ޚިޔާލު ފާޅުކުރުމުގެ
މިނިވަންކަމަށް ހުރަސް އެޅުމަކީ ރައްޔިތުންނަށްދެވޭ ބޮޑު ނިކަމެތިކަމެއް
މިނިވަންކަމާއެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ
އަޞްލަކާ ޚިލާފުނުވާ ގޮތުގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތަކާއި،
ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ
މިނިވަންކަމަކީ ގާނޫނުއަސާސީ ކޮންމެ ދިވެއްސަކަށްވެސް ކަށަވަރު ކޮށްދޭ އަސާސީ
ޙައްގެކެވެ. ގާނޫނު އަސާސީގެ ދެން ބަޔާންކުރަނީ ގާނޫނު އަސާސީން ރައްޔިތުންނަށް
ކަށަވަރު ކޮށްދީފައިވާ ޙައްގެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް
ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ ގާނޫނު އަސާސީއާ ތަޢާރުޟް ނުވާ ގޮތެއްގެމަތިން
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ގާނޫނަކުންވެސް އެއިން ޙައްގެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް
މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދިމިޤްރާޠީ މުޖުތަމަޢެއްގައި މިފަދަ ޙައްގެއް
ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭ މިންވަރަށް ކަމުގައިވެސް
ގާނޫނުއަސާސީ ބުނެއެވެ.
ޚިޔާލު ފާޅުކުރުމުގެ ޙައްގާއި މިނިވަންކަމާ، އަދި
އަސާސީ ޙައްގުތައް ހަނިކޮށް ހިފެހެއްޓުމާ ބެހޭގޮތުން ގާނޫނު އަސާސީ މިހާ
ސަރީޙަކޮށް ބަޔާންކޮށްފައި އޮއްވާ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 5/2022
"އެކިއެކި ޝިޢާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާމެދު ނަފުރަތު
އުފެއްދުމަށް ރާވައިގެން ހިންގާ ޙަރަކާތްތައް ހުއްޓުވުން" މި ގަރާރު ނެރުއްވުމުން
ޙައިރާންވިއެވެ. އެއީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ނޫންގޮތަކަށް
ކުރެވެންނެތް ކަމެއް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކުރައްވަން މިއުޅުއްވަނީ
ކީއްވެބާއޭ ހިތަށް އަރާތީއެވެ. ރަދުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަށް
ދައުލަތް ހިންގި ދުވަސްވަނީ ފާއިތުވެ ގޮސްފައެވެ. އެހެނީ ކުރިން
ރައީސުލްޖުމްހޫރިއްޔާއަށް، އަދި އޭގެކުރިން ރަދުންނަށް ދީފައިވާ ބާރުތައް، 2008
ވަނައަހަރު ތަޞްދީގެ ކުރެވުނު ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހާއި،
ރައީސުލްޖުމްހޫރިއްޔާއާއި، ޢަދްލުއިންސާފު ގާއިމުކުރުމުގެ ބާރުގެ މައްޗަށް
ބަހާލާފައި އޮތީމައެވެ.
ރާއްޖޭގެ ދުސްތޫރީ ދައުލަތެއް އުފެދުނު ފަހުން
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައްޔިތުންނަށް އަބަދުވެސް އޮންނަ ޙައްގެކެވެ.
ނަމަވެސް، 2008 ވަނަ އަހަރުގެ ގާނޫނު އަސާސީ ތަޞްދީގު ވުމުގެ ކުރިން، އެޙައްގު
ހަނިކޮށްފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮންނަ
ގާނޫނަކުންނެވެ. އެގާނޫނުގައި ބުނަނީ މީހަކު ދައްކާ ވާހަކައަކުން، ނުވަތަ ކުރާ
ޢަމަލަކުން، ނުވަތަ ކުރާ އިޝާރާތަކުން ވިޔަސް ގާނޫނީ ގޮތުން އުފެދިފައިވާ
ސަރުކާރާއިމެދު ބަޔެއްގެ ހިތުގައި ނަފުރަތު އުފެއްދުމަކީ ކުށެއްކަމުގައެވެ.
މިގާނޫނުގެ ދަށުން މީގެ ކުރިން އެތައް ބަޔެއްގެ މައްޗަށް ތަހުގީގު ހިންގައި،
ޝަރީޢަތްކޮށް، އަދަބު ދީފައިވެއެވެ. ނަމަވެސް، އެއީ އެހާރެވެ. މިހާރު އަނެއްކާވެސް
އެމަންޒަރު ފެނުމަކީ އެއްވެސް ދިވެއްސަކު ހިތުގެ އަޑިން ގަބޫލް ކުރާނެ
ކަމެއްނޫނެވެ.
ފެހި ގާނޫނު އަސާސީ ތަޞްދީގު ކުރި ފަހުން ދިވެހިރައްޔިތުން
ޚިޔާލު ފާޅުކުރުމުގެ ޙައްގާއި މިނިވަންކަން ހީނުކުރާ ދަރަޖައަށް ބޭނުންކޮށްފިއެވެ.
ރައްޔިތުންގެ ހިތުގައި އެންމެބޮޑު ގަދަރު ދެވިފައިވާ އިސްލާމްދީނަށް
ފުރައްސާރަކޮށް އެކިމީހުން އެކިތަންތާގައި ވާހަކަދައްކައި ލިޔުންތައް ލިޔެފިއެވެ. ދައުލަތުގެ
ވެރިންނާއިމެދު ޙަގީގަތާ އެއްގޮތަށާއި ޙަޣީގަތާއި ޚިލާފް ވާހަކަތައް ޢާއްމުކޮށް
ދައްކައިފިއެވެ. އެކަކު އަނެކަކާއިމެދު ތެދުބަހުންނާއި ދޮގުބަހުން ވާހަކަދައްކައި
މީހުންގެ އަބުރަށް އަރައިގެންފިއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ޚިޔާލު
ފާޅުކުރުމުގެ ޙައްގާއި މިނިވަންކަން އެންމެ ހުޅުވިފައިހުރި މުޖުތަމަޢުތަކުގައި
ބޭނުންކުރާ މިންވަރަށް އަޅުގަޑުމެންނަށް ބޭނުންކުރެވިއްޖެއެވެ. އެކަމާ
ކަންބޮޑުވެގެން އުޅޭ މީހަކު ނުފެންނަތާގައި ސަރުކާރުންވެސް އެކަމާ އަޅާލައްވާ
ތަނެއް ނުފެނެއެވެ. ނަމަވެސް މިއަދު ފެނިގެންމިދަނީ ބޭރުގައުމެއްގެ ސިފައިން
ރާއްޖޭގަ ތިބުމާއި ދެކޮޅަށް ރައްޔިތުން ބަސްބުނެ ދެކޮޅު ހެދީމައި، އެކަން
ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާގެ ނެރުއްވި ގަރާރެއްގެ ދަށުން ފުލުހުން ހޭބޯނާރާ
މަސައްކަތް ކުރަމުންދާ ތަނެވެ.
ސިޔާސީ ކަންކަމުގައި ބައިވެރިވެ، ފާޑުކިޔާ،
ގޮތްކިޔުމަކީ ކޮންމެ މީހެއްގެވެސް ޙައްގެކެވެ. އެހެންކަމުން ކޮންމެ ކަމަކާއިވެސް ޚިޔާލު
އެއްގޮތް މީހުންނާއި ޚިޔާލު ތަފާތު މީހުން ތިބޭނެއެވެ. ގައުމެއްގައި އެހެން
ގައުމެއްގެ ސިފައިން ތިބުމަކީ އެގައުމެއްގެ ތެރޭގައި ޚިޔާލު ތަފާތުވާ
މައްސަލައެކެވެ. ދިވެހިރާއްޖޭގައިވެސް ބޭރު ގައުމެއްގެ ސިފައިން ތިބިކަން ހާމަވީ
ހިސާބުން ފެށިގެން އެކަމާއި ހިތްހަމަ ނުޖެހޭ މީހުންނާއި ދެކޮޅުހަދާ މީހުން
އެބަތިބިކަމީ ފެންނަންއޮތް ޙަގީގަތެކެވެ. ވަކި ސިޔާސީ ޕާޓީއެއްގެ މީހުން
އެކަންޏެއްނޫނެވެ. ޕާޓީއެއްގައި ނުހިމެނޭ މީހުންވެސް މެއެވެ. މަދު ބަޔަކަށްވުރެ
ގިނަބައެކެވެ. އެހެންވިއިރު ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބީމަ އެކަމާއި
އިދިކޮޅަށް ރައްޔިތުންކުރާ އިހުތިޖާޖެއް ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ ގަރާރެއް
ނެރުއްވީމައި، އެއީ ދިވެހި ރައްޔިތުންގެ މަޞްލަހަތު އޮތްގޮތް ކަމުގައި ނިންމަން
ވަރަށް އުދަގުލެވެ.
ތާރީޚް ހެކިދޭ ގޮތުގައި އަވަށްޓެރި ގައުމުތަކަކީ
ދިވެހިން ނުލާހިކު އިހުތިރާމާއިއެކު ގާތް ރަޙްމަތްތެރި ނަޒަރަކުން ބަލަމުން އަންނަ
ގައުމުތަކެކެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތަކާއިހުރެ އޭގެ ތެރެއިން ގައުމަކާއި
ނުވަތަ ގައުމުތަކަކާއި ދިވެހިންގެ ތެރެއިން ބަޔަކާއި ދެމެދު ނަމަވެސް
ނުތަނަވަސްކަމެއް އުފެދިއްޖެނަމަ، އެސިޔާސަތެއްގެ ހަރުދަނާ ކަމާއިމެދު ސަރުކާރުން
ސީރިއަސްކޮށް ވިސްނަވަން ޖެހެއެވެ. ނޫނީ އެސިޔާސަތު ދަމަހައްޓަވަންޖެހޭ
ސަބަބުތަކާއި އަމާޒުތައް ރައްޔިތުންނަށް ކިޔާދެއްވަންޖެހެއެވެ. ޞުލްޙަ
މަސްލަސްކަން ގައުމުގައި ދެމިއޮތުމަކީ ދިވެހިރައްޔިތުންގެ ވަރަށްމަތީ މަސްލަޙަތެކެވެ.