`
ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުމަކީ ރާއްޖޭގެ ބައެނަލްއަގްވާމީ ގުޅުންތަކުގެ އެންމެ މުހިއްމު މަސްލަހަތު
ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮންނަ ގާތް
ރަޙްމަތްތެރިކަމުގެ ގުޅުމަކީ ވަރަށް ދުވަސްވީ ގަދީމީ، ދެގައުމުންވެސް
ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ގުޅުމެކެވެ. އުފެދިފައި އޮތްގޮތާއި،
އާބާދީއާއި، ސައިޒުގެ ގޮތުން، އަދި އެހެން ގޮތްގޮތުންވެސް ދެގައުމު ދެމެދު ބޮޑެތި
ތަފާތުތަކެއް ހުރިނަމަވެސް، ރާއްޖޭގެ ޞިއްހީ އަދި ތަޢުލީމީ ދާއިރާއަށާއި، ރާއްޖެއަށް
ބޭނުންވާ ކާބޯތަކެތި އެތެރެ ކުރުމަށާއި، ޖުމްލަކޮށް ތަރައްގީގެ ބޭނުންތަކަށް، އަދި
އިމަރޖެންސީތަކުގައި ރާއްޖެއަށް ބޭނުންވާ ހުރިހާ މަދަދެއް އެންމެ އަވަހަށް ލިބިގަތުމަށް،
އެހެން އެއްވެސް ގައުމެއްގެ އެހީތެރިކަން ބޭނުންވާ ވަރަށްވުރެ ބޮޑަށް އިންޑިޔާގެ
އެހީތެރިކަން ރާއްޖެއަށް ބޭނުންވެއެވެ. ހަމަ އެފަދައިން އިންޑިޔާގެ ސަލާމަތާއި
ރައްކާތެރިކަމަށް ރާއްޖޭގެ ރަހްމަތްތެރިކަމާއި އެއްބާރުލުން އިންޑިޔާއަށް
ބޭނުންވާނެއެވެ. ގުދުރަތީގޮތުން އިންޑިޔާ އުފެދިފައިވަނީ ދިވެހިރާއްޖެއާ އެންމެ
ކައިރީގައިއޮތް އަވަށްޓެރި ގައުމުގެ ގޮތުގައެވެ.
މިސަބަބުތަކަށްޓަކައި ނުލާހިކު ރީތި ހަރުދަނާ
ގުޅުމެއް ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮއްވާ، އެއް ގައުމު އަނެއް
ގައުމާއިމެދު މިހާރު ފެންނަމުންމިދާ ނުތަނަވަސްކަން އުފެދިގެން މިއުޅެނީ ކީއްވެތޯ ބަލައިލަން
އެބަޖެހެއެވެ. ފުރަތަމަ ކަމަކީ ދިވެހި ރައްޔިތުންގެ އިސްތިރާޖީ އިންވެސްޓްމެންޓެއް
ކަމުގައިވާ މާލޭ އިންޓަރނެޝެނަލް އެއަރޕޯރޓް 2008 ގައި ރާއްޖޭގައި ގާއިމުވި
ސަރުކާރުން އިންޑިޔާގެ އަމިއްލަ ކުންފުންޏަކަށް ވިއްކާލެއްވި ކަމެވެ. އޭގެ ސަބަބުން
ދިވެހި އިގުތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ގިނަ ދިވެހިން ގަބޫލު ކުރި ކުރުމެވެ.
އެތައް ބުރަމަސައްކަތަކުން، އެތައް ހޭދައެއް ކޮށްގެން، އެތައް ބައެއްގެ އެތައް
ގުރުބާނީ އަކަށްފަހު ލިބުނު އެއަރޕޯރޓް، އަމިއްލައަށް ނުހިންގޭނެ ކަމަށް ނިންމައި،
ބޭރު ބަޔަކަށް ވިއްކާލަން ނިންމި ނިންމުމުން ލިބުނު ލަދުވެތިކަމެވެ. ދިވެހިންނަށް
ކުރި ފުން އަސަރެވެ. އެ ސިޔާސަތަކީ ދިވެހިން ނުރުހޭ ސިޔާސަތަކަށް ވީކަމެވެ.
2012 ވަނަ އަހަރު ފެބްރުއަރީގައި ރާއްޖޭގައި ހިގި ސިޔާސީ
ހަލަބޮލިކަމަށްފަހު އައި ކުރު މުއްދަތުގެ ޒަޢާމަތުން މާލޭ އިންޓަރނޭޝަނަލް އެއަރޕޯރޓް
އަނބުރާ ރާއްޖެއަށް ހޯއްދެވުމަށް ކުރެއްވި އަގުހުރި މަސައްކަތްތައްވެސް ވެގެންދިޔައީ
ދެ ގައުމުގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރަން ފެށުމާއި ގުޅިފައިވާ ސަބަބުތަކުގެ
ތެރެއިން ސަބަބަކަށެވެ..
އެއާއިއެކު 2008 ގެ ސަރުކާރުން އިންޑިޔާއާއެކު ވީ އިސްތިރާޖީ
އެއްބަސްވުންތަކަށް ވެގެންދިޔަ ގޮތާއިމެދު ވެސް ޚިޔާލު ކޮށްލަންޖެހެއެވެ. އެ
އެއްބަސްވުންތަކަށް ފުރިހަމައަށް ޢަމަލުކުރަން ނުފެށި އޮއްވާ، ސަރުކާރު ބަދަލުވުވުމުން،
އެ އެއްބަސްވުންތައް ވާރުތަވީ 2013 ގެ ސަރުކާރުން އެ އެއްބަސްވުންތަކަށް
އިހުތިރާމް ނުކުރެއްވީއެވެ. އަދި ސަރުކާރު ގާއިމުވިތާ ކައިރީގައި ވަރަށް ބޮޑު އަހައްމިއްޔަތެއް
ދެއްވައިގެން އިންޑިޔާއާއިއެކު ފެއްޓެވި ދެގައުމެ ދެމެދުގެ ގުޅުން ބަދަހި ކުރުމުގެ
މުހިއްމު މަސައްކަތްތަކަށްވެސް މަޑުޖެހުން އައިސް، ދިވެހިރާއްޖެ – އިންޑިޔާ
ގުޅުމުގެ މިސްރާބު ބަދަލުވެގެން ދިޔަތަން ވަރަށް ރަގަޅަށް ފެނިގެންދިޔައެވެ.
ރާއްޖެއާ ބޭރު ގައުމުތަކާއި ދެމެދު އޮންނަ
ގުޅުންތަކުގެ ތެރެއިން އެހެން ގައުމަކަށް ފައިދާވި ނަމަވެސް ރާއްޖެއަށް ފައިދާއެއް
ނެތް ކަންކަން ކުރިޔަށް ގެންދިޔުމުގެ މާނައެއް ނެތެވެ. އެހެންނަމަވެސް ވާހަކަ
ދެކެވި އެއްބަސްވެފައި ހުންނަ ކަންކަން ނިމުމަމަކަށް ގެންނަންވާނީވެސް ހުނަރުވެރި
ޑިޕްލޮމެޓިކް މަސައްކަތްތަކެއްގެ ތެރެއިންނެވެ. އެހެން އެކަންނުވުމާއި، ސަރުކާރުން
ރާއްޖޭގެ ބައެނަލްއަގްވާމީ ގުޅުންތައް ބައްޓަން ކުރައްވަމުން ގެންދެވި ގޮތުން، ދިވެހިރާއްޖެއާއި
އިންޑިޔާއާއި ދެމެދުއޮތް ބަދަހި ގުޅުން ހީނަރުވެ، ދިވެހިރާއްޖޭގެ ބައެނަލްއަގްވާމީ
ގުޅުންތަކުގައި އިންޑިޔާއޮތް މަގާމު ގެއްލި ބާކީ ވެއްޖެކަމުގެ އިހުސާސް އިންޑިޔާއިން
ކުރަން ފެށިކަމީ ފެންނަންއޮތް ހަގީގަތެކެވެ.
ރާއްޖޭގައި ކަން އޮތް ގޮތުން، އިންޑިޔާ އޮތީ އެގައުމަށް
އިޚްލާޞްތެރި ސަރުކާރެއް ދިވެހިރާއްޖޭގައި ގާއިމުވާނެ ދުވަހެއްގެ
އިންތިޒާރުގައެވެ. އެހެންކަމުން، އޭރު ރާއްޖޭގައިއޮތް ސަރުކާރު ތަފާތު ސަބަބުތަކަށްޓަކައި
ބަދަލުކުރަން މަސައްކަތްކުރި ފަރާތްތަކުން ބައެނަލްއަގްވާމީ އެއްބާރުލުން ހޯދަން އެދި
ގޮވާލިގޮވާލުމަށް، އެހެން ގައުމުތަކުން ބަސްބުނެފަ ކަމެއްނުކޮށް ތިއްބާ، ސަރުކާރު
ބަދަލުކުރަން މަސައްކަތްކުރި ފަރާތްތަކާއިއެކު އިންޑިޔާއިން ގާތް ގުޅުންތަކެއް
އުފެއްދިއެވެ. ނޫނީ ކުރިންވެސް އޮތް ގުޅުންތައް މާ ވަރުގަދަ ކުރިއެވެ.
ނަތީޖާއަކީ، 2018 ގެ ރިޔާސީ އިންތިޚާބު ނިމި
ރާއްޖޭގައި އާސަރުކާރެއް ގާއިމު ކުރެވުނުއިރު އެ ސަރުކާރުގެ ވެރިންނާއި އިންޑިޔާއާ
އޮތް ގުޅުމުގެ ތެރެއިން ރާއްޖޭގައި އިންޑިޔާއިން
ކުރަމުންއައި އިސްތިރާޖީ، ދިފާޢީ އަދި ސަލާމަތީ މަސައްކަތްތަކާއިގެން ކުރިޔަށް
ދިޔުމުގެ ފުރުޞަތު އިންޑިޔާއަށް އާވެގެން ދިޔުމެވެ. ކުރިޔަށްވުރެވެސް ފުޅާކޮށްކަމަށް
ގަބޫލް ކުރެވެއެވެ. ދިވެހި ސަރުކާރުންވެސް އަވަސް ގޮތަކަށް ރައްޔިތުންނަށް ކޮށްދޭން
ބޭނުންވެފައިހުރި ކަންކަންކުރަން އިންޑިޔާގެ އެހީ ހޯއްދެވިއެވެ. ދަނޑިވަޅަކީ ކޮވިޑުގެ
ޢާލަމީ ވަބާ ރާއްޖެއާ ކުރިމަތިވިވަގުތު ކަމަށްވުމާއިއެކު، ރާއްޖޭގެ އިގުތިޞާދަށް
ބޮޑު ލޮޅުމެއް ނައިސް ދަމަހައްޓަންވެސް އިންޑިޔާގެ މާލީ އަދި އެހެނިހެން އެހީ
ދިވެހި ސަރުކާރަށް އުދަގުލެއްނެތި ލިބިގެންދިޔައެވެ.
ކަންތައްތައް ހިގަމުން ދާގޮތް ބަލަންތިބި
މީހުންނަށް އެދުވަސްވަރު ފެނުނީ ރާއްޖޭގައި ތިބި ބައެއް އިންޑިޔާ އޮފިޝަލުން
ތަމްސީލް ކުރަމުންދިޔަ ބޮޑާކަމާއި ތިމާވަރެއްނެތް ކަމުގެ ރޫހެވެ. ރާއްޖޭގެ
އެތެރޭގެ ކަންކަމަށް އެފަރާތްތަކުން ބަސްކިޔާ ތަނެވެ. އިހުސާސް ކުރެވެމުންދިޔައީ
ދިވެހި ސަރުކާރުން އިންޑިޔާގެ އޮފިޝަލުން ރުއްސަން ބައެއް ކަންކަން ކުރައްވަމުން
ގެންދަވާ ކަމުގެ އިހުސާސެވެ. އާ ސަރުކާރުގެ ފުރަތަމަ ދެއަހަރު މިކަހަލަ ގޮތަކަށް ފާއިތުވެގެން
ދިޔައިރު، ބައެއް ދިވެހިންގެ މެދުގައި އިންޑިޔާއާ މެދު ނަފްރަތު އުފެދި
ނިމިއްޖެއެވެ.
މި ފަސްމަންޒަރުގެ ތެރެއިން އިންޑިޔާ ސިފައިން
ރާއްޖޭގައި ގާއިމުވެ ތިބިކަން ހާމަވުމަކީ ދިވެހިންގެ ތެރޭގައި ވަރަށްބޮޑު
ހިތްހަމަނުޖެހުމާއި ނުތަމަވަސްކަން ފެތުރިގެންދިޔަ ކަމެކެވެ. ބައެއް ފަރާތްތަކުން
ދެކޭ ގޮތުގައި މި ހިތްހަމަނުޖެހުންތަކާއި ނުތަނަވަސްކަން ރައްޔިތުންގެ ތެރޭގައި
ފަތުރަމުން ގެންދަނީ ސަރުކާރަށް އުދަގު ކުރަން އިދިކޮޅުންނެވެ. މިކަމުގައި
އިދިކޮޅުގެ ސިޔާސީ މަގުޞަދެއް ނެތެކޭ އަޅުގަޑު ނުދަންނަވާނަމެވެ. ނަމަވެސް މައްސަލައަކީ
ހަމައެކަނި އިދިކޮޅަށްވުރެ މާފުޅާކޮށް މާބޮޑަށް ރައްޔިތުންގެ ތެރޭގައި ހިތްހަމަ
ނުޖެހުމާއި ނުތަނަވަސްކަން އޮތް ކަމެއްކަން އަޅުގަޑަށް ދަންނަވަން ކެރިދާނެއެވެ.
ވަކިން އިންޑިޔާ ސިފައިން ވީމައެއްނޫނެވެ. އެއްވެސް
ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމުގައި ދިވެހިރައްޔިތުންގެ މަސްލަހަތެއް
ނުފެންނާތީއެވެ. މީ ހަމައެކަނި ދިވެހިރާއްޖޭގައި ވާކަމެއް ނޫނެވެ. ބޭރުގެ ސިފައިން
ތިބޭ ހުރިހާ ގައުމެއްގައިވެސް އެކަމާއި ދެކޮޅު ހަދާ މީހުން ތިބޭނެއެވެ. އެއީ،
އެކަމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި، ގައުމީ ޝަރަފާއި،
އަމިއްލަވަންތަކަން އެކަމުގައި ހިމެނޭ ކަންކަންކަމުގައި ވާތީއެވެ. އެހެންކަމުން
ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭތިބުމަށް އެއިރަކު އޮންނަ ސަރުކާރަކުން
ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީ ވުމަކީ ސަރުކާރުގެ ވާޖިބެކެވެ.
ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަމަކީ ރައްޔިތުންގެ
އެންމެ މަތީ މަސްލަހަތު ހިމެނިގެންވާ ކަންކަމުގެ ތެރެއިން ކަންކަމެވެ. އެއީ ސިޔާސީ
ޕާޓީތަކުން ހިންގާ ޕާޓީ ފެންވަރުގެ ސިޔާސަތުތަކަށްވުރެ މާބޮޑަށް ރައްޔިތުންގެ
ތެރޭގައި ހިމެނޭ ތަފާތު ސިޔާސީ ފިކުރުތަކާއި، ތަފާތު މުއައްސަސާތަކާއި، ޝައުގުވެރިކަން
ހުރެދާނެ ތަފާތު ފަރާތްތަކުގެ ބައިވެރިވުމާއިއެކު އެކުލަވައިލެވިގެން ތަންފީސް
ކުރެވެންޖެހޭނެ ސިޔާސަތުތަކެކެވެ. އެހެން އެކަން ކުރެވިފައިނެތުމުގެ ސަބަބުން،
ވޭތިވެދިޔަ ފަނަރަވަރަކަށް އަހަރުގެ ތެރޭގައި ފެނިގެން މިދަނީ ކަމާއިބެހޭ
ސިޔާސަތުތައް އެގޮތް މިގޮތަށް ބަދަލުވަމުންދިޔަ ތަނެވެ. ސިޔާސަތުގެ ބަލިކަށިކަން
ހާމަވެގެން ދިޔުމަށްވުރެ ބޮޑަށް ނުރައްކާތެރިވެސް ކަމެކެވެ.
އެހެންކަމުން، މިހާރު ނިކުމެގެން މިއުޅޭ މައްސަލަ
ޙައްލު ކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެއް ކަމުގައި އަޅުގަޑު ދެކެނީ
ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމުގެ ސިޔާސަތެއް އެކުލަވާލެވިފައިވާނަމަ، ކަމާއި
ގުޅުންހުރި ހުރިހާ ފަރާތެއްގެ ބައިވެރިވުމާއިއެކު އެ ސިޔާސަތު މުރާޖިއާކޮށް
އެއްބަސްވުމުމަކަށް އައުމެވެ. އެފަދަ ސިޔާސަތެއް އެކުލަވާލެވިފައި ނެތްނަމަ، ހަމަ
މިފަރާތްތަކުގެ މަޝްވަރާއާއިއެކު އެ ސިޔާސަތު އެކުލަވާލައި ތަންފީސް ކުރުމަކީ
ރައްޔިތުންގެ މަސްލަހަތު އޮތް އެންމެ ރަގަޅުގޮތް ކަމުގައިވެސް އަޅުގަޑު ދެކެމެވެ. މިކަހަލަ
މައްސަލަތަކުގައި ދެފުށް ފެންނަ ގޮތަށް ކަންކުރުމަކީ ގައުމީ މަސްލަހަތަށް އެންމެ
ރަގަޅު ގޮތެވެ. އޭރުން މި ކަހަލަ ހަސްހާސް ގައުމީ މައްސަލަ ތަކުގައި
ކަމާއިގުޅުންހުރި ހުރިހާ ފަރާތަކުން އެއްޞަފްޙާ އަކަށް އާދެވި، އޭގެ ދަށުން
ކަންކަން ހިންގަން ސަރުކާރަށް ފަސޭހަ ވެގެންދާނެއެވެ.
ދިވެހިރާއްޖޭގެ އިންޑިޔާ ޕޮލިސީ ނުވަތަ ސިޔާސަތު
އިރުއިރުކޮޅާ އެގޮތްމިގޮތަށް ބަދަލު ކުރުމަކީވެސް ދިވެހި ރައްޔިތުންނަށް އެންމެ
ފައިދާހުރި ގޮތްކަމަކަށް އަޅުގަޑު ނުދެކެމެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި
ކޮންމެ ނަޒަރަކުން ބެލިނަމަވެސް އިންޑިޔާއަކީ ދިވެހިރާއްޖެއަށް އެންމެ މުހިއްމު
ގައުމޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އެހެންކަމުން ރާއްޖޭގައި ގާއިމުވާ
ކޮންމެ ސަރުކާރަކުންވެސް އިންޑިޔާއާއެކު އޮންނަ ބަދަހި ގުޅުމަށް ބަދަލު ނުގެނެސް
އެއްފެންވަރެއްގައި ދެމެހެއްޓުން މުހިއްމެވެ. ހަމަ އެފަދައިން އިންޑިޔާއިންވެސް
ރާއްޖޭގެ ސިޔާސީ ސްޕެކްޓްރަމްގައި ހިމެނޭ ހުރިހާ ފަރާތްތަކާވެސް
އެއްފެންވަރެއްގައި ގުޅުންތައް ދެމެހެއްޓުން މުހިއްމެވެ.
ދިވެހިރާއްޖެއާ އިންޑިޔާއާ ދެމެދު އޮންނަ ގާތްގުޅުމާއިމެދު
ރާއްޖެއާ ރަހްމަތްތެރި އެހެން ގައުމުތަކުން ތުހުމަތުގެ ނަޒަރަކުން ބެލިޔަ
ނުދެއްވުމަކީ، ބައެނަލްއަގްވާމީ މާހައުލުގައި އަބަދުވެސް ރާއްޖެއަށް އޮންނަ ރީތި
ނަން ދެމެހެއްޓެވުމަށްޓަކައި، ދިވެހިސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް
ދެއްވަންޖެހޭނެ ކަމެކެވެ. ރާއްޖެއިން އިންޑިޔާ އާމެދު ބަހައްޓަވާ ގާތްގުޅުމުގެ
ސަބަބުތައް އެއްވެސް ގައުމަކަށް އޮޅިފައެއް ނޯންނާނެއެވެ. ހަމަ އެކަނި
ކުރައްވަންޖެހޭ ކަމަކީ އެގައުމުތަކަށްވެސް "ބާކީ" އިހުސާސްވިޔަ
ނުދެއްވާ، އެގައުމުތަކާއިމެދު އިންސާފުވެރިކޮށް ހިއްތެވުމެވެ.
ދެކުނު އޭޝިޔާ ގައުމުތަކާއި އެގައުމުތަކާއި
ގުޅިފައިވާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގައި
ރާއްޖޭއަށް އޮތް ޒިއްމާދާރު ދައުރު ރާއްޖޭގެ މައްސޫލް ވެރިންނާ މުއައްސަސާތަކަށް ރަގަޅަށް
ފަހުމް ވުމަކީ ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުން އިހުތިރާމާ ގަދަރު ލިބިގެންވާ
ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށް ވަރަށް މުހިއްމު ކަމެކެވެ.
ކުރިމަތިވަމުން އަންނަނީ ރާއްޖޭގެ ރައްޔިތުންނަށް
ނުހަނު މުހިއްމު ރިޔާސީ އިންތިޚާބެކެވެ. ދުވަހަކުވެސް ރާއްޖޭގެ ރައްޔިތުންނަށް
ކުރިމަތިވެފައި ނެތްފަދަ މުހިއްމު މައްސަލަތައް އެ އިންތިޚާބަށް އިންތިޒާރު
ކޮށްކޮށް އޮތްއިރު، އޭގެ ތެރެއިން އެއް މައްސަލައަކީ ރާއްޖޭގެ އެންމެ އަވަށްޓެރި
ގައުމާ ރާއްޖެއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއިމެދު ބަހުސް ކުރުން ކަމަށްވާން
ބޭނުންވާނީ ކާކުތޯއެވެ؟
No comments:
Post a Comment