މިހާރު މާލެ/ހުޅުލެ ފެރީގެ ޚިދުމަތްދޭ ތަނާ، މާފަންނު ދޯނި އެހެލާތަން މިހާރު މާލޭ ވިޔަފާރި ބަދަރުގެ ސަރަޙައްދާ ދެމެދުގެ ފަޅުތެރެއެވެ. ފަޅަށް ވަންނަން އޭރުވެސް ބޭނުންކުރީ މިހާރުވެސް ބޭނުން ކުރަމުންދާ ނެރު ތަކެވެ.

ފަޅު ފުންކުރަން ގެންގުޅުނީ 1903 ވަނަ އަހަރު އިގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފައޮތް ދަތްގަޑު ޖައްރާފާ ނުވަތަ ބަކެޓް ޑްރެޖަރެކެވެ. އެއީ 4 ހޯސް ޕަވަރުގެ ލިސްޓަރ އިންޖީނަކުން ވިންޗެއް ހިންގައިގެން، އެ ވިންޗުގަ ހުޅުވާ ލައްޕާ އަދި ފަޅު އަޑިއަށް ތިރިކޮށް ނަގާ ދަތްގަޑަކުން ފަޅު ކޮންނަ ޖައްރާފާ އެކެވެ.

ދުނިޔޭގެ އެހެން ތަންތާގެ ކޯރުތަކާ ރާއްޖޭގެ ރަށްރަށުގެ ފަޅުތަކާ އުފެދުމުގަ ބޮޑެތި ތަފާތު ތަކެއް ހުރުމާއެކު، އަދި 1980 ގެ އަހަރުތަކާ ހަމައަށް އައިއިރު ޖައްރާފާގެ ޢުމުރުން 70 ވަރަކަށް އަހަރަށްވުރެވެސް ގިނަ ދުވަސްވެފަ އޮތުމުގެ ސަބަބުން މަރާމާތަށް މަސައްކަތް ނުކުރެވިދާ ދުވަސްތައްވެސް ގިނަ ކަމުންނާއެކު، އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ކޮނެވެނީ ފަޅުގެ ވަރަށް ކުޑަތަންކޮޅެކެވެ. އެންމެ ރަގަޅަށް މަސައްކަތް ކުރެވޭ ދުވަސް ދުވަހުވެސް އެންމެ ގިނައިން ނެގެނީ ގާތްގަޑަކަށް 100 ކޮޑިފޫޓުގެ ވެއްޔެވެ.

އެކަށީގެންވާ ގޮތަކަށް ފަޅުފުންކޮށް ބެލެހެއްޓޭނެ ގޮތެއް ނެތުމާ، ފުން ކުރެވޭ ތަންތަންވެސް ދާދި އަވަހަށް ވެލިއެޅި ތިލަވަމުން ދިޔުމާއެކު، މާލޭ ފަޅުން ބިންހިއްކުމުގެ މަޝްރޫޢު ގެ ތެރެއިން މާލޭގެ ފަޅު ފުންކުރެވުމާ ހަމައަށް، ފަޅުގެ އެކި ދިމަދިމާލުގަ ހިކިދިޔައިގަ އާދައިގެ މީހެއްގެ އިސްކޮޅު ކައެވެ. މަދުން ނަމަވެސް ތަންކޮޅެއް ގިނައިން މުދާ ބަރުކޮށްފަ އޮންނަ އުޅަދު ފަޅުތެރެއަށް ބީހުމުގެ ހާދިސާތައްވެސް ހިގާފަ އެބަހުއްޓެވެ.

1980 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 1990 ގެ އަހަރުތަކުގެ ފަހުކޮޅާ ދެމެދު ފެންވަރު ރަގަޅު އިންޖިނިއަރިންގ ޑިޒައިނަކަށް މާލެ ވަށާ ރިޓެއިނިންގ ވޯލެއް ހެދެންދެން، މާލޭގެ އުތުރު ފަރާތުގެ ގޮޑުދޮށު ގައޮތީ ހިކިދިޔައިގަ ފެނުއަޑި ހުސްގަލުން، ފެންމަތި ސިމެންތި ލައިގެން ގަލުން ރާނާފައޮތް އެއްގަމު ތޮށްޓެކެވެ. މި ތޮށްޓާ ކައިރިކުރާ އުޅަދުތަކުން ޖެހުމުގެ ސަބަބުންނާ ބައެއް ފަހަރު ފަޅުތެރެ ގަދަވުމުގެ ސަބަބުން، މި ތޮށްޓަކީ އަބަދާ އަބަދު މަރާމާތު ކުރަންޖެހިފަ އޮންނަ ތޮށްޓެކެވެ.

މާލޭގެ ގޮޑުދޮށެކޭ އެއްފަދައިން 1990 ގެ އަހަރުތަކުގެ ތެރޭގަ ރަގަޅު ފެންވަރެއްގެ ބްރޭކްވޯޓަރެއް ހެދެންދެން، މާލޭގެ އުތުރު ފަރާތު އުރަފަށުގަ އޮތީ، އަޅުގަޑު އަހާ ގޮތުގަ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގަ އެ ރަދުންގެ އަމުރުފުޅަށް ރައްޔިތުން ނުކުމު ގަލުން ލާފަ އޮތް ކަނޑު ތޮށްޓެކެވެ. ޒަމާންތައް ހިގައިގޮސް 1980 ގެ އަހަރުތަކާ ހަމައަށް އަންނަންދެންވެސް ކަނޑު ގަދަވުމުގެ ސަބަބުންނާ، މީހުން އަރާ އުޅުމާ އަދި އެހެނިހެން ސަބަބުތައް މެދުވެރި ވެގެން ތޮށީގެ ގާތައް ފައިބައިގެން ދިޔުމުން އަނެއްކާވެސް މަރާމާތު ކޮށް އިހުއޮތް ޙާލަތަށް ގެންނަމުން ގޮސްފައިވާ މާލޭގެ މުހިއްމު ބިނާއެކެވެ.

ހަމަ އެކަނި ތާރީޚަށްޓަކާ ބަޔާން ކުރަމެވެ. މާލެގެ އުތުރު ފަރާތުގެ ރިޓެއިނިންގ ވޯލް ފިޔަވާ މާލެ ވަށާ ހަދާފައިވާ ފެންވަރު ރަގަޅު ރިޓެއިނިންގ ވޯލާ، މާލޭގެ އުތުރު ފަރާތާ ދެކުނު ފަރާތުގެ ބްރޭކްވޯޓަރަކީ 1987 ވަނަ އަހަރު މާލެއަށް އެރި ބޮޑުރާޅަށްފަހު، ޖަޕާން ސަރުކާރުގެ އެހީގާ ހެދިފައިވާ ތަންތަނެވެ. ނަމަވެސް މާލޭގެ އުތުރު ފަރާތުގެ ރިޓެއިނިންގ ވޯލް ހަދާފައިވަނީ އޭގެ ކުރިން، މާލޭ ފަޅުން ބިއްހިއްކުމުގެ މަޝްރޫޢާ މާލޭ ވިޔަފާރި ބަދަރުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމާ ގުޅިގެން 1986 ން 1989 އާ ދެމެދުގައެވެ.

އެ ޒަމާނުގަ ބޭރު ދަތުރު ކުރާ ބޯޓް ފަހަރުން މުދާ ހުސްކޮށް މުދާ ބަރު ކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިގަމުންދިޔަ ޑިޕާރޓްމަންޓެއް ކަމުގަވާ ޝިޕިންގ ޑިޕާރޓްމަންޓުންނެވެ. މަސައްކަތުގެ ޒިންމާ އެ ޑިޕާރޓްމަންޓާ ޙަވާލު ކުރެވިފައިވީ ނަމަވެސް، މަސައްކަތު މީހުން ފިޔަވާ އެ މަސައްކަތް ކުރުމަށް ބޭނުންވާ އެހެން ވަސީލަތެއް އެ ޑިޕާރޓްމަންޓަކު ނެތެވެ.

މުދާ އަރުވާ ބާލަން ބޭނުންކުރި ކްރޭން ތަކާ ލޮރީ/ޓްރެކްޓަރ ފަދަ މަދު އިކުވިޕްމަންޓް ހުރީ މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް ގެ ދަށުން ހިގަމުންދިޔަ ޑިޕާރޓްމަންޓް އޮފް ބޯޓްސް އިކްވިޕްމަންޓް ގިޔަރ I ގައެވެ. އިގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފަ އޮތް ޓަގް ބައިސަނާ ބޯޓް ބައްތެލި އެހެންނަމަކުންނަމަ ބަނޑު ފަދަ އުޅަދުތައްހުރީ ހަމަ އެ މިނިސްޓްރީގެ ދަށުން ހިގަމުންދިޔަ ޑިޕާރޓްމަންޓް އޮފް ބޯޓްސް އިކުވިޕްމަންޓް ގިޔަރ II ގައެވެ. މަސައްކަތުގަ ބައެއް ފަހަރު ބޭނުންކުރާ ލޯންޗް ފަދަ އުޅަދުތައް ހުރީވެސް ޓްރާންސްޕޯރޓް މިނިސްޓްރީގެ ދަށުން ހިގަމުންދިޔަ މެރިން ޑިޕާރޓްމަންޓް ގައެވެ. މާލޭ ފަޅު ފުންކޮށް ބެލެހެއްޓުމާ، އެއްގަމު ތޮށްޓާ ކަނޑު ތޮށި މަރާމާތުކޮށް ބަލަހައްޓަމުން ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިގަމުން ދިޔަ ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓުންނެވެ.

މީގެ އިތުރުން ކަސްޓަމްސް ގެ ހަގީގީ މޭންޑޭޓަކީ އެކްސައިސް ކޮންޓްރޯލް ކަމުގަ ވީނަމަވެސް، ކޮންމެވެސް ޒަމާނެއްގަ މުދާ އަރުވާ ބާލާ ސަރަޙައްދަށް ކަސްޓަމް ސަރަޙައްދޭ ކިޔިފަ އޮތުމުގެ ސަބަބުން މަސައްކަތް ކުރަމުންދާއިރު އޭގެ ތެރެއަށް ކަސްޓަމުން ވަނުމުގެ ކަންތައް މެނޭޖް ކުރުންވެސް ކުޑަކަމަށް ނުވެއެވެ.

ކޮންމެ މަހަކްމާ އެއްގަ ތަފާތު ވެރިޔެކެވެ. ތަފާތު ނުފޫޒްތައް ގެންގުޅުނު އެކި ދަރަޖައިގެ އިސް މުވައްޒަފުންނާއި އާދައިގެ މުވައްޒަފުންނެވެ. ސެކްރެޓެރީންނާ، ކާތިބުންނާ، ސަރުދާރުންނާ، ޕިޔޯނުންނެވެ. އެހެންކަމުން ބޯޓެއް ހުސްކޮށް ބަރުކުރަންޖެހޭ ވަގުތު މަސައްކަތްތައް ވިލަރެސްކޮށް އެންމެ އެދެވޭ ނަތީޖާ ނެރުން އޮންނަނީ ބިރުވެރި ހުވަފެނެއްގެ ތެރޭގަ އުޅުންފަދަ ކަމަކަށްވެފައެވެ.

މި ފަސްމަންޒަރުގެ ތެރެއިން އެ ޒަމާނުގަ މުދާ އަރުވާ ބޭލުމުގެ މަސައްކަތް ހިގަމުންދިޔަ ގޮތަށް ނަޒަރު ހިންގާލަމާތޯއެވެ. މުދާ ހިފައިގެން ބޯޓެއް އަންނަ ކަމުގެ މައުލޫމާތު ފުރަތަމަ ޝިޕިންގ ޑިޕާރޓްމަންޓަށް ލިބުމުން، އެ މައުލޫމާތު އެ ޑިޕާރޓްމަންޓުން ކަމާބެހޭ އެހެން ހުރިހާ އިދާރައަކަށް އަންގާނެއެވެ. ބޯޓް އައިސް ބަދަރު ކުރާނީ މާލެ އަތޮޅު ދޫނިދޫ ކައިރީގައެވެ.

ބޯޓް ބަދަރު ކުރުމުން މެރިން ޑިޕާރޓްމަންޓްގެ ސީކިންގ ނުވަތަ ސީމާސްޓަރ ގަ ކަސްޓަމްސް އަދި އިމިގްރޭޝަން އޮފިސަރުން ބޯޓަށް އަރާނެއެވެ. މި ދެ އިދާރާގެ ކްލިއަރެންސް ލިބޭއިރު ގިޔަރު II ގެ ބައިސަން ކިޔާ ޓަގުގެ ކަފުގަ، ބައިސަން ހަލާކުވެފަ އޮންނަ ވަގުތަކު މެރިން ޑިޕާރޓްމަންޓްގެ ލޯންޗެއްގެ ކަފުގަ ގިޔަރު II ގެ ބޯޓް ބައްތެއްޔެއް ނުވަތަ ބަޑެއް ބޯޓް ކައިރިއަށްގޮސް އަޅާނެއެވެ. އެ ބަޑުގަ ޝިޕިންގ ޑޕާރޓްމަންޓްގެ ސަރުދާރަކާ މަސައްކަތު މީހުންވެސް ބޯޓަށް ދާނެއެވެ. މަސައްކަތު މީހުން ބޯޓަށްދާއިރު އެކި ވައްތަރުގެ އެކިވަރުގެ ސަވާޖީ ގެންދާނެއެވެ.

ސަވާޖީއަކީ މުދާ އަރުވާ ބާލާއިރު ނުވަތަ ބަރު އެއްޗެއް އުފުލާއިރު އޭގަ އަޅުވާ ފަލަ ވަލެކެވެ. އޭގެ އެއްކޮޅު އަޅުވާފަ އޮންނާނީ މުދަލުގައެވެ. އަނެއް ކޮޅު އަޅުވާނީ ބޯޓުގަ ނަމަ ބޯޓުގެ ސޭލާ ގައެވެ. އެއްގަމުގަ ނަމަ އެއްގަމުގަ އޮންނަ ކްރޭން ގައެވެ. ސަވާޖީ އަޅުވާ ނެއްޓުމަކީ ކޮންމެ މުދަލަކަށް ވަކި ޙަރަކާތެކެވެ. އެހެންކަމުން ކޮންމެ މުދަލަކަށް ތިން ފަހަރު ސަވާޖީ އަޅުވާ ނުވަތަ ނައްޓަންޖެހެއެވެ. އެއީ އެއްފަހަރު ބޯޓުގަ، އަނެއް ފަހަރު ބަޑުން އެއްގަމަށް ބޭލުމަށް، އަދި ތިންވަނަ ފަހަރު ގުދަނުގައެވެ.

ބޯޓެއް ހުސްކޮށް ބަރުކޮށް ނިމޭއިރު ހުރިހާ ސަވާޖީތައް ހުންނާނީ ކަންފަތި ވެފައެވެ. އެހެންކަމުން ބޯޓެއް ބަދަރުގަ ނެތިއްޔާ ޝިޕިންގ ޑިޕާރޓްމަންޓްގެ މަސައްކަތު މީހުންގެ މައިގަޑު މަސައްކަތަކަށްވެފަ އޮންނަނީ ސަވާޖީތައް މަރާމާތު ކުރުމާ ސަވާޖީ ހެދުމެވެ.

ބޯޓުން ބަޑަށް ފުރަތަމަ ބާލާނީ ފަލްކާ މަތީގަ ހުންނަ ވެހިކަލް، އުޅަދު، އިންޖީނު ފަދަ އެއްޗެއްސެވެ. އޭގެ ފަހުން ފަހަރަކު ފަލްކާ އެއް ހުޅުވާފަ އޭގަ ހުންނަ މުދަލެވެ. ވެހިކަލް، އުޅަދު ނުވަތަ އިންޖީނު ފަދަ އެއްޗެތި ބޯޓުގަ ހުރިނަމަ، ބަޑުގަ އަށި އަޅަން ޖެހުނެވެ. އޭރު ސަރުކާރުގަ ހުރީ މުޅިން އަގަމަތި ބަޑެވެ. ފްލެޓް ޓޮޕް ބާޖެއްގެ މިންވަރުވެސް އޭރަކު ނެތެވެ.

ބޯޓު ކައިރީގަ އޮންނަ ބަޑު ފުރުނީމަ އެ ބަނޑު ގެންނާނީ މުދާ ބާލާ ސަރަޙައްދުގެ އެއްގަމު ތޮށިގަޑު ކައިރިއަށެވެ. ބޯޓް ހުސްވަންދެން ފަހަރަކު ބަޑެއް މުދާ ބަރުކޮށްގެން ތޮށިގަޑު ކައިރިއަށް ގެންނާނެއެވެ. އޭރު މުދާ ބޭލުމަށްޓަކާ ގިޔަރު I ގެ ކްރޭނެއް ތޮށިގަޑު ކައިރީގަ އޮންނާނެއެވެ. އާދައިގެ ގޮތެއްގަ ރާއްޖެއަށް އޭގެ އެތައް އަހަރެއް ކުރިން ފުރަތަމަ ގެނައި ނީލް ކްރޭނެވެ. ތަންކޮޅެއް ބަރު މުދަލާ ޚާއްޞަ މުދާ ބާލަން ސަރުކާރުން ފަހުން ހޯއްދެވި ކޯލްސް ކްރޭނެވެ. ނޫނީ 1970 ގެ އަހަރުތަކުގެ ކުރީކޮޅު އިގިރޭސި ރާނީ ރާއްޖެއަށް ކުރެއްވި ދަތުރު ފުޅާ ގުޅިގެން އިގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާ ކުރި ރާނީ ކްރޭނެވެ.

އެއްގަމަށް މުދާ ބޭލުމުން ބަސްތާގަ ހުންނަ މުދާ އެކަމަށް އޮންނަ ދެތިން ވެހިކަލްގަ ގެންދާނީ މި ބާވަތުގެ މުދާ ރައްކާ ކުރަން ހުންނަ ޚާއްޞަ ގުދަން ތަކަށެވެ. އެނޫން މުދާ ކޮންސައިން ކޮށްފަ ހުންނަ ފަރާތްތަކުން ގެންދަންދެން ވައްދާފަ ބެހެއްޓީ އެކަމަށްޓަކާ އޭރު، މިހާރުގެ ޖުމްހޫރީ މައިދާނުގެ ހުޅަގު ކޮޅުގަ ހަދާފަހުރި ގުދަނަކަށެވެ. ޒަމާނަކީ ފޯކްލިފްޓެއް ވަރުވެސް ސަރުކާރުގަ ނެތް ޒަމާނަކަށްވީތީ، ހުރިހާ މުދަލެއް އުފުލީ މަސައްކަތު މީހުންގެ ކޮޑުމަތީގައެވެ. ނުވަތަ އެ މުދަލެއްގެ ބާވަތުން ތަންޑިޔާ ލައްވައިގެން އެ މީހުންގެ އަތްމަތިންނެވެ.

މަސައްކަތް ކުރަންހުރި ވަސީލަތްތަކަށް އެދެވޭ ބަދަލެއް ނުގެނެވި ރާއްޖެ ގެންނަ މުދަލާ ރާއްޖެއިން ބޭރުކުރާ މުދާ ދިޔައީ މަހުންމަހަށް އިތުރުވަމުންނެވެ. އަނެއްކޮޅުން މީހުންގެ ވަރުބަލިކަން އިތުރުވެ ސަލާމް ގިނަވުމާ، މަސައްކަތުގަ ބޭނުން ކުރަމުންދިޔަ ވެހިކަލްތަކާ އުޅަދުތަކަށް ބަރުބޮޑުވެ ކަންފަތިވަމުން ދިޔުމުގެ ސަބަބުން، އަދި ކަމާބެހޭ އިދާރާ ތަކުގަ ވިލަރެސް ކުރުމުގެ ނިޒާމްގަ ހުރި މައްސަލަތަކާ، ފިޒިކަލް އިންފްރާސްޓްރަކްޗަރގަ ހުރި ބަލިކަށި ކަމުން، މި މަސައްކަތުގަ ތަފާތު ކޮށިއެރުންތައް ދިޔައީ ކުރިމަތިވަމުންނެވެ.

ނަތީޖާއަކީ ބަދަރަށް އަންނަ ބޯޓް ފުރުވާލުން ލަސްވެ، ބޯޓް ދުއްވާ ކުންފުންޏަށާ ވިޔަފާރިވެރިންނަށް ވާ ގެއްލުންތައް އިތުރުވެ. ގައުމީ އިގުތިޞާދަށް ފޫނުބެދޭ ވަރުގެ ގެއްލުންތަކާ ކުރިމަތިވުމެވެ. ކަން މިހިސާބަށް ދިޔުމުން އޭރުގެ ޕޯރޓް ކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓުން ކަންކަން ރަގަޅުކޮށް ތަރައްގީ ކުރާނެ ގޮތުގެ ޕްރޮޕޯސަލެއް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވިއެވެ.

އެ ޕްރޮޕޯސަލް އެކުލެވިގެންވީ މައިގަޑު ތިންކަމެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ ރާއްޖޭން ބޭރުން އަންނަ ބޯޓް ފަހަރަށް މުދާ އަރުވާ ބޭލުމަށް އިންވަކި ކޮށްފައިވާ ވަކި ސަރަޙައްދެއް މާލޭގަ ކަނޑައެޅުމަށާ އެ ސަރަޙައްދު ޕޯރޓެއް ނުވަތަ ވިޔަފާރި ބަދަރެއްގެ ގޮތުގަ އެކަށައަޅާ، ކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ހެދުމެވެ. ދެ ވަނަ ކަމަކީ މާލެއާ އަތޮޅު ތަކާ ދެމެދުގެ ވިޔަފާރިއަށްވެސް އިން ވަކިކޮށްފައިވާ މާލޭ ފަޅާ އެއްގަމުގެ ވަކި ސަރަޙައްދެއް ކަނޑައަޅައި އެތަން އެކަށީގެންވާ ގޮތަށް ތަރައްގީ ކުރުމެވެ. ތިންވަނަ ކަމަކީ މާލޭ ޕޯރޓާ ހާބަރާ ބެހޭ ގޮތުން ސަރުކާރުގެ އެތައް ފަރާތަކުން އޭރު ކުރަމުންދިޔަ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށަށް ގެންނަވައި، މާލޭ ޕޯރޓް އަދި ހާބަރ ގެ ކަންކަން ހިންގާ ބެލެހެއްޓުމުގެ މޭންޑޭޓް ޙަވާލު ކޮށްފައިވާ ޚާއްޞަ އިދާރާއެއް އުފެއްދެވުމެވެ.

މިކަންކަމާމެދު ސަރުކާރުން ވިސްނުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މާލޭ ޕޯރޓް މިހާރު އެއޮތްތަނަށް ބަދަލުކޮށް، އިން ވަކިކޮށް އެ ސަރަޙައްދު އެކަމަށް ޚާއްޞަ ކުރުމަށާ، މާލެއާ އަތޮޅުތަކާ ދެމެދުގެ ވިޔަފާރިއަށް މާލޭގެ ހުޅަގު ދެކުނު ކަންމަތީގަ އިންވަކިކޮށް އިންޓަރ އައިލެންޑް ހާބަރެއް ހަދާ ތަރައްގީ ކުރުމަށާ، ޑިޕާރޓްމަންޓް އޮފް ބޯޓްސް އިކްވިޕްމަންޓް ގިޔަރު I އާ II އާއި، މެރިން ޑިޕާރޓްމަންޓާ، ޝިޕިންގ ޑިޕާރޓްމަންޓް އުވާލާ، ބޭރުން ރާއްޖެއަށް އަންނަ ބޯޓް ފަހަރު ހުސްކޮށް ބަރުކުރުމުގެ ޚިދުމަތް ދިނުންވެސް ހިމެނޭގޮތަށް، މޯލްޑިވްސް ޓަރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީގެ ނަމުގަ ރައްޔިތުންނާ ސަރުކާރު ބައިވެރިވާ ކުންފުންޏެއް އުފައްދަވާ، އުވާލެވޭ އިދާރާ ތަކުގެ މުވައްޒަފުންނާ އެތަންތާގެ ހުރިހާ އެސެޓެތައް އަލަށް އުފެއްދެވި ކުންފުންޏާ ޙަވާލު ކުރުމަށެވެ.

މިކަންކަން މިގޮތަށް ހަމަޖެއްސެވި ނަމަވެސް، މާލޭ ފަޅުތެރޭގެ ކަންކަން ހިންގާ ބެލެހެއްޓުމަކަށް ބަދަލެއް ނުގެންނަވައެވެ. ހަމަ އެކަނި ނިންމެވީ ޕޯރޓްކަމިޝަން އެންޑް ޕަބްލިކް ވާރކްސް ޑިޕާރޓްމަންޓް ގެ ނަން ޑިޕާރޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރަށް ބަދަލު ކުރުމާ، އެ ޑިޕާރޓްމަންޓްގަ ކުރިންވެސްއޮތް ޕޯރޓޮފޯލިއޯގެ ތެރެއަށް ރާއްޖޭގާ ވަޒީފާ އަދާ ކުރުމާ މަސައްކަތް ކުރުމުގެ ކަންކަން ބެލެހެއްޓުން އިތުރު ކުރެއްވުމަށެވެ.

މިކަންކަމުގެ އިތުރަށް މާލޭ ޕޯރޓް ނުވަތަ މާލޭ ވިޔަފާރި ބަދަރު މިހާރުއޮތް ތަނުގަ ތަރައްގީ ކުރުމާ މާލޭ ހުޅަގު ދެކުނު ކަންމަތީގަ މާލެއާ ރާއްޖެތެރޭގެ ވިޔަޕާރިއަށް ޚާއްޞަ އިންޓަރ އައިލެންޑް ހާބަރެއް ހެދުމުގެ މަސައްކަތް ސްޕެޝެލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަލީ ޢުމަރު މަނިކާ، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް އަދި ނެޝެނަލް ޕްލޭނިންގ އޭޖެންސީ އާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދަން ޑިޕާރޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރަށް ރައީސުލްޖުމްހޫރިއްޔާ އެންގެވިއެވެ.

މި މައުޞޫ އާ މުޅިން ނުގުޅުނު ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާ ކުރުމަށްފަހު ނިމުނީ އިންޓްރ އައިލެންޑް ހާބަރެއް ހެދުމުގެ މަޝްރޫޢު ޔުނައިޓެޑް ނޭޝަންސް ކެޕިޓަލް ޑިވެލޮޕްމަންޓް ފަންޑް ޔޫ.އެން.ސީ.ޑީ.އެފަށް ހުށަހަޅައިގެން އެހީ ހޯދުމަށެވެ. އެގޮތުގެ މަތިން އެ އޭޖެންސީއަށް މަޝްރޫޢު ހުށަހަޅާ އެހީ ލިބިގެން އެ ހާބަރުގެ ނެރު ހަދާ، ފަޅުފުންކޮށް، ރިޓެއިނިންގ ވޯލް ހެދުނެވެ. އަދި އެ ހާބަރުގަ ގުދަން، ފިހާރަ ފަދަ ތަންތަން ހެދުމަށް އިން ވަކި ކުރެވުނެވެ. މިހާރު މަޝްހޫރު ކުޑަތައް އެހުރީ އެ ސަރަޙައްދުގައެވެ.

މާލޭ ވިޔަފާރި ބަދަރު ހެދުމާ ބެހޭގޮތުން މަޝްވަރާ ކޮށް ހަމަޖެހުނީ އޭރު ޕޯރޓް ޚިދުމަތް ދިނުމުގަ ހުރި ދަތިތަކަށް އަވަސް ޙައްލެއް ހޯދުމަށްޓަކާ ބޭންކް އޮފް ސިލޯނުން 1.2 މިލިއަން ޑޮލަރުގެ ކޮމާރޝަލް ލޯނެއް ހޯދައިގެން މަސައްކަތް ކުރިޔަށް ގެންދާށެވެ. އަދި ޕޯރޓް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށްޓަކާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ގެ އެހީ ހޯދާށެވެ.

މި ނިންމުމާ އެއްގޮތްވާ ގޮތުގެމަތިން ކޮމާރޝަލް ލޯނެއް ހޯދައިގެން ވިޔަފާރި ބަދަރު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހި ނިންމާ ބަދަރު ކަމިޝަން ކުރެވުނީ 1986 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އެ ފިޔަވަހީގަ ހިމެނުނީ ސަރައްދުގެ އިރުމަތީ ފަރާތާ ހުޅަގު ފަރާތް ޝީޓްޕައިލް ކުރުމާ، ސަރަޙައްދުގަ މުދާ ބަހައްޓާނެ ގުދަނެއް ހެދުމާ، ކަސްޓަމްސް ހިންގާނެ ޢިމާރާތެއް ހެދުމާ، އަދި އަޅުގަޑު ހަދާންވާ ގޮތުގަ ދެ ފްލެޓް ޓޮޕް ބާޖާ ހަތަރު އާދައިގެ ބަޑު ބަނުމާ، ހަތަރު ފޯރކްލިފްޓް ހޯދުމެވެ.

މި ފިޔަވަހީގެ މަސައްކަތް ނިމުމާއެކު ސަރުކާރުން މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީ އުފައްދަވާ، މާލޭ ވިޔަފާރި ބަދަރުގެ އޯނަރޝިޕް އެ އޮތޯރިޓީ އާ ޙަވާލު ކުރެއްވިއެވެ. އެހެންނަމަވެސް މުދާ އަރުވާ ބޭލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީން ވަތްކެއް ނުކުރައްވައެވެ. ހަމަޖެއްސެވި ގޮތަކީ އެ މަސައްކަތަކީ ޕޯރޓްސް އޮތޯރިޓީ އާ އެ ކުންފުންޏާ ދެމެދު ކުރެވޭ އެގްރިމެންޓެއްގެ ދަށުން އެ ކުންފުނިން އެ މަސައްކަތް ކުރަމުން ގެންދިޔުމަށެވެ

ނަމަވެސް ރޭވުނު ގޮތަށް ކަންކަމެއް ނުހިގިއެވެ. އެމް ޕީ އެލް އާ އެމް ޓީ ސީ ސީ އާ ދެމެދު ކުރި އެގްރިމެންޓްގެ ދަށުން ޕޯރޓް ސަރަޙައްދާ ޕޯރޓްގެ އިކުއިޕްމަންޓް ބޭނުން ކުރުމަށް އެމް ޓީ ސީ ސީ ން ޕޯރޓް އޮތޯރިޓީއަށް ފީއެއް ދައްކަންޖެހެއެވެ. އެމް ޓީ ސީ ސީން އެ ފީ ދައްކަން ޖެހުމުން ކުންފުންޏަށް ގެއްލުން ވަމުން ދާކަމަށް ބުނެ އެ ކުންފުނިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މައްސަލަ ހުށަހެޅިއެވެ.

މައްސަލަ އާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ސަރުކާރުގެ މަތީ ދަރަޖައިގެ ކޮމިޓީއަކާ މަޝްވަރާ ކުރެއްވުމުން، ކޮމިޓީން ރައީސަށް ލަފާ އެރުވީ އިންޓަރނެޝެނަލް ޓެންޑަރަކުން ޕޯރޓްގެ ޚިދުމަތް ދިނުން ބޭރުގެ ކުންފުންޏަކަށް ދިނުމަށެވެ. ނަމަވެސް، އިސްތިރާޖީ ސަބަބުތަކަށް ވިސްނެވުމަށްފަހު، އަދި މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީންވެސް އެ ގޮތަށް ރައީސް އަރިހުން އެދެމުން ދިޔުމާއެކު، ރައީސް ނިންމެވީ ތަފާތު ނަތީޖާއެއް ނެރެވޭތޯ ބެލުމުގެ ގޮތުން 3 މަސް ދުވަހުގެ މުއްދަތަށް ޕޯރޓްގެ ޚިދުމަތް ދިނުންވެސް އެ އިދާރާ އާ ޙަވާލް ކުރައްވާށެވެ.

މި ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން އެމް ޓީ ސީ ސީ ގަތިބި ޕޯރޓް އޮޕަރޭޝަންސާ ބެހޭ މުވައްޒަފުން ސަރުކާރުން ޕޯރޓްސް އޮތޯރީޓީ އަށް ބަދަލު ކުރެއްވިއެވެ. އަދި ޕޯރޓާ ބެހޭ ކަންކަމުގަ ޕޯރޓްސް އޮތޯރިޓީގެ މެނޭޖިންގ ޑިރެކްޓަރަށް އިރުޝާދާ ލަފާ ދެއްވަން ވަޒީރުންނާ ސަރުކާރުގެ އިސް ވެރިން ހިމެނޭ ޑިރެކްޓަރުންގެ ބޯޑެއްވެސް ހަމަޖައްސަވައި ދެއްވިއެވެ.

އެމް ޓީ ސީ ސީ ން ޕޯރޓްސް އޮތޯރިޓީ އަށް ބަދަލު ކުރެއްވި މުވައްޒަފުންގެ ތެރޭގަ ޝިޕިންގ ޑިޕާރޓްމަންޓް ގެ ދުވަސްވަރުން ފެށިގެން ޕޯރޓް ޚިދުމަތް ދިނުމުގެ އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވައިގެން ތިއްބެވި މުޙައްމަދުލަޠީފާ މުޙައްމަދު ނިޒާރު އޮތޯރިޓީގެ ޕޯރޓް އޮޕަރޭސަންސް އާ ބެހޭ އެސީސްޓެންޓް ޑިރެކްޓަރުންގެ ގޮތުގަ، އަދި ދޮންލުނބޯ އަހުމަދު ފުޅާ ޢަބްދުއްރައްޒާގް އޮތޯރިޓީ ސުޕަވައިޒަރުންގެ ގޮތުގަ ހަމަޖައްސަވާ ދެއްވިއެވެ. މި ބޭފުޅުންނާ ޕޯރޓްސް އޮތޯރިޓީ އުފެދުނީއްސުރެ އޮތޯރިޓީގެ އިދާރީ ކަންކަމާ ޙަވާލު ވެވަޑައިގެންހުންނެވި އެސިސްޓެންޓް ޑިރެކްޓަރ މަހުދީ ޢިމާދާ އޮތޯރިޓީ ގެ ކަންކަން ހިންގުމާ ބެލެހެއްޓުމުގާ މެނޭޖިންގ ޑިރެކްޓަރާ އެންމެ ކައިރިން އެހީތެރިވެ ވަޑައިގެންދެއްވި ޑިރެކްޓަރ މުޙައްމަދު ޒަކީ ހިމެނިގެން އެކުލަވާ ލެވުނު ޓީމުން މާލޭ ބަދަރުގަ މުދާ އަރުވާ ބޭލުމަކީ ފައިދާހުރި މަސައްކަތަކަށް ހެދުމަށާ މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީއަކީ އެތަނުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކާ ސަރުކާރުގެ އިތުބާރު ލިބިގެންވާ އިދާރާއަކަށް ހެދުމަށް ދިގު މުއްދަތެއް ނުނެގިއެވެ.

ތިން މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގަ ރަގަޅު ނަތީޖާ ފެނުމާއެކު، 1 ޖަނަވަރީ 1987 ން ފެށިގެން އެ ޚިދުމަތް ދިނުމަކީ ޕޯރޓްސް އޮތޯރިޓީގެ މެންޑޭޓްގަ ހިމެނޭ ކަމެއްކަމުގަ ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވިއެވެ.

މި ދެންނެވި ކަންކަން ހިގަމުންދިޔައިރު، ބަދަރު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހިވެސް ރޭވެމުންދިޔައެވެ. އެ ފިޔަވަހި ހިންގަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީ ނެގޯޝިއޭޓް ކުރަން މަތީ ފެންވަރުގެ ވަފްދެއް ސަރުކާރުން މެނީލާއަށް ފޮނުއްވިއެވެ. ވަފްދުގެ ވެރިއަކަށް ވަޑައިގަތީ ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަލީ ޢުމަރު މަނިކެވެ. ވަފްދުގަ ހިމެނިވަޑައިގެން އެހެން ބޭފުޅުންނަކީ ޑިޕާރޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ އިސްމާޢިލް ފަތުހީ އާ، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ޑިރެކްޓަރ އޮފް އެކްސްޓާރނަލް ރިސޯސަސް މުޙައްމަދު ޝަރީފާ، ނެޝެނަލް ޕްލޭނިންގ އޭޖެންސީގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝިހާބާ، ޑިޕާރޓްމަންޓް އޮފް ފިނޭންސްގެ އެސިސްޓެންޓް ޑިރެކްޓަރ ބަންދު އިބްރާހިމް ސަލީމާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ވާރކްސް ކޮންސަލްޓެންޓް އަދި ޑިޕާރޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ ގެ ޑިރެކްޓަރެވެ.

މާލޭ ވިޔަފާރި ބަދަރު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގަ ހިމެނުނީ މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމާ، މުވައްޒަފުންނަށް ތަމްރީން ދިނުމާ، މުދާ އެތެރެކޮށް ބޭރު ކުރުމުގެ އިޖުރާތުތައް އޮމާންކޮށް ކަމާބެހޭ ފަރާތްތަކަށް އަންގާ އަހުލުވެރި ކުރުމުގެ ކަންކަމެވެ. މީގެ އިތުރަށް ބަދަރު ސަރަޙައްދުގެ އުތުރު ފަރާތުގަ މިހާރު އެއޮތް މަގަތު ފާލަން ނުވަތަ އެލޯންގްސައިޑް ބާރތް އެތާ ހެދިދާނެތޯ ބެލުމަށް އެދިމާލުގެ ސަރފެސް އަދި އަންޑަރވޯޓަރ ކަރަންޓްސް (އޮއިވަރު) ހުރި ގޮތުގެ ޓެސްޓްތައް ހެދުމާ، މޫސުމީ މައުލޫމާތު އެއް ކުރުމާ، އެފަދަ ސްޓްރަކްޗަރެއް ހެދުމަށް ކަނޑު އަޑީގެ ބިމުގަ ވަރުހުރިތޯ ބެލުމަށްޓަކާ ބޯރ ހޯލް ޓެސްޓް ކުރުންވެސް މި ފިޔަވަހީގަ ހިމެނުނެވެ.

މާލޭ ބަދަރު ހެދުމުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ހިގަމުން ދަނިކޮށް، އެ މަޝްރޫޢުގެ ތިންވަނަ ފިޔަވައްސަށް އޭ ޑީ ބީ ގެ އެހީ ހޯދުމުގެ މަސައްކަތްވެސް ކުރިޔަށް ދިޔައެވެ. މި ފަހަރު ޕްރޮޖެކްޓް ނެގޯޝިއޭޓް ކުރަން މެނީލާއަށް ސަރުކާރުން ފޮނުއްވި ވަފްދުގެ ވެރިއަކަށް ހުރީ މިނިސްޓަރ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ އަދި މޯލްޑިވްސް ޕޯރޓްސް އޮތޯރިޓީ ގެ ޗެއަރމަން އެވެ. ވަފްދުގަ ހިމެނިވަޑައިގެން އަނެއް ދެ ބޭފުޅުންނަކީ ޕޯރޓްސް އޮތޯރިޓީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޢަބްދުﷲ އާ، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ޑިރެކްޓަރ އޮފް އެކްސްޓާރނަލް ރިސޯސަސް މުޙައްމަދު ޝިހާބެވެ. މި ފިޔަވަހީގަ މައިގަޑު ގޮތެއްގަ ހިމެނުނީ ބަދަރުގަ މިހާރު އެއޮތް މަގަތު ފާލަން ހެދުމާ، ގެންޓްރީ ކްރޭނެއް ބެހެއްޓުމާ، ކޮންޓައިނަރައިޒްޑް ކާގޯ ބަލައިގަނެ ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާ، ބައެއް އިކްވިޕްމަންޓް ހޯދުމާ، ތަމްރީން ދިނުމެވެ.

ޝައްކެއްނެތް ގޮތުގަ މާލޭ ވިޔަފާރި ބަދަރު ކަމިޝަންކޮށް ތަރައްގީ ކޮށް ހިންގާ ބެލެހެއްޓުމަކީ ތަރައްގީ ވެފައިވާ ގައުމެއްގެ ދަރަޖަ ހޯދަން ދިވެހިރާއްޖެ ކުރި އަދި ކުރަމުންދާ މިންނެތް މަސައްކަތްތަކުގެ ތެރެއިން މުހިއްމު މޭލުގަލެކެވެ.

ރާއްޖެ މިއޮތީ ކަނޑު މަގުން ހިގަމުންދާ ބައެނަލް އަގްވާމީ ވިޔަފާރީގެ އެންމެ މުހިއްމު ހިސާބުގަކަމީ އެއްވެސް މީހަކު ދެކޮޅު ހަދާ ކަމެއްނޫނެވެ. ސުވާލަކީ، އަދި ރާއްޖޭގެ ބަދަރުތައް ތަރައްގީ ކުރުމުގެ ދެންހުރި ފިޔަވަހި ގތަކަކީ، އެ ވިޔަފާރިއަކީ ރާއްޖޭގެ ބަދަރުތަކުގެ މައްޗަށް ބަރޯސާ ވެފައިވާ ވިޔަފާރި އަކަށް ހެދިދާނެތޯ ނުވަތަ ނޫންތޯއެވެ. ބައެއް މާހިރުން ގަބޫލް ކުރާ ގޮތުގައި އެ ބަސް ރާއްޖެ ފަހަނައަޅާ ހިގައްޖެއެވެ.

އަޅުގަޑު ހިތަށް އަރަނީ ގުދުރަތީ ގޮތުން ރާއްޖެ މިއޮތީ ބައެނަލްއަގްވާމީ ކަނޑުމަގުން ހިގާ ވިޔަފާރިގަ މުހިއްމު ހިސާބެއް ކަމުގަ ވާނަމަ، އެ ރޮގުން ރާއްޖޭގަ ފޮރުވެފައިވާ ހަކަތަ ނުނެރެވެންވީ ކީއްވެގެންބާވައެވެ. މާ ކުރީ ޒަމާނެއްގަ ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ފުރުޞަތު ރާއްޖެއަށްނެތް ކަމަށް ހީކުރި ބައެއްވެސް އުޅުނެވެ. އެހެންނަމަވެސް ދުރުވިސްނޭ ހިތްވަރުހުރި ޒުވާނުންތަކެއް ނުކުމެ، އެއީ ހަގީގަތެއް ނޫންކަން ދުނިޔެއަށް ސާބިތުކޮށްދީފިއެވެ. މާތް ﷲ އިރާދަފުޅާއެކު ރާއްޖެއަކީ ފަތުރުވެރިކަމުގެ ގޮތުން ދުނިޔޭގެ އެންމެ މުހިއްމު މަންޒިލް ކަމުގަ ހަދައިފިއެވެ.

މިހެން ކަންއޮތްއިރު ރާއްޖެއަކީ ކަނޑުމަގުން ހިގާ ބައެނަލް އަގްވާމީ ވިޔަފާރީގެ މުހިއްމު ނާރެހަކަށް ނުހެދެންވީ ސަބަބެއްވެސް ނެތް ނޫންތޯއެވެ. ބޭނުންވަނީ އެކަމަށް ބޭނުންވާނެ ބަދަރު ނުވަތަ ބަދަރުތަކުގެ ނިޒާމެއް ރާއްޖޭގަ ގާއިމު ކުރުމުގެ ގައުމީ ސިޔާސަތު ތަކެއް އެކަށައެޅުމާ، އެ ސިޔާސަތުތައް ހިފައިގެން ކުރިޔަށް ހިގާނެ ތޫނުފިލި، ހިތްވަރުގަދަ ޒުވާން ޓީމެއްގެ މިންނެތް މަސައްކަތެވެ.