`
ގައުމުގެ މައްސަލަ ތަކަށް ރޫޙާނީ ޙައްލެއް؟
ބައެއް ފަހަރަށް ފަހަތަށް ޖެހިލާފައި މުޅި ގައުމާ
ދިމާއަށް މީހެއްގެ ސިފާގައި ބަލައިލުމަކީ ރަގަޅު ކަމަކަށް ވެދާނެއެވެ. އަޅުގަޑުމެންގެ
ގައުމީ ޙަޔާތުގައި ހޭދަ ކުރަމުން މިދާ މި ދުވަސްވަރަކީ އަޅުގަޑުމެންނާ ވަރަށް
ބޮޑެތި ގައުމީ މައްސަލަތަކާ ކުރިމަތި ވެފައިވާ ދުވަސްވަރެކެވެ. އެ މައްސަލަތަކަށް
ތަފާތު ދިމަދިމާއިން ތަފާތު ޙައްލުތައް ހުށަހެޅެމުން އެބަދެއެވެ.
މީހެއްގެ ޙަޔާތުގައިވެސް ބޮޑެތި މައްސަލަތަކާ ކުރިމަތިވާ
ހިނދު އެ މައްސަލަތަކަށް ޙައްލެއް ހޯދަން ކުރާ މަސައްކަތުގައި ބޮޑެތި ފުށުއެރުންތަކާއި
ހަލަބޮލިކަމާ ކުރިމަތިލާން ޖެހެއެވެ. އެ މީހެއްގެ ޚިޔާލު ގައެވެ. އެ މީހެއްގެ
ހިތުގެ އިހުސާސްތަކާއި ޙަގީގަތްތަކާ ދެމެދުގައެވެ. މިއަދު އަޅުގަޑުމެންގެ ލޮބުވެތި
ގައުމުންވެސް ފެންނަމުން މިދަނީ ހަމަ އެ ތަނެވެ. ޢާއްމު ތަންތާގައި އަޑުގަދަ ކޮށްގަނެގެން
ކަންކަމުގެ ޙަގީގަތް އޮޅުވާލާ ކުޑަދޮރުން ބޭރު ކޮށްލުމަކީ މިއަދު އަޅުގަޑުމެންގެ
ތެރޭގައި ޢާއްމު ވެފައިވާ ކަމެކެވެ. ކޮންމެ މުނާސަބަތެއްގައި ވިޔަސް އަދި ކޮންމެ
ތަނެއްގައި ނަމަވެސް، އަބަދުވެސް އަނެކާ، އެއީ ކޮންމެ މީހެއް ނަމަވެސް، ކުށްވެރި
ކޮށްލައި، ހިތުގައި ޖައްސާލައި، ހުރިހާ ކަމަކާއިމެދު ވެސް މަލާމާތުގެ ނަޒަރަކުން
ދުށުން، އަޅުގަޑުމެންގެ މުޖުތަމަޢުގައި މިވަނީ ޢާއްމު ވެފައެވެ.
އަޅުގަޑުމެން އެއްވެސް މީހަކަށް ރަގަޅު ހަމަ
އެއްވެސް ކަމެއް ނުފެންނަ ހިނދު، ނުބައިކޮށް ހުރިހާ ކަމެއް ފެންނަމުންދަނީ ރައީސް
މުޙައްމަދު ވަޙީދު، ނުވަތަ ރައީސް މައުމޫން، ނުވަތަ ރައީސް ނަޝީދުގެ ސިފައިގައެވެ.
ރައްޔިތުންގެ މަޖިލިހާ މެދު ވިސްނާލާއިރު، ގައުމީ މުހިއްމު މައްސަލަތަކެއް
އެތާގައި ނިމެމުން ދިޔަ ނަމަވެސް، މި ޒަމާނުގައި ގައުމަށް ކުރިމަތި ވެފައިވާ
އެންމެ އަސާސީ ބޮޑެތި މައްސަލަތަކާ މެދު އާދެ، އެއްބައިވަންތަ އެއްބައެއްވަންތަ ބިނާ
ކުރަނިވި ގައުމެއްގެ ގޮތުގައި ދިވެހި ގައުމު ދެމިއޮތުމާމެދު، އެހާ ފުން ނަޒަރަކުން
މަޖިލީހުން ވިސްނަވަޔޭ އަޅުގަޑަށް ދެންނެވޭކަށް ނެތެވެ.
ކަން މިހެން އޮތް ނަމަވެސް، އިންސާނުންނެކޭ އެއްފަދައިން
ގައުމުތަކުން ވެސް، އެ ގައުމުތަކުގެ މައްސަލަތައް ޙައްލު ކުރެއެވެ. ގައުމުތަކަށް
އެކަން ކުރެވިފައިހުރީ އެ ގައުމެއްގެ މީހުންގެ ހިތްވަރާއި، ހަރުދަނާ ކަމާއި، ރޫހާނިއްޔަތު
ދަނެގަނެ ކުރިޔަށް ނެރެގެންނެވެ. އަޅުގަޑު މިތާގައި "ރޫހާނިއްޔަތު"
ބޭނުން ކޮށްފައި އެވަނީ، މީހަކު އެންމެ ދަށު ދަރަޖައަށް ވެއްޓޭއިރު، އެ މީހެއްގެ
އަގީދާ ވަރުގަދަކޮށް އުއްމީދުގެ ހުޅުކޮޅު ނިވުނަ ނުދީ ހިފަހައްޓައިދެނީ އެހެން
އެއްވެސް އެއްޗަކަށްވުރެ ބޮޑަށް އެ މީހެއްގެ ރޫހާނިއްޔަތު ކަމުގައި އަޅުގަޑަށް
ގަބޫލް ކުރެވިފައި އޮންނާތީއެވެ.
ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މީހަކު އެންމެ ދަށު
ދަރަޖައަށް ވެއްޓޭއިރުވެސް އޭނާގެ ރޫހާނިއްޔަތު މަރުނުވާ ކަމާއި، އެ
ރޫހާނިއްޔަތުގެ ސަބަބުން އެ މީހަކަށް ދިރުން ލިބޭ ކަމެވެ. މީހަކާ ހިތާމަވެރި
ކަމެއް ނުވަތަ ގިލަންވެރި ކަމެއް ކުރިމަތި ވުމުން އެ މީހަކު އެންމެ ފުރަތަމަ
ކުރިޔަށް ނެރެނީ ރޫހާނިއްޔަތެއް ނޫނެވެ. އެންމެ ފުރަތަމަ ސިހެނީއެވެ. ދެން ހަދާނެ
ގޮތް ހުސްވަނީއެވެ. އެއަށްފަހު ނޫންކަމަށް ހެދިފައި، ދެން ބިރު ގަންނަނީއެވެ. މި
ކަންކަން ފިލައި ގޮސް ރޫހާނިއްޔަތު ބާރުގަދަ ކުރަން ދުވަސްކޮޅެއް ހޭދަ ވާނެއެވެ. އެހެންނަމަވެސް،
އެއީ ހަމަ ޔަގީނުންވެސް ވާނެ ކަމެއް ކަމުގައި އަޅުގަޑު ދެކެމެވެ.
އަޅުގަޑުމެންގެ މި ލޮބުވެތި ދިވެހި ގައުމުގެ އަދުގެ
ޙާލަކީ ވެސް މިއީ ނޫންތޯއެވެ. ރައްޔިތުން އެދެމުންދިޔަ ޑިމޮކްރެސީގެ ފޮނިރަހަ ރައްޔިތުންނާ
ހަމައަށް ފޯރު ކޮށްދިނުމަށް ގައުމު ކުރި ބުރަ މަސައްކަތްތަކާ ގުޅިގެން ފެންނަމުން
މިދާ މަންޒަރުތަކާއިހުރެ އަޅުގަޑުމެން މިތިބީ ސިއްސައިގެންގޮސް ބިރުވެރިކަމެއްގެ
ތެރޭގައެވެ. އެހެންނަމަވެސް، ގައުމު އަނބުރާ އިޔާދަ ކުރުމުގެ ނަޒަރަކުން ބަލާއިރު،
ގައުމުގެ ކުރިމަތީގައިހުރި މައްސަލަތަކަށް ޙައްލެއް ހޯދުމުގައި، އަނިޔާވެރި ނުވަތަ
ހިތުގައި ޖައްސަނިވި ޙައްލަކަށް ނުވުމާއި، ކުރިޔަށްވުރެ އުފާވެރި ޙަޔާތަކަށް މަގުފަހި
ކޮށްދޭ ޙައްލަކަށް ވުމާއި، ހެދިފައިހުރި ގޯސްތަކުން ތަޖުރިބާ ޙާޞިލު ކޮށްދެނިވި
ޙައްލަކަށް ވުމާއި، ރުޅި އިސްކުރުމާއި ބިރުގަތުން ހުއްޓެނިވި ޙައްލަކަށް ވުމާއި،
ގޮތްދޫނުކުރުމުން އެއްކިބާވާ ޙައްލަކަށްވުން މުހިއްމު ކަމުގައި އަޅުގަޑު ދެކެމެވެ.
މި ދެންނެވި ކަންކަމާއިމެދު ތަންކޮޅެއް ތަފްޞީލުކޮށް ބަލައިލަމާ ތޯއެވެ.
އަނިޔާވެރި ނުވަތަ ހިތުގައި ޖައްސަނިވި ޙައްލަކަށް
ނުވުން:
ބަލިވެގެން ބޭސް ކުރަން ޑަކްޓަރަށް ދާއިރުވެސް
އަޅުގަޑުމެން އުއްމީދު ކުރަނީ ވީހާ ތަދު ކޮޑަކޮށް ބަލި ރަގަޅު ވުމަށެވެ. އެހެންވީމާ،
ގައުމީ މައްސަލަތައް ޙައްލު ކުރުމުގައިވެސް ވީވަރަކުން މީހުނަށް އަނިޔާ ނުވެ، ވީ
އެންމެ ގެއްލުން ކުޑަ ގޮތަކަށް، އެ މައްސަލަތައް ޙައްލު ކުރެވޭނެ ގޮތެއް
އަޅުގަޑުމެން ހޯދަންވާނެއެވެ. ގައުމީ މައްސަލަތައް ޙައްލު ކުރަން ގަޞްދު ކުރާގޮތް
އަޅުގަޑުމެންގެ ވެރިން އަޅުގަޑުމެންނަށް ކިޔާދޭއިރު، އެ ގޮތަކީ އަޅުގަޑުމެންގެ
ތެރެއިން ބަޔަކަށް ހިތްހަމަ ނުޖެހުމާއި ހިތްދަތިކަން ލިއްބައިދޭ ގޮތަކަށް ވާކަށް
އަޅުގަޑުމެން އެކަކުވެސް ބޭނުމެއް ނުވާނެއެވެ. އެއާ ޚިލާފަށް އަޅުގަޑުމެންގެ
ތެރެއިން ހަމަ ކޮންމެ މީހަކުވެސް އެދޭނެ ގޮތަކީ އެންމެންނަށްވެސް ހިތްހަމަ ޖެހުމާއި
އުފާވެރިކަން ލިއްބައިދެނިވި ގޮތަށް ގައުމީ މައްސަލަތައް ޙައްލު ވެގެން ދިޔުމެވެ. އަޅުގަޑުމެންގެ
ތެރެއިން ހަމަ ކޮންމެ މީހަކުވެސް އަހަން ބޭނުންވާނެ މެސެޖަކީ މީކަން ހަމަ
ކަށަވަރެވެ.
ކުރިޔަށްވުރެ އުފާވެރި ޙަޔާތަކަށް މަގު ފަހިވުން:
އެންމެ ގޯސްކޮށް ވިސްނާއިރު ދިވެހިންނަކީ އެކަކު
އަނެކަކާމެދު އޯގާވެރިކަމެއް ނެތް، ފިތުނަވެރި، ފަސާދައިން ފުރިފައިވާ ބަޔެކެވެ. އެހެންނަމަވެސް،
ދިވެހިންނަކީ ހަމަ ތަރައްގީއާއި، މަދަނިއްޔަތާއި، އަމިއްލަ ނަފްސުގެ
ކުރިއެރުމަށްވެސް ވިސްނާ ބަޔެކެވެ. މިފަދަ އުއްމީދީ ޚިޔާލުތަކުގެ އަސްލަކަށްވަނީ ދިވެހިންނަކީ
ރޫހާނީ ވިސްނުމުގެ ވެރި ބަޔެއް ކަމަށްވެސް އަޅުގަޑަށް ބެލެވޭތީއެވެ. ދިވެހިންގެ
ދުނިޔެއަކީ ހަމައެކަނި ކަރުނައިގެ ދުނިޔެއެއް ނޫނެވެ. އެއާ ޚިލާފަށް ދިވެހިންގެ
ދުނިޔެއަކީ ކެތްތެރިކަމާއި، އިޢުތިގާދާއި، ޢުއްމީދުގެ ދުނިޔެއެއްވެސް މެއެވެ.
އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމަކީ
އިންސާނުންނަށް ތަބީޢީ ކަމަކަށް ވާއިރު، ދިވެހިންގެ މެދުގައި މިހާރު އުފެދިގެން އުޅޭ
މައްސަލަތަކުން އެންމެ ފަސޭހައިން އަޅުގަޑުމެންނަށް ނުކުމެވޭނީ، އެ މައްސަލަ
ތަކަށްވުރެ އަޅުގަޑުމެންގެ ޚިޔާލާއި ވިސްނުން ތަނަވަސް ވެގެންނެވެ. އެ މައްސަލަ
ތަކަށްވުރެ އަޅުގަޑުމެން ބޮޑެތި ވެވިގެންނެވެ. ބައެއް މީހުންގެ ނަޒަރުގައި މިއިން
ދުވަހަކުވެސް މި މައްސަލަތައް ފަހަނައަޅައި އަޅުގަޑުމެންނަށް ނުދެވޭނެ ކަމަށް ދެކޭ
ދުށުމަކީ، މިއުޅޭ މައްސަލަ ތަކާއިމެދު ރޫހާނީ ނަޒަރަކުން ނުބެލެވޭތީ، ބެލެވޭ ނަޒަރެއް
ކަމުގައި ނޫނީ ނުވާނެއެވެ.
ހެދިފައިހުރި ގޯސްތަކުން ތަޖުރިބާ ޙާޞިލު ކުރުން:
މައްސަލަ ތަކާއި ކުރިމަތި ވުމަކީ ހަމަ ކޮންމެ
ފަހަރަކު ﷲ ގެ ކޯފާއަކަށް ނުވާނެ ނޫންތޯއެވެ. މައްސަލަ ތަކާއި ކުރިމަތި ވުމަކީ އެ
މައްސަލަތައް ޙައްލު ކުރުމަށް މަގެއް ހޯދަން ލިބޭ ފުރުޞަތަކެވެ. އިޞްލާހާއި ބަދަލު
ގެނައުމަކީ ކުރެވޭނެ ކަންކަމެވެ. އިޞްލާޙާއި ބަދަލު ގެނައުމަށް މަގު ހޯދާ
މީހުންނާއި އެކަންކަމަށް މަގު ހޯދަން ބޭނުންނުވާ މީހުންނާ ދެމެދު ހުންނަ ތަފާތަކީ ކުޑަ
ތަފާތަކަށް ނުވާނެއެވެ. އެހެންނަމަވެސް، އެކަންކަމަށް މަގު ހޯދުމަށް އެންމެ ބޮޑަށް
ބޭނުންވާ އެއްކަމަކީ ހެދިފައިހުރި ގޯސްތައް އަލުން ތަކުރާރުވިޔަ ނުދިނުމަށްޓަކާ މާޒީއިން
ދަސްކުރަންޖެހޭ ފިލާވަޅުތައް ދަސްކުރުމާއި ތަޖުރިބާތައް ޙާޞިލު ކުރުމެވެ.
މިހާރު ދިވެހި ގައުމަށް ކުރިމަތި ވެފައިވާ މައްސަލަ
ތަކަކީ ސިއްރެއްނޫނެވެ. މި ޙާލަތުން އަޅުގަޑުމެންނަށް އެއްވެސް ފިލާވަޅެއް
ދަސްވެއްޖެކަން ނުވަތަ ތަޖުރިބާއެއް ޙާޞިލުވިކަން އެގެން ދުވަސްތަކެއްވާނެއެވެ.
އެހެންނަމަވެސް، އަލުން މިފަދަ ތަޖުރިބާތަކެއް ކުރުމަކީ ހަމަ އެއްވެސް ދިވެއްސަކު ބޭނުންވާނެ
ކަމެއް ނޫންކަން ހަމަ ކަށަވަރެވެ.
ރުޅި އައުމާއި ބިރުގަތުން ހުއްޓުން:
ރުޅި އިސްކުރަން ނުވަތަ ބިރު ގަންނަން ފަށައިފިނަމަ
އަމިއްލަ ނަފްސާއިމެދު ޔަގީންކަން ކުޑަވުންނޫން އެހެން ނަތީޖާއެއް ނުނިކުންނާނެއެވެ.
ބިރަކީ ތިމާގެ ތަބީޢީ ކަމެއް ކަމުގައި ހަދައިފިނަމަ ބިރު ގަތުމުގެ ޝިކާރައަކަށް
ތިމާ ވުންނޫން އެހެން ކަމެއް ނުވާނެއެވެ. ދިވެހި ގައުމު ހިންގުމުގެ ނިޒާމަށް
ކުރިމަތިވަމުން މިދާ ނާކާމިޔާބީ ތަކަކީ ރުޅި އިސް ކުރުމާއި ބިރު ގަތުމުގެ
ނަތީޖާއެވެ. މިހާރު ގައުމަށް ވެގެން މިއުޅޭ ގޮތަކީ އެއް ބަޔެއްގެ މާޔޫސްކަމާއި
ހިތްހަމަ ނުޖެހުމުން އަނެއް ބަޔަކު ފައިދާ ނެގުމުގެ މައްސަލައެވެ. މައްސަލައިގެ
ޙައްލަކީ ގައުމުގެ ހުންގާނުގައި ތިއްބެވި ވެރިން، ރުޅި އިސްނުކުރުމަށާއި ބިރު
ނުގަތުމަށް އެހެން މީހުންނަށް ނަސޭހަތްތެރި ވެވަޑައުގަތުމާއެކު، އެ ބޭފުޅުންގެ
އިޚުލާސްތެރިކަން ދެއްކެވުމެވެ.
ގޮތް ދޫނުކުރުމުން އެއްކިބާވުން:
މިއަދު ގައުމުގެ ހާލަތަކީ ސިޔާސީ ފުޅަފުގެ ދެ
ފަރާތުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ގޮތް ދޫނުކުރެއްވުމާއި ހަރުކަށި ކަމުގެ ތެރޭގައި
ތިއްބެވުމެވެ. އެއްވެސް ބޭފުޅަކަށް ގޮތް ދޫނުކުރެއްވުނީމާ ދެން ވާގޮތަކީ މައްސަލަތައް
ކުރިމަތިވުމަށް މަގުފަހި ވަނީއެވެ. ގޮތް ދޫކުރުމުގެ އެތައް ގޮތެއް ހުންނާނެއެވެ.
އެހެންނަމަވެސް އެންމެ ކުޑަމިނުން އަލިފާށަށް ތެޔޮ އެޅުން އަޅުގަޑުމެންނަށް ހުއްޓާ
ލެވުނަސް، އެ ކުރެވުނީ ވަރަށް ބޮޑު ކަމެކެވެ.
މުޖުތަމަޢެއްގެ ގޮތުގައި އަޅުގަޑުމެންނަކީ
ނަސީބުވެރި ބަޔެކެވެ. ގައުމުގެ މީހުންނަށް އުފާވެރި ކަމާއެކު ދިރިއުޅެވޭ ވަރަށް
ގައުމަށް އާމްދަނީ ލިބެއެވެ. އަޅުގަޑުމެންނަކީ އަދިވެސް އެއްބައިވަންތަ
އެއްބައެއްވަންތަ މުޖުތަމަޢެކެވެ. ގައުމުގެ އިގުތިޞާދު ކުރިޔަށް ގެންދިޔުމަށްޓަކައި
ހުޅުވެންހުރި މަގުތައް އެބަހުއްޓެވެ. އުފާވެރިކަން ޢާއްމު ކުރެވޭނެ ގޮތްތައްވެސް
އެބަހުރިމެއެވެ. އެހެންނަމަވެސް، އަމިއްލަ ނަފްސަށް ޖަވާބުދާރީ ނުވެވޭ ކަހަލަ
ކަންކަން އަޅުގަޑުމެން ކުރަމުން ދިޔުމަކީ، މި ހުރިހާ ނަސީބުވެރިކަމެއް ފުލުންދާނެ
ކަމެކެވެ.
އަޅުގަޑުމެންގެ އިހުސާސްތަކަކީ ހަގީގަތެވެ.
އެހެންނަމަވެސް، ހުރިހާ ފަހަރަކު އެ އިހުސާސްތައް ބިނާ ކުރެވިފައިވަނީ ހަގީގަތެއްގެ
މައްޗަކަށް ނޫނެވެ. ދެކޮޅު ނުޖެހޭ ސިޔާސީ ކުރިމަތިލުންތަކާއި، ދަހިވެތި ކަމާއި،
ފިތުނަ ފަސާދަ ފަދަ ކަންކަމުގައި ގޮތް ދޫކުރުމަކީ އަޅުގަޑުމެންގެ ކިބާގައިހުރި
އެންމެ މާތް ސިފަތައް ފެނިގެންދާނެ ކަންކަމެވެ. ގޮތް ދޫކުރުމަކީ ކޮންމެހެން
ބަލިވުމެއް ނުވަތަ ދެރަވުމެއް ނޫނެވެ. އެއީ ބައެއް ފަހަރު ހީވެފައި އޮންނަ ކުށް
ހީތަކުން އެއްކިބާވެ، ކުރިޔަށްދާން މަގު ތަނަވަސް ވެގެންދާނެ ކަމެކެވެ.
އަޅުގަޑު މި ބަޔާންކުރި ކަންކަމަށް ކޮންމެހެން
"ރޫހާނީ" އޭ ނުކިޔަސް އެންމެ ރަގަޅު ވާނެއެވެ. އެހެންނަމަވެސް އެ
ކަންކަމަކީ ދިވެހި ގައުމަށް މިއަދު ކުރިމަތި ވެފައިވާ މައްސަލަތައް ޙައްލު
ކުރުމަށްޓަކައި އިންސާނީ ތަބީޢަތުގެ އެންމެ ނުބައިކަމާއި އެންމެ ރަގަޅު ކަމުގެ
މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ޙައްލުތަކެކެވެ. އަޅުގަޑުމެން އެންމެންގެވެސް
ތަޖުރިބާއަކީ، އިންސާނުންނަށް ކުރިމަތިވާ މައްސަލަތައް ޙައްލު ވެގެންދަނީ އިންސާނުންގެ
ކިބައިގާ ހުންނަ އެންމެ މާތް ސިފަތައް ކުރިޔަށް ނެރެވިގެން ކަމެވެ. ޖުމްލަކޮށް
ދިވެހި އުއްމަތުގައި އެ ސިފަތައް އެބަހުރި ކަމާއިމެދު އަޅުގަޑުގެ ހިތުގައި
އެއްވެސް ޝައްކެއްނެތެވެ.
------------------
(ނޯޓް: މި މަޒްމޫނަކީ އާ ގާނޫނު އަސާސީއެއްގެ
ދަށުން 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ފުރަތަމަ މިނިވަން ޑިމޮކްރެޓިކް
ރިޔާސީ އިންތިޚާބަށްފަހު، އިންތިޚާބު ވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ 11 ނޮވެމްބަރު
2008 ގައި މަގާމާ ޙަވާލު ވެވަޑައިގެން، އެ ރިޔާސީ ދައުރުގެ ހަލަބޮލި ކަމުގެ
ތެރެއިން ހިގަމުންދިޔަ ކަންތައްތައް ތަންކޮޅެއް ދުރުން ނަމަވެސް ބަލަމުން
ދިޔައިރު، އަޅުގަޑުގެ ހިތު ތެރޭ ހިގަމުން ދިޔަ ޝުޢޫރުތަކުގެ މައްޗަށް 2012 ވަނަ
އަހަރު ލިޔެފައިވާ މަޒްމޫނެކެވެ. އަޅުގަޑުގެ ބްލޮގް ގައި މި މަޒްމޫން ޝާޢިއު މި
ކުރަނީ ބައެއް އެޑިޓްތަކާއި އެކުގައެވެ.)
No comments:
Post a Comment